އެންމެމޮޅު އިކޮނޮމިކުސް ޓީޗަރ ޒެމް – ސައުވީސްވަނަ ބައި

އަޙްމަދު ޒަކީ | 24 މެއި 2020





ހަވީރުގެ އެންމެ ހިތްގައިމު ވަގުތުގައި ދަތުރުކުރަމުންދިޔަ ބޯޓު ހށ. ދުފަންދޫގެ ބޭރުމައްޗަށް ބަނދަރުކުރިއެވެ. ރަށުގެ ކުދިބޮޑު އެންމެން ކަހަލަގޮތަކަށް އަތިރިމަތީ އިސްތިޤުބާލަށް ތިބި ކަހަލައެވެ. އެވަގުތު އަހުރެންނަށް ވަރަށް ތަފާތު އިޙުސާސްއެއް ކުރެވުނެވެ. ދެއަހަރު ދުވަހުގެ ފަހުން އަނެއްކާ ވެސް އަމިއްލަ ރަށަށް، އަމިއްލަ ވަޒަނަށް އާދެވުނީއެވެ. މައިންބަފައިން އާއި ގާތްތިމާގެ މީހުންނާއި، ކުޑައިރު އެކުގައި ކުޅެ އުޅުން އެތަކެއް ރަޙުމަތްތެރީން އާއި ސަމާސާކޮށް އުޅުނު އުމުރުންދުވަސްވީ މީހުންނާ ވެސް ބައްދަލުވާނެތީއެވެ. ކޮންމެފަދަ ބޮޑު އުފާވެރިކަމެއް ތޯއެވެ. އާއެކެވެ. ދިރިއުޅެން ހަމައެންމެ ރަގަޅު ތަނަކީ އެމީހެއްގެ އަމިއްލަ ރަށެވެ. މިފަދަ ބޮޑު ހިތްހަމަޖެހުމެއް ހަމަ ޔަޤީނުންވެސް މާލޭރާއްޖެއަކުން ނުލިބޭނެތެވެ. ތީރި މާސިންގާ ބޮޑު ދޮންވެލި ގޮނޑުދޮށެވެ. ބޯހިޔާދޭ ރީތި ގަސްތަކާއި ރުއްތަކެވެ. އަރާމުކޮށްލައި ވައިޖައްސާލާނެ ހޮޅުއަށިގެތަކެވެ. ދޭދޭގުޅުންތައް ރަގަޅުކޮށްލާނެ ޖޯލިފަތިތަކެވެ. ނުދަންނަމީހަކު، ގޮވައިނުލާނެމީހަކު އަމުދަކުން ނޫޅޭނެތެވެ. އެކުވެރިކަމާއި، ރަޙުމަތްތެރިކަމާއި، ގާތްކަމާއި، އެއްބައިވަންތަ، އެއްބައެއްވަންތަ މުޖުތަމަޢުއެކެވެ. ފުޓުބޯޅައަށް އެހާފޯރިގަދަ ބައެކެވެ. ކުޅިވަރުތައް ކުޅުމަށް ފޯރިހުންނަ ޒުވާންޖީލެއް އޮތް ރަށެކެވެ. ޙުދުއަހުރެން ވެސް މިއީ ޒުވާނުންގެ ބޯޅައަށް ނުހަނު ފޯރިނަގާ ކިޔާ މީހެކެވެ. ރަށުގައި އޮތް ޤުދުރަތީ ރީތި ވިނަދަނޑަކީ މުޅިރާއްޖޭގައި ވެސް އޮތް އެފަދަ ދެވަނައެއް ނެތް ފުޓޫބޯޅަ ދަނޑެކެވެ. އަދި އެދަނޑަކީ ރަށުގެ ފަޚުރާއި ޝަރަފުކަމުގައި ގިނަ ބަޔަކު ދެކެއެވެ. އެހެންވާނެތާއެވެ. ރަށަށް ޒިޔާރަތްކުރާ ބޭރުރަށްރަށުގެ މީހުން ވެސް އެންމެ ޝައުޤުވެރިވާ އެއްތަނަކީ އެއީކަމުގައި ވާތީއެވެ. މިއީ އަހުރެންގެ ރަށްތާއޭ ހިތާ ހިތާކިޔާލެވުނެވެ. އެހިނދު އުފާވެރިކަމުގެ ފުން ނޭވާއެއް ލެވުނެވެ. ކޮންމެއަކަސް ރަށުގެ ހިކިފަހަށް ފޭބިއިރު، އެއްކަލަ ފަރުޒާނިޔާމެން، މުޙައްމަދު ތަކުރުފާނުމެން އެއްމިޔަކަނުން ހިނިތުންވެފައި ބަލަންތިބިތަން ފެނުމުން ލަދުރަކިކަމެއް އިޙުސާސްކުރެވުނެވެ. މޮޅު ޓީޗަރަކަށް ވުމަށްޓަކައި ކުރިދަތުރުގައި އެއްވެސް ކާމިޔާބީއެއް ޙާޞިލުނުވެ ރަށަށް އަންނަން ޖެހުނީތީއެވެ. އެމީހަކު ކުރިކަމެއް އެމީހަކަށެވެ. އަހުރެންގެ ފަހަރު އިންޝާﷲ އަންނާނެތާއެވެ.

ދެންއޮތީ މަންމައާއި ބައްޕައަށާއި އާއިލާގެ ދެންތިބީންނަށް ލިބުނު އުފާވެރިކަމެވެ. އެންމެން ވެސް ތިބީ އަހުރެން ރަށަށް ބަދަލުވީތީ އާއި ސަރުކާރުގެ ރަގަޅު ވަޒީފާއެއް ވެސް ލިބިފައި ވީތީއެވެ. ޒަމާނުގެ ގޮތުން ދައުލަތުގެ ކޮންމެފަދަ މަޤާމެއް ލިބުނަސް އެއީ ވަރަށް ބޮޑު އެއްޗެކެެވެ. އެހެނީ އާމްދަނީ ހޯދުމަށް ކުރެވޭނެކަ މާގިނަ ކަންތަކެއް، އެފަދަ ވިސްނުމެއް ވެސް ނުމެހުރޭމެއެވެ. އެހެންކަމުން ގޭތެރޭގައި އެކަމުގެ އުފާވެރިކަން ވިދާބަބުޅާކަން އިޙުސާސްކުރެވުނެވެ. މިހުރިހާ ހިތްހަމަޖެހުމެއް ލިބެމުންދިޔަ އިރުވެސް ހިތުގެ ތެރޭގައި ތަދުވާކަހަލަ ވިންދެއް ޖަހަޖަހަ ހުއްޓެވެ. އަމިއްލަ ޙަޔާތަށް މިގެނައި ބޮޑު ބަދަލުގެ ސަބަބުން އަހުރެން ނުވަތަ އެހެންމީހަކު ފަހުން ހިތާމަކުރަން ޖެހިދާނެބާއެވެ. އުފެދޭ ސުވާލެވެ. ބުލްބުލް އެވެ. އަކީކޯ އެވެ. ޚުދު އަހުރެންނެވެ.

