ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ބެއެއް ބަސް ..

ލިޔުނީ: ޢާމިރު ޢަބްދުއްލަތީފު | 27 ސެޕްތެމްބަރ 2013

ހިތް އޮންނާނީ ދެލިގަނޑެއް ހެންނެވެ. ކަން އޮންނާނީ ވެލިގަނޑެއް ހެންނެވެ. (މުސްކުޅި ބަހެއް)
މިހެން ބުނެއުޅެނީ ހިތް ނުބައި ކޮށްގެން ބޭރުފުށް އޮމާންކޮށްލައިގެން ކުރާ ކަންތައްތަކާއި ބެހޭގޮތުންނެވެ.
ބައެއް މީހުން މީހަކަށް ކަމެއް ކޮށްދޭއިރު، ކޮށްދޭލެއް ރަނގަޅުކަމުން އުފާވާހައި ރަނގަޅަށް ކޮށްދެއެވެ. އެއީ ހަމަ ހިތުގެ އަޑިން ކޮށްދިން ކަމެއްކަމަށް ޤަބޫލުކުރެވޭ ގޮތަށެވެ. ނަމަވެސް ހަމަ އެމީހާ އެހެން މީހެއްގެ ގާތުގައި އެއްޗެއް ބުނެލާގޮތުން އެއީ އޭނާ ހިތާ ދެކޮޅަށް ޖެއްސުމަށް ކޮށްދިން ކަމެއްކަން ސާފުވެއެވެ.


ނުބީހެންޏާ ކަނޑާހަމައެވެ. (މުސްކުޅި ބަހެއް)
ކަނޑު ފުންވުމުގެ ސަބަބުން ދަތުރުކުރާ ދޯންޏަކަށް ނުވަތަ އޮޑިއަކަށް ނުބީހެންޏާ ކަނޑުގައި ދަތުރުކުރެވޭގޮތް ވަނީއެވެ. ތަންކޮޅެއް ތިލަތާކުންވެސް ދޯންޏަކަށް ނުބީހި ނުކުމެވިއްޖެނަމަ ދޯނި ދަތުރުކުރުމަށް ކަނޑެކޭ އެތަނެކޭ ތަފާތެއް ނެތެވެ. މިބަސް އުފެދިފައިވަނީ މި މިސާލުންނެވެ.
މިހެން ބުނެއުޅެނީ ބައެއް ފަހަރު މާބޮޑެތި ނުރައްކަލެއް މާކުޑަ ގޮތަކަށް ސަލާމަތްވެވޭ ސަލާމަތްވުމާއި ގުޅިގެންނެވެ.

ނަރެއްހާތަން ދޫކޮށްލިއްޔާ ކެނބެއްހާތަން ދަމައިގަންނާނެއެވެ. (ހަރުބަހެއް)
މިތާގައި ނަރެކޭ މިބުނެވުނީ ބޮނބި ނަރަކަށެވެ. ކެނބޭ މިބުނެވެނީ އޮޑިފަހަރު އަޅަން ގެންގުޅޭ އެންމެ ފަލަ ވަލަށެވެ. މާނައަކީ ކިތަންމެ ކުޑަ ތަންކޮޅެއް އަތުން ދޫކުރެވުނަސް އެދޫވީ ހީކުރެވޭ ވަރަށްވުރެ މާބޮޑު ތަނެކެވެ. އެބައި އަލުން އަތުލާން ދަތިވާނެއެވެ.
މިހެން ބުނެވެނީ ޤާނޫނާއި ގަވާއިދުފަދަ ކަންކަމާއި ފައިސާ ބެލެހެއްޓުންފަދަ ކަންކަމުން ކިތަންމެ ކުޑަ ލުޔެއް ދިނަސް އެއިން ލިބޭ ގެއްލުން ނުވަތަ އެއިން ހޯދާ ނޭކަށޭނަ ފައިދާ މާބޮޑުވާނެކަން އަންގައިދިނުމުގެ ގޮތުންނެވެ.


ބޮޑެތި އެއްޗެއްސަށް ބޮޑެތި ރާޅެވެ. ކުދި އެއްޗެއްސަށް ކުދި ރާޅެވެ. (މުސްކުޅި ބަހެއް)

ބޮޑެތި އުޅަނދުތައް ދަތުރުކުރަނީ ބޮޑެތި ކަނޑުތަކުގައެވެ. އެކަނޑުތަކުގައި ހުންނާނީވެސް ބޮޑެތި ރާޅެވެ. ކުދި އެއްޗެހި ދަތުރުކުރާނީ އާދައިގެ ކުދި ކަނޑުކަނޑުގައެވެ. އެތަންތާގައި ހުންނާނީ އާދައިގެ ކުދިކުދި ރާޅެވެ. އަދި ބޮޑެތި އެއްޗެހި ދުވެފައިދާއިރު ކަނޑުގެ ރާޅާ އެއުޅަނދުގެ ދުވެއްޔާއިއެކު އުފެދޭ ރާޅުވެސް ކުދި އެއްޗެހިން މިގޮތުން އުފެދޭ ރާޅަށްވުރެ މާބޮޑެތި ވާނެއެވެ. މިހެން ބުނެއުޅެނީ ފައިސާވެރިންނާއި ބޮޑެތި މީހުންނާ ދިމާވާނީ ބޮޑެތި ކަންތަކާއޭ، އާދައިގެ މީހުންނާ ދެރަ މީހުންނާ. އެވަރުގެ ކަންތަކެއް ދިމައެއް ނުވާނެއޭ، ބުނެވޭ ވަގުތުވަގުތަށެވެ. ނުވަތަ މީހުންނާ ކަންތައް ދިމާވާނީ އެމީހެއްގެ ވަރުންނޭ، ބުނެވޭ ތަންތާނގައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :