ބަނބުކެޔޮ ގަހުގައި އެލުވާފައި އަނިޔާކުރިއެވެ

މުޙައްމަދު ޙަސަން | 26 ނޮވެންބަރ 2012

ބ. ހިތާދޫ ގުލިސްތާނުގެ ޤާސިމް އިބުރާހިމް ( ބީކާސީ ) އަކީ ހީވާގި މަސައްކަތް ތެރިއެކެވެ. އޭނާއަކީ މިއަދު ޢުމުރުން ދުވަސްވީ މީހެއް ނަމަވެސް ޒުވާން ދުވަސްވަރެކޭ އެއްފަދައިން ޤާސިމް ގެ ޢަޒުމާއި ޙިއްވަރަށް ކުޑަވެސް ބަދަލެއްނާދައެވެ. އޭނާއަށް ވީވަރަކުން މަސައްކަތް ކުރަމުންދެއެވެ. އޭނާގެ ޙަޔާތުގައި ވޭނާ ހިތްދަތިކަމާޢި އަނިޔާވެރިކަން ވަނީ ކުރިމަތިވެފައެވެ. މިގޮތުން އެދުވަސްވަރު ކަންތައް ހިނގާ ދިޔަގޮތް ހިތާދޫ އޮންލައިންއަށް ވަނީ ޙިއްޞާކޮށްފައެވެ.

އޭނާ ކިޔައިދިން ގޮތުގައި އެދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ދިވެހިންގެ ނަމުންނަމަ ބޮޑުތަދުގެ ދުވަސްވަރެވެ. ކާނެބޯނެ އެއްޗެއް ނުހުރެވެ. ކާޑު ލިބެނެގޮތެއް ނެތެވެ. ދައުލަތުން އެދެއްވާ އެއްޗަކުން އެކަކުކާލާނެ ވަރުވެސް ނުވެއެވެ. އޭރު ކައިބޮއި އުޅުނީ މަގޫފަތާއި ބޯށިފަތް ފަދަ ތަކެއްޗެވެ. ހައިބަޑާއި އެކު އެމީހަކު އަތުޖެހުނު އެއްޗެއް ކެވޭތޯ ބަލަނީއެވެ. ރުކަށް އެރޭމީހުން ރުއްއަޅައިގެން ބަޑު ހައިހޫނުކަން ފިލުވޭތޯ ބަލައެވެ. ނަމަވެސް ރަށުގެ ކަންވޮށި ވެގެންވާ މީހުންނާއި ވެރިން ތިބެނީ ބަނޑުފުރާ ކައިގެންނެވެ. ޤާސިމް ބުނި ގޮތުގައި އޭރު ވެރިންނަށް މުސާރައިގެ ގޮތުގައި ކޮންމެ ދޯންޏަކުން މަސްބައި ދިނުމަށްވަނީ މަޖުބޫރު ކޮށްފައެވެ.

އޮޑިދޯނި ފަހަރުން ބާނާ ހުރިހާ މަހައްވެސް ގެންދަން ޖެހެނީ ބޮޑުބަދިގެއަށެވެ. އެބަދިގޭގައި ރައްޔިތުން ބާނައިގެން ގެންނަ މަސްތައް ކެއްކުމަށް ފަހު ރައްޔިތުންނަށް ދެނީ ވަރަށް ކުޑަމިންވަރެކެވެ. މިހެންކަމުން އެދުވަސްވަރު މަސްބޭނުމަށްފަހު ވެރިންނަށް ސިއްރުން ފަޅުރަށްރަށުގައާއި ރަށުގެ ތުނޑީގައި މަސްވަޅުލައި ފަހުން މަސްކައްކައިގެން ކަމުން ގެންދެއެވެ. އެކަންތައް ބެލެހެއްޓުމަށް ވެރިން އަބަދުވެސް ރޭގަނޑާއި ދުވާލު ޕޮލިހުން ފަދައިން ޕެޓުރޯލު ކުރަމުން ދެއެވެ. މިގޮތުގެ މަތިން އެމީހުންގެ އަތުގައި ޖެހިއްޖެ މީހަކަށް ވަރަށް އަނިޔާ ކުރާނެކަމަށް ގާސިމް ބުންޏެވެ.

އެއްދުވަހު ބަނޑުހައިވެގެން ވަލުތެރޭގައި ކާއްޓެއް ކާންހުއްޓާ ޤާސިމް އަތުލައިގަތެވެ. ޤާސިމްގެ ކަރަށާއި ބަނޑަށް ފިއްތައި ކެއިއެތިކޮޅު ނެރެން މަސައްކަތް ކުރިއެވެ. އެއަށްފަހު ކާޑުގެއަށް ގެންގޮސް ފެންޑާމަތީގައި އަނދަގޮޑި ޖަހާފައި ބޭއްވިއެވެ. އެވަރުން ނިމުނީކީ ނޫނެވެ. އެތަށް އަނިޔާއެއް ކުރުމަށްފަހު ދެން ބޮޑުބަދިގެ ކައިރީގައި ހުރި ބަނބުކެޔޮގަހެއްގައި ރޯނުން ދެއަތް ބަނދެފައި ބިމުގައި ފައިނުޖެހޭގޮތަށް އެލުވުމަށްފަހު ގައިގެ އެކިތަންތަނުގައި ތެޅިއެވެ. މިގޮތަށް ބައިގަޑިއިރު ބޭއްވުމަށްފަހު މޮހާލިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


muaz

kerigen comment kurah vaa.ekan kuri bayaka mai allah narakaaige azaabu enmee gadha minvarakah dhevaandheyve aaameeen