އަބުރު ( ތިންވަނަބައި )

ލިޔުނީ :ޢަބްދުލްޙަމީދު ޢަބްދުﷲ (އހ) | 04 މާރޗު 2014

މުޅިއެކެބިން ތެރޭގައި ގުގުމާލާފައި ހުރީ ނަޒީފްގެ ހުނުމުގެ އަޑެވެ. އިރުކޮޅެއް ފަހުން ނަޒީފް ގޮނޑިން ތެދުވިއެވެ. ޝީޒާ ގެ ފުރަގަހުގައި މަޑުކޮށްލިއެވެ. އަދި ނަޒީފް ގުދުވެލިއެވެ. ޝީޒާގެ ކަންފަތް ދޮށަށެވެ. ނަޒީފް ދިނީ ޝީޒާ ހައިރާން ވާވަރުގެ ޚަބަރެކެވެ. އެޚަބަރުވީ ޝީޒާއަށް ޤަބޫލުކުރަން ދަތި ޚަބަރަކަށެވެ. ނަޒީފް ވަނީ އޭނާގެ މަކަރުވެރި ރޭވުން ވަރަށްވެސް މޮޅަށް ކާމިޔާބު ކޮށްފައެވެ. އަޚްތަރަށް އޮޅުވާލައިގެންެނެވެ.

އަޚްތަރާއި ނަޒީފް ހިއްސާވެގެން އުފެއްދި ކުންފުނި ނަޒީފްގެ މިލްކަކަށް ހަދާލީއެވެ. އަޚްތަރުގެ ބޮލަށް ސަވާރުވެގެންނެވެ. އަޚްތަރުގެ ކައިރީގައި ދޮގު ވާހަކަތައް ދައްކައިގެނެވެ. ޝީޒާގެ އަގު ވައްޓާލައިގެންނެވެ. އެކަން އެނގުނީ ނަޒީފް ހީހީފައި އެވާހަކަ ދެއްކީމައެވެ. ދެން ، މިއަދު ކުރާނެކަމެއް ނެތެވެ. މިހާރުު މިވަނީ ވަގުތު ފާއިތުވެފައެވެ. ހުރިހާ އެއްޗެއް އަތުން ބީވެފައެވެ. ކުރި އެންމެ ފަހުގެ އުންމީދުވެސް ވިއްސިވިހާލިވީއެވެ. އެތަނަށް އައި ބޭނުންވެސް ނުފުދުނީއެވެ. އެހެންކަމުން ޝީޒީ އެތަނުން ނުކުތެވެ.

ދެތިން ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ހުސްކުރުމަށްފަހު ، ޝީޒާ ބަދަލުވީ އާދައިގެ ކޮޓަރިއަކަށެވެ. ކޮންމެ ގޮތެއްވިއަސް ކަންތައްވެފައި ވާގޮތުން މައިންބަފައިން ކައިރިއަށް ދާކަށް ޝީޒާ ބޭނުމެއް ނުވިއެވެ. މާލޭގައި "ގަނަތެޅެން " ވިއަސް މެއެވެ. ވީވެސް އެކަހަލަ ގޮތެކެވެ. ދެތިން ތަނަށް ސިޓީ ލައިގެންވެސް ޖޮބެއް ލިބޭނެ ގޮތެއް ޝީޒާއަކަށް ނުވިއެވެ. އެއް މަސް ނިމި ދެވަނަމަސް ނިމުމަކާއި ގާތް ވަމުން ދިޔައެވެ. ކުލި ނުދައްްކާ ޝީޒާ މަޑުކޮށްލިއެވެ. ފައިސާ ނެތިގެންނެއް ނޫނެެވެ. ކުލި ދައްކައިފިނަމަ ކާނެ ގޮތެއް ނެތިދާނެތީއެވެ. އެވަރަށް އަތުގައި ފައިސާ ނެތީމައެވެ. ޖޮބެއް ނުލިބޭތީ ފައިސާ އިތުރަށް ލިބޭނެ ގޮތެއް ނެތީމައެވެ. އެކަމަކު ދުވަސްތައް ފާއިތުވަމުންދާއިރު ކުއްޔަށް ދިން ފަރާތުގެ ޝަކުވާ ދިޔައީ ގިނަވަމުންނެވެ. އޭނާގެ ރުޅިވެރި ބަސްތައް ދިޔައީ އިތުރު ވަމުންނެވެ. އެކަމުގެ ސަބަބުން ޝީޒާގެ ބޮލަށް ދިޔައީ އުނދަގޫ ވަމުންނެވެ.

އެއް ދުވަހެއްގެ އިޝާ ވަގުތެވެ. ޝީޒާ އިނީ ވާހަކަ ފޮތެއް ކިޔާށެވެ. ބިރުވެރި ވާހަކައެކެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. އާދައިގެ ވަރަކަަށެވެ. ކުޑަކޮށް ސިހުނު ނަމަވެސް ޝީޒާ ތެދުވެ ހިނގައި ގަތެވެ. ދޮރު ހުޅުވާށެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ކޮޓަރީގެ ވެރިމީހާއެވެ. އޭނާ އެދުނީ ވާހަަކަ ދައްކާލަން ބޭނުން ކަމަށެވެ. ޝީޒާގެ ހިތް ތެޅެން ފެށިއެވެ. ހިތައް އެރިއެވެ. އެނެއްކާވެސް ކުލީގެ ވާހަކައެވެ. ކުރިމަތިލާން މިޖެހުނީ އެރުޅިވެރި ބަސްތަކާއެވެ. އެހެންކަމުން ޝީޒާއަށް ބުނެވުނެވެ. އަދިވެސް ކުލި ދެއްކޭނެ ގޮތެއް ނެތެވެ. އެކަމަށް މިދަނީ މަސައްކަތް ކުރަމުންނެވެ. ޝީޒާގެ އެވާހަކަ އަކާ އޭނާ މާބޮޑަށް އަޅައެއް ނުލައެވެ. އެދުނީ ފެން ފޮދަކަށެވެ. އެހެންކަމުން ޝީޒާ އެތެރަށް ވަނެވެ. ފުރުސަތުގެ ބޭނުން ހިފާ އެމީހާވެސް އެތެރަށް ވަދުނެވެ. ފެންތަށި އަޅާފަ އެނުބުރުނު އިރު އެމީހާ ކުރީ ކޮޓަރީގައި ހުރި ގޮޑީގައި އިށީދެގެންނެވެ. ޝީޒާ ފެންތަށި ދިއްކޮށްލިއެވެ. ހިނިތުންވެލަމުން އޭނާ ޝީޒާ ދިއްކޮށްލި ފެންތަށީގައި ހިފިއެވެ. ދެކޯވަރެއް ބޯލުމަށްފަހު ، އޭނާ ވާހަކަ ދެއްކިއެވެ. އޭނަ ބުނީ ޝީޒާއަށް ކުލި ނުދެއް ނުނެއް ނޫންހެއްޔެވެ. އެހެންކަމުން ކުލި ނުދެއްކެންޏާ މިފަހަރު އޭނާ ބުނާކަމަކަށް އެއްބަސް ވުމަށެވެ. އެހެން ނޫނީ ޖެހޭނީ އެތަނުން ނުކުންނަން ކަމުގައި ބުންޏެެވެ. ޝީޒާ ވިސްނާލިއެވެ. ޝީޒާއަށް ވިސްނުނީ ކޮންމެގޮތެއް ވިއަސް އޭނާ ބުނާ ކަމަކަށް އެއްބަސް ވުމަށެވެ. އެނޫން ގޮތެއް ނެތިގެންނެވެ. އެއްބަސްވުމުގެ ގޮތުން ޝީޒާ ބޯޖަހާލިއެވެ. އޭނާގެ މޫނަށް އުފާވެރިގަން ގެނުވިއެވެ. ގޮޑިން ތެދުވެ ޝީޒާގެ ކައިރިއަށް އައެވެ.

އެތަށް އިރަކަށް ފަހު އެމީހާ ދިޔައީ ކުލީގެ އަގު އަތުލައިގެންނެވެ. ޝީޒާއަށް "މަގެއް" ދައްކައި ދީފައެވެ. ޝީޒާގެ ވިސްނުން ވަކިދިމާއަކަށް މިސްރާބު ކުރުވާފައެވެ. މިދުނިޔޭގައި ހުރިހާ އެއްޗަކީވެސް ޝީޒާގެ ނަޒަރުގައި "ފައިސާ" އެވެ. ޝީޒާ މީގެކުރިން އުޅުނީ ފައިސާގެ މަތީގައެވެ. އަރާމުގައެވެ. އުފަލުގައެވެ. ކުއްޔަށް ދިންފަރާތުގެ އަމަލުން ޝީޒާގެ ސިކުނޑި ހުޅުވެއްޖެއެވެ. ސައިތޯނާ އޭނާގެ ސިކުނޑި ހިޞޯރުކޮށްފިއެވެ. ވަސްވާސްތަކަށް ހެއްލި ގެއްލިއްޖެއެވެ. މިހާރު ޝީޒާއަށް ފެންނަނީ "ފައިސާ" އެވެ. ސިކުނޑީގައި އެނބުރެނީ އެފައިސާ ހޯދާނެ ގޮތެވެ. އެހެންކަމުން ވަރަށް ވިސްނާފައި އެންމެފަހުން "އެ ވިޔަފަރީ"ގެ ތެރެއަށް ޝީޒާ ވަނެވެ. ހަޤީޤަތުގައި އެނޫން ގޮތެއް ވެސް ނެތިގެންނެވެ. ޖޮބެއް ލިބުނީމައި ހުއްޓާލުމުގެ ނިޔަތުގައެވެ.

ފެށިގެން އައިއިރު އާދައިގެ ގޮތަކަށް ދިޔައަސް ފަހުން ހަމަ ކާމިޔާބު ވިޔަފާރިއަކަށް ވިއެވެ.ހީކުރިގޮތާ ޚިލާފަށް ކަސްޓަމަރުން އިތުރުވީ އިންތިހާ އަށެވެ. ހަޤީޤަތުގައި ޝީޒާއަށް އޮންނަނީ "ވަގުތު" ނުދެވިފައެވެ. އެހާވެސް ޑިމާންޑް ބޮޑެވެ. މިކަމުގެތެރެއަށް ވަދެވުނުލެއް ބޮޑުކަމުން ޖޮބެއް ހޯދުމުގެ މަސައްކަތަކާ އަޅައެއް ނުލެވުނެވެ. ޖޮބަކަށް ވުރެ މާބޮޑަށް ރަގަނޅެވެ. އެހެންނޫނަސް ހަޤީޤަތުގައި މިވީ މަދުދުވަސްކޮޅުގައި އެއަށް ވުރެ ބޮޑަށް ޝީޒާ ވަނީ މިކަމަށް "ދެވި" ހިފައިފިއެވެ. އޭނާ އަކީ މިހާރު މުއްސަދިންގެވެސް މަންޒިލެކެވެ. ޝީޒާ ކިޔާ އަގުގެ އެތައް ގުނައެއް އެމީހުން ދިޔައީ ޝީޒާއަށް ދެމުންނެވެ. ރުފިޔާއެވެ. ޑޮލަރެވެ.

ޝީޒާ ބޭނުންވީ އެގޮތުގައި ދެމިހުންނާށެވެ. އަބުރު ގެއްލިފައިވާ މީހެއް ފަދައިންނެވެ. އެކިރޭ އެކި މީހުންނާއެކު ހޭދަކުރުމީ އޭނާގެ މިހާރުގެ "އުފަލެވެ" .

މިހާރު މީ އަނެއްކާވެސް ޝީޒާ ގެ ބަހާރު މޫސުމެވެ. އެކިއެކި މުއްސަދިންނާއެކު ބޭރު ގައުމުތަކުގައެވެ. ރިސޯޓްތަކާއި ސަފާރީތަކުގައެވެ. ސިޔާސީ މީހުންނާއި މަހުޖަނުންގެ "ޚިދުމަތު"ގައެވެ. ޝީޒާއަށް ގަބޫލު ނުކުރެވުނަސް "އަޅުވެތި" ވެފައިވާ ހާލުގައެވެ. އެހެން ދުނިޔެއްް އޮތްކަންވެސް ނޭންގި ޣާފިލް ވެފައިވާ މީހެއް ފަދައިންނެވެ. އޭނާގެ ހުރިހާވެސް އުފަލަކީ އެހެންމީހުންގެ ހިތްހަމަޖައްސައި ދިނުމެވެ. އެމީހުންނަށް "ލައްޒަތު" ހޯދައި ދިނުމެވެ. އެމީހުންނާއެކު "ޓައިމްޕާސް" ކުރުމެވެ.
ދުވަސްތައް މާޒީއާއެކު ވޭތުވަމުން ދިޔައެވެ. ޝީޒާގެ ދުނިޔެވެސް އެގޮތުގައި ކުރިއަށް ދިޔައެވެ. ހިތްހަމަޖެހުމާއި އުފަލުގައެވެ. އެ "ވިޔަފާރީ"ގައެވެ. އެކިއެކި މީސްމީހުންނަށް ޚިދުމަތް ދިނުމުގައެވެ.

_ ނުނިމޭ -


ކިޔުންތެރިންގެ ޚިޔާލު...


ނަން :