އެންމެމޮޅު އިކޮނޮމިކުސް ޓީޗަރ ޒެމް – ސައްބީސްވަނަ ބައި

އަޙްމަދު ޒަކީ | 06 ޖޫން 2020





ރަސްމީ މަސައްކަތްތަކުގައި އަވަދިނެތިކޮށް އުޅެމުން ވެސް ދަނޑުވެރިކަމަށް ސަމާލުކަން ދިނީމުއެވެ. އެގޮތުން ދަނޑުގައި އިންދި ފަތްކެޔޮގަސްތަކާއި، އަލަގަސްތަގާއި، އަނބުގަސްތައް ވަރަށް ރީތިވެއްޖެއެވެ. އަދި މިމަންޒަރުފެނި އިތުރު އެހެންމީހުން ވެސް ޝައުޤުވެރި ވެއްޖެއެވެ. އަދި އެކުގައި ދަނޑަށްދާނެ ބައިވެރިން ވެސް ލިބެންފަށައިފިއެވެ. ހުސްވަގުތަކީ މިހާރު ގިނަ އެއްޗެއް ނޫނެވެ. ހަމައެކަނި ލިބޭ ހުސްދުވަހަކީ ހުކުރުދުވަހެވެ. އެދުވަހަކީ ގޭތެރޭގައި ހުންނަ ބައެއް މަސައްކަތްތަކާއި، ފޮޅާ ސާފުކުރާ ދުވަހެވެ. އެހެންކަމުން ހުކުރުދުވަހަކީ ވެސް މުޅިން ހުސް ދުވަހެކޭ ނުބުނެވޭނެތެވެ. ރަށުގެ މާޙައުލަށާއި ކުރިމަތިވެފައި އޮތް ޙާލަތަށް މީހާ މުޅިން ކައްކާވެއްޖެއެވެ. އެހެނަސް، މޮޅު އިކޮނޮމިކުސް ޓީޗަރަކަށް ވުމަށް ކުރަމުންދާ އުންމީދަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ ލޮއެއްބާއި އިޙުތިރާމް ލިބޭ މޮޅު މުދައްރިސަކަށް ވުމަކީ ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނެކެވެ. މިހުވަފެން ޙަޤީޤަތަކަށް ވާނެ ދުވަހެއްގެ އިންތިޒާރުގައި ހުރީމެވެ.

އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެކެވެ. ޚިޔާލީ ކޮންމެވެސް އިސްޓޯރަކުން ޕޯސްޓުކާޑެއް ލިބިއްޖެއެވެ. އަސްތާ ފަރިކަމަނާގެ ސިޓީއެކެވެ. އެންމެ ލޯބިވާ ޒެމްއަށެވެ. އަބަދުވެސް ހެޔޮޙާލުގައި ވުމަށް އެދޭ ޙާލުގައި ލިޔަމެވެ. ޒެމްގެ ސިޓީ ލިބުނެވެ. އަދި ހުރިހާކަމެއް އެހާސާފުކޮށް ކިޔައިދިނީތީ ޒެމްއަށް ކުރާ އިޙުތިރާމާއި ލޯބި އިހުނަށްވުރެ ވެސް އިތުރުވެއްޖެއެވެ. ތިޔައީ ލިބޭނެކަމަށް އުންމީދު ވެސް ނުކުރާހާ ލޯބިމީހެކެވެ. ކުއްލިއަކަށް ރަށުން ވަޒީފާއެއް ލިބުމަކީ ޚުދު އަހުރެން ވެސް އެކަމަށްޓަކައި އުފާކުރާކަމެކެވެ. މެލޭޝިޔާ ދަތުރު ނިންމާފައި މާލޭރާއްޖެއަށް އާދެވުނު ދުވަހު ޒެމް ނެތުމުން ވަރަށް ދެރަވިއެވެ. ނާއުންމީދު ވެސް ވިއެވެ. ކޮޓަރިން ނިކުންނަހިތްނެތިފައި ރޯން އޮތީމެވެ. ހިތުގައި އެޅި ވޭނާއި ތަޙައްމަލުކުރަންޖެހުނު އިޙުސާސްތައް ބަޔާންކޮށްދޭނެ ގޮތެއް ވެސް ނޭނގެއެވެ. ވަރަށް ރުއީމެވެ. ޒެމް އުމުރަށް ގެއްލުނީކަމުގައި ހީކުރެވުނެވެ. އެހެނެއްކަމަކު އަކީކޯގެ ޒެމް އަކީ އެޔަށްވުރެ މާބޮޑަށް ވިސްނޭ މީހެކެވެ. އަކީކޯގެ ހިތް އުފަލުން ފުރާލަދީފިއެވެ. ޒެމް ބޭނުންވާ ގޮތަށް ޑިސެމްބަރު މަހު އަހަރެމެންގެ އުފާވެރި ކައިވެނި ބޭއްވުން އެންމެރަގަޅެވެ. އެގޮތުން އަކީކޯގެ މިގެންދަނީ ބަޔެއް ތައްޔާރީތައް ވަމުންނެވެ. މިސިޓީއާއި އެކު އެވާޑިޒައިންތައް ކަމުދޭހެއްޔެވެ. އުންމީދު ކުރަނީ ކޮންމެވެސް އެއްޑިޒައިން ޒެމްއަށް ރީތިވާނެކަމަށެވެ. އަކީކޯ ބޭނުންވަނީ ޒެމްއަށް ރީތި ކާޑެއް ހައްދާށެވެ. ޒެމް އުފާވުމަކީ އަހަރެން އުފާވާނެ ކަމެކެވެ. އަދި، ހެނދުމުގެ ޑިޒައިންތައް ލިބުމުން ޕޯސްޓުކުރާނަމެވެ. ހެނދުން ފަރުމާކުރާ މީހަކާއި ޙަވާލުކޮށްފީމެވެ. މަހެއްހާ ދުވަހުގެ ތެރޭގައި ރަގަޅު ޑިޒައިންތަކެއް ލިބޭނެއެވެ. ދެމީހުން މަޝްވަރާކޮށްފައި އެއްޗެއް އިޚުތިޔާރު ކުރާނީއެވެ. ޒެމްގެ ސިޓީ މަންމަ ދިންދުވަހު ވަރަށް އުފާވިއެވެ. އަދި ހަމަ އެދުވަހު މަސައްކަތްތައް ފެށީމެވެ. މަންމަ ވަރަށް ދިމާވެސް ކުރިއެވެ. އަދި ޒެމްގެ ވާހަކަ ވަރަށް ދެއްކިއެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަކަށް ޒެމްގެ ރަށަށް ދަތުރެއް ވެސް ކުރާނަމެވެ. އެހާވެސް ލޯބިވަމެވެ. އަދި މިސިޓީގެ ޖަވާބެއްގެ އިންތިޒާރުގައި ހުންނާނަމެވެ. (އަކީކޯ)

ސިޓީ ކިޔާ ނިމުނުއިރު މުޅިމީހާ އުދާސްވެއްޖެއެވެ. ސިޓީއަށް ޖަވާބެއް ވެސް ދޭންޖެހެއެވެ. އަދި ޙަޤީޤަތް ވެސް މިއޮތީ މުޅިން އޮޅި ހަފުސްވެފައެވެ. މިއީ ކޮންފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ. ސޭޓުބެ އާއި ސިޓީ ޙަވާލުކުރީ ވަރަށް ބޮޑަށް އިތުބާރުކޮށްފައެވެ. ސޭޓުބެ މިކަމުގެ ތެރެއަށް ވަނުމުގެ ބޭނުމަކީ ފަހެ ކޮބާހެއްޔެވެ. ސޭޓުބެ އަށް ލިބޭނީ ކޮން މޮޅެއް ހެއްޔެެވެ. ހާދަ ދެރައެވެ. ފަރިކަމަނާ އަންނާނެއެވެ. ހަމަ ޔަޤީނުން ވެސް އަންނާނެއެވެ. އެކަމަނާފުޅަށް ހަމަ އެއްވެސް އެއްޗެއް ނޭނގެއެވެ. މިދިމާވީ ކޮންފަދަ ބޮޑު މުޞީބާތެއް ހެއްޔެެވެ. ސޭޓުބެ ދެކެ ރުޅިވެސް އާދެވިއްޖެއެވެ. އެކަމަކު އެއްޗެކޭ ބުނާނީ ބާއެވެ. އަކީކޯއަށް ޙަޤީޤަތް އެނގި އަހުރެން ނެތް ޙާލުގައި ގޯހެއް ނަހަދާނެ ބާވައެވެ. ހަތަރު އުދަރެސް ފެނުޖެހިއްޖެ ކަހަލައެވެ. މަޝްވަރާކޮށްލާނެ ދެވަނަ ފަރާތެއް ނުހަނު ބޭނުން ވެއްޖެއެވެ. އެފަދަ މީހަކީ ކާކު ހެއްޔެވެ. އަހުރެންގެ މިޙާލަތު ވިސްނޭނީ ވެސް ފަހެ ކާކަށް ހެއްޔެވެ. ބޯ ހަމަ ގޮވައިފިއެވެ. އަކީކޯގެ ސިޓީއާއި އެކު ފޮނުވާފައިވާ ދަޢުވަތު ކާޑުތަކުގެ ރީތި ނަކަލުތަކަށް ބަލަން އިނދެ ފިކުރު ހުސްވެއްޖެއެވެ. ހާދަ ރީތި ދަޢުވަތު ކާޑުތަކެކެވެ. އަތާއި އަތް ޖޯޑުކޮށްފައެވެ. ހިތާއި ހިތް ގުޅުވާފައެވެ. ފިނިފެންމަލާއި އޯކިޑުމާ ފޮޅުވާފައެވެ. ހިތުލީކުއްޖާއާއި ކާވެނިކުރެވޭ ދުވަހަކުން ވެސް މިފަދަ ރީތި ދަޢުވަތުކާޑެއް ހެދުމަށް ޢަޒުމުކަނޑައެޅީމެވެ. މުޅި ޙަޔާތުގައި ވެސް ކުރަމުން އަންނަ އެންމެބޮޑު އުންމީދަކީ ހިތުލީކުއްޖާއާއި އެކު ޒަވާޖީ ޙަޔާތެއް ފެށުމެވެ. އެކަމަށްޓަކައި ކުރަމުންދާ އިންތިޒާރުގެ މަތިން ހަނދާންވެ ފިކުރު ގެއްލިފައި އިންދާ މީހަކު ގޮވާލިއެވެ.
އަލީ: " ޒެމްބެ ހާދަބޮޑު ފިކުރެއްގައި އިންހެން ހީވެއޭ! ކަމެއް ގޯސްވީ ހެއްޔެވެ؟ "
ޒެމް: " ފާޑެއްގެ ކަމެއް ދިމާވެސް ވެގެން މިއުޅެނީ! އެކަމާއި މިވިސްނެނީ! "

