ކޮވިޑް-19 އާއި އެކު ދިރިއުޅޭނީ ކިހިނެތް؟

އަޙްމަދު ޒަކީ | 26 މެއި 2020

ދުނިޔޭގައި އަދިވެސް ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހުނުމީހުންގެ ޢަަދަދު އެތައްމިލިއަނަކަށް އެރުމުގެ އިތުރުން ކޮރޯނާރޯގާގެ ސަބަބުން އެތައްލައްކަ މީހުންނެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިޢަދަދުތައް ހުއްޓުމެއްނެތި އަދިވެސް ދަނީ މައްޗަށް އަރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ގިނަގައުމެއްގައި ވަނީ ކާފިޔޫ ފަދަ ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައެވެ. ފުރަބަންދުތައް އިޢުލާންކުރުމާއި ގުޅިގެން އިޖުމާޢީ، އިޤުތިޞާދި އަދި ނަފުސާނީ ގެއްލުންތައް ވަނީ ތަޙައްމަލު ކުރަންޖެހިފައެވެ. އަދި، މިރޯގާ އަކީ އަވަހަކަށް ފިލާދާނެކަމެއް ނޫންކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވާ ވާހަކަފުޅުތައް ދަނީ އިތުރުވަމުންނެވެ. ހަމައެއާއި އެކު ނަފުސާނީ އަދި އިޤުތިޞާދީ ބަލިމަޑުކަމެއްގައި މަރުވާމީހުންގެ ޢަދަދު އިތުރު ވެދާނެކަމުގެ އަޑުތައް ވެސް ދަނީ ގަދަވަމުންނެވެ. އެހެންކަމުން ފުރަބަންދު އުވާލައި، ގައުމުތައް ހުޅުވާލުމަށް ދަނީ ބާރުއަޅަމުންނެވެ. އެގޮތުން ދިވެހިރާއްޖެ ވެސް މިދަނީ އެފަދަ މިސްރާބަކަށް ކަމަށް ބެލެވެއެވެ. އެގޮތުން ދިވެހީންވެސް ކޮރޯނާވައިރަސް އާއި އެކު ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަން ދަސްކުރަންޖެހެއެވެ. ކޮރޯނާވައިރަސްއާއި އެކު އުޅޭނީ ކިހިނެތްތޯއެވެ. ހަމަކުރިންވެސް އުޅެމުން އައި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އުޅެވިދާނެތޯއެވެ. ނޫނީ އޮތީ ކޮންގޮތެއްތޯއެވެ. މިއީ މިއަދު އެތައްބަޔެއްގެ ހިތުގައި އުފެދޭ ސުވާލުތަކެކެވެ. އެހެންކަމުން މިލިޔުމުގައި އަޅުގަޑު ބަލައިލާނީ އިޖުތިމާޢީ އަދި އިޤުތިޞާދީ ނަޒަރަކުން މިސުވާލުތަކަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ދެވޭތޯއެވެ.

އެންމެ ނާޒުކުވެދާނެ ޙާލަތު:

ބަލީގެ ނުރައްކާތެރިކަމަށް ބަލާ ސިއްޙީމާހިރުން ވިދާޅުވަނީ ވެސް ރަގަޅު ވާހަކައެކެވެ. މިކަމުގެ ނުރައްކާ އޮތީ ބަލިފެތުރުން ކޮންޓުރޯލު ނުވާނަމަކަށާއި، ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި، ހަސްފަތާލުތަކަށް ބާރުބޮޑުވެ،މީހުންނަށް އެކަށީގެންވާ ފަރުވާއެއް ނުދެވޭ ޙާލަތަކަށް ދިޔުންކަމަށެވެ. އެހެނީ ބަލީގެ ގޮތުން އިންސާނުންގެ ނޭވާލާ ނިޒާމަށް ޙަމަލާދޭތީއެވެ. އަދި ދާއިމީބަލިތަކަށް ބޭސްކުރާމީހުންނަށާއި، ދިފާޢީ ނިޒާމު ބަލިކަށިމީހުންނަށް ނުރައްކާވާތީއެވެ. ދިވެހިރާއްޖެ އަކީ ލޭގެ ޕުރެޝަރަށާއި، ހަކުރުބައްޔަށާއި، ކިޑުނީގެ ބަލިތަކަށާއި، ހިތުގެ ބަލިތަކަށް ފަރުވާކުރާ ގިނަ ބަޔަކު އުޅޭ ގައުމެކެވެ. އަދި، ސިއްޙީ ޚިދުމަތްދޭ ތަންތަނަކީ ޒަމާނީ ވަޞީލަތްތައް މަދު ތަންތަންކަމަށް ވާތީއެވެ. ހަމައެއާ އެކު ސިއްޙީ ޚިދުމަތްތެރީން މަދުވެފައި، އެފަރާތްތަކަށް ބާރުބޮޑުވެ ފަރުވާދިނުމުގައި ދަތިތަކެއް ކުރިމަތި ވެދާނެތީއެވެ. އެހެނީ ކުއްލިއަކަށް ބަލިމީހުން ގިނަވެ، އެނދުމަތިކުރަންޖެހޭ މީހުން ގިނަވެއްޖެ ނަމަ، މިޙާލަތަކީ ނައުމަށްވުރެ އައުންގާތް ޙާލަތެކެވެ. އަދި އެއީ މިފަދަ ބަލިމަޑުކަމެއްގައި އަތުވެދާނެ އެންމެ ނާޒުކު ޙާލަތުކަމުގައި ވެސް ބެލެވިދާނެއެވެ.

ނަފުސާނީ ސިއްޙަތަށް ކޮށްފާނެ އަސަރު:

ފުރަބަންދުގައި ރައްޔިތުން ގިނަދުވަސްތަކެއް ތިބެންޖެހުމަކީ ދޭދޭ ގުޅުންތަކާއި ދުނިޔަވީ އެތަކެއް ހަރަކާތްތަކެއް މަދުވެދާނެ ކަމެކެވެ. އަދި އެއްބަޔަކީ މިފަދަ ބަދަލުތައް ތަޙައްމަލްކުރަން ތައްޔާރުވެފައި ތިބޭ ބައެއްވެސް ނޫނެވެ. އަބަދު ގޭގައި ތިބެންޖެހުމުން އެމީހުންގެ ކަންކަން ވަގުތާއި ޙާލަތަށް ބަދަލުކޮށްލުމުގެ ވިސްނުމާއި ޤާބިލުކަން ނެތް މީހުންނެވެ. އެހެނީ އެއްވެސް ބަޔަކުތިބީ މިފަދަ ޙާލަތަކަށް ނަފުސާނީ ގޮތުންވެސް ތައްޔާރުވެފައެއް ނޫނެވެ. އެހެންވުމުން ކެއުންބުއިމުގެ އާދަކާދަތައް ބަދަލުވުމުގެ އިތުރުން ދޭދޭގުޅުންތައް ވެސް ބަދަލުވެއެވެ. އެގޮތުން ބައެއްމީހުން ބިރުގަތުމާއި، ރުޅިގަދަވުމާއި، އެކަހެރިވާން ބޭނުންވުމާއި، ހަރަކާތްތައް މަދުވުމާއި، މާޔޫސްވުމާއި، ދުނިޔެވީ ދިރިއުޅުމަށް އޮންނަ ޝައުޤުވެރިކަން ކުޑަވުމާއި، އުންމީދު ކެނޑުމާއި ހާސްވުން ހިމެނެއެވެ. މީގެ އެއްވެސް ކަމެއްގެ އުނދަގުލެއް ވާނަމަ ލަސްނުކޮށް ނަފުސާނީ ބަލީގެ ޚާއްޞަ ޑަކުޓަރަކަށް ނުވަތަ ބައްޔާއި ގުޅޭ ކޮންމެވެސް ތަޖުރިބާކާރެއްގެ ލަފަޔާއި އިރުޝާދު ހޯދުމަކީ ވަރަށް ވެސް ބޭނުންތެރިކަމެކެވެ.

އިޖުތިމާޢީ ގައިދުރުކަމަކީ ވެސް އޭގެ ސަަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެ ކަމަކެވެ. ބައެއްމީހުންނަކީ އެހެންމީހުނާއި ގުޅި ލާމެހިގެން ދިރިއުމަށް އާދަވެފައި ތިބޭ ބަޔެކެވެ. އެފަދަ ފަރާތްތަކަށް ކުއްލިމިފަދަ ބަދަލުތަކަށް ހޭނުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެހެންވުމުގެ ސަބަބުން ފޫހިކަމާއި މާޔޫސީކަމުން އެމީހުންނަށް އަސަރުތަކެއް ކުރުމުގެ ފުރުޞަތު އޮވެދާނެއެވެ. އެހެންނަމަވެސް ހޭލުންތެރި މުޖުތަމަޢުތަކުގައި ދިރިއުޅޭ މީހުންނަށް ކުރާނެ އަސަރު ކުޑަވާނެއެވެ. ދިވެހި މުޖުތަމަޢަކީ އަދިވެސް މިފަދަ ކަންކަމަށް ހޭލުންތެރި ވެފައި އޮތް މުޖުތަމަޢެއްތޯ މިއީ އުފެދޭ ސުވާލެކެވެ.

އިޖުތިމާޢީ ދުޅަހެޔޮކަމަށް އަތުވެދާނެ ބަދަލު:

މުޖުތަމަޢު ބިނާވަނީ އާޢިލާތަކުގެ މައްޗަށެވެ. މިފަދަ ޙާލަތެއްގައި ބަލި މައިތިރިކުމަށް ކަމާބެހޭ ފަރާތްތަކުން އަޅުއްވާ ފިޔަވަޅުތަކުގެ ސަބަބުން އާޢިލާތަކުގެ މެދުގައި އޮންނަ ދޭދޭގުޅުމަށް އަސަރު ކޮށްފާނެއެވެ. އެގޮތުން ވަގުތާއި ޙާލަތު ތަންދޭގޮތުން އުޅުންތަކާއި ގުޅުންތައް މަދުވެދާނެއެވެ. އެހެނީ ޒަމާނީ ވަޞީލަތްތަކަކީ ބައެއްމީހުންނަށް ފަރިތަ އެއްޗެއް ނޫނެވެ. ވީމާ ފުރަބަންދުގައި ގިނަދުވަސްތަކެއް ހޭދަކުރަން ޖެހިއްޖެނަމަ އިޖުތިމާޢީ ގުޅުންތައް ކުޑަވެދާނެއެވެ. ދިވެހިރާއްޖެ ފަދަ ކުދި ކުދި މުޖުތަމަޢުތަކެއް އޮންނަ ގައުމަކަށް މިއީ ބޮޑު މައްސަލައަކަށް ވެދާނެއެވެ. މީގެ އިތުރުން އިޖުތިމާޢީ ގިނަ މަސައްކަތްތަކާއި ހަރަކާތްތައް ހުއްޓިދާނެތެވެ. މީގެ އަސަރު ވަކިވަކި ފަރުދުންނަށާއި، އާޢިލާތަކަށާއި މުޅި މުޖުތަމަޢަށް ވެސް ކޮށްފާނެކަމުގެ ބިރަކީ ކުޑަކަމެއް ނޫނެވެ.

އިޤުތިޞާދީ ތަދުމަޑުކަމެއް އަތުވެދާނެތޯއެވެ؟

ކޮރޯނާވައިރަސްގެ ސަބަބުން ބައިނަލް އަޤުވާމީ ވައިގެ އުދުހުންތައް ވަނީ ހުއްޓިފައެވެ. އަޔާޓާއިން ލަފާކުރާގޮތުގައި ދުނިޔޭގެ ވައިގެ އުދުހުންތައް އާންމުޙާލަތަކަށް ބަދަލުވުމަށް ދެއަހަރުވަރު ނަގާނެއެވެ. ދިވެހިރާއްޖެއަށް މީހުން ވަންނަ މައިދޮރޯށި ކަމުގައިވާ ބައިނަލް އަޤުވާމީ ވައިގެބަނދަރު ބަންދުކޮށްފައި އޮންނަތާ ދޮޅުމަސްދުވަސް ވެއްޖެއެވެ. ފަތުރުވެރިކަމުގެ ސިނާޢަތު ބަންދުވެފައެވެ. ސަރުކާރުގެ ޚިދުމަތްތަކާއި، ވިޔަފާރި ކުންފުނިތައް ވަނީ ބަންދުވެފައެވެ. ލިބޭ ޢާމްދަނީ މަދުވެ ފިޔަފާރިތައް ބަގުރޫޓުވެ، އެތައް ބައެއްގެ ވަޒީފާއެއް ވަނީ ގެއްލިފައެވެ. ތަރައްޤީގެ މަޝްރޫޢުތައް ހުއްޓި އިޤުތިޞާދީ ނިޒާމުގައި ދައުރުވާ ފައިސާ މަދުވެ ގުޅުންހުރި އެހެނިހެން ކުދި ސިނާޢަތުތައް ވަނީ ހުއްޓިފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަނީ ވީރާނާ ވަނީއެވެ. ދައުލަތައް ލިބޭ ޢާމްދަނީއެއް ނެތެވެ. އަމިއްލަ ފަރުދުންނަށް ލިބޭ ޢާމްދަނީ ހުއްޓިއްޖެއެވެ. މިޙާލަތު އިތުރަށް ދެމިގެންދާގޮތެއް މެދުވެރިވެއްޖެނަމަ އިޤުތިޞާދީ ބޮޑު ތަދުމަޑުކަމެއް ކުރިމަތިވެދާނެއެވެ. އަދި އިޤުތިޞާދީ ޙަރަކާތްތަކަށް ގައުމު ހުޅުވާލިޔަސް، މިފަދަ ބޮޑު އަޑިއަކުން އަރައިގަތުމަށް އެކަށީގެން ވަގުތެއް ނަގާނެތެވެ. ވީމާ ކާބޯތަކެތި ލިބުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަރުދީގޮތުން ކުރެވެންހުރިކަމެއް ކުރުމަކީ ވަރަށް ވެސް ބޭނުންތެރި ކަމެކެވެ. އެގޮތުން އިޤުތިޞާދުކުރުމާއި، ވީވަރަކުން ފަހަށް ރައްކާކުރުމާއި، ދަނޑުގޮވާންކުރުމާއި، ބަނބުކެޔޮ ރަށިކެޔޮ އަދި މިފަދަ ގަސްތައް އިންދާ ހެއްދުމަކީ ކުރެވިދާނެކަންކަމެވެ. އަދި މީގެ އިތުރުން ކުރުމުސްތަޤުބަލެއްގައި ކާބޯތަކެތި ލިބޭނެ ބާވަތްތައް އިންދާ ހެއްދުމަކީ ވެސް މުހިންމުކަމެކެވެ.

ކޮރޯނާވައިރަސްއާއި އެކު ދިރިއުޅުން:

ކޮރޯނާވައިރަސް ފެތުރުން ދިގުދެމިގެންދާނަމަ އިޤުތިޞާދީ އަދި އިޖުތިމާޢީ ހަކާތްތައް ވެސް ފަށަންޖެހޭނެތެވެ. އެދުވަހކުން ހަމަ އެންމެން ވެސް މިފައިރަސްގެ ޙާލަތާއި އެކު އުޅެންޖެހޭނެތެވެ. އެއީ ކޮންގޮތެއްތޯއެވެ؟ އެއީ ފަހަރެއްގައި ވެސް ޢާންމު ޙާލަތެއް ނޫނެވެ. ވީމާ ދޭދޭގުޅުންތަކާއި، ވިޔަފާރީގެ މުޢާމަލާތްތަކާއި، އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް ތަފާތު އުޞޫލުތަކެއް ތަޢާރަފުކުރަންޖެހޭނެތެވެ. ތަޢުލީމާއި ސިއްޙީ ޚިދުމަތްތައް ވެސް ފޯރުކޮށްދެވޭ ގޮތްތައް ޢާންމު އެހެން ޙާލަތްތަކާއި ތަފާތު ވެދާނެތެވެ. ހިތާމައަކީ އަދިވެސް ބައެއްމީހުންނަށް މިދެންނެވި ޢުޞޫލުތައް ޤަބޫލުކުރެވިފައި ނެތުމެވެ.
ސިއްޙީ ޚިދުމަތްދޭ ތަންތަނާއި މީހުން ވެސް ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ. އެގޮތުން ބަލިމީހުންނާއި މުޢާމަލާތްތައް ކުރުމުގައި އަމިއްލަމީހާގެ ރައްކާތެރިކަމަށްޓަކައި ބޭނުންވާ އާލާތްތައް ބޭނުންކުރާނެއެވެ. އަދި އާއްމު އެހެންރޯގާތަކުގައި ފަރުވާހޯދުމަށް ހަސްފަތާލުތަކަށް ދިއުމުގެ ބަދަލުގައި އެހެން ކޮންމެވެސް އިންތިޒާމްތަކެއް ހަމަޖެހިފައި އޮންނާނެކަމަށް ބެލެވެއެވެ. އެފަދަ އިންތިޒާމްތަކަކީ ރައްޔިތުންނަށް ފުރިހަމައަށް އޮޅުންފިލުވައިދެވިފައި އޮންނަ ލުއިފަސޭހަ އިންތިޒާމަކަށް ވާންޖެހޭނެއެވެ. އަދި ރައްޔިތުން ހޭލުންތެރިކުރުވުމާއި އަހުލުވެރިކުރުވުމަކީ ބޭނުންތެރިކަމެކެވެ. ތަޢުލީމީ ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ސިއްޙީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. އެހެންކަމުން ޒަމާނީ ވަޞީލަތްތަކުގެ އަލީގައި ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސިދާނެއެވެ. އޮންލައިންކޮށް ކިޔަވައިދެވޭނެ އެންމެހާ ވަޞީލަތްތަކެއް ޤާއިމުކޮށް، މުވައްޒަފުންނާއި ދަރިވަރުންވެސް އެމަގަށް ތަމްރީނުކުރެވިދާނެތެވެ. އިންޓަނެޓުގެ އަގު ހެޔޮކުރުން ނުވަތަ ކިޔަވާކުދިންނަށް ހިލޭ ދެވޭ ޚިދުމަތަކަށް ހެދިދާނެއެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ގިނަ ޚިދުމަތްތައް ވެސް އޮންލައިންކޮށް އިންޓަނެޓު މެދުވެރިކޮށް ދެވިދާނެއެވެ. މުވައްޒަފުންނަށް ވެސް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސިދާނެތެވެ. އަދި ކޮންމެހެން ވެސް އޮފީހަށް ދާންޖެހޭ ފަދަ ޚިދުމަތްތައް ފޯރުކޮށްދެވޭ އޮފީސްތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅެންވާނެއެވެ. އެގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މުޅިމުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ކުރެވޭކަމެއް ކަމަށް މީހުންނަށް ޤަބޫލުކުރެވޭ މިންވަރެއްގައި ކުރެވެންވާނެތެވެ. ޕުރައިވެޓު ސެކްޓަރުގައި ވެސް ޚާއްޞަފިޔަވަޅުތަކެއް އެޅެންވާނެއެވެ. އިންތިޒާމްތައް ކުރިޔަށްވުރެ ހަރުދަނާ ވާންޖެހޭނެއެވެ. މުވައްޒަފުން އޮފީސްތަކަށް ނިކުތުމަށް އަންގަންވާނީ އެމީހުންގެ ރައްކާތެރިކަމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށްފަހުގައި ކަމުގައި ދެކެމެވެ. އެހެން ނޫނީ މުވައްޒަފުން ބަލިވުމާއި، ޙާޟިރީދައްވުން ފަދަ ކަންކަމުގެ ސަބަބުން އުފެއްދުންތެރިކަން ދަށްވެދާނެއެވެ. މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރެވޭނީ އެމީހުންގެ ސިއްޙީދުޅަހެޔޮކަމާއި ރައްކާތެރިކަމާއި ވަޒީފާގެ ޔަޤީންކަން ވެސް އިތުރު ކުރެވިގެންނެެވެ. މިގޮތުން ޒަމާނީ ވަޞީލަތްތަކަށް އަވަހަށް އަހުލުވެރިވާ ވިޔަފާރިތަކާއި، މީހުން ކުރިއަރާދާނެތެވެ. ހަމައެގޮތަށް އެފަދަ ވިސްނުންތަކާއި ބީރަށްޓެހި ފަރާތްތައް ފަހަތައްދާނެއެވެ.
ޢާއްމު ދިރިއުޅުމާއި ދޭދޭގުޅުންތަކުގައި ވެސް އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އެގޮތުން ކެއްސާ ކިނބިހި އަޅާ ނަމަ މާސްކު އެޅުމާއި، ޢާއްމުން އެއްވެއުޅޭ ތަންތަނަށް ނުދިއުމާއި، ތިމާއާއި އެހެންމީހުންގެ ރައްކާތެރިކަމަށް އިސްކަންދިނުން ހިމެނެއެވެ. މިފަދަ ޚާއްޞަ ޢުޞޫލުތަކަކަށް މުޖުތަމަޢު ތަރުބިއްޔަތު ވެއްޖެނަމަ ކުރިއަށްވުރެ ވެސް ދުޅަހެޔޮ، އުފެއްދުންތެރި އަދި ފުދުންތެރި މުޖުތަމަޢެއް މުސްތަޤުބަލުގައި ފެނުމުގެ ފުރުޞަތު އެބައޮތެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :