އެހެން މީހުން ހީކުރާނީ ކީކޭބާވައެވެ.

| 08 ޑިސެންބަރ 2012






މިއީ ހިތާދޫ އޮންލައިން އަށް ކިޔުންތެރިއަކު ފޮނުވާފައިވާ ލިޔުމެކެވެ. މިލިޔުމުގެ ވެރިފަރާތުގެ ހުއްދަ ނެތި އެއްވެސް ސައިޓެއްގެ ޝާޢިޢްކުމަކީ މަނާކަމެކެވެ.
ޝަރީފަކީ އަޅުގަނޑު ކުޑައިރުގެ މާ ގާތް ރައްޓެއްސެކެވެ. ދެމީހުން އެކުވެރިކަމުގެ ތެރިއިން އެކަކު އަނެކަކުގެ ސިއްރުވެރިއަކަށްވެސް ވަނީ ވެވިފައެވެ. ދެމީހުންވެސް އެކު އުޅުމާއި ކުޅުމުގައި ޅަދުވަސް ވޭތުކުރުމަށްފަހު އެކަކު އަނެކަކާ ވަކިވުމުގެ ވަގުތު ޖެހިއްޖެއެވެ. އަޅުގަނޑު މާލެދާން ޖެހުނީއެވެ. މާލޭގެ ކޮންމެވެސް ހަރުކުލައިގެ ބޭފުޅެއްގެ ގެއަށެވެ. އެގޭގައި ޖެހޭ ކުދިކުދި ކަންތައްތައް ކޮށްލަދިނުމުގެ ނަމުގައެވެ. އަޅުގަނޑުވެސް ހުރީ މާލެ ދާހިތުންނެވެ. އަޑުއިވިފައިވާ ގޮތުން މާލެއަކީ ވަރަށް ބޮޑު އެހާމެ ރީތިވެސް ތަނެކެވެ. މިއީ މާލެ ދެވޭ ފުރަތަމަ ފަހަރެވެ. ޝަރީފަކީ އެތައްފަހަރަކު މާލެގޮސް ފައިވާ މީހެކެވެ. އޭނާބުނާގޮތުން ނަމަ މާލެދާން ވަރަށް ތައްޔާރުވާން ޖެހޭނެއެވެ. އާ ހެދުންފަހާ ފޮއްޓަށް އެޗެހިއަޅާ... މިހިރީކީ އަޅުގަނޑު ދުވަހަކުވެސް ކުރި ކަންތައްތަކެއް ނޫނެވެ. އާހެދުމެއް ނުލިބޭތާވެސް ދެތިން އަހަރު ވެއްޖެއެވެ. ދެން ފޮއްޓަށް އަޅަން ހުންނާނީ ކޮންހާ އެއްޗެއް ހެއްޔެވެ.
އަޅުގަނޑުގެ އުމުރުން 18 އަހަރެވެ. އަދިވެސް މިއުޅެނީ މާލޭގެ އެބުނާ ބޭފުޅެއްގެ ގޭގައެވެ. 'ކުދިކުދި' ކަންތައް ކޮއްލަ ކޮއްލައެވެ. އެގޭގައި ކުރަންހުންނަ ކުދިކުދި ކަންތައްތައް ކުރުމުގެ ސަބަބުން ހަވީރުވާއިރު ހުންނަނީ ވަރުބަލިވެފައެވެ. އެގޮތަށް ވަރުބަލިވެ ހުރެ މާރުކޭޓަށް ދިޔަދުވަހެކެވެ. ރަށުއޮޑިޔެއް އޮތަތީވެ ޚަބަރު އޮޅުންފިލުވައިލިއިރު، ޝަރީފުވެސް މާލެއައިސް އުޅޭކަން އެގިއްޖެއެވެ. އޮޑިކަރީ މަޑުކޮށްލައިގެން ހުއްޓާ ކޯޓު ނަންބަރުތައް ހުންނަ އިމާރާތާ ދިމާލުން ޝަރީފު އަންނަތަން ފެނިއްޖެއެވެ. އެނާ އައިސް ވަރަށް ނުގޮތަކަށް ކިހިނެތްހޭ އަހާލުމުން އަޅުގަނޑުވެސް އެޔާއެކަށީގެންވާރާގެއްގައި ޖަވާބުދީފީމެވެ. އެނާ ދެންސުވާލު ކުރީ އަޅުގަނޑު ހުރިގޮތާ ބެހޭގޮތުންނެވެ. "ތިޔަހައި ޅައުމުރުގައި ތިޔަހެން ނޯކިރީ ހެދުމުގައި މާލޭ މަގުމަތީގައި ހިނގާއިރު ތިޔަފުރާގެ އަންހެންކުދިން އަހުމަދާ ދޭތެރެ ހީކޮށްފާނެ އެއްޗަކަށް އެއްވެސް ފަރުވާލެއްވެސް ނެތްދޮތަ؟!!" އަޅުގަނޑު ދޭނެ ޖަވާބެއްނޭގިފައި ހުރީއެވެ. އެކަހަލަ ކަމަކާ ވިސްނާވެސް ލެވިފައި ނެތީއެވެ. އަޅުގަނޑު އެހީ މެވެ. އެހެންމީހުން ހީކޮށްފާނެ އެއްޗަކާމެދު ޝަރިފު ވަރަށް ވިސްނަން ދޯއެވެ. ޝަރީފު ވަރަށް ހެވިލާފައި..ވާނީ އެހެންނޫންހޭ މިއުމުރުގައި އެކަހަލަ ކަންކަމާ ނުވިސްނިއްޔާ އިންނާނެ މީހަކުވެސް ނުވާނެ ނޫންހޭ ބުނުމަށްފަހު އޮޑިޔަށް އަރައިގެން ހިގައްޖެއެވެ.
އޭގެފަހުން މިހާރު އެތައް ދުވަސްތަކެއް ފާއިތުވެއްޖެއެވެ. އަޅުގަނޑުގެ ދިރިއުޅުންވެސް އެނބުރެމުން ސެނބުރެމުން ގޮސް މިހިސާބަށް އާދެވުނުއިރު އުމުރުން 40 އަހަރު ފުރި ދެދަރިންވެސް ލިބިއްޖެއެވެ. އެތައްދުވަހަކު ޝަރީފާ ބައްދަލުނުވެހުރެފައި މިފަހަރު ދިމާވީ އަޅުގަނޑު މަސައްކަތްކުރާ އޮފީހުދޮރުމަތިން ނެވެ. ޝަރީފުހުރީ ވަރަށް ބަދަލުވެފައެވެ. މީހާ ހިކި އަނަރޫފަވެ، ދެލޯވަޅުވަދެފައެވެ. ލައިގެންހުރި ގަމީސް ވެސް ދަލާ ތަތްތެޅިފައެވެ.މުޅި ފައިތިލައާއި އަރައިގެން ހުރިފައިވާން ވެސް ހިރަފުހުގެ ކުލައިން އެއްކުލަވެފައެވެ. ފެންނަ ފެނުމަށް ވަރަށް މާޔޫސްވެފައި ހުރިހެންވެސް ހީވެއެވެ. ހާލު އޮޅުންފިލުވާލުމުން އެނގުނު ގޮތުގައި ޝަރީފުމެންގެ އާއިލާގެތެރޭ ޖެހުނު މައްސަލައެއްގެ ސަބަބުން ބައިބައިވެ ތަނަވަސްކަން ވެސް ގެއްލި އަތްމަތިވެސް ދަތިވީއެވެ. އަޅުގަނޑުގެ ހިތަށް ރަޙުމް ވަދެ، ކައިރި ހޮޓަލަކަށް ގެންގޮސް ކުޑަވަރެއްގެ ސައެއް ދީފީމެވެ. ހޮޓަލުގައި އިނދެފައި ޝަރީފު އެތައްދުވަހެއް ކުރިން އަޅުގަނޑާ ކުރި ސުވާލު ތަކުރާރު ކޮށްލައިފީމެވެ. ޝަރީފް ތިޔަހެން ހުރެ މީހުން އުޅޭތަންތަނަށް ދިއުމުން އެމީހުން ހީކުރާނެ އެއްޗަކަށް ނުވިސްނަން ހެއްޔެވެ. ހަމަ ތިޔަ އުމުރުގެވެސް އަންހެންވެރިން ތިބޭނެތާއެވެ. ޖަވާބުގައި ޝަރީފު ބުނެލިއެވެ. މިހާރު ޒުވާން އުމުރު ފަހަނައަޅައި ގޮސް ދަރިންލިބުނީމަ ދެން މީހަކު ކޮންމެ އެއްޗެކޭހީކުރިއްޔާ މަށަކާ ކީއްހެއްޔެވެ. ކޮންމެއަކަސް ސަލާމް ގަލާން ކުރުމަށްފަހު ދެމީހުން ވަކިވީއެވެ. ޝަރީފު ދިޔައީ ރަށަށެވެ. އަޅުގަނޑު އަދިވެސް މިއުޅެނީ މާލޭގައެވެ.
