ބ. ތުޅާދޫ

ބ. ތުޅާދޫގައި އެއާޕޯޓެއް އަޅަނީ!

ހިތާދޫ އޮންލައިން | 13 ނޮވެންބަރ 2020





ބ. ތުޅާދޫގައި އެއާޕޯޓް އެޅުމުގެ ޕްލޭނެއް ކުރެވިފައި ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ސަރުކާރުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް އަހަރު ށ. ބިލެތްފަހި އަދި މ. މުލީގައި އެއާޕޯޓް އެޅިގެންދާނެ ކަމަށެވެ. އަދި ބ. ތުޅާދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ ޕްލޭން ކުރެވިފައިވާ ކަމަށް ނަހްލާ ވިދާޅުވި އެވެ.

“ކުރިއަށް އޮތް އަހަރު ބިލެތްފަހި އަދި މުލި އެއާޕޯޓް އެޅިގެންދާނެ. އަދި ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރެވިފައި ވަނީ. އެހެންވީމަ މި ދެންނެވި އެއާޕޯޓްތައް އެޅުނީމަ އިތުރަށް ފުރިހަމަ ވާނެ،” ނަހްލާ ވިދާޅުވި އެވެ.

ތުޅާދޫ ފަޅު ހިއްކައިގެން އެރަށުގައި އެއާޕޯޓެއް ތަރައްޤީކޮށްދެވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި މެދުނުކެނޑި އެރަށު ކައުންސިލުން އައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިސަރުކާރު ވެރިކަމާ ހަވާލުވިތާ ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހަށް ތުޅާދޫ ކައުންސިލުގެ ވަފުދެއް ފޮނުވައި އެކަމާ ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ޒަމާނުއްސުރެ ތުޅާދޫ ރައްޔިތުން އެއާޕޯޓެއްގެ ހުވަފެން ދެކެމުން އަންނަކަށް ވެސް އެރަށު ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ.

ތުޅާދޫގައި އެއާޕޯޓް އެޅުމުގެ ޕްލޭނެއް ކުރެވިފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވިއިރު، މިއަތޮޅު ދަރަވަންދޫގައި ވެސް ދަނީ އެއާޕޯޓެއް ހިންގަމުންނެވެ.

ބ. އަތޮޅަކީ ގިނަ އަދަދެއްގެ މަހުޖަނުން ކޮންމެ އަހަރަކުވެސް ޒިޔާރަތް ކުރަމުން އަންނަ އަތޮޅެކެވެ. މިމަހުޖަނުން އަންނަ ޖެޓް ފުލައިޓްތަށް ދަރަވަންދޫ އެއާޕޯޓުގައި ނުޖެއްސޭކަމުގެ ޝަކުވާ ބ. އަތޮޅު ރިޒޯޓުތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިން އަބަދުވެސް ކުރެއެވެ.

ބ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތުޅާދޫގައި އަޅަން ޕްލޭން ކުރާއިރު ޖެޓް ޖެއސޭ އަދި ޕާކު ކުރެވޭ ވަރުގެ އެއާޕޯޓަކަށް ވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް އަތޮޅުގެ ރައްޔިތުން ދެކެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :