އަބުރު ( ދެވަނަބައި )

ލިޔުނީ :ޢަބްދުލްޙަމީދު ޢަބްދުﷲ (އހ) | 25 ފެބުރުއަރީ 2014

އަޚްތަރު ހައްޔަރުވުމާއި ގުޅިގެން ދެމީހުން ހިއްސާވަމުންދިޔަ ވިޔަފާރީގެ ހުރިހާކަމެއް ބަލަހައްޓަމުން ގެންދިޔައީ ނަޒީފްއެެެވެ. ވިޔަފާރިން ވަނީ ފައިދާކަމެއް ނުވަތަ ގެއްލުން ކަންވެސް ޝީޒާއަކަށް ނޭންގެއެވެ. ވިޔަފާރީގެ ކަންތަކުގައި ހަރަކާތްތެރި ވާން ބޭނުންކަމަށް ކިތަންމެ ދުވަހަކު ޝީޒާ ބުންޏެވެ. ޝީޒާ މިހެން ކިޔާ ކޮންމެ ފަހަރަކުވެސް ނަޒީފްގެ ބަހަކީ އެހާ ބުރަކޮށް އުޅޭނެކަމެއް ނެތޭއެވެ. އަދި ޝިޒާ އެކަމާ އެވަރަށް ނުވިސްނުމަށް ބުންޏެވެ. ފަރުވާތެރި ކަމާއެކު ވިޔަފާރި ކުރިއަށް ގެންގޮސް ދޭނެކަމަށް ވަޢުދު ވިއެވެ. އަޚްތަރަށް ވާބައި ކޮންމެ މަހަކުވެސް ޝީޒާއާއި ހަވާލުކުރާނެ ކަމަށް އެއްބަސްވިއެވެ . އެއީ ތެދެކެވެ. ކަންތައްވަމުން ދިޔައީ އަޚްތަރު ބުނިފަދައިންނެވެ. ކޮންމެ މަހެއް ނިމުމުން ޝީޒާއަށް ކޮންމެވެސް ވަރެއް ގެނެސްދޭމެއެވެ. އެލިބޭ ފައިސާކޮޅުން ޝީޒާގެ ޚަރަދުތައް ފުއްދާލެވެއެވެ.

އެހެނަސް ޝީޒާއަށް އެހެންކަމެއް ފާހަގަ ކުރެވެން ފެށިއެވެ. އަޚްތަރު ހައްޔަރު ވެގެން މިވީ މަދު ދުވަސްކޮޅުގައި އެހެންޏާ ނާންނަހާ ގިނައިން ޝީޒާ އުޅޭ އެޕާޓްމަންޓަށް ނަޒީފް އަންނަކަމެވެ. ދޭތެރެ ދޭތެރެއިން މަސައްކަތުގައި އުޅެމުންވެސް ގުޅާކަމެވެ. ޝީޒާގެ ހާލު ބަލާށެވެ. ކައިގެންތޯ އޮޅުން ފިލުވާށެވެ. ނަޒީފް މާގިނައިން ގުޅާތީވެ އެކަމާ ސުވާލު ކޮށްލި ދުވަހު، ހިނިގަނޑެއް ޖަހާލާފައި ނަޒީފް ބުނީ އޭނާގެ ޕާޓްނަރ އެދިފައިވާ އެދުމަކީ ޝީޒާގެ ހުރިހާކަމެއް ރަގަނޅަށް ބަލަހައްޓަން ދިނުން ކަމަށެވެ. ޖެހޭ ހުރިހާ މުުހުތާދުތަކެއް ފުއްދައި ދިނުމަށެވެ. ނަޒީފް އެހެން ބުންޏަސް، ނަޒީފްގެ ހިތްނިޔަތް ސާފުބާއޭ ޝީޒާގެ ހިތުގައި ސުވާލު އުފެދިގެން ދިޔަ މައިގަނޑު ސަބަބަކީ ، މާބޮޑަށް ޝީޒާއާއި ގާތްވުމަށް މަސައްކަތް ކުރަން އުޅޭހެން އިޙްސާސް ވާންފެށީމައެވެ. ނަޒީފްގެ ފަރާތުން ޝީޒާ ބިރުގަންނަ އެތަކެއް ސިގްނަލެއް ދިޔައީ ދެމުންނެވެ. އަޚްތަރު ހައްޔަރުކުރުމާއި ގުޅިގެން ޝީޒާވެސް ވަނީ އެހީތެރިއަކަށް ބޭނުންވެފައެވެ. އެހެންކަމުން ވެސް ކަންނޭންގެއެވެ. ނަޒީފްގެ އެފަދަ ޢަމަލުތަކަށް ޝީޒާވެސް މާބޮޑު ސަމާލުކަމެއް ދޭހެނެއް ހިޔެއްނުވެއެވެ.

މީހުންބުނެ އުޅޭ ނޫންހެއްޔެވެ. ކަންކަމުގައި ފިޔަވަޅު އަޅަންޖެހޭ ވަގުތުގައި ފިޔަވަޅު ނާޅައިފިނަމަ ، އެކަންތައްތައް މާގޯސްވެގެން ހިނގައިދާނެއެވެ. ޝީޒާގެ މަޑުމައިތިރި މިޒާޖުގެ ނާޖާއިޒް ފައިދާ ނަޒީފް ނެގިއެވެ. އޭނާގެ ޢަމަލުތައްވެސް ދުވަހެއް ދުވަހެއް ދިޔައީ ކުރިއަށެވެ. މަޖަލަކަށް ހަދާފައި ޝީޒާގެ ހީލިގެންނެވުމާއި ، ގައިގާ ޖެހިގަތުން ފަދަ އެތައް ކަމެއްް ތަކުރާރުވަމުން ދިޔައެވެ. ޝީޒާގެ ނުރުހުމުގެ ބަސްތަކުންވެސް ނަޒީފްގެ ޢަމަލުތަކަށް ހުއްޓުމެއް ނުގެނައެވެ. އެ އެޕާޓްމަންޓްގައި އުޅެނީ ޝީޒާ އެކަނި ކަމަށް ވުން އެއީ ނަޒީފަށް ލިބިފައިވާ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.

އެންމެފަހުން ނަޒީފްގެ އަސްލު މަޤްސަދާއި ދިމާއަށް މިސްރާބު ޖެހިއެވެ. ޖެހިލުމެއް ނެތިއެވެ. ޝީޒާދެކެ އޭނާ ވާ ލޯބި ނަޒީފް ހާމަކުރިއެވެ. ޝީޒާ އާއި އިންނަން ބޭނުން ވާކަމަށް ބުންޏެވެ. ވަގުތުން ޝީޒާއަކީ ނަޒީފްގެ ޕާޓްނަރ އަޚްތަރުގެ އަނބިމީހާކަށް ޝީޒާ ހަދާންކޮށްދިނެއެވެ. އެހެނަސް ނަޒީފް ހުރީ މާބޮޑަށް ކަރުހިއްކައި ގަނެފައެވެ. ޝީޒާ ކައިރިން އެދުނީ ވަރިވެގެން އޭނައާއި އިނުމަށެވެ. ޝީޒާގެ ރުޅި ކޮންޓްރޯލުން ނެއްޓީ މިހާހިސާބުންނެވެ

ނަޒީފާ ދިމާއަށް ހިތައް އައިހާ އެއްެޗެއް ޝީޒާ ގޮވާލިއެވެ. ފަހުން ވާނެ ގޮތަކާމެދުގައި ޝީޒާ ނުވިސްނައެވެ. ވިސްނަން ބޭނުންވެސް ނުވީއެވެ. ވާނީވެސް އެހެންނެވެ. އެހާމަކަރުވެރި، ޣައްދާރެއްކަން ޝީޒާއަށް އެނގޭނީވެސް ކިހިނަކުން ހެއްޔެވެ. އަޚްތަރަށް އެލަނޑު ދިނީ ގަސްތުގައި ނަޒީފްކަމަށް ޝީޒާ އެދުވަހު ބުންޏެވެ. އައި ރުޅިއަކުން ނޫނެވެ. އެގޮތަށް މިހާރު ޝީޒާއަށް ޝައްކު ކުރެވޭތީއެވެ.

ދުވަސްތައް އާދައިގެ ގޮތަކަށް މާޒީއާއި އެކުވަމުން ދިޔައެވެ. ޝީޒާ ހީކުރިގޮތާއި ޚިލާފަށް އެދުވަހަށްފަހު ނަޒީފް ޝީޒާ އުޅޭ އެޕާޓްމަންޓަކަށް ނާދެއެވެ. ކުރިން ހާލު ބަލާލަން ދޭތެރެ ދޭތެރެއިން ގުޅާ ލިއަސް އޭގެފަހުން ގުޅާވެސް ނުލައެވެ. ނަޒީފަކީ އުޅޭ މީހެއް ކަންވެސް ނޭންގެއެވެ. ކަންވަމުން ދާގޮތާމެދު ޝީޒާ ވިސްނާ ފިކުރު ކުރިއެވެ. މިއުޅެނީ ކީއްވާން ބާއޭ ޝީޒާގެ ހިތައް އަރަމުން ދެއެވެ. ވާނުވާ ނޭންގި ހިތް ބިރުގަންނަން ފަށައިފިއެވެ.

ދެން ޖެހިންގެން އައި ދުވަހު ޝީޒާ ހުރީ އެމީހުންގެ ކުންފުނީގެ އޮފީހުގައެވެ. ނަޒީފަށް ޚާއްސަކުރެވިފައިވާ ކެބިންއަށް ޝީޒާ ވަނީ ޖެހިލުމެއް ނެތިއެވެ. މަޑުވެސް ކޮށްނުލާ ޝީޒާ ހުއްޓުނީ ނަޒީފްގެ ކުރިމަތީގައެވެ. ނަޒީފް ކުޑަކޮށް ސިހުނެވެ. އެހެނަސް ހަމައެތަންވަޅު ލާނެއް ހިންޏެއް ނަޒީފްގެ ތުންފަތަށް ވެރިވިއެވެ. ޝީޒާ އެދުނީ އެތަނަށް އައި ބޭނުމެވެ. ޝީޒާ ގެ އެދުން ފާޅުކުރުމާއެކު ނަޒީފް ބާރު ހިނިގަނޑެއް ޖަހާލިއެވެ. މުޅި އެކެބިން ތެރޭގައި ގުގުމާލާފައި ހުރީ ނަޒީފްގެ ހުނުމުގެ އަޑެވެ. އިރުކޮޅެއް ފަހުން ނަޒީފް ގޮނޑިން ތެދުވިއެވެ. ޝީޒާ ގެ ފުރަގަހުގައި މަޑުކޮށްލިއެވެ. އަދި ނަޒީފް ގުދުވެލިއެވެ. ޝީޒާގެ ކަންފަތް ދޮށަށެވެ.

-ނުނިމޭ-


ކިޔުންތެރިންގެ ޚިޔާލު...


ނަން :