އޭގެ އެތައްއަހަރެއް ފަހުން، ކުޑަޢީދުގައި އަނބިދަރިން ގޮވައިގެން ރަށަށް ހިގައްޖައީމެވެ. އޭރު އަޅުގަނޑުވެސް މުސްކުޅިވެ ގައިބާރު ދެރަވާއަތަށް ވަނީ އަޅާފައެވެ. އުމުރުން 60 އަހަރު ވެއްޖެއެވެ. ރަށަށްގޮސް އުޅުމުގެ ތެރޭގައި އެއްދުވަހަކު ޝަރީފުގެ ހާލު ބަލައިލަން އެގެޔަށް ވަދެލައިފީމެވެ. ގޯތީގެ އެއްކަނެއްގައި ހަދާފައިވާ ކުޑަ ކޮޓަރިއެއްގައި ޝަރީފު އެކަނި މާއެކަނި އޮތެވެ. ހާލު އަހުވާލު އޮޅުންފިލިވައިލުމުން ދެލޮލުން ކަރުނަ ފައިބާ ޙާލު ދިމާވެފައިވާ ދެރަގޮތްތައް ކިޔަިދީފިއެވެ. ދަރިންގެ އަޅާލުން ނުލިބޭކަމާއި، ދަރިންގެ މަންމަ ނިޔާވުމުން ދަރިންގެ ނުގަބޫލުގައި އެހެން މީހަކާ ކައިވެނިކުރި ވާހަކައާއި، އެމަންޖެގެ އުޅުންވެސް ވިޔައާނުދާވާހަކައެވެ. އެއްވެސް މީހަކު ޝަރީފުގެ ކަމަކާ އަޅައިނުލާ ވާހަކައާއި ޝަރިފާ ދޭތެރޭ ނުވިސްނާ ވާހަކައެވެ.
ކޮންމެއަކަސް ޝަރީފު ކައިރީގައި ކުޑަވަގުތުކޮޅަކު މަޑުކޮށްލާފައި ނުކުމެގެން ދަމުން ހިތަށް އެރިއެވެ. ޝަރީފުގެ އުމުރުގެ ޒުވާންދުވަސްވަރު އޭނާ އުޅުނީ އެހެން މީހުން އޭނާއާ ދޭތެރޭ ހީކޮށްފާނެ ނުވަތަ ދެކިފާނެ ގޮތަކާމެދު ވަރަށް ކަންބޮޑުވެގެންނެވެ. މެދު އުމުރުގައި އުޅުނީ އެހެން މީހުން ކޮންމެ އެއްޗެކޭ ހީކުރިއަސް ވަރިހަމަހެން ހީވާ ކަހަލަ ގޮތަކަށެވެ. މުސްކުޅި އުމުރު އައުމުން އެއްވެސް މީހަކު ޝަރީފުގެ ޚިޔާލުވެސް ނުކުރާކަމާއި ޝަރީފާމެދު ނުވެސް ވިސްނާކަން އެ ޔަގީންވަނީއެވެ. ދުނިޔެ އަކީ މިކަހަލަ ތަނެކެވެ.
ޒުވާން އުމުރުގައި އަބަދުވެސް ވިސްނެނީ އެފުރާގެ އެހެންކުދިން ތިމާއާ މެދު ދެކިފާނެ ގޮތަކާމެދު ނުވަތަ ހީކޮށްފާނެ އެއްޗަކާމެދުގައެވެ. މެދު އުމުރުޖެހުމުން އެހެން މީހުން ތިމާއާދޭތެރޭ ދެކިފާނެ ނުވަތަ ހީކޮށްފާނެ އެއްޗަކަށް ފަރުވާލެއް ނުހުރެއެވެ. މުސްކުޅިއުމުރު ޖެހުމުން މި އިނގެނީ އެއްވެސްމީހާކު ތިމާއާދޭތެރެ ނުވިސްނާކަމެވެ. ހަޤީޤަތުގައި ވިސްނަންވީވެސް ހަނދާންކުރަންވީވެސް ހެއްދެވިފަރާތުގެ މަތިންނެވެ. އެފަރާތުގެ އެންގެވުން ތަކަށް ފަރުވާތެރިވެ ނަހީތަކާ ދުރުވެ އުޅެވޭނަމަ އެހެންމީހުން ހީކޮށްފާނެ ގޮތަކާ ދޭތެރޭ ތިބާ ވިސްނައި ބޯގޮވާކަށް ނުޖެހޭނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Rosnizam

Thank you so much for this aritlce, it saved me time!