ދަރަވަންދޫގަިއ ހެދި ކޮވިޑް ޓެސްޓް ލެބޯރެޓަރީ ހުޅުވަނީ

ކޮވިޑް-19 ޓެސްޓް ކުރެވޭ ލެބޯޓަރީއެއް ދަރަވަންދޫގައި ހުޅުވައިފި

ހިތާދޫ އޮންލައިން | 13 ނޮވެންބަރ 2020





ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވުމުގެ ގޮތުން ބ. އަތޮޅުގައި ހިންގާ ދެ ރިސޯޓެއް ގުޅިގެން ދަރަވަންދޫގައި ގާއިމްކުރި ކޮވިޑް-19 ޓެސްޓު ލެބޯރެޓަރީ ރަސްމީކޮށް ހުޅުވައިފި އެވެ.

ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައި ދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާ މި ހިދުމަތް ދިނުމުގައި އެހީތެރިވެދެއްވި ނައުޓިލަސް މޯލްޑިވްސް އާއި މިލައިދޫ ރިސޯޓްގެ އިސްވެރިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ބ. ދަރަވަންދޫ ކައުންސިލުގެ އެހީތެރިކަމާއެކު ގާއިމުކުރި މި ލެބޯޓްރީއަށް އެ ދެ ރިސޯޓުން ހަދިޔާކުރި ޕީސީއާރު މެޝިނުން ގަޑިއަކު 70 ސާމްޕަލް ޕްރޮސެސް ކުރެވޭނެ ކަމަށާއި 24 ގަޑިއިރަށް ވުރެ އަވަހަށް ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ދަރަވަންދޫ ސިއްހީ މަރުކަޒުން ބުނެއެވެ. މި ލެބޯރެޓަރީން ޚިދުމަތް ދޭން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

އެ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ، އެ މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމް ކުރިއަށްގެންދިއުމުގައި ރިސޯޓްތަކާ ކައުންސިލްތައް ގުޅިގެން މަސައްކަތްކޮށް މިފަދަ ނަމޫނާ ދެއްކުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ދަރަވަންދޫގައި މި ލެބޯރެޓަރީ ހުޅުވުމަކީ ބ. އަތޮޅަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމެއް ކަމަށާއި އަދި މިކަމަކީ މިއަތޮޅަށް ދަތުރުކުރާ ފަތުރުވެރިންގެ އިތުރުން މި ސަރަހައްދުގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅުނު ހަރުދަނާ މުހިންމު ފިޔަވަޅެއްކަމަށް މި ލެބޯރެޓަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައުޓިލަސް މޯލްޑިވްސް ރިސޯޓްގެ ޖެނެރަލް މެނޭޖަރު މުޙައްމަދު އަޝްރަފް ވިދާޅުވި އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ލެބޯރެޓަރީގެ މަސައްކަތް ނިންމައި މި ޚިދުމަތް ފޯރުކޮށްދިނުމުގައި ދަރަވަންދޫ ކައުންސިލުން ވެދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެ ދެ ރިސޯޓުން ޝުކުރު އަދާކުރެއްވި އެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :