އެންމެމޮޅު އިކޮނޮމިކުސް ޓީޗަރ ޒެމް – ތޭވީސްވަނަ ބައި

އަޙްމަދު ޒަކީ | 22 މެއި 2020





ދުވަހަކީ އަނެއްކާވެސް ޙަޔާތުގައި މުހިންމު ސިޓީއެއް ލިޔަންޖެހޭ ދުވަހެކެވެ. އެންމެފުރަތަމަ ލިބުނު ސަރުކާރު ވަޒީފާއިން އިސްތިއުފާ ދިނުމަށް ލިޔާސިޓީއެވެ. އެހެނީ ވަގުތީ ވަޒީފާއެއްވީމައި، ވަޒީފާ ބަދަލުކުރާ އުޞޫލެއް ނޯވެއެވެ. އަޅުގަޑަށް ވިސްނުނު އެންމެރަގަޅު ގޮތަކީ ސިޓީއަކުން އެވާހަކަދެންނެވުމެވެ. އެދުވަހު އޮފީހަށް ސޮއިކުރުމަށްފަހު، އެންމެފުރަތަމަ ކަމެއްގެ ގޮތުން އިސްތިއުފާގެ ސިޓީ ލިޔުމަށްފަހު އިދާރީބަޔާއި ޙަވާލުކުރީމެވެ. އެސިޓީގައި ހަމަހުރިހާކަމެއް ވެސް އަލިފުން ޔާއަށް ތަފުޞީލުކޮށް ބަޔާންކުރީމެވެ. އަމިއްލަ ރަށުގައި ވަޒީފާއެއް އަދާކުރުމުގެ އުންމީދުގައި ކިޔަވަން މާލެ ހިޖުރަކުރިކަމަށާއި، ވާންބޭނުންވީ މުދައްރިސަކަށްކަމަށާއި، އެކަމަށް އެއްވެސް އަލިމަގެއް ފެންނާނެގޮތެއް ނުވަތަ ޚަބަރެއްވެސް ލިބިފައި ނުވާތީ އާއި، ރަށު އޮފީސްތަކަށް އަލަށް ތަޢާރަފުކުރާ މަޤާމަކަށް ހަމަޖެހިފައިވާތީ މުދައްރިސުންގެ މަރުކަޒުގެ ވަޒީފާއިން އިސްތިއުފާ ދިނީކަމަށެވެ. މިޚަބަރު ވެގެންދިޔައީ އެންމެންނަށް ވެސް ލިބުން ވަރަށްބޮޑު ހައިރާންކަމަކަށެވެ. އަދި ވަރަށްގިނަ މުވައްޒަފުން ދެރަވެ އެކަމުގެ ޝުޢޫރުތައް ފާޅުކުރިއިރު، އަނެއްބަޔަކު ވަދާޢީސައި އޮންނަންވާނެކަމަށް ބުނަމުންގެންދިޔައެވެ. އެހެނީ އަޅިގަޑުމެން ހުރިހާމުވައްޒަފުން ވެސް އުޅެމުންގެންދިޔައީ ވަރަށްވެސް އެކުވެރި މާޙައުލެއްގައެވެ. އެއް އާއިލާއެއްގެ މެންބަރުންތަކެއްގެ ގޮތުގައި އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި އެކުގައެވެ. ޚުދު އަޅުގަޑު ވެސް ވަރަށް ލޯބިވާއޮފީހަކަށް ވެފައި އެތަކެއް ރަޙުމަތްތެރިންއެއް ދޫކޮށްފައި ދާންޖެހުމަކީ ދެރަވިކަމެކެވެ. އެހެންވާނެތާއެވެ. އެންމެފުރަތަމަ ލިބުނުވަޒީފާއެވެ.

އަކީކޯ އަންނަން އަދި އިތުރު ހަފުތާއެއް އޮތުމާއި އިސްތިޢުފާގެ ސިޓީއަށް ޖަވާބެއް ވެސް ބޭނުންވާނެއެވެ. އެހެނީ ވަޒީފާއެއް އަދާކުރިތަނަކުން ވަކިވެގެންދާއިރުގައި އެތަނެއްގައި ވަޒީފާއެއް އަދާކުރިކަމުގެ ލިޔުމެއް ހޯދުމަކީވެސް ބޭނުންތެރިކަމަކަށް ވާތީއެވެ. އެހެނީ ހުރިހާކަމެއް ވެސް ކަޅާއިހުދުން ރަގަޅަށް ރެކޯޑުކުރެވިފައި އޮންނާނެތާއެވެ. މިއީ ވެސް ޙަޔާތުގެ ފަތްފުއްތަކުން ޞަފުޙާއެކެވެ. އެހެނަސް ސިޓީގެ ޖަވާބު ލަސްވިޔަސް ސުވާލުކޮށް ހަދާކަށެއް ނުކެރޭނެއެވެ. ޑރ. ސާރ އަކީ އަޅުގަޑު ވަރަށް ލަދުގަންނަ އަދި ވަރަށްވެސް އިޙުތިރާމްކުރާ ބޭފުޅެކެވެ. އެބޭފުޅާ ދެއްވާނީ ރަގަޅު ޖަވާބެއްކަމަށް ބެލީމެވެ. ހަމަޖެހިގެން އައި ދުވަހު އިސްތިއުފާ ޤަބޫލުކުރެއްވި ކަމަށާއި، ވަޒީފާއިން ވަކިކުރެއްވިކަމުގެ ލިޔުމާއި، ވަޒީފާގައި އުޅުނުކަމުގެ ހަނދާނީ ލިޔުންވެސް ދެއްވައިފިއެވެ. މިހާރުދެން ކޮންމެ ވަގުތެއްގައި ވެސް ރަށަށްދާން ފުރަންވީއެވެ. ހިތުތެރޭގައި ކެކެމުންދާ ނުތަނަވަސް ކަމަކާއި އެކުވެސް އަހުރެން ހުރީ އުފަލުން ފުރިފައެވެ. ކޮންމެއަކަސް ރަށަށްދާން ފުރޭނީ ވެސް ރަށަށްދާ ފަޅުއޮޑިއެއް އޮތިއްޔާއެވެ. އެހެންކަމުން ބަނދަރުމަތި ބަލަމުން، ބޭނުންވާ އެއްޗެހިގަނެ ތައްޔާރުކުރަމުން، އަކީކޯ އާދޭތޯ ވެސް އިންތިޒާރުކުރީމެވެ. އެހެނީ ރަށަށް ދިއުމުގެ ކުރިން ކޮންމެހެން ވެސް ހުށަހަޅަންޖެހޭ ބޮޑު ވާހަކައެއް ވެސް އޮތީމައެވެ. އަދި އެހުށަހެޅުން އެންމެފުރަތަމަ ހުށަހަޅަން ބޭނުންވަނީ ވެސް ޚުދު ފަރިކަމަނާއަށެވެ. ހަމައެހެންމެ ފޯނަކުން މެސެޖަކުން މިވާހަކަ ދައްކާކަށެއް ވެސް ބޭނުމެއް ނުވިއެވެ. އެހެނީ ވާހަކައިގެ ބާވަތުން މީހާގެ މޫނުމައްޗަށް އަންނަ ބަދަލުތަކާއި، ކޮށްފާނެ އަސަރުތަކުގައި ވެސް މުހިންމު ވާހަކަތަކެއް ނުވަތަ މާނައެއް ވާނެތީއެވެ. އެވާހަކަތަކަކީ އަހުރެން ދެކެންބޭނުން ވާހަކަތަކެކެވެ. އެއީ އަހުރެންދެކެ ޙަޤީޤީލޯބިވާމީހެއްގެ ލޯބި ހަމަލޮލަށް ފެންނާނެ ވަގުތެއްކަމަށް އުންމީދުކުރެވުނެވެ. ހަމައެހެންމެ މީހަކަށް ކޮށްފާނެ ބޮޑު އަސަރަކުން ކަމެއްދިމާވެދާނެތީ ވަރަށް ޖެހިލުންވެސް ވީކަމެކެވެ. ޚިޔާލުތައް ގިނަވެއްޖެއެވެ. އަދި ކަފިކަފި ވެސް ވާންފަށައިފި ކަހަލައެވެ. އެގޮތުން ފަރިކަމަނާ ލަސްވާނަމަ. ހިތުލީކަމަނާއަށް ހުށަހަޅަންވީބޭއޭ ހިތަށް އަރަންފަށައިފިއެވެ. އެހެނީ އެއްވެސް މީހެއްގާތު އެއްވެސް އެއްޗެއް ނުބުނެވިހުއްޓާ ފުރަންޖެހިއްޖެނަމަ، އަނެއްކާ ވެސް ކަތިވަޅިގެއްލި މަރިޔަނބުގެއްލި ކޮށިދަނޑުވެސް ގެއްލިދާނެތީއެވެ. އެހެންވެއްޖެނަމަ، ރަށަށްގޮސް އަހުރެންނަށް އަދާކުރެވޭނެ ވަޒީފާއެއް ނުވަތަ މަސައްކަތެއް ވަކި އޮންނާނެތޯއެވެ. ލޮއެއްބަކީ ވެސް ވާއެއްޗެއް ނޫނެވެ. އެއީ ވެސް ވެވޭއެއްޗެކެވެ. އިންސާނުންގެ ހިތަށްލިބޭ އެންމެބޮޑު ހިތްހަމަޖެހުމުގެ އެންމެފުނަށް ކިޔާ ނަމެކޭވެސް ބުނެއުޅެތެވެ. ވީމާ މިކަމަކީ އެއްގޮތަކަށް ވެސް ކަންފަސޭހަކޮށްލެވޭނެކަމެއް ނޫނެވެ.

ކުއްލިއަކަށް ލިބުނީ ހިތުލީކުއްޖާގެ މެސެޖެކެވެ. ކޮންމެހެންވެސް ބައްދަލުކުރަން ބޭނުންކަމަށާއި، އާންމުކޮށް ބައްދަލުކުރާ ގަޑިއަށް އެކުއްޖާފުޅުގެ ގެއަށް އައިސްދިނުމަށެވެ. އެވަތުގު ހިތުގެ ވިންދު އަވަސްވީ ކަހަލައެވެ. އަދި ކުރެވުނު ފިކުރުތައް ދެގުނަވެއްޖެއެވެ. އަހާނީބާވައެވެ. ނާހާނީބާވައެވެ. އަހުރެންގެ ހިތުތެރޭގައި އަންބާއަކަށް ވެއްޖެކަހަލައެވެ. ކުއްލިއަކަށް ހަނދާންވީކަހަލައެވެ. އަސްތާ އަދި މިއުޅެވުނީ ދިރިއުޅޭ ގޭގެ އެއްވެސް މީހަކުގާތުވެސް ފުރަންއުޅޭވާހަކަ ނުބުނެތާއެވެ. ހަމަގައިމުވެސް މާލޭމަންމައަށް އެނގެން ބޭނުންވާނެތެވެ. އަދި ދެރަވެސްވާނެތެވެ. އެހެންކަމުން ރަގަޅު ވަގުތެއްގައި އެވާހަކަދައްކާލުމަށް ހިތުއެޅިމެވެ. އެހެނީ އެއީ ވެސް އަހުރެންގެ ޙަޔާތުގައި މުހިންމުބައެކެވެ. އަހުރެންނަށް ޙާޞިލުކުރެވުނު އެންމެހާކަމެއްގައި ވެސް އަދާހަމައަށް ބޮޑު ޙިއްސާއެއް ވެދިންބައެކެވެ. އެކަމުގެ ޝުކުރު ޙައްޤުބައެކެވެ. އެހެންކަމުން ހަވީރުގެ ސައިގަޑީގައި އެވާހަކަދައްކައިފީމެވެ. އެންމެންނަށް ވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އެހެނީ އަހުރެން އެންމެ ބޭނުންވި