އަހަރެންގެ ޑައިރީން ޞަފުޙާ އެއް...

ޖުމާނާ ޢަބްދުއްރައްޒާގު | 09 ޖުލައި 2014

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް ފުރުޞަތު ދީފައި އޮއްސެމުން ދަނީއެވެ. މުޅި ފަޒާވަނީ ރަންރީނދޫ ކުލައިން ޖަރީވެފައެވެ. ވިރުވާއަޅާފައިވާ ތިމަރަތަކެއް ފަދައިން މޫދު ވިދަމުން ދެއެވެ. ފޫހި ނުވާފަދަ މަންޒަރު ތަކެކެވެ. ނަމަވެސް އަހަރެން އުފަލެއް ނުވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ. ކޮންމެ ދުވަހަކުވެސް އިރު އޮއްސެނީ އަހަރެން މިތާ ރޯން އިންދައެވެ. އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ.

އަހަރެންގެ ޢުމުރުން ތިން އަހަރުގައި އަހެރެންގެ މަންމަ އަހަރެން ދޫކޮށްފައި އަބަދުގެ އަބަދަށް ހިނގައްޖެވެ. ދުވަހަކުވެސް އަނބުރާ ނާންނާނެ ހިސާބަކަށެވެ. އަހަރެންނާއި މުޅި ޢާއިލާ ދޫކޮށްފައި މަންމަ ދިއުމުން އަހަރެންނަށް ފުން ހިތާމައެއް ލިބުނެއެވެ.

މަންމަ ނިޔާވުމުން އަހަރެންނަށް މަންމައެއްގެ ލޯބި ހޯދައި ދިނުމުގެ ގޮތުން ބައްޕަ އެހެން މީހަކާ ކައިވެނި ކޮށްފިއެވެ. އެއީ ބޭރު މީހެކެވެ. އަހަރެންގެ ދޮންމަންމަ ނަސީމާ އަކީ އަހަރެންގެ މަންމަ ފަދަ މީހެކެވެ. ދޮންމަންމަ ދެކެނީ އަހަރެންނަކީ އޭނާގެ އުފަން ދަރިއެއް ހެންނެވެ. އަހަރެން ދެކެ ދޮންމަންމަ ވަނީ އަމަށަކު ލޯއްބެއްނޫނެވެ. އަހަރެންނަށް ބޭނުންވާ ހުރިހާ ކަމެއްވެސް ލޯއްބާއެކު ދޮންމަންމަ ކޮށްދެއެވެ. މީރުހާ ކާއެއްޗެހި ހަދައިގެން ކާންދެއެވެ. އަހަރެންނަށް އުނިވި މަންމަގެ ލޯބި އަލުން ލިބެން ފެށިހެން ހީވިއެވެ.

އަހަރެންގެ ދެދައްތަވެސް މީހުންނާ އިނދެގެން ފިރިންގެ ރަށަށް ހިނގައްޖެވެ. ނަމަވެސް ބޭބެގެ އަންހެނުން ދިރިއުޅެނީ ރަށުގައެވެ. އެއީ އޭނާއަކި ރަށުމީހަކަށް ވުމުންނެވެ. ފަހަރިއާއި ބޭބެ އުޅެނީ ފަހަރިމެންގެ ގޭގައެވެ. ބޭބެ ގިނައިން އުޅޭނީ ރާއްޖޭން ބޭރުގައެވެ. އޭނާއަކީ ބޯޓު ދަތުރު ކުރާމީހަކަށް ވީމައެވެ. ގޭގައި ދިރިއުޅެނީ ދޮންމަންމަ ނަސީމާއާއި ބައްޕައާއި އަހަރެންނެވެ. ބައްޕަ ވަޒީފާ އަދާ ކުރަނީ ރަށް ކައިރީގައި އޮންނަ ފަޅުރަށެއްގައެވެ. ދަނޑުވެރިކަން ކުރާ އެރަށަށް ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ ދާގޮތައް ބައްޕަ އެނބުރި އަންނާނީ ރޭގަނޑު ދަންވާފަހުންނެވެ. ބައްޕަ އަންނަ މަދު ރެއެއްގައި ނުނީ އަހަރެންނަށް ހޭލައި ނުހުރެވެއެވެ. އަހަރެންނަށް ކިޔަވާދޭނެ ވަގުތެއް ބައްޕައަކަށް ނުވެއެވެ. ދޮންމަންމަ އަށް ދިވެހި ނޭނގޭތީ އަހަރެންނަށް ކިޔަވާދޭކަށް ދޮންމަންމައަކަށް ނޭނގެއެވެ. ނަތީޖާ އަކަށްވީ އަހަރެން ގްރޭޑް އެކެއްގައި ބީ ރިޕޯޓެއް ލިބުމެވެ. މިކަމާ ބައްޕައާ ދޮންމަންމަ ވަރަށް ދެރަވިއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ. ބައްޕަގެ ވަޒީފާ ދޫކޮށް ކިޔަވައިދޭން މަޑުކުރެވޭކަށް ނެތެވެ. ފައިސާ ލިބޭނެ އެހެން ގޮތެއް ނެތެވެ. ދޮންމަންމަ ކިތައްމެ ކިޔަވައިދެން ބޭނުމަސް ކުރާނީ ކިއްހެއްޔެވެ. އޭނާއަށް އަހަރެންނަށް ކިޔަވައިދޭކަށް ނޭނގެއެވެ. ކުރާނީ ކީއްހެއްޔެވެ. މިއީ އަހަރެންގެ ތަޤްދީރު ރޭވިފައިވީގޮތެވެ. މިކަމާ އަހަރެން ހިތާމަ ކުރީމެވެ. ގިސްލާފައި ރޮއީމެވެ. އަހަރެންވެސް ރަންވަނަތައް ބޭނުމެވެ. ކުރާނީ ކީއްހެއްޔެވެ.

ބައްޕަ ބޭބެ އާއި ވާހަކަ ދައްކައިގެން ފަހަރި ކައިރީގައި އުޅެވޭނެގޮތް ހަމަޖެއްސިއެވެ. އަހަރެން ވަރަށްބޮޑަށް އުފާވިއެވެ. އެއީ އަހަރެންނަށް ކިޔަވައިދޭނެ މީހަކު ލިބުނީމައެވެ. އަހަރެންނަށް ރަންވަނަތަކަށް ދެވޭނެ ގޮތްވީމައެވެ. އަހަރެން ފަހަރިމެންގެ ގެއަށް ދިޔައީ ބޮޑު ޗުއްޓީއާއި ދިމާކޮށެވެ. އަހަރެންނަށް އެގޭ މީހުން ވަރަށް ރަނގަޅެވެ.

އަހަރެންގެ ބައްޕަ ނިޔާވީ އަހަރެންގެ އުމުރުން ހަތް އަހަރުގައެވެ. އެއީ އަހަރެން ފަހަރިމެންގެ ގެއަށް ދިޔަ އަހަރުވެސް މެއެވެ. އެގޭ މީހުންނާއި އެކު ރަށަކަށް ދިޔަ ދުވަހެއްގައެވެ. އަހަރެން އެނބުރި ރަށަށް އައީ ބައްޕަ ނިޔާވިތާ އެއްދުވަސް ފަހުންނެވެ. އަހަރެންނަށް އިޙްސާސް ކުރެވުނީ އަހަރެންގެ ހަށިގަނޑުގެ އެއްބައި އުނިވިހެންނެވެ.

އަހަރެންގެ އެއްބަނޑު މީހުންވެސް ބައްޕަ ނިޔާވިތަނަށް އައިސްފާ އެނބުރި އެމީހުންގެ ފިރިންގެ ރަށަށް ހިނގައްޖެވެ. ދޮންމަންމަވެސް އެމީހުންގެ ގައުމަށް ފޮނުވާލިއެވެ. އެހެން ގޮތެއް ނެތިގެންނެވެ. ދޮންމަންމަ ދިޔަފަހުން ގޭގައި އެކަކުވެސް ނޫޅެއެވެ. ގެ އެއްކޮށް ފަޅުވީއެވެ. އަހަރެން ސްކޫލަށް ދަނީ އެކަނި މާއެކަންޏެވެ. ދާން ޖެހެނީވެސް އެކަންޏެވެ. އެހެން ކުދިން ކުދިން ދަނީ އެކުދިންގެ މަންމައާއި އެކުގައެވެ. އެމަންޒަރު ފެނުމުން އަހަރެން ވަރަށް ދެރަވެއެވެ. އެކަނިވެރިކަން އިހްސާސް ކުރެވެއެވެ. މަންމައާއި ބައްޕަ ދުނިޔޭގައި ހުރިނަމައޭ ހިތައް އަރައެވެ. އަހަރެންނަކީ ވަރަށް ބަދުނަސީބު ކުއްޖެކޭ ހިތަށް އަރައެވެ. ކުރާނީ ކީއްހެއްޔެވެ. މިއީ އަހަރެންގެ ތަޤްދީރެވެ.

ދުވަސްތައް މާޒީވަމުން ދެއެވެ. އަހަރެންގެ އުމުން އަށް އަހަރު ފުރިއްޖެވެ. އަހަރެންގެ ދިރިއުޅުން އެހެން ގެއަކަށް ބަދަލުވިއެވެ. ބައްޕަގެ އެއްބަނޑު މީހެއްގެ ގެއަކަށެވެ. އަހަރެން ވަރަށް އުފާވިއެވެ. އެމީހުން ރަނގަޅުވެފާ ހިތްހެޔޮ ކަމުންނެވެ. އެމީހުން އަހަރެންނަށް ކިޔަވައި ދިނުމުގައި ވަރަށް ފަރުވާ ބަހައްޓައެވެ. އެމީޙުންގެ ރަނގަޅުކަމެއް ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެމީހުންގެ ބަނޑު އަޅާ ވިހޭ ދަރިއަކަށް ދޭ ލޯބި އެހެން މީހަކަށް ނުދެވޭނެ ކަން އެންމެވެސް ޤަބޫލު ކުރާނެއެވެ. މިއީ އިންސާނީ ތަބީޢަތެވެ

އަހަރެން އުޅޭ ގޭގަވެސް އަހަރެންނާ އެއްފުރާގެ ކުއްޖަކު އުޅެއެވެ. އޭނާއަށް ލޯބިން ކާންދީ ފެންވަރުވާ ބައްދާލާތައް ފެނުމުން އަހަރެން ވަރަށް ދެރަވެއެވެ. އަހަރެންނަށްވެސް ކާންދީ ފެންވަރުވަދީ ލޯބިން ބައްދާލާނެ މަންމައަކު ހުރިހަމައޭ ހިތައް އަރައެވެ. އަހަރެންނަށް ޖެހެނީ ފެންކަޅިވެފައި އެމަންޒަރު ބަލަން އިންނާށެވެ. އަހަރެންނަށް އިޙްސާސް ކުރެވެނީ އަހަރެން މުޅި ދުނިޔެއިން ބާކީވީ ކަމުގައެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އެހާ ކުޑައިރު މަންމަޔާ ބައްޕަ ނިޔާވެ ޔަތީމްވީއެވެ. މިއީ ދުނިޔެއެވެ. މިތަނަށް އަހަރެމެން ފޮނުވީ އިމްތިހާނު ކުރާށެވެ. އަހަރެން ކެތްކުރީމެވެ. އަހަރެން އަބަދުވެސް އަހަރެންގެ ލޯބިވާ މަންމައާއި ބައްޕައަށް ރަޙްމަތް ލައްވާތޯ ދުޢާކުރަމެވެ. އަހަރެންގެ މިޑައިރީ ކިޔާ ކޮންމެ މީހަކުވެސް ދުޢާކޮށްދިނުން އެދެމެވެ.

ﷲގެ ކުޅަދުން ވަންތަކަން ނިކަން ދެކިބަލާށެވެ. މިހާރު އަހަރެން މިހާރު މިއުޅެނީ އަހަރެންގެ އެއްބަނޑު މީހުންނާއި އެކު އަހަރެންގެ ގޭގައެވެ. އުފަލުގައެވެ. ނަމަވެސް ރުއީމެވެ. މަންމައެއްގެ ލޯބި ލިބޭތޯއެވެ. ހިތްދަތި ވިއެވެ. ބައްޕައެއްގެ ލޯބިން މަޙްރޫމުވީމައެވެ. އަހަރެންގެ މިޑައިރީން ޞަފްޙާއެއް ތިޔަ ބޭފުޅުންނާ ހިއްޞާ ކޮށްލެވުނީތީ ވަރަށް ހިތްހަމަ ޖެހިއްޖެވެ. އަހަރެންގެ އުންމީދަކީ ކިޔަވައިގެން މޮޅު މީހެއްގެ ގޮތުގައި އައިސް އަހަރެންގެ ރަށަށް ޚިދުމަތް ކޮށްދިނުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


shaufa

You have to be very strong..... Fight and live for your mom and dad... Study and make them proud...

އަޙްމަދު

ވީ ހޭވް ޓު ފައިންޓް އަވަރ ސްޓްރައިޓް ވޭ. ކީޕް އޮން ޑްއިން ގްޑް ޑީޑްސް. މޭ ﷲ ބްލްސް ޔޫ އެންޑް ފެމިލީ.

muthamin

ޖުމާނާގެ މަންމައާއި ބައްޕައަށް ރަޙްމަތްލައްވާ ފާފަ ފުއްސަވާށި! އަދި ޖުމާނާއަށް ޘާބިތުކަން ދެއްވާށި!

fayax-xayaf

ޖމނ ގެ މަންމަ ޢާއި ބައްޕަ އަށް ސުވަރުގޭގެ މަތިވެރި ނިޔުމަތް މިންވަރުކޮށްދެއްވާށިއެވެ. އާމީން.