އަލީ އަކީ ގާތްތިމާގެ ކުއްޖަކަށް ވުމުގެ އިތުރުން އަހުރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަކީކޯ އާއި ބުލްބުލްގެ ވާހަކަ ފިޔަވައި ހުރިހާކަމެއް އެނގޭނެ މީހެކެވެ. ދެމީހުންގެ ރަޙުމަތްތެރި ގުޅުމަކީ ވަރަށް ވެސް ވަރުގަދަ ގުޅުމެކެވެ. އެކަކު އަނެކެއްގެ ސިއްރުތައް ހިފަހައްޓާނެއެވެ. އެހެންކަމުން ދެމީހުންނަށް ވެސް އެކަކު އަނެކަކަށް އެއްވެސް ޝައްކަކާއި ނުލާ އިތުބާރުކުރާނެތެވެ. އަދި ސަމާސާކުރުންތައް ވެސް ވަރަށް އޮންނާނެތެވެ.
އަލީ: " ބިޓު ކެޓީ ދޯ؟ "
ޒެމް: " ނޫން. ދެމީހުންދެކެ އެއްފަހަރާ ހިތާވެވިގެން! "
އަލީ: " ކަންތަކާ ޖެހުނީތާ! " ސަމާސާ ރާގަކަށް ދިމާކޮށްލިއެވެ. ކަންހިނގާދިޔަ ގޮތް ވަރަށް ތަފުޞީލުކޮށް ކިޔައިދިނުމަށްފަހު ޚިޔާލަކީ ކޮބައިތޯ ސުވާލުކުރީމެވެ. އަލީއަށް ވިސްނޭގޮތުގައި އަހުރެންގެ ޙަޔާތަށް ގެންނަން އެންމެރަގަޅީ އަކީކޯއެވެ. އަދި ސަބަބުތައް ވެސް ކިޔައިދީފިއެވެ. އެހެނަސް ގޮތެއް ނިންމަންވާނީ ސީދާ އަމިއްލަ މީހާކަމުގައި ފަށްފަށުން ތަކުރާކޮށް ބުނެފޫއެވެ. އެންމެރަގަޅުތާއެވެ. އޭނާގެ ޚިޔާލު އޭނާ ދިނީތާއެވެ. އެހެނަސް އަދި ގޮތެއް ނިންމާނީ އިތުރަށް ވިސްނާފައެވެ. އަހުރެން ހިތުގައި ދެމީހުންނަށް ވެސް ލޮއެއްބާ އިޙުތިރާމް އެބައޮތެވެ. އެއްވެސް މީހަކު ދޫކޮށްލާކަށެއް ބޭނުމެއްނޫނެވެ. އެގޮތަށް ހުށަހެޅުމަށް އެތަކެއް ފަހަރަކު މަސައްކަތް ވެސް ކުރެވިއްޖެއެވެ. އަކީކޯއަށް ލިޔުނު ސިޓީ ވެސް ގަޑުބަޑުވީއެވެ. ބުލްބުލްއަށް ހުށަހަޅަން ފުރުޞަތެއް އަދި ނުލިބެއެވެ. އަދި ޙަޤީޤަތުގައި އެފަދަ ހިތްވަރެއް ވެސް ނެތީއެވެ. ވީމާ ދެންމިކަމާއި މަޝްވަރާ ކުރާނީ ވެސް ވަކި ކާކާ ހެއްޔެވެ. އަނެއްކާ ވެސް ވިސްނުންތަކާއި ފިކުރުތައް ގިނަވެއްޖެއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރު ދަނޑަށް ވެލިއަޅަންދާން ތައްޔާރުވަމުންދިޔަ ވަގުތެވެ. ކުއްލިއަކަށް ސޭޓުބެ ގުޅާތީ ފޯނުނެގީމެވެ. އަދި ސިޓީގެ ކަންތައް ހިނގާދިޔަގޮތް ކިޔައިދީފިއެވެ. އަދި އެކަމަށް ފަޢާފަށް އެދޭކަމަށް ވެސް ބުންޏެވެ. އަކީކޯއާއި ސިޓީ ޙަވާލުކުރަން ކޮޓަރީގައި ޓަކިޖެހި އަޑަށް މަންމާފުޅު ނިކުމެ އަކީކޯ ގޭގައި ނެތްކަމަށާއި ކީއްކުރަންތޯ ސުވާލުކުރިއެވެ. އަދި ޒެމްގެ ސިޓީއެއް ޙަވާލުކޮށްލަން ކަމަށް ބުނުމުން ސިޓީ ދިނުމަށް އެދުނެވެ. އަދި އަކީކޯއާއި ޙަވާލުކޮށްދޭނެ ކަމަށެވެ. ހިތްހަމަނުޖެހި ހުރެނަމަވެސް މަންމާފުޅު އެދުމުން އެހެންގޮތެއް ނެތްކަމަށް ބަލާފައި ދިނީއެވެ. މިހުރިހާކަމެއް ހިނގާދިޔަކަމުގައި ވިޔަސް ސިޓީ ބަދަލުކޮށްފައި އޮތްކަމެއް ސޭޓުބެ އަކަށް ނޭނގެއެވެ. އެހެންކަމުން އެވާހަކަ ބުނާކަށް ވެސް ބޭނުމެއް ނުވިއެވެ. އެހެނަސް އެކަންކުރީ ސޭޓުބެ ނޫންކަމަށާއި، މަންމާފުޅުކަން ޔަޤީންވެއްޖެއެވެ. މަންމާފުޅުގެ ބޭނުމަކީ ކޮބައިބާވައެވެ؟ (ނުނިމޭ...)


ކިޔުންތެރިންގެ ޚިޔާލު...


ނަން :