ހިތާދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 2 ވަނަ ޖަލްސާ ފޮޓޯ - ހިތާދޫ އޮންލައިން

މެންބަރުން ކަންބޮޑުވުން ހުރުމުން ޤަވާއިދު ފާސްކުރުން ލަސްކޮށްފި

ހިތާދޫ އޮންލައިން | 26 މެއި 2021

ލޯކަލް ގަވަރމަންޓު އޮތޯރިޓީން ޑްރާފްޓު ކޮށްފައިވާ ކައުންސިލުގެ ހިންގާ ޤަވާއިދުގައި މެންބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކައުންސިލުގެ ހިންގާ ޤަވާޢިދު ފާސްކުރެވޭނީ ވަރަށްބޮޑަށް ދިރާސާކޮށް ބަލައި އިސްލާޙު ކުރުމަށް ފަހުކަމަށް ބުނެ މެންބަރުންގެ އިއްތިފާގުން ޤަވާއިދު ފާސްކުރުން ދެން އަންނަ ޖަލްސާއަކަށް ފަސްކުރުމަށް މިއަދު މެންދުރު 12:00 ބޭއްވި ހިތާދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސް ކޮށްފިއެވެ.

ޖަލްސާގައި ބަހުސް ކުރަން ހުޅުވާލި ފުރުޞަތުގައި ވާހަކަ ދައްކަވަމުން މެންބަރ މުޙައްމަދު ފާޞިލް ވިދާޅުވީ ހެނދުނު 08:30 އިން 03:00 އަށް އެލްޖީއޭގެ ބައްދަލުވުން ތަށް ކުރިއަށް ދިޔުމުން ޤްވާއިދު ދިރާސާ ކޮށްލަށް އެކަށީގެންވާ ވަގުތު ލިބިވަޑައި ނުގެންނެވި ކަމަށާއި އަންނަ ޖަލަސާއަށް ޤަވާޢިދު ފާސްކުރުން ލަސްކޮށްލަން ފެނިވަޑައި ގަންނަވާ ކަމަށެވެ.

ނާއިބުރައީސް މުޙައްމަދު ޙަސަން ވިދާޅުވީ ޤަވާއިދުގެ ނަންބަރު 50،55،56،57، އަދި 51 ގެ "ހ" އިސްލާހު ކުރަން ފެންނަކަމަށެވެ. މެންބަރ ސާމިއާ ޢަބްދުއްލަތީވު ވިދާޅުވީ ޤަވާއިދު ނަންބަރ 50 އަދި 56 1،2،3 އިސްލާހު ކުރަން ފެންނަކަމަށް ވިދާޅުވެފައެވެ.

ހިތާދޫ ކައުންސިލަށް ހޮވުނު ހަމައެކަނި މިނިވަން މެންބަރ ޢާއިޝަތު ރީޝާ ވިދާޅުވީ ޤަވާއިދު ނަންބަރ 51 ގައި ބުނެފައިވާ ފަދައިން ކޮންމެ ފަހަރަކު ރަށުން ބޭރަށްދާއިރު ވަގުތުން ލިޔުމުން އެންގުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެކި މީޑިއާގެ ވަޞީލަތްތަށް ބޭނުން ކޮށްގެން އަންގުމަށް އެމާއްދާ އިސްލާހުކުރަން ބޭނުންވާކަމަށެވެ.

ދެން މިޖަލްސާގައި ބަހުސްކޮށްފައިވަނީ ޢިޖުތިމާއި ސަރަހައްދުތަށް ކުނި ކެހުމާއި ކުނި އަޅާތަން ބެލެހެއްޓުމާއި މެދުގައެވެ. އެޖެންޑާ ހުށައަޅުއްވަމުން ރައީސް ޢަބްދުލް ޢަޒީޒު ވިދާޅުވީ މިމަހުގެ ނިޔަލަށް މިހާރު ހަވާލު ކޮށްފައިވާ ފަރާތުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ ކަމަށާއި އަލުން ޢިޢްލާނު ކޮށްގެން ހުށައެޅިފައިަވަނީ އެންމެ ފަރާތެއްގެ ބިޑު ކަމަށައި ވަތުގެ ކުޑަވުމުގެ ސަބަބުން ބިޑްކޮމެޓީވެސް ބޭޢްވިފައި ނުވާކަމަށެވެ. އަދި މިހާރު ބަލަހައްޓަމުންދާ ފަރާތާއި ވަގުތީގޮތުން އެއްމަސް ދުވަހަަށް ހަވާލުކުރެވިދާނެ ކަމަށެވެ.

މިމައްސލައިގައި މެންބަރު ފަޟިލް ވިދާޅުވީ މިހާރުވެސް ބަލަހައްޓަމުންދާ ފަރާތާއި ހަވާލުކޮށް ޖޫން މަސް ނިމުގެ ކުރިން އަލުން ކުނި ނައްތާލުމުގެ ގޮތްތަކެއް ނިންމައި ބިޑު ކުރުމަށެވެ.

ނާއިބުރައީސް މުޙައްމަދު ޙަސަނަް ވިދާޅުވީ މުއްދަތު އިތުރު ކުރަން ފެންނަ ކަމަށާއި މިގޮތަށް ކުރިންވެސް ދިމާވެފައިވާ ކަމަށާޢި މިކަން ތަކުރާރު ނުވާނެހެން ދުރާލާ ޢިޢްލާން ކުރަން ޖެހޭކަމަށެވެ.

މެންބަރ ސާމިއާ ވިދާޅުވީ މިހާރުވެސް ހަވާލުވެ ހުރިފަރާތަށް މުއްދަތު އިތުރު ކުރަން ފެންނަ ކަމަށާއި ކައުންސިލަށް ކުރިމަތިލީ ހުރިހާ ބޭފުޅުންވެސް ކުނިނައްތާލުމަށް ގިނަ ވަޢުދުތަކެއް ވެފައިކަމަށާއި ޖޫން މަސް ނިމުގެ ކުރިން ކުންޏާއި މެދު ރަނގަޅު ނިންމުންތަކެއް ނިންމަން ފެންނަކަމަށެވެ.

މެންބަރ ޢާއިޝަތު ރީޝާއަށް ދެއްވި ފުރުޞަތުގައި އެކަމަނާ ވިދާޅުވީ މިކަމުގެ މަޢްލޫމާތު ލިބިލައްވާފައި ނުވާކަމަށެވެ. އެގޮތުން މިހާރު ހަވާލުވެ ހުރި ފަރާތާއި ހަވާލު ކޮށްފައިވަނީ ކިހާވަރަކަށްތޯ ރައީސާ ސުވާލު ކަުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިހާރު ހަވާލު ކޮށްފައިވަނީ 12130 ރުފިޔާއަށް ކަމަށެވެ.

މިމައްސަލަވެސް ކައުންސިލު ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ މިހާރު ހަވާލުވެހުރި ފަރާތަށް އެއްމަސް ދުވަސް އިތުރު ކޮށް އަލުން އިޢްލާން ކުރުމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :