އަބުރު

ލިޔުނީ :ޢަބްދުލްޙަމީދު ޢަބްދުﷲ (އހ) | 18 ފެބުރުއަރީ 2014





މެންދުރުގެ އެންމެ ހޫނުގަދަ ގަޑިއެވެ. އަޚްތަރު އޭނެ އޮފީހުގައި މަސައްކަތައިގެން އަވަދިނެތި އުޅެމުން ގެންދިޔައެވެ. އޭނާއަށް ޚާއްސަ ކުރެވިފައިވާ ކެބިންގައެވެ. މިހެން އުޅެނިކޮށް ، ކުއްލިއަކަށް އެތަނައް އައިސް ވަނީ ފުލުހުންގެ ގްރޫޕެކެވެ. އެމީހުން ކޯޓްއަމުރެއް ދެއްކުމަށްފަހު އަޚްތަރުގެ ކެބިން ފާސްކުރަށް ފެށިއެވެ. އަޚްތަރު ހުރީ ވަރަށް ހާސްވެފައެވެ. ވެގެން އުޅެނީ ކީއްތޯ ފުލުހުންނާ ސުވާލުކުރިއެވެ. ފަހަރަކުތަނެއް ފުލުހުން ފާސްކުރަމުން ދާއިރު އަޚްތަރުގެ ހާސްކަންވެސް ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ބޮޑުވަމުންނެވެ.

ހުރިހާތަނެއް ހެން ފާސްކުރުމަށްފަހު އެންެމެ ފަހުން ފުލުހުން އެދުނީ އޭނާ ހުންނަން ޚައްސަ ކުރެވިފައިވާ މޭޒްގެ ވަތްގަނޑު ހުޅުވާލަ ދިނުމަށެވެ. އަޚްތަރު ފުލުހުންގެ މޫނަށް ބަލާލުމަށްފަހު މަޑުމަޑުން ވަތްގަނޑަށް ތަޅުދަޑި ޖަހާ ވަތްގަނޑު ހުޅުވާލިއެވެ. އެއާއެކު އެތަނުން ފުލުހުންގެ ބޭކަލެއް ވަތްގަނޑު ހާވާލިއެވެ. އެތާހުރި ހުރިހާ އެންމެންގެ ސަމާލުކަށް ހުއްޓިގެން ދިޔައީ ވަތްގަނޑުތެރެއިން ނެގި އެއްޗެހިތަކެއްގެ ސަބަބުންނެވެ. ސިޓީ އުރައަކަށް އަޅާފައި ހުރި އެތަކެއް ރަބަރު ޕެކެޓް ތަކެކެވެ. ފުލުހުން ސުވާލު ނުކުރަނީސް އަޚްތަރު އޭނާގެ އެއްޗެއް ނޫންކަމަށް ބުނެ އިންކާރު ކުރިއެވެ. އެހެނަސް ފުލުހުން އޭނާ ދައްކާ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ފުލުސް އޮފީހަށް ގެންދިޔައެވެ.

އަޚްތަރ ހައްޔަރު ކުރެވުނުކަން އޭނާގެ އަންހެނުން ޝީޒާއަށް އެގުނީ އެދުވަހުގެ އިރު އޮއްސޭން އުޅެނިކޮށެވެ. އަޚްތަރުގެ ވިޔަފާރި ޕާޓްނަރ ނަޒީފް އައިސް ބުނުމުންނެވެ. އެޚަބަރު ލިބުމާއެކު ޝީޒާއަށް ގިސްލަ ގިސްލާފައި ރޮއިގަނެވުނެވެ. އަޚްތަރު ހައްޔަރު ނުކުރާނެ ކަމަށް ބުންޏެވެ. އަކްތަރަކީ ވިޔާނުދާ މީހެއް ނޫންކަމަށް ބުންޏެވެ. ޝީޒާ އެތައްވަރަކަށް އާދޭސްކުރުމުން ނަޒީފް އަށް އެންމެފަހުން ޖެހުނީ އަޚްތަރު ހައްޔަރު ކުރަންޖެހުނުސަބަބ ބުނާށެވެ. އަޚްތަރު ހައްޔަރު ކުރެވުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަން އެގުމާއެކު ޝީޒާ އެކަމާ ވަގުތުން އިންކާރު ކުރިއެވެ. އަދި އެއީ ބަޔަކު ރާވައިގެން އަޚްތަރަށް ދިން ބޮޑިއެއް ކަމުއި ބުންޏެވެ. އަދި އަވަހަށް އޭނާގެ ފިރިމީހާ އެކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދިނުމަށް އެދުނެެވެ. ނަޒީފްވެސް ޝީޒާ އާއި އެއްބަސްވިއެވެ. އަޚްތަރުގެ ގޮތް އެންމެ ރަގަޅަށް އެގޭނެ އެކަކީ އޭނާކަމަށް ވީމައެވެ. ނަޒީފް ޝީޒާއަށް އެތަކެއް ހިތްވަރު ދިނެވެ. އަޚްތަރު ސަލާމަތް ކުރެވޭތޯ ކުރެެން ހުރި ހުރިހާކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދިނެވެ. ޝީޒާއަށް ހިތްވަރުދޭން މިވަގުތު ނަޒީފް ނޫނ ދެން ހުރީވެސް ކާކުހެއްޔެވެ. ނަޒޒީފްގެ އެތަކެއް އާދޭހާއެކު، ކޮންމެވެސް ވަރަކަށް ޝީޒާ ހަމައަކަށް އެޅުނެވެ. އެހެނަސް އޭނާގެ ލޮލުން އޮހޮރެމުންދާ ކަރުނައަކަށް ބަދަލެއް ނާދެއެވެ. ހިތުގައި އަޅާ ވޭނަކަށް ނިމުމެއް ނެތެވެ. ޝީޒާގެ ފިރިމީހާ އަޚްތަރުގެ ހާލަކީވެސް ހަމަ މިއީއެވެ.

ޝީޒާއަށް އަޚްތަރާ ދިމާވީ މީގެ ތިންއަހަރު ކުރިން ނެވެ. އޭނާ ކޯހެއް ހެދުމަށް މާލެ އައިސް ހުއްޓައެވެ. ދެމީހުންގެ ލޯބި ބަދަހިވެ ކައިވެންޏާ ހިސާބަށް ދިއުމުން ޝީޒާ އޭނާގެ އާއިލާ މީހުންނަށް އެޚަބަރު ދިނެވެ. އެހެނަސްެ ރަށުގައި ހުރި މައިންބަފައިން އެކަމާ ގަބޫލެއް ނުވިއެވެ. އެންމެ ބޮޑު ސަބަބަކަށްވީ އެރަށަށް ދިރިއުޅުން ބަދަލުކުރަން އަޚްތަރު ބޭނުން ނުވީމައެވެ. އެހެންކަމުން ދެމީހުން ކައިވެނިކުރީ ޝީޒާގެ މައިންބަފައިންގެ ނުގަބޫލުގައެވެ. ޝީޒާގެ މައިންބަފައިންގެ އެންމެ ފަހުބަސް މިއަދުވެސް ޝީޒާގެ ކަންފަތުގައި ގުގުމަ ގުގުމާ އެބަހުއްޓެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް ޝީޒާވެސް އަދި އޭނާގެ މައިންބަފައިންވެސް އެގޮތައް އެބައެއްގެ ބަހުގައި ހިފަހައްޓައިގެން ހުރީއެވެ. އަދި އަދަށް ދާންދެންވެސް ވާހަކައެއް ނުދައްކައެވެ. ވާހަކަ ނުދައްކާނެ ނޫންހެއްޔެވެ. ޝީޒާގެ މައިންބަފައިން ބުނެފައިވަނީ އަޚްތަރާ ކައިވެނި ކުރި ދުވަހުން ފެށިގެން ޝީޒާ އަކީ އެމީހުންގެ ދަރިއެއް ކަމުގައި ނުދެކޭނެ ކަމަށެވެ.

އަޚްތަރުގެ ބެސްޓްފްރެންޑަށް ނަޒީފް ބަދަލުވީ ދެމީހުން އެއް އޮފީހެއްގައި މަސައްކަތް ކުރަންޖެހުމާއި ގުޅިގެންނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ދިމާވާ ކަންކަން ހިއްސާކުރަމުން އައިސް ވަރަށް ގާތް ދެމީހުންނަށް ބަދަލުވީއެވެ. އެންމެފަހުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްޓަކައި ދެމީހުން ހިއްސާވާ ކުންފުންޏެއް އުފެއްދިއެވެ. އަޚްތަރު މީހަކާ އިންނަމަވެސް ނަޒީފް އެކަހަލަ ކަމަކާ ޚިޔާލެއް ކުރާހެންވެސް ހީނުވެއެވެ. އެކަމާގުޅޭ ގޮތުން އަޚްތަރު އެހި ނަމަވެސް އެޔަކީ ކޮންމެކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫނޭ ބުނެލާނެއެވެ. އަދި އަޚްތަރަކީ ނަސީބުވެރިޔެކޭ ބުނެއެވެ.

ނަޒީފް ވަރަށް ވަރުން އަޚްތަރަށް ދިފާއީ ވަކީލެއް ހޯދިއެވެ. އަޚްތަރު ސަލާމަތް ކުރެވޭތޯ ކުރެވެން ހުރި ހުރިހާކަމެއް ކުރިއެވެ. އެހެނަސް ކުރި ހުރިހާކަމެއް ވީބޭކާރެވެ. ޤާޒީ ހުކުމް އިއްވީ އެކަމުގައި އަަޚްތަރު ބެދޭކަމަށެވެ. އަޚްތަރު އާދޭސް ކުރިއެވެ. އޭނާ އެކަހަލަ ކަމެއް ދުވަހަކުވެސް ނުކުރާކަމަށް ތަކުރާރުކޮށް ބުންޏެވެ. އެހެނަސް...އަޚްތަރު ގެ މުޅިހަޔާތް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރަންޖެހުނީއެވެ. އުންމީދީ ބިނާ ފުޑުފުޑުވެ ބިމާ ހަމަވީއެވެ . އޭނާގެ ހިތުގައި އަދިވެސް ވަނީ ގޮތް ނޭންގޭ އެތަކެއް ސުވާލުތަކެއް އުފެދިފައެވެ. އޭނާގެ މޭޒް ވަތްގަނޑަށް އެ ސިޓީ އުރަ ދާންޖެހުނު ގޮތެއް ވިސްނާ ވިސްނާވެސް އަޚްތަރަކަށް ނޭންގުނެވެ. ފަހަރެއްގައި ފުލުހުން ގަސްތުގައި އޭނާއަށް ދިންލަނޑެއް ނޫންބާއޭ އަޚްތަރު ހިތައްއަރައެވެ. އަޚްތަރަކީ އިދިކޮޅު ފިކުރުގެ މީހެއްކަމުން މިކަހަލަ ކަމެއް ވުންވެސް ގާތްކަމަށް އެންމެ ފަހުން އަޚްތަރު ނިންމިއެވެ. އަޚްތަރު ގެ އަބުރު ގެއްލުމަށްވުރެ ބޮޑަށް އޭނާ ދެރަވަނީ ޝީޒާގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީ ތީއެވެ. ދެން ޝީޒާ ފަކީރަށް އަޅާލާނެ މީހަކު ނުހުންނާނެތީއެވެ.

އެހެންކަމުން އަޚްތަރުގެ އެދުމަށް ނަޒީފް އޭނާއާއި ބައްދަލުކުރުމަށް ޖަލަށް އައެވެ. ނަޒީފް އާއި ބައްދަލުކޮށް އަޚްތަރު އެދުނީ އެމީހުންގެ ބިޒްނަސް ގެ ހިއްސާއިން އޭނައަށް ވީބައި ޝީޒާއަށް ބަދަލުކުރުމަށެވެ. އަދި ޝީޒާއަށް އަޅާލައި އޭނާއަށް ދަތިވާ ހުރިހާކަމެއް ކޮށްދިނުމަށެވެ. ނަޒީފް އެކުވެރިޔާއަށް ޔަގީންކޮށް އެރުވީ އެކުވެރިޔާ ބުނިގޮތައް ހުރިހާކަމެއް އޭނާގެ އަމިއްލަކަމެއް ކަމަށް ދެކިގެން ކުރާނެކަމަށެވެ. އަދި އަޚްތަރު އެކަމާ ފިކުރު ބޮޑު ނުކުރުމަށާއި އިސްތިއުނާފްގެ ކަންތައްތައްވެސް ވަރަށް ބާރަށް ކުރިއަށް ދާކަމަށް ބުންޏެވެ. އަދި ވަރަށް އަވަހަށް އިރާދަކުރެއްވީއްޔާ ޖަލުން މިންޖުވާނެކަމަށް ބުނެ ހިތްވަރު ދޫނުކުރުމަށް އެދުނެވެ.

ނަޒީފް އަބަދުވެސް އަޚްތަރާއެކު، އޭނާ އުޅޭ އެޕާޓްމަންޓަށް ގޮސް އުޅެއެވެ. މިހެން ގޮސްއުޅޭ އުޅުމުގައި މާ ނުކިއްސަރު ގޮތަކަށް ނަޒީފް ބަލާކަން ޝީޒާއަށް ފާހަގަ ކުރެވެއެވެ. އެހެނަސް އަޚްތަރައި ނަޒީފަކީ ވަރަށް ގާތް ދެމީހުންކަން އެގޭތީ އަދި އެކަހަލަ ހިޔެއް ވިއަސް އެވާހަކަ ދެއްކުމަކީ އެހާ ރަގަޅުކަމަކަށް ނުވާނެތީ ޝީޒާ އެެވާހަކައެއް އަޚްތަރަކާއި ހިއްސާއެއް ނުކުރެއެވެ. އެހެނަސް ޝީޒާއަށް ހީވި ހީވުންވީ ރަގަޅު ހީއަކަށެވެ. ނަޒީފްގެ ހިތުގައި ، ފުރަތަމަ ފެނިލުމާއެކު ޝީޒާގެ ސޫރަ ބިންވަޅު ނެގުނެވެ. އެރީތި ބަނިޔާދަން ސިފައަށް ހިތާހިތުން ތަޢުރީފް ކުރެވެން ފެށިއެވެ.
-
- ނުނިމޭ -


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ހާދަލަހޭ އަޕްވާލެއް

shaxu

ވ ވ ވ ނައިސް

މަރީ

ވަރަށް ރީތި އަވަހަށް އަޕްކޮށްދޭތި