ހިލޭ އަންހެނުންނާ އަތްޖޯޑުކޮށް ސަލާމްކުރުން ހުއްދައެއްނޫނެވެ.

ލިޔުނީ: ޢާޒިމް ޚާލިދު/ ވާދީ ބ.ހިތާދޫ | 10 ނޮވެންބަރ 2013

ހިލޭފިރިހެނުންނާއި ހިލޭއަންހެނުން އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް ކަމުގައި މުޢުތަބަރު އެންމެހާ ޢިލްމުވެރިން އެބަސްވެލައްވައެވެ. އަދި އެންމެ ހެއުތިންޤަރުނުގެ ބޭފުޅުންކަމުގައިވާ، ޞަޙާބީންނާއި ތާބިޢީންނާއި ތަބަޢައްތާބިޢީންގެ މަންޙަޖަކީވެސް މިއީއެވެ. ޞަލަފުއްޞާލިހުންގެ މަންޙަޖަކީވެސް ހަމަމިއީއެވެ. ހިލޭއަންހެނުންނަކީ، އެމީހުން ނިވައިނުވެތިބޭ ޙާލުގައްޔާއި ނިވައިވެތިބޭ ޙާލުގައިވެސް އެމީހުންނަށް ބެލުންވެސް ފިރިހެނުންނަށް މަނާކުރައްވާ ޙަރާމް ކުރައްވައިފައިވާކަމެކެވެ. ވީއިރު އެކަބަނލުންގެ ގައިގެ ތަނަކު ބީހުން ހުއްދަވާނީ ކޮންފަދައަކުންތޯއެވެ؟ ޝައްކެއްނެތް ހުއްދަވާނޭ ހަމައެއްވެސް ގޮތެއްނޯންނާނެއެވެ.

އެބޭކަލަކަށް ތަބަޢަވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރުމެންގެ މައްޗަށް ވާޖިބުކުރެއްވި އަހަރުމެންގެ ލޮބުވެތި ޙަބީބް ރަޙްމަތައްލިލް ޢާލަމީން މުޙައްމަދު صلى الله عليه وسلم ގެ މޫރިތި، ނަމޫނާއިންފުރިގެންވާ ޙަޔާތްޕުޅައް ބައްލަވައިލައިފި ކަމުގައިވާނަމަ އެނގިގެންދަނީ، އެކަލޭގެފާނުންގެ އަތްޕުޅު ދުވަހެއްގައިވެސް ހިލޭ އަންހެނެއްގެ އަތްޕުޅުގައި ނުބީއްސަވާކެމެވެ. އަޅުގަނޑުމެންނަށް އެކަން އެނގިގެންދަނީ އުއްމުލް މުއުމިނީން ޢާއިޝާ (رضي الله عنها) ގެ ކިބައިން ރިވާވެގެން އައިސްފައިވާކަމަށް ބުޚާރީއާއި މުސްލިމް އެދެބޭކަލުންގެ ޞަޙީޙުގައި ގެންނަވައިފައިވާ މިބަސްފުޅުންނެވެ. (لا والله ما مست يد رسول الله صلى الله عليه وسلم يد امرأة قط.) متفق عليه މާނައީ: "ﷲ ގަންދީ ހުވާކޮށް ބުނަމެވެ. ރަސޫލުﷲ صلى الله عليه وسلم ގެ އަތްޕުޅު ދުވަހަކުވެސް ހިލޭއަންހެނެއްގެ އަތުގައި ނުބީއްސަވައެވެ." އަދިވެސް ރަސޫލުﷲ صلى الله عليه وسلم ގެ ކިބައިން ރިވާވެގެންވާކަމަށް އިބްނު މާޖާ އެކަލޭގެފާނުގެ ސުނަންގައި ގެންނަވައިފައިވެއެވެ. (إِنِّي لَا أُصَافِحُ النِّسَاءِ) رواه ابن ماجة. މާނައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނު ހިލޭއަންހެނުންނާއި އަތާއިއަތްޖޯޑުކޮށް ސަލާމް ނުކުރަށްވަމެވެ." އިސްލާމްދީނުގެ މިމަތިވެރި ޝިޢާރު، ސަލާމްފަތުރަންވީގޮތް އެކަލޭގެފާނުވަނީ އުންމަތައް ވަރަށްވެސް ފުރިހަމަ ގޮތެއްގައި ބަޔާންކޮށްދީފައެވެ. ފިރިހެނުން އަންހެނުންނަށް އަންހެނުން ފިރިހެނުންނަށް ސަލާމް ކުރަންވީ ގޮތް އަޅުގަނޑުމެންނަށް އެނގިގެންދަނީ ޢައިޝަތުގެފާނުގެ ކިބައިން އަލްއިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީހުގައި ލިޔުއްވައިފައިވާ މިޙަދީޘްފުޅުންނެވެ. (كَانَ النبي صلى الله عليه وسلم يُبَايِعُ النِّسَاءَ بِا الْكَلاَمِ-وَمَا مَسَّتْ يَدُ رسولِ اللهِ صلى الله عليه وَسَلَّمْ يَدَ إِمْرَأَةٍ إِلَّا إِمْرَأَةً يَمْلِكُهَا) [البخاري:306] މާނައީ: " رسول اللهِ صلى الله عليه وَسَلَّمْ އަންހެނުންނާއި ބައިއަތު ހިއްޕަވަނީ ބަސްފުޅުންނެވެ. އަތްޕުޅަކުން ނޫނެވެ. އަދި رسول اللهِ صلى الله عليه وَسَلَّمْ ގެ އަތްޕުޅުން ހަމައެކަނި އެކަލޭގެފާނަށް ޙަލާލުވެގެންވާ އަންހެނުންގެ އަތުގައި ނޫނީ ދުވަހަކުވެސް ނުބީހެއެވެ." ބައިއަތު ހިތްޕެވުންފަދަ މުހިންމު ކަންކަމުގައިވެސް އަތްޕުޅު ނުބީއްސަވާއިރު ހަމަ އާދައިގެގޮތަކަށް ސަލާމް ކޮށްލުމަށް އަތާއި އަތްޖޯޑު ކުރުން ހުއްދަވާނީ ކޮންފަދަ އަކުންތޯއެވެ؟ އިސްވެދިޔަ ޙަދީޘްފުޅު އެކަނިވެސް ޙަޤީގަތުގައި މިމަޢުޟޫގައު ފުދެއެވެ. އެހެނީ رسول اللهِ صلى الله عليه وَسَلَّمْ ގެ އަރިހުން ކަމެއްސާބިތުވެއްޖެނަމަ އޭގައި ހިފުން ހުރިހާ މުއުމިނުންނަށް ހުރިހާ މުސްލިމުންނަށް ލާޒިމުވާނެއެވެ. ވާޖިބުވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ سورة الأحشر ގެ ހަތްވަނަ އާޔަތުގައި ވަހީކުރައްވައިފައި ވެއެވެ. ﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ﴾ މާނައީ: "އަދި ރަސޫލުﷲ صلى الله عليه وَسَلَّمْ ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން ﷲއީ އުޤޫބާތް ގަދަފަވެގެންވާ ރަސްކަލާނގެއެވެ."


ކިޔުންތެރިންގެ ޚިޔާލު...


ނަން :