ޙަޔާތުގެ މުޅިން އައު ޞަފުހާއެއް ހުޅުވޭ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަތުގެވެ. ފުރަތަމަ ފަރަހަށް އަމިއްލަ ރަށުގެ ރަސްމީ އިދާރާއަކަށް ވަޒީފާއަށް ނިކުތްދުވަހެވެ. އާއިލާގެ އެތަކެއް ބަޔަކު އުންމީދުކުރި ބޮޑު ދުވަހެކެވެ. ދުވަހުގެ ޚާއްޞަކަމުން ހެނދުނުގެ ނާސްތާ ވެސް ކުރާހިތެއް ނުވިއެވެ. ހަތްގަޑި ބަޔަކީ ހެނދުނުގެ ސަޔަށް ތަންކޮޅެއް އަވަސް ގަޑިއެއްކަމަށް ބަލާފައި، ފަހުން ހެނދުނުގެ ނާސްތާއަށް އަންނާނީއޭ ހިތާ އެއްކަލަ ބައިސްކަލުގައި އޮފީހަށް ވައްޓާލީ ވަރަށް އުފަލުން ހުރެއެވެ. އަހުރެންގެ ބައިސްކަލު ރީތިކަމުން ބައެއްކުދިވެރިން ވަރަށް ފޯރިހުރެއެވެ. އޮފީހުގެ ބަޔެއް މީހުންނަށް ވެސް ވަރަށް ރީތިވެއްޖެއެވެ. ހުދުކުލައިގެ ރެލީ ޝޮޕަރުމަރުކާޖެހި ބައިސްކަލު ޙަޤީޤަތުގައި ވެސް ރީތީއެވެ. ބަޔެއްމީހުންނަށް ބައިސްކަލް ރީތިވެގެން އުޅުނުއިރު އަނެއްބަޔަކަށް އަހުރެން ކަމަކުނުދިޔައެވެ. އަހުރެންގެ ފޫކޮޅު ކުޑަކަމުން އެއްބަޔަކަށް ކަމަކުނުދިޔައެވެ. އަހުރެން ނަންބަރުފޯ ފަޓުލޫނު ނުލާތީ އަނެއްބަޔަކަށް ކަމަކުނުދިޔައެވެ. އަދި އެއްވެސް ކަމަކާއިނުލާ ކަމުނުދިޔަ ބަޔަކުވެސް އުޅުނެެވެ. ތަފާތު އެކި އެކު ބަހުސްތައް ވެސް ކުރެވެމުން ދިޔައެވެ. އެގޮތުން އެއްބަޔަށް އަހުރެން މަޤާމުގެ ޝަރުތެއް ހަމައެއް ނުވެއެވެ. އަނެއްބަޔަކަށް އަހުރެންގެ އެއްވެސް ތަޖުރިބާއެއް ހުރިކަމަކަށް ނުވިއެވެ. މިފަދަ އަޑުތަކެއް ވަޒީފާއަށް ނިކުތް ފުރަތަމަ ދުވަހު އަޑު އިވުމަކީ އަހުރެން ވަރަށް ހާސްކުރުވިކަމެކެވެ. އެހެނީ ބައެއް ކަންކަމަކީ އަހުރެން ކިތަންމެ މަސައްކަތެއް ކުރިޔަސް ޙާޞިލުނުވާނެ ކަންކަމަށް ވާތީއެވެ. ނަންބަރުފޯ ފަޓުލޫނު ލެވިދާނެތެވެ. ދުވަސްވާ ވަރަކަށް އުމުރު މައްޗަށް ގޮސް ތަޖުރިބާ ވެސް ލިބޭނެތާއެވެ. އެހެނަސް އަހުރެންގެ ކުޑަ ފޫކޮޅަކީ ޤުދުރަތުން ދެއްވި ސިފައެކެވެ. އެޔެއް ބަދަލެއް ނުވާނެތާއެވެ. ހަމަ ޔަޤީނުން ވެސް އެއްބަޔަކަށް އަހުރެން ދުވަހަކު ވެސް ކަމަކުނުދާނެތާއެވެ. މިއީ އަދި ދުވަހަކު ވެސް ޙަޔާތުގައި ކުރިމަތިނުވާ ޚާއްޞަ ޙާލަތަކަށް ވެއްޖެއެވެ. އަދި މިކުރެވުނު ތަޖުރިބާއަކީ ބައިންބަފައިން ގާތު ވެސް ޙިއްސާކުރެވޭނެކަމެއް ނޫނެވެ. މާލޭރާއްޖޭގައި ވަރަށް ގިނަކުދިންނަށް ވަރަށް ކަމުދިޔަ މީހެއް، އަމިއްލަ ރަށުގައި، ބަޔަކަށް ކަމުނުދިޔައީތާއެވެ. މިއީ ވެދާނެގޮތެއް ކަމަކަށް ދުވަހަކުވެސް ހިޔެއްނުކުރަމެވެ. އަބަދުވެސް އުންމީދުކުރީ އަމިއްލަ ރަށުގައި ވަޒީފާގެ މާޙައުލު ހިތްހެޔޮވެފައި މަޖާވާނެކަމަށެވެ. ދަންނަމީހުން ގިނަވެފައި، މަދު އާއިލާއެއްގެ ބަޔަކު އުޅޭ މުޖުތަމަޢު އެއްގައި، ދޭދޭގުޅުންތައް ރަގަޅުވާނެ ކަމަށެވެ. އެކަމަކު އެހެން ނުވީތާއެވެ. ދެލޮލުން ފެންކަޅި ނުވިޔަސް ވަރަށް ދެރަވެއްޖެއެވެ. މިހުރިހާކަމެއް މިހެން ހުއްޓަސް އޮފީހުގެ އެންމެއިސްވެރިޔާ ވަރަށް ވެސް ރަގަޅެވެ. ތަޢުލީމީ ޒުވާނުން ބޭނުންވާކަމަށާއި، ކޮމްޕިއުޓަރާއި އިންޓަނެޓުގެ ބޭނުންދަނީ ބޮޑުވަމުން ކަމަށާއި، އަހުރެން ވަޒީފާއަށް ހަމަޖެހުނުކަމީ އުފާކުރައްވާކަމެއް ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ ދެން އެއުޅުނު ބަޔަކަށް އެވީގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ. ބަޔެއްފަހަރަށް އަމިއްލަ ނަފުސަށް ހިނިވެސް އާދެވެއެވެ. އެހެންޏާފަހެ، އަހުރެންގެ މަޤާމާއި އަހުރެންގެ ފޫކޮޅާއި ވެސް ގުޅުވީއެވެ. މީހަކު އަޖައިބެއް ވެސް ނުވާނެހެއްޔެވެ.

ފުރަތަމަ ދުވަހުގެ އޮފީސްގަޑި ނިމިގެން ގެއަށް ދިޔުމަށްޓަކައި ބުއްވާފައި ދިޔަ ވަގުތެކެވެ. ކުއްލިއަކަށް ކާފަ ފެނުމުން މަޑުކޮށްލީމެވެ. އެހެނީ އަހުރެން ރަށަށް ގެނައުމުގައި އެންމެބޮޑު ދައުރެއް އަދާކުރީ ވެސް ކާފައެވެ. މަޑުކޮށްލުމުން ވަރަށް ވެސް އަގުހުރި ނަޞޭޙަތްތަކެއް ދެއްވިއެވެ. އަދި އެއީ އެވަގުތަށް އެންމެ ބޭނުންވާނެ ފަދަ ނަޞޭޙަތްތަކެކެވެ. ކާފަގެ ދުރުވިސްނުން ހުރިމިންވަރު ފެނި އަހުރެން ހަމަ އަންތަރީސް ވާވަރު ވިޔެވެ. ދަރިފުޅާ ޒެމްއެވެ. ތިޔަ އާދެވުނީ ރަގަޅު ވަޒީފާއަކަށެވެ. ކޮންމެ ރަގަޅު ފުރުޞަތަކަށް ހަސަދަވެރިވާނެ ކޮންމެވެސް ބަޔަކު ތިބޭނެތެވެ. އެފަދަމީހުން ދަރިފުޅު ފޫހިކޮށްލަން މަސައްކަތް ކުރާނެތެވެ. އަދި ދަރިފުޅަކީ އެއްވެސް މީހެއްނޫންކަމަށް ހަދައި، ތިޔަވަޒީފާއަކީ ވެސް އެއްވެސް އެއްޗެއް ނޫންކަމަށް ބުނެ، މާޔޫސްކުރަން އުޅޭނެއެވެ. މީގެ އިތުރުން ބޮލުގައި ބޮޑެތި ތުހުމަތުތަކާއި، މައްސަލަތައް އަޅުވަން ވެސް އުޅޭނެތެވެ. އެހެނަސް ދަރިފުޅަކީ ވިސްނުންތޫނު، ތޫނުފިލި ދަރިއެއްކަން ކާފައަށް އެނގެއެވެ. ވީމާ ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާއި އެކު ފަސްނުޖެހި ކުރިއަށް ދާށެވެ. އެއްވެސް މީހަކަށް ގަސްދުގައި ދެރައަށް ލިބޭނެފަދަ އެއްވެސް ކަމެއް ނުކުރާން ހަނދާންކޮށްދެމެވެ. ކާފަގެ ބަސްތަކުން އަހުރެންގެ ހިތް އުފަލުން ރޮއްވާލިއެވެ. އަހުރެން އެދުވަހު އޮފީހުން ހަމަލޮލުން ދުއްމަންޒަރުތައް ކާފަ ކިޔައިދިނީއެވެ. އަހުރެންނަށް ކޮންފަދަ މުހިންމު ނަޞޭޙަތާއި އިރުޝާދެއް ހެއްޔެވެ. ކާފައަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. (ނުނިމޭ...)


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ދުންޔާ ހުސެެއިން

👍