އެންމެމޮޅު އިކޮނޮމިކުސް ޓީޗަރ ޒެމް – ހަތާވީސްވަނަ ބައި

އަޙްމަދު ޒަކީ | 01 ޖުލައި 2020





ފަރިކަމަނާގެ މަންމާފުޅު ޢަމަލުކުރެއްވި ގޮތުގެ ސަބަބުން ލިބުނު ހައިރާންކަމާއި، އުދާސްތައް ފިލާ ނުދެއެވެ. މަންމާފުޅުގެ ހިތް ނިޔަތް ހޯދުމަށް ކޮންމެހެން ވެސް ބޭނުންވިއެވެ. އެހެނީ އެކަމަކީ އަހުރެންގެ އުންމީދުތައް ކަމުގައިވާ ބުލްބުލް ވެސް ލިބުމާއި ނުލިބުން ގުޅިފައި ވާތީއެވެ. މަންމާފުޅުގެ މަޤުޞަދަކީ ކޮބައިތޯ ބަލަން ކުޅަ މަސައްކަތުގެ ތެރެއިން ވަރަށް އާދަޔާއި ޚިލާފު ލޯބީގެ ވާހަކައެއް ފެންމަތި ވެއްޖެއެވެ. އެވާހަކަތައް އަޑު އަހާފައި އަހުރެންގެ ހިތް ރޮއްވާލި ކަހަލައެވެ. މަދުރަސީ ދައުރުގައި އެންމެ 14 އަހަރުން ފެށިގެން އެމީހެއްގެ ލޯބި ހޯދުމަށް ކުރި ދިގު ދަތުރުގެ ވާހަކައެވެ. ލޯބިވާ މީހާއަށްޓަކައި ނުވަނީ ކޮންޤުރުބާނީއެއް ތޯއެވެ. އިސްކޫލަށް ދަބަސް ހަތަރު އަހަރުދުވަހު އުފުލައިދިނެވެ. އެންމެ ދުވަހެއް ވެސް ވައްޓައި ނުލައެވެ. ކޮންމެ ދުވަހަކު ސުކޫލަށް ނާސްތާ ގެންގޮސްދިނެވެ. ވިއްސާރަ ދުވަހެއް ނަމަ ތެމިގެން ކުޑަ ގެންގޮސްދިނެވެ. އަމިއްލަ ފިލާވަޅުތައް ނަހަދާ ލޯބިވާގެ ފިލާވަޅުތައް ފުރިހަމަކޮށްދިނެވެ. މެދުކެނޑުމެއް ނެތި ކުރުބާ ކަށިކެޔޮ ރަށުން ގެނެސްދިނެވެ. ގެޔަށް ހެދިކާއެއް ވިޔަސް ބާޒާރުން މަހެއް ގަންނަންޖެހުނަސް އެއްވެސް ހިތްބަރުކަމެއް ނެތި އުފަލުން ކުރީ މަދު ދުވަސްކޮޅަކު ނޫނެވެ. އަހަރުތަކެއް ވަންދެންނެވެ. ބައްޔެއްކަމެއް ވެއްޖެނަމަ ހިތް ކުދިކުދި ވެއެވެ. އަދި ނުނިދާ ހޭލާ ދަމަށް އިންނަނީ އުފަލުން އެމީހެއްގެ މޫނަށް ބަލާށެވެ. ލިބޭނެކަމުގެ ފޮނި ހުވަފެން ދެކޭށެވެ. އެމީހަކު އަމިއްލައަށް ލޯބި ހުށަހަޅާނެކަމުގެ އިންތިޒާރުގައެވެ. އެހެނީ ދެމީހުންގެ ފެންވަރުގެ ފަރަގު ބޮޑުކަމުން އަމިއްލައަށް އިސްނަގާ ލޯބިވާ ވާހަކަ ބުނަން ނުކެރިފައެވެ. ކޮންމެ ދުވަހަކު އެހާ ގާތުގައި އުޅޭ އިރުވެސް، ލޯބި އިންތިހާއަށް ވާއިރުވެސް، ހިތް އެދިއެދި ގޮވާއިރުވެސް ކެތްތެރިކަމާއި އެކު ހިތުލޯބި ފޮރުވާފައި ބާއްވައިގެން އުފާ ޙާޞިލުކުރަމުން ގެންދިޔައީ އެމީހެއްގެ ޖާދުވީ ހަށިގަނޑުން ދުވާ މީރު ވަހާއި، ބައެއް ފަހަރު ލިބޭ ހިނިތުން ވުމުންނެވެ. އެއީ މުޅި ޙަޔާތެވެ. ހުރިހާ ވެސް އުފަލަކީ އެކުގައި ނޯކިރީއެއްގެ ގޮތުގައި ވިޔަސް ހޭދަކުރަން ލިބޭ ވަގުތުކަން ކަށަވަރުތާއެވެ. މިއަދު ނުލިބުނަސް މާދަމާ ލިބޭނެކަމުގެ އުންމީދުގައި އިންތިޒާރުކުރީ އެއްވެސް ޝައްކެއް ނެތި ޝަކުވާއެއް ނެތިއެވެ. އަދި އެއްވެސް މީހަކަށް ވެސް ފާޅުކުރުމެއް ނެތިއެވެ. އެމީހަކު ލޯބި ވާނެ ދުވަހެއްގެ އިންތިޒާރުގައެވެ. މާޔޫސްކަމެއް ނެތި ޔަޤީންކަމާއި އިތުބާރާއި ވެސް އެކުގައެވެ. އެހެނީ ދުވަހަކު ވެސް ފިރިހެން ކުއްޖަކާއި އެކު އެކަހެރިކޮށް ހުއްޓަކާއި ނުފެނެއެވެ. އަދި އެގޮތުން ޚާއްޞަ ފިރިހެން ކުއްޖަކު ވެސް އަމުދުން ނުހުރެއެވެ. އެހެންކަމުން ހަމަ ކޮންމެ ވަގުތެއްގައި ވެސް ލޯބި އަތަށް އަރާފާނެކަމުގެ އުންމީދު ކުރެވުނެވެ. އެހެންނަމަވެސް ހިތުގައި އޮންނަ ބިރުވެރިކަން ނުހަނު ބޮޑެވެ. އެހެންކަމުން އަބަދު ވެސް ލޯބިވާ އިންސާނާގެ ވަށައިގެން ފާރަލައި ބަލާ ހެދީ ބޮޑީގާޑެއްގެ ދަރަޖައަށެވެ. އޭގެ ސަބަބުން މައިން ބަފައިންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ވަނީ ލިބިފައެވެ. އަދި ޚުދު އެކުއްޖާފުޅު ވެސް އެކަން ޤަބޫލުކުރެއްވީ ހިތުގެ އެންމެ އަޑިންނެވެ. އެގޮތުން ކޮންމެ ވަގުތެއްގައި ކޮންމެ ތާކަށް ދާންޖެހުނަސް ފަސްޖެހުމެއް ނެތި އެކުގައި ގޮސް އުޅުނެވެ. ޕިކުނިކު ދަތުރުތަކާއި، މަސްދަތުރުތަކާއި، ޕާޓީތަކަށް ގޮސް އުޅުނީ ވެސް ދެމީހުން އެކުގައެވެ. އެކަކު އަނެކަކާއި ދިމާކޮށް މަޖާކޮށް ހީސަކަރާތް ޖަހާ އުޅުނީ ދެލޯބިވެރިން ނޫނަސް ދެމަފިރިކޮކާ ޖޯޑެއް ފަދައިންނެވެ. ހަށިގަޑުގެ އެތެރެއިން ހިތުގައި ރިހުމެއް ހުރިކަމުގައި ވިޔަސް އުފާވެރި ދުވަސްތަކެކެވެ. އެގޮތުން ބޭނުންތާކަށް ބޭނުން ވަގުތެއްގައި އެކުގައި ގޮސް އުޅެވުނެވެ. ތަނަވަސް އާއިލާއެއްގައި ހުރި ހަމަ އެކަނި ކުއްޖާއަށް ވީތީ، ފައިސާއަކީ ވެސް މަދު އެއްޗެއް ނޫނެވެ. އެގޮތުން ހިތްހަމަޖެއްސުމަށް، ފޫހި ފިލުވުމަށް، މަޖާކުރުމަށް ރޭވި ކޮންމެކަމެއްގައި ހުރިހާ ޚަރަދެއް ވެސް ކުރީ އެކުއްޖާފުޅެވެ.
ސޭޓުބެ: " ޒެމް އަކީ ހާދަ ނަޞީބު ގަދަ މީހެކޭ! ޒެމްއަށްޓަކައި އަކީކޯ ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވާނެއެވެ." ފެންކަޅިވެފައި އިނދެ ސޭޓުބެ ބުނެލިއެވެ.

ޒެމް: " ސޭޓުބެއަށް އަކީކޯގެ މަންމާފުޅު ލިބުނުނަމަ ހާދަ އުފާވެރި އާއިލާއަކަށް ވީހެއްޔެވެ."
އަކީކޯ: " ދެމީހުން މާޒީ ހަނދާން ކުރަނީ ދޯ! ހިނގާބަލާ ރަށުތެރެ ދައްކާލަން." ކުއްލިއަކަށް ގޮވާލި އަޑަށް ސިއްސައިގެން ގޮސް ދެމީހުންނަށް ވެސް ކޮޅަށް ތެދުވެވިއްޖެއެވެ. އަދި އެވަގުތު އަކީކޯ ދުވެފައި އައިސް ރަކިގޮތަކަށް ޒެމްގެ ކޮނޑުގައި ބައްދާލިއެވެ.
މިވެސް ލޯބީގެ ޙަޤީޤީ ވާހަކައެކެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތެއް ލިބޭނެއެވެ. އަދި ވެސް ސޭޓުބެ އެންމެ ލޯބިވާ މީހަކީ އަކީކޯގެ މަންމާފުޅެވެ. އެހެނަސް މިހާރު 3 ކުދިންގެ ބައްޕައެކެވެ. އިތުރު ތަނަކަށް ވަޒީފާއަށް ވެސް ނުގޮސް މަންމާފުޅަށް ނޯކިރީ ކުރުމުގައި ދެމިހުރީއެވެ. އެންމެންގެ ފުރިހަމަ އިތުބާރާއި ލޯބި ހޯދާ، އިޝްޤީވި ކަރުނަތައް ފަރުދާކޮށްގެންނެވެ. އެގޮތުން މިރަށަށް އަކީކޯ އަންނަން ބޭނުންވުމުން ވެސް ފޮނުވީ ސޭޓުބެ އާއި އެކުގައެވެ. މަންމާފުޅެއް ނުވަތަ ބައްޕާފުޅެއް ވެސް އަދި އެހެންމީހެއް ވެސް ނާދެއެވެ. އެހާވެސް އިތުބާރު ކުރެއެވެ. އާދޭހެވެ. ސޭޓުބެ އަކީ ތެދުވެރިކަމާއި އަމާނަތްތެރިކަމުގެ ވަރަށް ވެސް ފުރިހަމަ ނަމޫނާއެކެވެ. ހިތް ހެޔޮ މީހެކެވެ. ޚުލްޤު ހެޔޮ މަޑުމައިތިރި ހިތްތިރި ކެއްތެރި މީހެކެވެ. ފަރިކަމަނާގެ ދެބައްޕަ ހުންނަ ވާހަކަ ވެސް ބަޔެއް ފަހަރަށް ބުނާނެތެވެ. އެއީ ސޭޓުބެ ތާއެވެ.

އަކީކޯ ރަށަށް އައުމަކީ އަހުރެންނަށް އިތުރު ހާސްކަމެއް ގެނުވި ކަމެކެވެ. އެހެނީ ބުލްބުލް އަށް އެއްވެސް ކަމެއް ހުށަހެޅޭގޮތެއް ނުވަނީސް މިހެން ދިމާވުމުން ވާނެގޮތެއް ވެސް ނޭނގެއެވެ. ހިތުލީކަމަނާ މިކަންތައް މައުނަކުރާނެ ގޮތެއް ވެސް ނޭނގެއެވެ. ފިކުރުތައް ބޮޑުވެ ހަދާނެގޮތް ހުސްވެފައި ހުރީމެވެ. މިވާހަކަތައް އަކީކޯއަށް ވެސް ބަޔާންކޮށްދޭނީ ފަހެ ކިހިނަކުންތޯއެވެ. ހަތަރު އުދަރެސް ފެނުޖެހުން ފަދަކަމެކެވެ. އަހުރެންގެ ޙަޔާތުގެ މިވަގުތުކޮޅު ވަނީ ހަތަރު އަނގޮޅުއެއްގެ ކަންމައްޗަށް ހުއްޓިފައެވެ. އެހެން ނަމަވެސް އަހުރެންގެ ގޭތެރެއަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. އަހުރެންގެ ކޮއްކޮމެނާއި ދައްތަމެން އުފަލުން ފޮޅިފައެވެ. އަކީކޯއަކީ އެހާވެސް މީހުންނާއި ގުޅޭ، މަޖާ މިޖާޒެއްގެ މީހަކަށް ވީތީ އާއި އެމީހުންގެ ވާންއުޅޭ ފަހަރީކަމަށް ވީތީއެވެ. " ޒެމްބެ ދައްތަ ވަރަށް ލޯބި" މިއީ ދުވާލަކު އެތަކެއް ފަހަރު ކަންފަތަށް އިވޭ ފަރިއްސެކެވެ. ކޮންމެއަކަސް މިޚަބަރުތައް ވަރަށް ތަފާތު ގިނަ ގޮތްގޮތަށް ބުލްބުލްއަށް ވެސް ގޮއްސިއެވެ. އަހުރެންގެ ހިތުގައި ބިރުވެރިކަމެއް ވެސް އުފެދިއްޖެއެވެ. އެހެނީ ހިތުލީކަމަނާ ޢަމަލުކުރައްވާނެ ގޮތެއް ހިތަށް ވެސް ގެންނަން ނޭނގޭތީއެވެ. ފިކުރު ބޮޑުވެފައި މާޔޫސްވެފައި ހުއްޓައި، ކުއްލިއަކަށް މެސެޖެއް ލިބިއްޖެއެވެ. (ނުނިމޭ...)


ކިޔުންތެރިންގެ ޚިޔާލު...


ނަން :