ދިވެހިރާއްޖޭގެ އިޤުތިޞާދު އަލުން ދިރުވާނީ ކިހިނެތްތޯއެވެ.

އަޙްމަދު ޒަކީ | 21 މެއި 2020





2019 ވަނައަހަރުގެ ނޮވެމްބަރު 17 ވަނަދުވަހުގެ ތާރީޚުގައި މުޅިންއަލަށް ފެނުނުކަމަށް ރެކޯޑުކުރެވިފައިވާ ކޮރޯނާވައިރަހަކީ ނުރައްކާތެރި ރޯގާއެއް ޖައްސާ ޖަރާސީމެކެވެ. އިންސާނުންގެ ގައިންގަޔަށް ފެތުރޭ މިބައްޔަކީ ނޭވާލާނިޒާމަށް ޙަމަލާދޭ ބައްޔެކެވެ. މިރޯގާގެ އެންމެނުރައްކާތެރި އެއްސިފައަކީ ހަލުވިކަމާއި އެކު މުޖުތަމަޢުތަކަށް ފެތުރިގެންދާ ދިއުންކަމުގައި ގިނަބަޔަކު ދެކެއެވެ. އެހެންކަމުން މިރޯގާ ފެތުރުން ކޮންޓުރޯލުކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް ދަނީ ދުނިޔޭގެ ހުރިހާގައުމުތަކެއްގައި ވެސް ތަންފީޒުކުރަމުންނެވެ. ދުނިޔޭގެ ސިޙަތު ޖަމިއްޔާ (ޑަބުލިޔޫ. އެޗް. އޯ) އިން ވެސް މަޝްވަރާދެނީ އެފަދައިން ޢަމަލުކުރުމަށެވެ. އެގޮތުން ދިވެހިރާއްގޭގައި ވެސް ދަނީ ތަފާތު ފިޔަވަޅުތައް އަޅުއްވަމުންނެވެ. ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ މައިދޮރޯށި ބަންދުކުރުމުގެ އިތުރުން މުޅިގައުމުގައި ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، އާންމުރައްޔިތުން ވެސް ވަނީ ފުރަބަންދުވެފައެވެ. މިހާތަނަށް 1200 އަށްވުރެ ގިނަމީހުންނަށް ބަލިޖެހި، އެތައްހާސްބައެއް ވަނީ ކަރަންޓީނުކުރަން ޖެހިފައެވެ. މަދުމީހުންކޮޅެއް އެއްކޮށް ފަސޭހަވިޔަސް ބައެއްގެފުރާނަވެސް ވަނީ ގެއްލިފައެވެ. މިހެންވުމީ ބަލީގެ ބިރުވެރިކަން އިތުރުވެ، ކަމާއިބެހޭ ފަރާތްތަކުން އަޅުއްވާފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކުރެވިފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން އެތަކެއް ވިޔަފާރިއެއް ވަނީ ބަންދުކުރަންޖެހިފައެވެ. މީގެ ސަބަބުން ދައުލަތަށް ލިބޭ ޢާމްދަނީ މަދުވުމުގެ އިތުރުން އެތައްސަތޭކަމީހުންގެ ވަޒިފާވެސް ވަނީ ގެއްލިފައެވެ. އިޤުތިޞާދީ ބޮޑު ވަޅުގަނޑަކަށް ވެއްޓިފައެވެ. އަދި އިޤުތިޞާދީ މިޙާލަތަށް ހެޔޮބަދަލުތަކެއް ނަައިސް ގިނަދުވަސްތަކެއްވެއްޖެނަމަ މިޙާލަތު އިތުރަށް ގޯސްވުމަކީ ވެސް އެކަށީގެންވާކަމެކެވެ. އަދި އެހެންނޫނަސް، ރޯގާބަލިމަޑުކަމަށް ފަހު އިޤުތިޞާދު އަލުން އާރާސްތުކުމަށް ހަރުދަނާފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ. މިމަޒުމޫނުގައި އަޅުގަނޑު މިފާހަގަކުރަނީ އެގޮތުން ކުރެވިދާނެކަމަށް އަޅުގަނޑަށް ފެންނަބައެއް ކަންތައްތަކެވެ.

1. ފަތުރުވެރިކަމުގެ ސިނާއަތު ވަކިފަންތިއެއްގެ ފަތުރުވެރިންނަށް ހުޅުވާލުން

ކޮރޯނާރޯގާގެ ސަބަބުން އިޤުތިޞާދަށް އަސަރުނުކުރާ ހަމަ އެއްވެސް ގައުމެއްނެތެވެ. އެހެންކަމުން އާއްމުފަތުރުވެރިން މިވަގުތު ތިބޭނީ އެމީހުންގެ މާލީޙާލަތުދައްވެ، ދިވެހިރާއްޖެފަދަ އަގުބޮޑު ރިސޯޓުތަކަށް ޗުއްޓީކުރަން އާދެވޭނެވަރަށް ވުރެބޮޑަށް ދަށްވެފައި ކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް ތަނަވަސް މީހުންނާއި ބޮޑެތި މަހުޖަނުންގެ އާއިލާތައް ތިބީ ފުރުޞަތެއް ލިބިއްޖެނަމަ ދިގުމުއްދަތުތަކަށް ވެސް އައުމަށް ތައްޔާރަށް ކަމަށް ބައެއްބޭފުޅުން ވިދާޅުވެއެވެ. އެހެނީ ކޮރޯނާރޯގާގައި އެމީހުންވެސް ތިބީ ފުރަބަންދުވެފައެވެ. އެމީހުންނަށް ބޭނުންވާނީ ފައިސާއެއްނޫނެވެ. އެމީހުން އެދިއެދި ތިބޭނީ ފަހިފުރުޞަތަކަށް ކަމަށް ބެލެވެއެވެ. އެގޮތުން އަމިއްލަ ޕުރައިވެޓު ޖެޓު މަތިންދާބޯޓު ފަހަރުގަޔާއި، އަގުބޮޑު ސަފާރީތަކުގައި ދަތުރުކުރަން ތައްޔާރަށް ތިބި ބޮޑެތިމަހުޖަނުންގެ އާއިލަތަކަށް ފުރުޞަތުދެވިދާނެއެވެ. މިމޮޑެލްގައިވާގޮތުން ޚިދުމަތްދިނުމަށާއި ފަތުރުވެރިންގެ ޙާލަތު ވިލަރެސްކޮށް ބެލެހެއްޓުމަށް ފަސޭހަވާނެއެވެ. އެހެނީ މީހުންގެޢަދަދު މަދުވެފައި ލިބޭ ޢާމްދަނީ އިތުރުވާނެތީއެވެ. މިސާލަކަށް މަދުސަތޭކަވަރަކަށް ފަތުވެރިންގެ ފަރާތުން އެވުރެޖުކޮށް ފަސްމިލިއަނެއްހާ ޑޮލަރުވަރު ޚަރަދުކުރާނެއެވެ. އެގޮތުން ދައުލަތަށް ޓެކުހުގެގޮތުގައި ހައެއްކަލައްކަ ޑޮލަރުގެ ޢާމްދަނީއެއް ލިބޭނެއެވެ. އަދި މީގެއިތުރުން ވަރަށްބޮޑަށް ފުރާނާބަލައިގެން ރޯގާގެ އެއްވެސް އަސަރެއްނެތް ގައުމުތަކުން މަދުމަދުން ފަތުރުވެރިން ގެނެވިދާނެއެވެ. އެހެންނަމަވެސް މިކަންކުރަންވާނީ ވަރަށްވެސް ރޭވުންތެރިކަމާއި އެކުގައެވެ. އެހެންނޫނީ އަނެއްކާވެސް ރޯގާފެތުރުން އިތުރުވެ މުޅިގައުމު ހުއްޓުވާލަންޖެހިދާނެއެވެ. މިމޮޑެލްއަކީ ކާމިޔާބުކުރެވިދާނެ ވިޔަފާރިމޮޑެލްއެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ މަޝްހޫރުވިޔަފާރިވެރިޔާ އަދި ސޮނޭވާ ރިސޯޓުގެ ވެރިޔާ ސޯނޫ 7 އޭޕުރީލް 2020 ގައި ޓުރެވަލް ޓުރޭޑް މޯލްޑިވުސްގައި ވެސް ލިޔުއްވާފައިވެއެވެ.

2. ސިއްޙީ ރައްކާތެރިކަމުގެ ފަތުރުވެރިކަމެއް ތަޢާރަފުކުރުން

ދިވެހިރާއްޖޭގެ ފަރުތުވެރިކަމުގެ މުޅިސިނާޢަތު ބައްޓަންކުރެވިފައި އޮތީ ރާއްޖޭގެ ޤުދުރަތީ ރީތިތިމާވެށި ޕުރޮމޯޓުކުރުމުގެ މައްޗަށެވެ. އަދި އެކަމުގައި ރާއްޖެވަނީ ދުނިޔޭގެ އެންމެމަތީ ހަރުފަތަށް ވާޞިލުވެފައެވެ. އެހެންނަމަވެސް އަދުގެ ޙާލަތަކީ ތަފާތު ވިސްނުންތައް ވެސް އިސްކުރަންޖެހޭފަދަ ޙާލަތެކެވެ. މިއީ ޢާންމުޙާލަތެއް ނޫނެވެ. މިއީ ޤުދުރަތުން ވުޖޫދުވެފައި އޮތް ޚާއްސަޙާލަތެކެވެ. އަދި މިކަމުގެ ސައިންސުގެ ޢިލްމުގެ ހޯދުންތަކާއި ޖަދަލުކުރެވޭނެ ކަމެއްވެސް ނޫނެވެ. އެހެނީ މިކަންގުޅިފައި ވަނީ އިންސާނުންގެ ފުރާނައާއެވެ. ވީމާ، ސިއްޙީގޮތުން ރައްކާތެރި ފަތުރުވެރިކަމެއް ތަޢާރަފުކުރެވިދާނެއެވެ. ރާއްޖޭގެ ރިސޯޓުތަށް ފަރުމާކުރެވިފައި ހުރިގޮތުންވެސް މިފަދަކޮންސެޕްޓަކަށް ބަދަލުކޮށްލުން އެތައްގޮތަކުން ފަސޭހަވާނެއެވެ. މިފަދަކޮންސެޕްޓެއްގައި ބޭނުންވާނީ ފަރުވާދެވޭނެ ގޮތްތަކާއި، ކަރަންޓީނުކޮށް އެކަހެރިކުރެވޭނެ އިންތިޒާމުތަކާއި، ސިއްޙަތަށް ފައިދާހުރިކާނާއާއި ކަޝްރަތުތަކާއި އަރާމުކުރުމެވެ. އަދި ނަފުސާނީ ސިއްޙީދުޅަހެޔޮކަމަށް ބޭނުންވާނެ ކަންކަމެވެ. މިގޮތަށް ފަތުރުވެރިކަން އިޝްތިހާރުކުރަމުންދާއިރު ކޮންމެ ރިސޯޓެއްގައި ވެސް ރަގަޅު ޑަކުޓަރުންނާއި ނަރުހުންނާއި އަޅާލުންތެރިން ތިބެންވާނެއެވެ. ދުނިޔޭގެ ގައުމުތަކުގައި ބަލިކޮންޓުރޯލުވެގެންދާއިރު ޑަކުޓަރުންވެސް އަރާމުކުރައްވަން ބޭނުންވާނެއެވެ. އެހެންކަމުން ރަގަޅު ޑަކުޓަރުންނަށް ހިލޭ ހުރުމާއިކެޔުންދޭގޮތަށް ޑަކުޓަރުންގެ ޚިދުމަތް ބާޓަރުކުރެވިދާނެއެވެ. އެގޮތުން ފެންވަރުރަގަޅު ޑަކުޓަރުން ވެސް ހޯދިދާނެތެވެ. ކޮންމެގޮތެއް ވިޔަސް މިރޯގާބަލިމަޑުކަމަކީ އަވަސް ފުރުޞަތެއްގައި ނިމިދާނެކަމަކަށް ބެލުމަކީ ގޯހެކެވެ. އެހެނީ ރޯގާބަލިމަޑުކަމުން މިންޖުވުމަށްފަހު، އިޤުތިޞާދީ ބަލިމަޑުކަމުން އަރައިގަތުމަކީ ވެސް ކުޑަކަމެއްނޫނެވެ.

3. ކުދިވިޔާފާރިތައް ސަލާމަތްކުރުން

ގައުމަށްދިމާވެފައި މިވާއިޤުތިޞާދީ ޚާއްސަޙާލަތުގައި އެންމެބޮޑު އަސަރެއްކުރާނެ އެއްބަޔަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. އެހެނަސް ކުދިވިޔަފާރިތަކަކީ އިޤުތިޞާދުގެ މައިބަދައޭ ބުނުމަކީ ވެސް ދޮގަކަށްނުވާނެއެވެ. ވަކިވަކިފަރުދުންނާއި ދޭދޭގޭބިސީތަކާއި އެންމެބޮޑަށް ގުޅިލާމެހިފައި ވަނީ ކުދިފިޔަފާރިތަކެވެ. އަދި އުފެދޭ ފަޒީފާތަކުގެ ނިސްބަތުން ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ވެސް ކުދިވިޔަފާރިތަކުންނެވެ. އަންދާޒާކުރެވޭގޮތުގައި %20 ނުވަތަ %25 ވަޒީފާގެ ފުރުޞަތު އުފެދެނީ މިދެންނެވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުންނެވެ. މިޙާލަތުގައި ރައްޔިތުންނަށް ދިމާވާނެ އެންމެބޮޑު އެއްގޮންޖެހުމަކީ ވަޒީފާތައް ގެއްލުމުގެ މައްސަލައެވެ. ދައުލަތުން ބޯބޮލަށް ފައިސާ ބެހުމަކީ ވެސް ކުރެވޭނެކަމެއް ނޫނެވެ. ދައުލަތަށް ވެސް ނުލިބޭ ޢާމްދަނީއަކުން ޚަރަދެއް ނުކުރެވޭނެއެވެ. އެހެންކަމުން ޖެހޭނީލޯނުތަކަށް ބަރޯސާވާށެވެ. ލޯނަށް ބަރޮސާވާންޖެހޭ ޙާލަތްތަކުގައި ފައިސާ ޚަރަދުކުރަންވާނީ ފައިސާއިން ފައިސާދިރުނޭނެ ކަންކަމަށެވެ. އެހެންނޫނީ ދެމެހެއްޓެނިވިގޮތެއްގައި އެކަންވެސް ނުކުރެވޭނެ ދުވަހެއް އަތުވެދާނެއެވެ. ވީމާ ކުދިވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތައް ރަގަޅަށް ވަޒަންކޮށް، އަވަސްފަރުވާއެއް ދެވިއްޖެނަމަ ވަޒިފާތައް ސަލާމަތްކުރެވޭނެއެވެ. ދައުލަތުގެއެހީ ފަރުމާކުރަންވީ ވެސް އަދި ތަރުތީބުކުރަންވީ ވެސް އެފަދަ ވިޔަފާރިތައް ބަގުރޫޓުވެ ހުއްޓާލަންޖެހޭފަދަ ޙާލަތަކުން ސަލާމަތްކުރެވޭނެ ގޮތްތަކަށެވެ. ސަރުކާރުގެ ސުޓިމިއުލަސް ޕެކޭޖުތައް ހުންނަންވާނީ އެމަގަށް ތަރުތީބުކުރެވޭ ހަރުދަނާއުޞޫލުތަކެއްގެ މައްޗަށްކަމުގައި ވެސް ދެކެމެވެ.

