އޭދަފުށީގައި ކޮވިޑު ބަލި ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ

ހިތާދޫ އޮންލައިން | 08 ޖޫން 2021

ބ. އޭދަފުށީގައި ކޮވިޑު ބަލި ފެތުރުން ކޮންޓްރޯލް ވެފައިވާކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ވިދާޅުވީ އޭދަފުށީގެ ކޮވިޑްގެ ހާލަތު މިހާރު ކޮންޓްރޯލްވެފައި އޮތަސް މޮނިޓްރިންގެ ހާލަތުން ރަށް ނަގާނީ މިހާރު ނަގަމުން އަންނަ ރޭންޑަމް ސާމްޕަލްތަކާ އެކު ހުރިހާ ސާމްޕަލްތަކެއް ވެސް ޓެސްޓްކޮށް، އޭގެ ތެރެއިން ޕޮޒިޓިވް ކޭސްތައް ފަސް ޕަސެންޓަށްވުރެ ދަށް ނަމަ އެވެ.

“ދެން ބަލީގެ ހާލަތު އޭދަފުށީގައި އޮތް މިންވަރެއް އެނގިގެން ދާނީ ރެންޑަމް ސާމްޕަލްތައް ނެގި އޭގެ ނަތީޖާ އަންނަ ގޮތަކުން. އަޅުގަނޑުމެން އުންމީދުކުރަނީ ހުރިހާ ނަތީޖާއެއް ވެސް ނެގެޓިވްވެގެން އާއްމު ހާލަތަށް ދާނެ ކަމަށް،” ރަޝީދު ވިދާޅުވި އެވެ.

“ކުރިއަށް އޮތް ތަނުގައި އިތުރު ކޭސްތަކެއް ނުފެނުނު ކަމަށް ވިޔަސް ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އެތަނުން ވަކި ގޮތެއް އަންގަންދެން އަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެއް، ދެން މިވަގުތު އެންމެ ބޮޑު އިސްކަމެއް މި ދެނީ ރެންޑަމް ސާމްޕަލް ނަގަން. އެގޮތުން އަންނަ ބުރާސްފަތު ދުވަހުގެ ނިޔަލަށް ސާމްޕަލް ނެގުން ކުރިއަށްދާނެ” އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި އޭދަފުށީގައި އާދީއްތަ ދުވަހު ރޭންޑަމް ސާމްޕަލް ނަގަން ފަށާފައި ވާއިރު އަމާޒަކީ 350 ސާމްޕަލް ނެގުމެވެ. މިހާތަނަށް ރޭންޑަމް ސާމްޕަލްގެ ގޮތުގައި 125 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގައިފަ އެވެ.

“މިހާލަތުން އަރައި ގަތުމަށް ރެންޑަމް ސާމްޕަލ ދިނުން ވަރަށްމުހިއްމު، މިކަމުން ވީހާ ވެސް އަވަހަށް އަރައިގަނެވޭނީ ފިޔަވަޅުތަކާ އެއްގޮތަށް ހުރިހާ އެންމެންް ވެސް އަމަލު ވެސް ކޮށްގެން،” އޭނާ ވިދާޅުވި އެވެ.

އޭދަފުށިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 287 އެވެ. ނަމަވެސް 259 މީހަކު ބަލިން ރަނގަޅުވެ، މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 26 އެވެ. ކޮވިޑް ބަލީގައި އޭދަފުށިން ތިން މީހަކު ވަނީ ނިޔާވެފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :