މައިން ބަފައިން ..

ޢާޒިމް ޚާލިދު | 02 އޯގަސްޓް 2014





ޝައްކެއްނެތް އިންސާނުން ދުނިޔެއަށް އައުމުގެ އަޞްލަކީ، އޭނާގެ މައިންބަފައިންނެއެވެ. މައިންބަފައިންނަކީ އެބައިމީހުންގެ ދަރިންނަށް ނުހަނު ހެޔޮއެދޭބައެކެވެ. އެ ހެޔޮއެދޭ މިންވަރަކީ، އެބައިމީހުންނަށް ނުލިބޭ މޮޅާއި ކާމިޔާބު އެބައިމީހުންގެ ދަރިންނަށް ލިބުމަށް މައިންބަފައިންއެދެވެ. މައިންބަފައިންނަކީ، އެބައިމީހުންގެ ދަރިން ހެޔޮ ގޮތުގައި ބޮޑު ކުރުމަށް ނުހަނު ބުރަ މަސައްކަތްތަކެއް ކުރާބައެކެވެ. ނުހަނު ބޮޑެތި ޤުރުބާނީތަކެއްވާ ބައެކެވެ. މިފަދަ ބޮޑެތި ޤުރުބާނީތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، އިންސާނީ ނަޛަރަކުން ވިސްނާލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމް ކަމެއްކަމަށް އިންސާނީ ބުއްދި ޤަބޫލުކުރާ ކަމެކެވެ.

މިގޮތުންބަލާެއިރު އިސްލާމްދީނުގައިވާނީ މައިންބަފައިންނަށް އޯގާތެރިވެ، އަޅާލާ، ކިޔަމަންތެރިކަން އަދާކުރުމަށް ނުހަނު ބޮޑަށް ބާރުއަޅުއްވާފައެވެ. ކީރިތި ޤުރުއާނުގެ 7 ތަނެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އޭގެތެރެއިން 4 ތަނެއްގައި އެއިލާހަށް ޝަރީކުނުކުރުމަށް އެންގެވުމާއި ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވެއެވެ. އެ އާޔަތްތަކަކީ:
وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّـهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ
މާނައީ: "إسـرآءيـل ގެ ދަރިންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، اللَّه އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، يتيم ންނާއި، مسكين ންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި زكاة ދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ حال، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ (عهد ފުއްދުމަށް) ފުރަގަސްދިނީއެވެ. "
وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللَّـهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا
މާނައީ: "ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. "
قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حرام ކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި فقير ކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި فاحش ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި اللَّه حرمة ތެރި ކުރައްވާފައިވާ نفس އެއް، حق އަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް وصية ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ."
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا
މާނައީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Ali

އަސަރުގަދަ