އެންމެމޮޅު އިކޮނޮމިކުސް ޓީޗަރ ޒެމް – ފަންސަވީސްވަނަ ބައި

އަޙްމަދު ޒަކީ | 28 މެއި 2020





ޖެހިގެން އައި ހަފުތާގެ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. އޮފީހަށް ދިއުމަށްޓަކައި ބައިސްކަލު ހޯދާހޯދާ ނުފެނުނެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް ދުއްވާކަށް ވެސް ނުދޭކަން ޔަޤީނެވެ. އަދި ގޭގެ ބޭރުފެންޑާއަށް ބައިސްކަލު ވެއްދިކަން ވެސް ޔަޤީނެވެ. މިވީ ގޮތެއް ނޭނގުނެވެ. އޮފީހަށް ގަޑިޖެހިދާނެތީ ހިނގާފައި ދިޔައިމެވެ. ކުއްލިއަކަށް ލިބުނީ ވަރަށް ވެސް ހިތާމަވެރި ޚަބަރެކެވެ. އަހުރެންގެ ރީތި ބައިސްކަލު މޫދުންނަގާފައި ގޮނޑުދޮށުގައި އޮތްކަމަށާއި، ބައިސްކަލު އޮތީ ބޭނުންވެސް ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައި ކަމަށެވެ. އަދި ހަމައެވަގުތު އަތިރިމައްޗަށް ދިޔައިމެވެ. ހާދަހާދެރައެވެ. ބައިސްކަލު އޮތީ ފަތްޖަހާލާފައެވެ. އެފަދަކަމެއް ކުރަންޖެހޭ ފަދަ ކަމެއް އަހުރެން ނުކުރަމެވެ. ތަނަކަށް ވެސް އަހުރެން ނުދަމެވެ. ދެން އަޅެމިވީ ކިހިނެތްބާއޭ ހިތަށް އެރިއެވެ. އެވަގުތު ކާފަ އެދެއްކެވި ވާހަކަތައް ހަނދާނަށް އަތުވެއްޖެއެވެ. ހަމަ އެއްވެސް ކަމަކާއިނުލާ ވެސް ނަފުރަތުކުރާ މީހުން އުޅެދާނެތާއެވެ. އަދި ކޮންމެ ކާމިޔާބަކަށް ހަސަދަވެރިވާނެ ބަޔަކުވެސް ތިބެނީތާއެވެ. ދުއްވަން ގެންގުޅުނު ބައިސްކަލު ވެސް ހަސަދައިގެ އޮޔެވަރުގައި ޣަރަޤުވެދިޔައީއެވެ. ދެރަކަމުގެ ކޮޅެއްވެސް ނެތެވެ. މިޙާދިސާއާއި ގުޅިގެން އޮފީހުން ތަޙުޤީޤެއް ކުރުމަށް ބޭނުންވޭތޯ ސުވާލުކުރިއެވެ. އެހެނަސް އަހުރެން އެފަދަކަމެއް ބޭނުން ނުވާކަމަށް ދެންނެވީމެވެ. ކޮން ތަޙުޤީޤެއްތޯ ކުރެވޭނީ ހިތަށް އެރިއެވެ. މިފަދަ ކަމަކަށް ޝައްކުކުރެވޭ މީހަކުވެސް ނެތެވެ. އެމީހަކު ކުރިކަމެއް އެމީހަކަށޭ ހިތާފަ މައްސަލަ ދޫކޮށްލީ ކޮންމެވެސް ދުވަހަކުން އެކަންވެސް ފަޅާއަރާނެކަމަށް ބަލާފައެވެ. އެއީ ކާފަ ވެސް އިރުޝާދުދެއްވި ގޮތެވެ. އެހެނަސް ޚިޔާލުތައް ހިތުތެރޭގައި ގިނަވެއްޖެއެވެ. އަދި ރަށުގައި ހުރުންވެސް ފޫހިކަމަކަށް ވެއްޖެކަހަލައެވެ. މީހަކާއި މެދު ރުޅިވެރިކަމެއް އޮތަސް މުދަލަށް ގެއްލުން ކުރުމަކީ ހާދަ ނާތަހުޒީބު ޢަމަލެކެވެ. ހަސަދަވެރިކަމުގެ ނުބައިކަމާއެވެ.

މިހާރު ދެން އޮފީހުން އަވަދިވެގެން ދުވަސްކުރުކޮށްލަން ދުއްވާލާނެ ބައިސްކަލެއް ވެސް ނެތެވެ. އެހެންކަމުން ދުވާލުގެ ވަގުތުތައް ދިގުވެ ފޫހިވާން ފަށައިފިއެވެ. އެގޮތުން ފޫހިފިލުވުމަށާއި، ވަގުތުކުރުކުރުމަށް ކުރެވިދާނެކަންކަމާއި މެދު ފިކުރުކުރަން ފެށިއްޖެއެވެ. އަދި ދަނޑުވެރިކަން ކުރުމަކީ ރަގަޅު ކަމެއްގެ ގޮތުގައި ފާހަގަކުރެވިއްޖެއެވެ. އެހެންކަމުން ބައްޕަގެ ދަނޑުންބައެއް ދިނުމަށް އެދުނީމެވެ. އަދި ކޮންމެ ދުވަހަކު އޮފީސް ނިންމާފައި ދަނީ ދަނޑު ތައްޔާރުކުރުމަށެވެ. ދަނޑު ވަށައިގެން ކޯރުކޮނުމާއި، ފެންބޮޑު ސަރަޙައްދުތަކަށް ވެއްޔާއި ހިކިފަތް އަޅާ ރަގަޅަށް ތައްޔާރުކޮށްފީމެވެ. މީހުންގެ ގާތުގައި އާދޭސްކޮށްގެން މުޑުވަށް ހޯދާ ފަތްކޭލާއި އަނބުފަދަ މޭވާތައް މުޑުވަށް ކުރީމެވެ.

ދުވަހަކީ އަކީކޯގެ ޚަބަރެއް ލިބުންދުވަހެކެވެ. އަހުރެން ރަށަށް އައުމުގެ ކުރިން ސިޓީއެއް ލިޔެ ސޭޓުބެއާއި ޙަވާލުކުރީމެވެ. އެސިޓީގައި ހުރިހާ ވާހަކައެއް ވެސް ވަރަށް ތަފުޞީލުކޮށް އެއްވެސް އޮޅުމެއް ނާރާނެ މިންވަރަށް ކިޔައިދިނީމެވެ. އަދި ގޮތެއް ނިންމުމުގެ ފުރިހަމަ އިޚުތިޔާރު ފަރިކަމަނާއަށް ދިނީމެވެ. އަހުރެން ލޯބިވާ ހިތުލީކުއްޖަކު ހުރިކަމަށާއި، ފަރިކަމަނާ ދެރަވާނެވަރު ހިތަށް އަރާފައި ބުނަންނުކެރި ފަސްޖެހެވުނީތީ މަޢާފަށް އެދޭކަމަށެވެ. އަހުރެން ފަސް އަހަރުދުވަހުގެ އިންތިޒާރެއް ކުރިކަމަށާއި، އަދި ހިތުލީކުއްޖާ ވެސް އެންމެފަހުން އާނބަސް ދީފިކަމަށެވެ. އެހެންނަމަވެސް އަކީކޯއަކީ އަހުރެންނަށް ވަރަށް ކަމުދާ މީހެއްކަމަށާއި، ފަރިކަމަނާ ވީލޮއެއްބަށް އަބަދުވެސް އިޙުތިރާމް ކުރާނެކަމަށާއި، މިހާތަނަށް ވެދިން އެހީއާއި މަދަދަށް ފަށްފަށުން ޝުކުރުވެރިވާ ކަމަށެވެ. އަކީކޯ ދެރަވާނެކަމެއް ދުވަހަކު ވެސް ކުރަން ބޭނުން ނުވާކަމަށާއި، އެކަމުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވެސް އަދިވެސް ވާނެކަމަށެވެ. އެއީ އަހުރެންނާއި އެކު ޒަވާޖީޙަޔާތެއް ފެށުންކަމުގައި ވިޔަސް އިސްތިސްނާވުމެއް ނެތް ކަމަށެވެ. އެގޮތުން މާދަމާ ކައިވެނި ކުރަން ހުށަހެޅިއަސް އެކަންވެސް ކުރަން ތައްޔާރަށް ހުރިކަމަށެވެ. އެހެންނަމަވެސް އަހުރެންނަށް ހިތުލީކުއްޖާ ދޫކޮށްނުލެވޭނެ ކަމަށާއި، އެޙާލަތުގައި ދެމީހުންނާއި އެކު ދިރިއުޅުމަށް ތައްޔާރަށް ހުރިކަމަށެވެ. އަހުރެންގެ އަބަދުގެ ދުޢާއަކީ އަކީކޯއަށް އުފާވެރިކަމާއި، ކާމިޔާބާއި ކުރިއެރުންތައް މިންވަރުކުރެއްވުމެވެ. އަދި ދުވަހަކު ވެސް އަކީކޯއަށް ދެރަގޮތެއް ވުމަކަށް ނޭދޭނެކަމަށާއި، އުމުރުދުވަހަށް ބެހެއްޓި ހިސާބެއްގައި ހުންނާނެކަމަށެވެ.

އަކީކޯގެ ފޯންކޯލަކީ އަޖައިބެއްފަދަ ކަމެކެވެ. މެލޭޝިޔާގައި ވެދިޔަހާކަމެއް އަލިފުން ޔާއަށް ހެމުން އުފަލުން ކިޔައިދިނެވެ. އެގޮތުން ދިޔަތަންތަނާއި، ކުރިހާމެކެވެ. ބައްދަލުކުރި މީހުންނާއި، ބައްދަލުކުރިހާ ތަނެކެވެ. އަދި ވީގޮތަކާއި ކުރިހާކަމެއް ވެސް ކިޔައިދިނީ ވަރަށް ވެސް ލޯބިންނެވެ. އަދި ގަތްހާ އެއްޗަކާއި އޭގެ އަގުތައް ވެސް ތަފުޞީލުކޮށް ކިޔައިދީފިއެވެ. އެގޮތުން އަހުރެންނަށް ރީތި ފަސް ޓީޝާޓާއި، ސޯޓަކާއި، ހަތަރު ޖީންސް ގެނައިކަމަށް ވެސް ބުންޏެވެ. އަދި އެވަރަކުން ވެސް ނުފުދުނެވެ. އިތުރު އެހެން ސަޕުރައިޒެއް ވެސް ގެނައިކަމަށާއި، ވަރަށް އަވަހަށް ޒެމް އާއި ބައްދަލުކުރާނެ ކަމަށެވެ. އެހިނދު އަހުރެންގެ ހިތް ގަނޑުފެންކޮޅެއް ފަދައިން ވިރިގެންދިޔަ ކަހަލައެވެ. މިއީ ލޯބީގެ މުޅިންއެހެން ދަރަޖައެކޭ ހިތަށް އެރިއެވެ. އަހުރެން ލިޔުނު ސިޓީގައި ހުރިވާހަކަތަކަކީ އަކީކޯއަށް މުހިންމު އެއްޗަކަށް ނުވާކަހަލައެވެ. އެހެނީ އެސިޓީ އާއި ގުޅޭ އެއްވެސް ވާހަކައެއް އޮޅިގެންވެސް ނުބުނެއެވެ. އެހެންކަމުން އަހުރެންނަށް ވެސް އަހާލާކަށެއް ނުކެރުނެވެ. އެހެންނަމަވެސް ސިޓީ ދިންކަން ޔަޤީންކުރީމެވެ. ސޭޓުބެ އަކީ ވަރަށް ވެސް އަމާނާތްތެރި މީހެކެވެ. އެހެންކަމުން އަކީކޯ ހަމަ މާލެ އައުމާއި އެކު ސިޓީ ޙަވާލުކުރިކަމަށާއި، ވަރަށް އުފަލުން ޤަބޫލުކުރިކަމަށާއި، އަދި ޒެމްއަށް ތަޢުރީފުކުރިކަމަށެވެ. ކުއްލިއަކަށް ފުރަންޖެހުމުން ވެސް ސިޓީއެއް ލިޔެ ޙަވާލުކުރުމަކީ ރީތި މިސާލެއްކަމަށް ބުންޏެވެ. ޒެމް އަކީ ނަމޫނާއެއްކަމާއި އަހަރެންފަދަ ދެވަނަމީހަކު ނުލިބޭނެކަމަށް ވެސް ބުނިކަަމަށްވެއެވެ. އެހެންކަމުން އެއްވެސް ޝައްކެއް ނެތްގޮތުގައި އެސިޓީ ވަނީ އަކީކޯއަށް ލިބިފައެވެ. ވީމާ ފަރިކަމަނާއަކީ ހަމަ ޖަވާހިރެކެވެ.