4. އައު ވިޔަފާރިތައް އުފެއްދުން

ވަރަށްބޮޑަށް ހަރަކާތްހުއްޓިފައި އޮތް ރާއްޖޭގެނާޒުކު އިޤުތިޞާދު އަލުންދިރުވުމަށްޓަކައި އައު ވިޔަފާރިތައް އުފައްދަން ބާރުއަޅަންޖެހެއެވެ. މިފަދަ ކޮންމެޙާލަތެއްގައި ވެސް ވަރަށްގިނަ ވިޔަފާރިކުންފުނިތައް ބަނގުރޫޓުވެގެން ވެސް ދާނެއެވެ. އެހެންކަމުން އާމްދަނީ ލިބޭނެ ތަފާތުމަސައްކަތްތައް ފެށުމަށް މަގުފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ވަޒީފާތައް ގެއްލޭމީހުންނަށް ވަޒީފާގެ ފުރުޞަތުތައް ލިބޭނީވެސް އޭރުންނެވެ. މިކަމުގައި އަވަސް ފިޔަވަޅުތަކަކާއި ދުރުރާސްތާ ވިސްނުންތަކެއް ގެންގުޅެންވާނެތެވެ. ކުޑަ އިންޓަރެސްޓަކަށް ބެންކުލޯނުތައް ލިބުމާއި ލޯނުފައިސާ އަނބުރާދެއްކުމުގައި ލުއިތަކެއް ދެވިދާނެތެއެވެ. އަދި ގިނަބަޔަކު އެފަދަފުރުޞަތުތަކުގެ ބޭނުންކޮށް އެމީހުންގެ ޢާމްދަނީ ރަގަޅުކުރުމަށް ބާރުއަޅަންވާނެއެވެ. މިގޮތުން ޕެންޝަން އެކައުންޓުގައި ހުންނަފައިސާގެ %50 ޢާމްދަނީހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސިދާނެއެވެ. ބައެއްމީހުންނަކީ ވަޒީފާ ގެއްލިފައި ތިބިމީހުންނެވެ. އަނެއްބައި މީހުންނަކީ ވަޒީފާއެއްގައި ތިއްބަސް އިތުރު ޢާމްދަނީއެއް ހޯދުމަށް މަސައްކަތެއް ފެށުމަށް ބޭނުންވާމީހުންނެވެ. އެފަދަފަރާތްތަކަށް ބޭނުންވަނީ މާލީ އެހީތެރިކަމެކެވެ. އަދި ތަކުލީފުކުޑަ މާލީއެހީތެރިކަމެކެވެ.

މިޙާލަތުން އަރައިގަތުމަށް ގިނަދުވަސްތަކެއް ނެގުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެހެނީ ދިވެހިރާއްޖެފަދަ ނާޒުކު އިޤުތިޞާދަކަށް ކުރާނެ އަސަރުތައް ވެސް ގިނަވެފައި ބޮޑުވާނެތެވެ. ސަރުކާރާއި އަމިއްލަވިޔަފާރިވެރިންގެ ފުރިހަމަ އެއްބާރުލުމާއި ހިތްވަރާއި މިންނަތުން އިޤުތިޞާދު ނަގާ ކޮޅަށްޖެހިދާނެއެވެ. މިއީ ވެސް ޚިޔާލުތަކެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :