އެވެރިންގެ ރިޕޯޓު: ފައިސާ ނެތީ ރައްޔިތުންނަށް ދޭން

ހިތާދޫ އޮންލައިން | 16 ޖޫން 2014

އަޅުގަނޑު އެވެރިންގެ ރިޕޯޓުގެ ޒަރިއްޔާއިން ވިސްނައިދިނުމަށް ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. ފައިސާ ނެތިގެން އެއްކަމެއްވެސް ރަނގަޅަށް ނުވާ ވާހަކައެވެ. ހައްލަކީ ކޮބައިކަމެއް ނޭނގެ އެވެ. ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތިގެން ނުވާ ކަމަކީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަށް ނުދެވުމެވެ.

ނަމަވެސް އިންތިހާއަށް ސިޔާސީ މަޤާމުތައް އިތުރު ކުރައްވާ ރާއްޖޭން ބޭރަށް ރައީސް އާއި ނާއިބު ރައީސް އާއި ވަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ވަޑައިގަންނަވައެވެ. ފައިސާވެސް ހުރެއެވެ. އެހަރަދު ބަރަދު ބަލަހައްޓަނީ ދައުލަތުގެ ބަޖެޓުންނެވެ. އެހެންނަމަވެސް ބަޖެޓުގައި ފައިސާ ނެތިގެން މިނިސްޓްރީ ތަކެއް ނުހިނގައެވެ. އެންމެބޮޑު ޚިދުމަތެއް ހޯދަންޖެހޭ އެއްތަނަކީ ހެލްތު މިނިސްޓްރީއެވެ. އެ މިނިސްޓްރީގެ މިނިސްޓަރ މަރްޔަމް ޝަކީލާ ވިދާޅުވެ ލައްވަނީ ސިއްޙީމަރުކަޒުތަކާއި އެމްބިއުލާންސްތަށްވެސް މަރާމާތު ނުކުރެވި ވަނީ ފައިސާ ނެތިގެންނެވެ. ބޭނުންވާ ފަންނީ މީހުންނާއި ޑޮކްޓަރުންނާއި ޒަމާނީ އާލާތްތަކާއި، މެޝިނަރީޒްވެސް ނުހޯދެނީ ފައިސާ ނެތުމުގެސަބަބުންނެވެ.

ގިނަ ބާވަތް ބާވަތުގެ ބޭސް ވެސް ނެތީ ފައިސާ ނެތިގެންނެވެ. މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާއާއި އެކަމަނާގެ މުއައްޒަފުން ކިތަންމެ ބުރަކޮށް ސިއްހީ ދާއިރާ ފުޅާ ކުރެއްވުމަށް ކަރުދާހުގައިމަސައްކަތް ކުރެއްސެވިޔަސް ކުލަ ޖެހޭކަށް ނެތެވެ. ފައިސާ ނެތިގެންނެވެ.

މިއީ ވަރަށް އަޖައިބު ކުރަނިވި ވާހަކައެކެވެ. ފައިސާ ނެތީ ހެލްތް މިނިސްޓްރީ އަށެވެ. ވާލްޑް ކަޕް ބަލާލަން ސްކްރީންތައް ބަހައްޓަން ފައިސާ ހުރެއެވެ. އެސްޓީއޯއިން ތައްޔާރުކޮށްފައިވާ އުސްފަސްގަނޑުގެ އިންތިޒާމުތަކަށް ހާހުން ފައިސާ ހަރަދު ކުރެވިއްޖެއެވެ.

އޭއެފްސީ ކަޕަށް އެހާމެ ގިނަ ފައިސާ ހުއްޓެވެ. ވޯލްޑްކަޕް ދެއްކުމަށް ޤާނޫނުގެ ބޭރުން ދައުލަތުގެ މީޑިއާ ޓީވީއެމްއިން މިލިއަނުން ހަރަދުކުރަންވެސް ފައިސާ އެބަހުއްޓެވެ. ޤައުމީ ޓީމަށްވެސް ލައްކައިން ފައިސާ ދެވުނެވެ. ވަޒީރުން ކުއްތާތައް ބައްލަވައިގަތުމަށް އަދި އެއަރޕޯޓްތައް ބައްލަވާލެއްވުމަށް ފައިސާ އެބަހުއްޓެވެ.

މިނިސްޓަރުންގެ އަރިހުގައި ފިރިކަލުންނާއި އާއިލާ ގެންދެވުމަށް ރަސްމީ ދަތުރުތަކަށް ފައިސާ އެބަހުއްޓެވެ. އިންތިހާއަށް ގިނަ ކޯޑި ނޭޓަރުންނާއި، ޑިރެކްޓަރުން މިނިސްޓްރީތަކަށް އިތުރުކޮށް މުސާރަދޭނެ ފައިސާ އެބަހުއްޓެވެ. ނެތީ ބެޔަސް ނުބެޔަސް ދޭނެ ފައިސާއާއި،ދަނޑުވެރިންނަށް ދޭން ވަޢުދުވި ފައިސާ އާއި، ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ނަރުހެއް އަދި ރަށްރަށުގެ ހޮސްޕިޓާ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އާލާތްތަށް ހޯދާނެ ފައިސާއެވެ.

މިހާރު ހީވާގޮތުގައި ކުރީގެ ރަން 30 އަހަރު ފެށުނީއެވެ. ދެންޖެހޭނީ ފުރާނަތައް އަތް މައްޗަށްލައިގެން ތީމުގެ ވަށާ މުގޯޅި އެޅިހެން އެ އުޅުއްވާ ބޭބޭފުޅުންގެ ކާރުކޮޅުތަކުގެ ވަށައިގެން މުގޯޅި އަޅާށެވެ.

ދަންނަވަންތޯއެވެ. ވެރިކަމުގެ އާރާއި ބާރު ލިބިވަޑައިގެންނެވުމުން ކީހާޅެން ފަރިއްސަށް ހައްދަވާ ވެވަޑައިގެންނެވި ވައުދުތައް ހަނދާން ނައްތަވާ ނުލައްވާށެވެ. ރުކަށް އެރި މީހާގެ ނަދުރަށް ނުހައްދަވާށެވެ. މިއީ ހަމަ މަނިކުފާނުގެވެސް ދަރިންނާއި ދަރިންގެ ދަރިން ދިރިއުޅެން އޮތް ޤައުމު ނޫންތޯ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Mdp

ކޮބާތަ މެނިފެސްޓޯތައް؟ ދެންވެސް ދިވެހިން ވެއްޖެ ހޭއަރާން މިއީ ހަމަ ޚުދުމުޙުތާރު 33 ވަނަ އަހަރު އަދި ރައްޔިތުން ނަށް ލިބޭނީ އަނިޔާ އަވަށް އިމްރާނު ލައްވާ ބަޣާވާތް ކުރޭ ސަލާމަތް ބޭނުމިއްޔާ..

ނޫރިޖީ

ދޮންކަލޯ ކީއްކުރާނީ ދޯ؟؟؟؟ މިއައީ ހަމަ އެއްކަލަ ރަން 30 އަހަރުގެ އެފިސޯޑެއް....
މިހާރު މިޤައުމުގެ ސާހިބުންނަކީ ރައްޔިތުން ހޮއްވަވާފަތިއްބެވި މެންބަރުން، ކައުންސިލަރުންނެއްނޫން..
ސާހިބުންނަކީ ލޯން ސްޓާރުން،،،، ގޭންގް ސްޓާރުން... ޑްރަގް ސްޓާރުން... އެމީހުންނަށް ހުރިހާތަނެއްވެސް ފްރީ................
މިއޮތީވާވާވާވާ ސަރުކާރެއް!!!!!!!!!