ހިސާބު ޓީޗަރ މުޙައްމަދު ނައުފަލު ކުޅުއްވަނީ. ފޮޓޯ- މުޙައްމަދު ނައުފަލު

ބ. ހިތާދޫގެ ދިރިއުޅުން!

ހިތާދޫ އޮންލައިން | 05 ޖޫން 2020





ބ. ހިތާދޫ އަކީ މާލެއިން އުތުރުން ގާތްގަނޑަކަށް 98 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަރަށެކެވެ. 1989 ވަނަ އަހަރު، މިރަށުގެ އާބާދީއަކި ގާތްގަނޑަކަށް 900 އެވެ. އޭރު މިރަށަކީ އިންސާނުން ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ވަސީލަތްތައްވެސް ފުރިހަމަވެފައި ނެތް ރަށެކެވެ. މިގޮތުން ސާފު ބޯފެނާއި، ފާޚާނާ ކުރުމުގެ ނިޒާމާއި، ދަތުރުފަތުރުގެ ނިޒާމް ގާއިމްވެފައި ނެތްކަން ފާހަގަ ކުރެވެއެވެ. އަދި މުވާސަލާތީ ވަސީލަތްވެސް ގާއިމްވެފައި ނެތްމެއެވެ. 1970 ގެ އަހަރުތަކުގައި، މިރަށުގެ ދަރިއެއް ކަމުގައިވާ ހުސައިން ޔޫސުފް ކަނޑު ބޯޓެއްގައި އިންޑިއާއަށް ދަތުރެއް ކުރިއެވެ. މި ދަތުރުގެ ބޭނުމަކީ މަތީ ތަޢުލީމު ޙާސިލް ކުރުމެވެ. މިގޮތުން، އިންޑިއާގައި ދުވަސް ކޮޅެއް ހޭދަކުރުމަށްފަހު ސަޢޫދީ ޢަރަބިއްޔާއަށްގޮސް އިސްލާމީ ތަޢުލީމު ޙާސިލް ކުރުމުގެ ފުރުސަތު ތަނަވަސް ވިއެވެ. މަދީނާއިން ތަޢުލީމު ހާސިލްކުރެއްވުމަށް ފަހު ޝެއިޚް ހުސެއިން ޔޫސުފް އެނބުރި ރަށަށް ވަޑައިގެންނެވިއެވެ. އަދި ރަށުގެ ވަރަށް ގިނަ ދަރީންނަށް ޕާކިސްތާނު އަދި ސަޢޫދީޢަރަބިއްޔާއިން މަތީ ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތު ހޯއްދަވައި ދެއްވިއެވެ. މީގެ ތެރޭގައި ހުސެއިން ޔޫސުފްގެ 4 ކޮށްކޮއިންވެސް ހިމެނެއެވެ.

ރަށުގެ ދަރީންނަށް ތަޢުލީމް ފޯރުކޮށްދިނުމަށް ޝެއިޚް ހުސެއިންގެ ހިތްޕުޅުގައި އޮތް ޝައުގެއްގެ ނަތީޖާއަކަށް ވެގެން ދިޔައީ، 1989 ވަނަ އަހަރު މަދްރަސަތުއްނަޙްޟާގެ (ފަހުން އުއްމުލް ޤުރާ ސެކަންޑަރީ ސްކޫލް) ނަމުގައި ޢަރަބި އިސްލާމީ ތަޢުލީމުގެ އިތުރުން މިޒަމާނުގެ ތަޢުލީމު ދޭ މަދަރުސާއެއް ޤާއިމް ކުރުމެވެ. ޢަރަބި އިސްލާމީ މާއްދާތައް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން ތަމްރީނު ކުރެވިފައިވުން ވެގެން ދިޔައީ މި ސްކޫލް ބިނާކުރުމުގައި ޝެއިޚް ހުސެއިންއަށް ލިބިލެއްވި އެންމެ ބޮޑު ހިތްހަމަ ޖެހުމަށެވެ. ނަމަވެސް ނުހަނު ބޮޑު ގޮންޖެހުމަކާއި ކުރިމަތިވިއެވެ. އެއީ އިނގިރޭސި ބަސް، ހިސާބު،އަދި ސައިންސް ފަދަ މާއްދާތައް ކިޔަވައިދެއްވާނެ ޓީޗަރުން ހޯދުމެވެ. މި ކަމަށް ޙައްލެއް ހޯއްދެވުމުގެ ބޭނުމުގައި 1989 ގައި ޝެއިޚް ހުސެއިން ސްރީލަންކާއަށް ދަތުރެއް ކުރެއްވިއެވެ. ނަމަވެސް، ގިނަ ޓީޗަރުން ދިވެހިރާއްޖޭގެ ރަށަކަށް ދިއުމަށް ޖެހިލުންވިއެވެ.

އަޅުގަނޑަށް ޝެއިޚުއާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނެވެ. ޝެއިޚުގެ ވާހަކައިގައި، ހިތާދޫގެ މަޢުލޫމާތާއި، މި ސްކޫލާމެދު ޝެއިޚުގެ ހިތުގައި އޮތް ތަސައްވަރު ހާމަކޮށްދެއްވިއެވެ. ޝެއިޚުގެ ވާހަކަފުޅަށްފަހު މިރަށުގައި މަސައްކަތް ކޮށްލުމުގެ ޝަޢުޤުވެރިކަން އުފެދުނުވެ. ނަމަވެސް މި ކަހަލަ ރަށަކަށް އެކަނި މާއެކަނި ދިއުމަކީ ޖެހިލުންވާ ކަމަކަށްވާތީވެ، ހަމަ އެވަގުތު އަޅުގަނޑުގެ އެންމެ ގާތް އަޚު އާޒާދާއި މަޝްވަރާ ކުރީމެވެ. އަޅުގަނޑުގެ ވާހަކައަށް ފަހު، އަޅުގަނޑާއެކު މި ރަށަށް އައުމަށް ޝަރުތަކާއެކު އާޒާދު އެއްބަސް ވިއެވެ. އެއީ، އަޅުގަނޑުމެންގެ އަނބި ދަރީން ގޮވައިގެން ދެވޭނެ އިންތިޒާމު ހަމަޖެހުމެވެ. މި ޝަރުތާއެކު އަޅުގަނޑުމެން ޝެއިޚަށް ހުށައެޅުމުން ހަމަ ވަގުތުން އެއްބަސްވެލެއްވިއެވެ.

1989 ގެ ފެބްރުއަރީ މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި އިންޖީނު ދޯންޏެއްގައި މާލެއިން ހިތާދޫއަށް ދިއުމަށް ދަތުރު ފެށީމެވެ. ގާތްގަނޑަކަށް 9 ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ހިތާދުއަށް ލެފުނެވެ. އަޅުގަނޑުމެން ދަތުރުކުރި ބޯޓަކީ ބޮޑު ބޯޓެއްކަމުން ރަށަށް ފޭބުމަށްޓަކކައި ކުޑަ މަސްދޯންޏަކަށް އަރަން ޖެހުނެވެ. (އޭރު ހިތާދޫ ގައި ހާބަރެއް/ޖެޓީ އެއް ނޯވެއެވެ.) މިއީ އެހާތަނަށް ހަޔާތުގައިވެސް ކުރި ފުރަތަމަ ކަނޑު ދަތުރުކަމުން ދަތުރު ވަރުބަލިކަން ނުހަނު ބޮޑުވިއެވެ. ނަމަވެސް، އަޅުގަނޑުމެންނަށް މަރުޙަބާ ކިޔުމަށް ރަށުގެ ކުދި ބޮޑު އެނންމެން ޖަމާވެފައިވާ މަންޒަރު ފެނުމާއެކު ހިތައް ލިބުނު ފިނިކަމުގެ ސަބަބުން ދަތުރު ވަރުބަލިކަން މުޅިން ފިލި ކަހަލައެވެ.

މި ރަށުގެ ރައްޔިތުންނަކީ ވަރަށް އާދަޔާ ޚިލާފު ބައެކެވެ. އެމީހުން އަޅުގަނޑުމެންގެ ދަރީންގެ ކަންކަން ބަލައިދިނެވެ. އަޅުގަނޑުމެންގެ ގޭތެރޭގެ މަސައްކަތް ތަކުގެއި އިންތިހާއަށް އެހީތެރިވެދިނެވެ. ރަށުގެ މަސް ދޯނިތައް މަހުން ލެފުމާއެކު އަޅުގަނޑުމެން ދޯނި ދޮށަށް ގޮސް ބޭނުން މަހެއް ނެގުމަށް ދަޢުވަތު ލިބުނެވެ. މިގޮތުގައި 3 އަހަރު ވޭތުވުމަށް ފަހު އަޅުގަނޑުމެންގެ އަނބިދަރީން މިރަށް ދޫކޮށް ދިޔައީ ދާހިތްވެގެންނެއް ނޫނެވެ. ނަމަވެސް، ދަރީންގެ ތަޢުލީމު ކުރިއަށް ގެންދިއުމަށްޓައެވެ.

ހިތާދޫ ގައި އަޅުގަނޑު 11 އަހަރު މަސައްކަތް ކުރީމެވެ. އެދުވަސްވަރު ކައިރި ރަށްރަށުންނާއި ބައެއް ދުރު ހިސާބުތަކުންވެސް ތަޢުލީމު ޙާސިލްކުރުމަށް މި ރަށަށް ދަރިވަރުން އައިސް އުޅުނެވެ. މިފަދަ ދަރިވަރުންގެ ބެލެނިވެރިން ރަށްރަށުން ހިތާދޫ އަށް ކުރާ ޒިޔާރަތް ތަކުގައި އަޅުގަނޑުމެންނަށް ހަދިޔާ ބަދިޔާ ގެނަސްދެއެވެ. އަހަރަކަށް ފަހު އަހަރެއް މި ސްކޫލުން ނެރެމުން ދާ ނަތީޖާ ދިޔައީ ކުރިއަރަމުންނެވެ. އަދި ދަރިވަރުންގެ އަދަދާއި ޓީޗަރުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. މިގޮތުން ތަފާތު އިތުރު މާއްދާތައް ތަޢާރަފު ކުރެވި، އިންޑިޔާ އަދި ލަންކާއިން ޓީޗަރުން ރިކްރޫޓް ކުރެވުނެވެ. ލަންޑަން ޖީ.ސީ.އީ އޯލެވެލް ގައި ދަރިވަރުން ބައިވެރި ކުރެވި އެދެވޭ ރަނގަޅު ނަތީޖާ ތަކެއް ހާސިލް ކުރެވުނެވެ.

މިރަށުގައި އުޅުމުގެ ތެރޭގައި ދިމާވި އެއް ގޮންޖެހުމަކީ ދިވެހި ބަސް ނޭނގުމުގެ ސަބަބުން މުޢާމަލާތު ކުރުމުގައި ދިމާވި ދަތިކަމެވެ. ނަމަވެސް، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން ދިވެހި ބަހުން މުޢާމަލާތު ކުރަން ދަސްކުރީމެވެ.
ކުރިންވެސް ފާހަގަކުރި ފަދައިން މިރަށުގެ މީހުން އަޅުގަނޑުމެންނާމެދު ދެކުނީ ވަރަށް ގާތް ބައެއްގެ ގޮތުގައެވެ. މިގޮތުން، އެމީހުން ރާވާ މަސްދަތުރު ތަކުގައާއި ޕިކުނިކު ދަތުރު ތަކުގައި އަޅުގަނޑުމެން ބައިވެރި ކުރެއެވެ. މިކަން ކަމުގެ ސަބަބުން، އާއިލާއާއި ދުރުގައި ހުންނަން ޖެހުނެއް ކަމަކު އެކަނިވެރިކަން އިހުސާސެއް ނުވެއެވެ.

2000 ވަނަ އަހަރު އަޅުގަނޑުގެ މަންމަ ނިޔާވިއެވެ. ނަމަވެސް މަންމަގެ ޖަނާޒާގައި ބައިވެރި ވުމުގެ ފުރުސަތެއް އަޅުގަނޑަކަށް ނުލިބުނެވެ. މީ ނުހަނު ފުން ހިތާމައެއް ލިބުނު ކަމެކެވެ. އެހެން ކަމުން ލިބުނު ފުރުސަތެއްގައި ހަމަ އެ އަހަރު އަމީނިއްޔާ ސުކޫލަށް (މާލެއަށް) ބަދަލުވީމެވެ.

މީގެ 2 ދުވަސް ކުރިން އަޅުގަނޑުމެންގެ އިޙްތިރާމް ލިބިފައިވާ ޝެއިޚް ހުސެއިން ޔޫސުފް ނިޔާވި ޚަބަރު އަޅުގަނޑު އެހީ ނުހަނު ފުން ހިތާމަޔާ އެކުގައެވެ. މާތް ﷲ ޝެއިޚުގެ ފުރާނަފުޅަށް ހެޔު ރަޙުމަތް ލައްވައި ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!
ޝެއިޚް ގެ މަރާއެކު އަޅުގަނޑުގެ ހަނދާނުގެ ސޮފްޙާތަކުން ދަތުރުކުރެވުނީ މި ހިތްގައި ހިތަދޫގައި އަޅުގަނޑު ހޭދަކުރި 11 އަހަރުގެ ތެރެއަށެވެ.

ނޯޓު: މިއީ 2020 ވަނަ އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހު ނައުފަލް ޓީޗަރު ކުރެއްވިޕޯސްޓެއްގެ ދިވެހި ތަރުޖަމާއެވެ. މި ތަރުޖަމާ ތައްޔާރު ކުރިވެފައި ވަނީ ޓީޗަރުގެ އެދިލެއްވުމުގެ މަތިން ބ. ހިތާދޫ ވާދީ ޢަބްދުލް ހަފީޒު ޚާލިދެވެ.
މާތް ﷲ ނައުފަލް ޓީޗަރަށް ހެޔޮ ޖަޒާދެއްވާށި! އާމީން..


ކިޔުންތެރިންގެ ޚިޔާލު...


ނަން :