ކަމަކީ މޮޅުއިކޮނޮމިކުސް ޓީޗަރަކަށް ވާށެވެ. އެކަން ޙާޞިލުނުކޮށް ރަށަށްދާތީ ބައެއްމީހުންގެ ކަންބޮޑުވުންތައް ފާޅުކުރިއެވެ. އެހެނަސް އެންމެމުހިންމު މީހާކަމުގައިވާ މާލޭމަންމަގެ ވިސްނުން މުޅިންތަފާތެވެ. އަހުރެންގެ އުންމީދުތައް ޙާޞިލުކުރުމުގައި ހުރަހެއްނެތް ކަމަށާއި މިވަގުތަށް ރަށަށް ބަދަލުވުމަކީ ވަރަށްރަގަޅުކަމެއް ކަމަށެވެ. މާލޭގައި ހުރެގެން މީހާ ވަރުބަލިވަންދެން މަސައްކަތްކުރުމަށް ވުރެ، ރަށުގައި މައިންބަފައިންގެ ގާތުގައި ހުރެ، ކުޑަކަމެއް ކޮށްލުންވެސް މާރަގަޅުވާނެ ކަމަށެވެ. އަދި ކޯސް ލިބޭދުވަހަކުން އަނެއްކާވެސް އަންނާނީކަމުގައި ބުނެ ހިތްވަރުދީފިއެވެ. މާލޭމަންމަގެ ތަފާތަކީ އެއީ އެވެ. ހެޔޮނަޞޭޙަތާއި އެކު ހިތްވަރުދޭނެތެވެ. މަދުންނޫނީ ނުފެންނަހާ ހިތްހެޔޮ، ކެއްތެރި، ރަގަޅު އިންސާނެކެވެ.

ހިތުލީކުއްޖާ އާއި ބައްދަލުކުރުމަށްޓަކައި އެކުއްޖާފުޅުގެ ގެއަށް ދިއުމަށްޓަކައި ފިސާރިމާފަންނުކޮޅަށް ދުއްވާލީމެވެ. އަހުރެންގެ ފިސާރި ޗާލު ޝޮޕަރުގައި ދެވުނުހާބާރަކަށެވެ. ކަންފަތުން ވައިކަފާލާވަރަށް ދުއްވާލާފައި ދާއިރު ބާޒާރުކުރަން ނިކުމެއުޅޭ ޅަޒުވާނުން ވަރަށް ކަޅިއަޅާކަހަލައެވެ. އަހުރެން ދިރިއުޅޭގެ އިން ހިތުލީކުއްޖާފުޅުގެ ގެއަށް ދިއުމަށް ފަސްމިނެޓުވެސް ނުވާކަހަލައެވެ. އެކުއްޖާފުޅު ގުޅާލުމުން ލިބޭ އުފާވެރިކަމުގެ ބޮޑުކަމާއެވެ. އެހެންކަމުން ގަޑިޖެހުމުގެ ދިހަވަރަކަށް މިނެޓުކުރިން ބުލްބުލް ދިރިއުޅޭ ގެއަށް ވައްޓާލީމެވެ. އަސްތާ އެހެން ރޭރެއާއި ތަފާތުގޮތަކަށް ތައްޔާރުވެފައި ހުރި ރެއެކެވެ. އަހުރެންނާއި އެކު ބާޒާރުކުރަންދާން ތައްޔާރުވެގެން ހުރި ރެއެކެވެ. އަހުރެންގެ ދަތުރަށް ބޭނުންވާނެ އެއްޗެހި ގަނެދިނުމަށެވެ. އަދި ދުވަހަކު ވެސް ދެމީހުން އެކުގައި މިހާތަކަށް ނުދަމެވެ. ބުލްބުލް ވަރަށް ދުރާލާ ހުއްދަ ހޯދާފައި އޮތުމުން އެއްވެސް މީހަކު އެއްވެސް ސުވާލެއް ކޮށްލުމެއްކަމެއް ވެސް ނެތެވެ. އަހުރެން ވީއުފަލެއް ބުނަންވެސް ނޭނގޭހާވިއެވެ. ފުރަތަމަ ފަހަރަށް ދެމީހުން އެކުގައި ބޭރަށް ގޮސްލަން ލިބުނު ފަހިފުރުޞަތެކެވެ. އެގޮތުން ދެމީހުން އެކުގައި ބޭރަށް ނިކުމެ، އަހުރެން ބޭނުންވާ އެއްޗެއްސާއި، ބުލްބުލް ބޭނުންވިހާ އެއްޗެއް ވެސް ގަތީމުއެވެ. މިހުރިހާ އެއްޗަކަށް ވެސް ފައިސާ ދެއްކީ ހިތުލީކުއްޖާއެވެ. އަހަރެމެން ފަރިކަމަނާއަށް ދަތުރަށް ތައްޔާރުކޮށްދިންހާ ފުރިހަމަކޮށް އަހުރެންގެ ދަތުރަށް ވެސް ތައްޔާރުކޮށްދީފިއެވެ. ބުލްބުލްގެ ޙަޤީޤީ ހިތްހެޔޮކަމާއި، ހިތްތިރިކަމާއި ލޯބި ފެނިއްޖެއެވެ. އެހިނދު އުފަލުން ހިތްފުރިއްޖެކަމުގެ އިޙުސާސް ކުރެވުންކަހަލައެވެ. އަދި ވިޔަފާރިކޮށް ނިމުމުން ވެސް އަދި ނުފުދުނެވެ. ސިމްފަނީ ރެސްޓޯރަންޓަށް ވަދެ ކައިބޮޔެ މަޖާކުރުމަށްފަހު އެނބުރި ގެއަށް އައީ ދެމީހުންވެސް އުފަލުން ހެމުން ނަށަމުންނެވެ. މިއީ ޙަޔާތުގައި ފާހަގަކޮށްލެވޭނެ ތާރީޚީ ދުވަހެކެވެ. އަދި އޭގެފަހުން ގޭގެ ބެލްކަނީގައި ވަގުތުކޮޅެއް ހޭދަކުރީމެވެ. އެވަގުތު މަންމައަކު ކުޑަކުއްޖަކަށް ނަޞޭޙަތްދޭފަދައިން އަހުރެންނަށް ނަޞޭޙަތްދިނީ ހިތުލީ ކަމަނާއެވެ. އަހުރެން ރަށަށްމިދާ މަޤުޞަދު ހަނދާންކުރުމަށާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ރަގަޅަށް މަސައްކަތްކުރުމަށާއި، ގޯސްކޮށްނޫޅުމަށާއި ޙެޔޮޢަމަލުކުރުމަށް ނަޞޭޙަތްތެރި ވެއްޖެއެވެ. ދެމީހުން ދުރުގައި ތިބެންޖެހުނަސް އެކަކު އަނެކަކަށް އިންތިޒާރު ކުރުމަށާއި، ފެންނަހާކަމަކާއި އެއްޗަކަށް ނުހެއްލުމަށެވެ. އަދި ފަސްއަހަރު ދުވަހު ދެމީހުންކުރި އުންމީދުތައް ބަރުބާދުވެދާނެ އެންމެހާކަމަކުން ދުރުހެލިވުމަށެވެ. އެހެންމީހުންނަށް އިޙުތިރާމްކުރުމަށާއި، އެއްވެސް މީހަކަށް ގެއްލުމެއްވާނެކަމެއް ނުކުރުމަށެވެ. އަހުރެންގެ ހިތަށް ފިނިކަމެއް ލިބިއްޖެކަހަލައެވެ. މީހާގެ ހުރި ހުރިހައި ހާސްކަން ފިލާދިޔަކަހަލައެވެ. ދުވަހަކު އަދި ނުލިބޭފަދަ ހިތްހަމަޖެހޭ އިޙުސާސްތަކާއި އެކު ގެއަށް އައީ ފުރަންޖެހޭތީ ކުރަމުންދިޔަ ފިކުރު ހަނދުމަނެތިކޮށްލުމަށް ފަހުގައެވެ. އަދި ޖެހިގެން އައި ދުވަހު ފުރައިގެން ރަށަށް ދިޔައިމެވެ. (ނުނިމޭ...)


ކިޔުންތެރިންގެ ޚިޔާލު...


ނަން :