އަހުރެންގެ ހިތަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ބައިސްކަލު ހަލާކުކޮށްލުމާއި ގުޅިގެން ލިބުނުހާ ހިތްދަތިކަމެއް މާޒީވެއްޖެ ކަހަލައެވެ. އަހުރެންގެ ވަށައިގެންވާހާ އެއްޗެއްގެ ކުލަ ވެސް ބަދަލުވެއްޖެއެވެ. އޮފީސްތެރެއާއި ބޭރު ވެސް ބަދަލުވެއްޖެއެވެ. ގިނަބަޔަކު ކޮމްޕިއުޓަރުން އެއްޗެހި ލިޔުމަށާއި، ޕުރިންޓުކުރުމަށް ޝައުޤުވެރި ވެއްޖެއެވެ. އަދި އެކަމުގައި އެކަކަށްވުރެ އަނެކަކު ކުރިއަރާ ދިއުމުގެ ވާދަވެރިކަން އުފެދިއްޖެއެވެ. އަހުރެންގެ ބޭނުން ވެސް ދުވަހަކަށްވުރެ ދުވަހެއް ބޮޑު ވެއްޖެއެވެ. އެގޮތުން ފައިސާއާއި ބެހޭ ސެކްޝަން ހިންގާ އިސްވެރިޔަކަށް ވެސް ހަމަޖައްސަވައިފިއެވެ. އެގޮތުން މަސްޢޫލިއްޔަތުތައް އިތުރުކޮށް އަތޮޅުވެރިޔާ އާއި އެކު ކުރެވޭދަތުރުތަކުގައި ބައިވެރިވުމުގެ ފުރުޞަތުތައް ލިބެން ފަށައިފިއެވެ. މިއީ ވަރަށް މަދު މުވައްޒަފަކަށް ނޫނީ އޭރު ލިބޭ ފުރުޞަތެއް ނޫނެވެ. އެގޮތުން ވަރަށް ގިނަ ރަށްރަށަށް ގޮސް އޮފީސްތައް ބެލުމާއި، މައްސަލަތައް ފާހަގަކުރުމާއި، ލަފާތައް ދިނުމުގެ ބާރުލިބި، ގިނަބައެއް ފަރިތަވެއްޖެއެވެ. މަސްދަތުރުތަކާއި، ޕިކުނިކު ދަތުރުތަކާއި، ތަޖުރިބާހޯދުމުގެ ދަތުރުތައް ވެސް ލިބިއްޖެއެވެ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުމާއި، އަތޮޅުގެ ވެރިރަށުގައި ރަސްމީ ގަނޑުވަރުކޮޅުގައި ހުރުމާއި، ފަރިއްކޮޅުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ލިބެން ފަށައިފިއެވެ. އަހުރެންގެ މަސައްކަތްތައް ގިނަވެ ހުސްވަގުތެއް ލިބުން ދަތިވާން ފަށައިފިއެވެ. މާޔޫސްވުމާއި، ފޫހިވުމާއި ނާއުންމީދުވުން ނިމިއްޖެއެވެ. އަނެއްކާ ވެސް އުސްގަނޑެއް އަތުވެއްޖެ ކަހަލައެވެ. އުންމީދީ ދުވަސްތަކެއް ފެށި، ކުރިމަގެއް ބިނާކުރުމުގެ ހުވަފެންތައް ދެކެންފެށިއްޖެއެވެ. އެގޮތުން ވަޒީފާގެ ކުރިއެރުންތަކާއި، މުސާރައިގެ ކުރިއެރުންތަކާއި، އެހެނިހެން އިނާޔަތްތައް ވެސް ލިބުމަށް އުންމީދު ކުރެވެން ފަށައިފިއެވެ. އަހުރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ކަހަލައެވެ. އާއެކެވެ. ދިރިއުޅުކަމީ ތޮށަލިދުޅަހެން ދައުރުވާ އެއްޗެކެވެ. (ނުނިމޭ...)


ކިޔުންތެރިންގެ ޚިޔާލު...


ނަން :