އެމްޑީޕީއަށް ދޭ ވޯޓަކީ ދަރިންގެ ދަރިންގެ ކުރިމަގު ނާކާމިޔާބު ކޮއްލުން!؟

ޢާމިރު ޢަބްދުއްލަޠީފު | 09 ޑިސެންބަރ 2020

އެމްޑީޕީއަށް ދެވޭ ވޯޓަކީ ދަރިންގެ ދަރިންނާ މާމަ ދަރިންގެ މުސްތަގުބަލު ނާކާމިޔާބު ކޮށްލުން.. ސޭ ނޯޓު އެމްޑީޕީ" މިއީ އަޅުގަނޑުގެ ފޭސްބުކު ވޯލުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ހަދާފައިވާ ޕޯސްޓަރެއް ހިއްސާ ކުރުމުން މީހަކަ ކޮށްފައިވާ ކޮމެންޓެކެވެ.

ޙަޤީގަތަކީ ކޮބައިހެއްޔެވެ؟ އެމްޑީޕީ އަށް ދެވޭ ވޯޓަކީ ހަމަ މިފަދަ ނުރައްކަތެރި އެއްޗެއް ހެއްޔެވެ؟ މިގޮތަށް ކޮމެންޓު ކުރާ މީހުަން މިހެން ބުނަނީ ކީއްވެ ހެއްޔެވެ؟ މީހަމަ ރައްޔިތުންގެ ވިންދު ނުވަތަ މަދު ބައެއްގެ ވިސްނުމާ ފިކުރު ހެއްޔެވެ؟ ދެފަހަރު މަތިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުންނަށް ވެރިކަން ހަވާލު ކުރީ ރައްޔިތުންނަށް އޮޅިގެން ހެއްޔެވެ؟ މިއީ ހައްތާވެސް މިކޮމެންޓު ކިޔާލާފައި އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލުތަކެވެ.

މާޒީއަށް ޖެހިލަމާ ހިނގާށެވެ. އެމްޑީޕީ ވެރިކަމަށް ފުރަތަމަ އައީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްގެންނެވެ. ކުރީގެ ސަރުކާރުން ރައްޔިތުންނަށް ލިބެމުން ނުދާ އެތަށް އަސާސީ ޙައްގަކާޢި ޚިދުމަތްތަކެއް އެމްޑީޕީ ސަރުކާރު ވުޖޫދު ވުމާއި ހިސާބުން ލިބެމުންދިޔައެވެ. އަދި ކުރިން އެއްބަޔަކަށް ލިބެމުން ދިޔަ ލުއިފަސޭހަ ތަކަކާއި ލިބެމުން ދިޔަ އާމްދަނީގެ ދޮރުތަކެއްވެސް ބަންދުވެ ދަތިތަކާއި ކުރިމަތި ލާންޖެހުނުނެވެ.

ހަލާލު ގޮތުގައި މަސައްކަތް ކޮށް އާމްދަނީ ހޯދަން ހުރަސް އެޅިފައިވި ދޮރުތަކެއް ނެތިގޮަސް ނިކަމެތި ރައްޔިތު މީހާގެ ޖީބަށް ފައިސާ ވެއްދުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. އޮޑިވެރިއެއްގެ ފައިބުޑަށް ވެއްޓި އޮޑިވެރިޔާއަށް އަނބިދަރިން ހަދިޔާއަކަށް އަރުވައިގެން މެނުވީ ބަލިތަންމަތީގައި އޮންނަ ބަފާ މީހާއަށް ބޭނުންވާ ފަރުވާ ދޭން ކަރިރީގައި އޮންނަ ރަށަށް ދާންޖެހުނު ދުވަސް މާޒީކުރުވައި އަތްފޯރާ އަގުގައި އަބުރުވެރިކަމާއި އެކު ދަރުތުރު ފަތުރު ކުރެވޭނެ ނިޒާމެއް ގާއިމުވެގެން ދިޔައެވެ.

ކަސްބީ އަންހެނެއްގެ އަވާގައި ޖެހި ދަރިންކޮޅު ބިކަކޮށް ދަރިންކޮޅު ބޮލަށް ޖަހާފައި ވީނުވީއެއް ދިޔަނުދިޔަތަނެއް ނޭގި ކުރީގެ ފިރިމީހާ ދަރިންގެ ބަފާގެ އެހީތެރިކަން ނުލިބި ބިކަވެފައި މަޖުބޫރީ ހާލުގައި މީހުންނަށް ގުލާނު ކޮށްދީ އެވަރުން ދެކޮޅު ނުޖެއްސިގެން މުއްސަނދިންގެ އެހީއަށް އެދުމުން ހަށިގަނޑު ނީލަން ކިޔަން އެދުނު މަހުޖަނުންގެ ކިބައިން އެކަނިވެރި ނިކަމެތި ހާލުގައި ޖެހިފައިވާ މައިންނާ ދަރިންނަށް ހަމްދަރުދީގެ ބެލުމުން ބަލައި އަބުރުވެރި ޢިއްފަތްތެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.

ޒުވާން ދުވަސްވަރު ކުރި ބުރަމަސައްކަތުން ގައުމު ކޮޅަށްޖަހައި މިއަދު ޢުމުރުން ދުވަސްވެ ގައިން ބާރުގޮސް މަސައްކަތެއް ކުރެވޭނެ ވަރުނެތި ޢާއިލާއާއި ދަރިންގެ އެހީތެރިކަން ނުލިބި ގޮތްހުސްވެފައި ބޭސްކޮށްލާނެ ވަރުވެސްނެތި އަތްމަތި ހުސްވެ ކުރިމަސައްކަތުން ފަހަށް ރައްކާނުކުރެވި ބިކަވެފަ ތިބި ނިކަމެތި ޢުމުރުން ދުވަސްވީ މައިންބަފައިންނަށް ފައިސާގެ އެހީއެއްދެއްވައި ރައްޔިތުން ސަލާމް ނުޖެހިނަމަވެސް ހިލޭ ބޭސް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިޔައެވެ. އާއިލާގައި ހުންނަ ނުކުޅެދޭ މެންބަރުގެ ސަބަބުން އާއިލާއަށް ހަމަޖެހުން ނުލިބި މާލީ އަނދަވަޅަކަށް ވެއްޓި އެކުއްޖާ އާއިލާގެ ބުރައަކަށްވެ އާއިލާއިން ބާކީވެ މުޅި މުޖުތަމަޢުން ބާކީ ވަނީކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ އާއިލާތަށް ހިނިތުން ކުރުވިއެވެ.

މިހުރިހައި ކަމަކީވެސް އެމްޑީޕީ ސަރުކާރު އައުމުގެ ކުރިން ރައްޔިތުން ފަރިތަ ކަންކަމެއް ނޫނެވެ. ކުރީގެ ސަރުކާރު ތަކައުން ލިބެމުން އައި ކަންތަށްތަކެއް ނޫނެވެ. ނަމަވެސް އެމްޑީޕީ ސަރުކާރު އައުމުން ގެއްލުންތަކެއްވެސް ލިބުނު ބަޔަކުވެސް މި ދިވެހި ފަސްގަނޑު ނެތެކޭ ނުދެންނެވޭނެއެވެ.

ތިމާގެ އަތުގައި ތަނަވެސްކަން ހުރީތީވެ، އޮޑިދޯނިފަހަރު ހުރީތީވެ ނިކަމެތި ރައްޔިތުންނަށް މަޖުބޫރު ކުރުވައި އެކިޒާތްޒާތުގެ ނާޖާއިޒު ފައިދާނަގައި ނުވިތާކަށް އެމީހުންގެ އަނބިދަރިންގެ ކަރާމާތަށް ގެއްލުން ލިބޭފަދަ ކަންކަން ކޮށް ޝަުހުވަތްތެރި ފައިދާ ހޯދަމުން ދިޔަ ބަޔަކަށް އެމްޑީޕީ ސަރުކާރު ވުޖޫދަށް އައުމުން ލިބުނީ މާޔޫސްކަމާއި ހިތްދަތިކަމެވެ. އެމީހުން އެގޮތަށް ކުރަމުންދިޔަ ވިޔަފާރިތައް ބަނގުރޫޓުވިއެވެ. އެމީހުންގެ ވަކި ދަށުން ނިކަމެތިން މިންޖުވެ މަޖުބޫރީ ހާލުގައި ކުރުވަމުން ގެންދިޔަ ކަންކަމަށް ނިމުމެއް އައެވެ.

ކޮރަޕްޝަނާޢި މަގާމުގެ ނުފޫޒު ފޯރުވައި ހޯދަމުން ދިޔަ ބިޔަބޮޑު އަދަދުގެ ފައިސާއާއި މަގާމުތަށް ހޯދުމުގެ ފުރުޞަތު ގެއްލި ކުރިން ލިބެމުން އައި އާމްދަނީގެ ބޮޑު އަދަދެއް ގެއްލިގެން ދިޔައެވެ. މަސްތުވާތަކެއްޗަކީ އެމީހުންގެ މައިގަނޑު ވިޔަފާރީގެ ގޮތުގައި ބަލައިގެން އުޅުނު މީހުން އެ ވިޔަފަރި ހުައްޓާލަން މަޖުބޫރިވިއެވެ. ކުރިން މިނިވަން ކަމާއި އެކު ކުރަަމުން ދިޔަ މި ވިޔަފާރި ކުރުމަށް ހުރަސްއަޅައި އެމީހުން ޖަލުގެ ތޭރިތަކުގެ ތެރަށްލައި ހައްޔަރު ކުރަން ފެށިއެވެ. މިއީވެސް އެމްޑީޕީން ސަރުކާރާއި ޙަވާލުވުމުން ނުހަނު ބޮޑު ގެއްލުން ވި ސިނާއަތެކެވެ.

ކޮންމެއަކަސް އެމްޑީިޕީ ސަރުކާރާއި ޙަވާލުވުމުން ރައްޔިތުންގެ އެއްބަޔަކަށް ގެއްލަުންވެ އަނެއް ބަޔަކަށްވީ ފައިދާއެވެ. މީ އެއްވެސް މީހަކަށް ދެބަސް ނުވެެވޭނެ ޙަޤީޤަތެކެވެ.

ހަމަ ގައިމުވެސް އެމްޑީޕީއަށް ދޭ ވޯޓަކީ އެއްބަޔަކަށް އެމީހުންގެ ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަޤުބަލު ހަލާކު ކޮށްލުމަށް ދެވޭ ވޯޓެކެވެ. އަނެއްބަެއެއްގެ ދަރިންނާ ދަރިންގެ ދަރިންގެ ކުރިމަގު އުޖާލާ ކުރުމަށް ދެވޭ ވޯޓެކެވެ. ގޮްތް ނިންމާނީ ތިބާއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :