ކަނޑޫ އަދި ރަނޑޫ

އަޙްމަދު ލަބީބު ޢަލީ | 08 މެއި 2020

ކަނޑޫ ފާތަކު ތެރޭގައި ރަނޑޫ ހެދިފަވާ ތަންތަން މިދޭހުން ފެނޭ
      ހަނޑޫ ތަދު ވީތަނުން ކަނޑޫ ބޭނުން ވަރަށް ބޮޑުވިތަން ފެނޭ
ރަނޑޫ އަދި ކަނޑޫގަސް ހެދެނީ ޗަސް ބިމުގައި ނުވަތަ ކުޅި ކުޅީގެ އައްސޭރި ފަށުގައެވެ . މިދެގަސް ހެދިބޮޑުވުމަށް ފެނުގައި ލޮނުގެ އަސަރު ހުރުމަށް ބޭނުން ވެއެވެ. މިގަސްތަކުގައި އަޅާ ތޮޅިޔަށް ކިޔަނީ ވައް " ( ރަނޑޫ ވައް އަދި ކަނޑޫ ވައް ) މިދެ ވަކަކީ، މަލުން ނުކުންނަ ހިމަދިގުކޮށް ދެކޮޅަށްތޫރިކޮށް ހުންނަ ތޮޅިއެކެވެ . މިތޮޅިތައް ދޮންނުވާއިރު ހުންނާނީ ގަދަވަޅުފެހި ކުލައިގައެވެ . މިވައްތައް ދޮންވުމުން ރަތް ފެހިކުލަޔަކަށް ބަދަލުވާ ނެއެވެ. ކަނޑޫވައް ، ރަނޑޫ ވަކައްވުރެ ބޮޑު ވާނެއެވެ .ފަލަމަޑީގެ ބާވަތެއް ކަމުގައިވާ މިވައްތަކަކީ ދިވެހިން ކެއުމަށް ބޭނުން ކޮށް އުޅުނު އެއްޗެކެވެ. މިދެ ގަހުގެ ލަކުޑި އަކީ ވަރަށް މޮޅު ލަކުޑި އެކެވެ . މިގަސްތަކުގެ ބާވަތްތައް ދިވެހި ބޭހުގައި ބޭނުން ކުރެވުނެވެ .
ދުނިޔޭގެ އެކިކަން ކޮޅުތަކުގައި މިބާވަތުގެ 57 ވައްތަރުވެއެވެ . ދިވެހި ރާއްޖޭއިން 13 ވައްތަރެއް ފެނިފައިވެއެވެ. އާންމުކޮށް ކަނޑޫ ހެދޭ ދިގުމިނަކީ 30ފޫޓް އާއި75 ފޫޓް އާ ދެމެދުގައެވެ. ނަމަވެސް ރަނޑޫ ގަސްހެދެނީ 10ފޫޓަށެވެ .
ކަނޑޫ އަދި ރަނޑޫ ފާތައް ، މިފާ ތަކަކީ އަޅުގަނޑުމެން ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ވަރަށް މުހިންމު ތަންތަން ކަމަށްވެއެވެ. އެގޮތުން އޭގެ މުލުން ފަސް ގަނޑު ހިފަހައްޓައިދީ ރަށްގިރުމުން ސަލާމަތް ކޮށްދިނުމާއި ރަށުގެ މީރުފެން ފަށަލަ ހިފެހެއްޓުމަށް ބާރު ލިބެއެވެ. އޭގެ އިތުރަށް ގަދަވަޔާއި ވިއްސަރާ އަދި އުދަ އަރާ މޫސުމުގައި ވެސް ، ރަށުގެ ޙިމާޔަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. މީގެ އިތުރުން މިގަސްތަކުގެ މުލުގެ ސަބަބުން ރަށުގެ އެތެރޭ ގައި ހިގާ ( ބިމު އަޑީގައި ހިނގާ ) އޮއިވަރު ވަކިމިންވަރެއްގައި ހިފަހައްޓައިދެއެވެ. އަދި ގޮނޑުދޮށްތަކުގެ ހިމާޔަތަށް ވެސް ވަރަށް މުހިންމު ދައުރެއް މިފާތަކުން އަދާ ކުރެއެވެ . އިނގިރޭސި ބަހުން މި ދެ ބާވަތަށްވެސް ކިޔަނީ( މެންގްރޫވް) އެވެ. މިފާތަކަކީ ފަރުތަކޭ އެއްފައިދައިން މަސްމަހާމެހީގެ ދިރުންވާ އެތަކެތީގެ ނާޒުކު ހާލިތަކެވެ. މިތަން ތަނުގެ ޙިމާޔަތުގައި ތިބެގެން ކުދިމަސް ބޮޑުވެއެވެ. ނަތީޖާއަކީ ބޮޑެތި މަސްމަހުގެ ކާނާއަށްނުވެ ސަލާމަތްތެރި ކަމާއެކު މަހުގެ އާބާދީ އިތުރުވުމުގެ ފުރުސަތުވެސް ލިބުމެވެ. މީގެ އިތުރަށް ކަކުނީގެ ވައްތަރުތަކާއި ބޮލީގެ އާއިލާގެ ވައްތަރުތަކާއި ދޫނި އަދި އެހެނިހެން ސޫފިތައްވެސް ދިރިއުޅެއެވެ. މިފާތަކުގައި ހެދޭގަސްގަހާގެހި އަދި ފަތާއި ގަހުގެ ތޮށްޓާ މަލާއި ، ބަރަވެލީގެ ފޫޅު އަދި ކުޅީގެ މަޑަކީވެސް ބޭހަށް ބޭނުން ކުރެވޭ ބާވަތް ތަކެކެވެ.
މިދެގަހުގެ ގަސް ކަނޑޫ އަދި ރަނޑޫ ގަހުގެ ލަކުޑިޔަކީ ވަރަށް މޮޅު ލަކުޑީގެ ބާވަތަކެވެ .
ރަނޑޫގަހަށް ކިޔަނީ ރަނޑޫ އެވެ . އަދި ކަނޑޫގަހުގެ ލަކުޑިޔަށް ކިޔަނީ ކަނޑޫ އެވެ . ކަނޑޫ ލަކުޑިއަކީ ޚާއްސަކޮށް އޮޑިދޯނި ފަހަރުގެ ފަށަންލުމަށް މާމޮޅު ލަކުޑިއެއް ގޮތުގައި ވަޑިންގެ މެދުގައި މަޝްހޫރު ވެފައިވާ އެއްޗެކެވެ. އޮޑިދޯނި ފަހަރުގެ ވައް ،އިހި ، އޮޅި އެޅުމަށް ބޭނުން ކުރެވުނެވެ. އޮޑިދޯނި ފަހަރުގެ އިތުރު ކަންކަމުގައި ވެސް ބޭނުން ކުރެވެއެވެ. ފަލި ތަންޑު އަދި ބޮއްކުރާ ބައްތެލި ފަދަ އުޅަނދު ތިލަ ތަންތަނުގައި ކުރިޔަށް ކޮށްޕުމަށް ރިއް ބޭނުން ކުރެވުނެވެ .އަދި ދާވަނި ދަނޑި ހެދުމަށް ، އެންދާ ފެއްތުމަށް ފަނާ ދަނޑި ( އެންދަނޑީ ) ގެ ގޮތުގައި ބޭނުން ކުރެވެއެވެ . މީގެ އިތުރުން ގެދޮރު އިމާރާތް ކުރުމަށް ، ގޭގެ މަތިވަޑާމުގައި އަދި ދަނޑި ފަނުން ގެދޮރު އިމާރާތް ކުރި ދުވަސް ވަރު ގޭގެ ފުޅަށް ދަނޑީގެ ގޮތުގައި ،ގޭގެ އިމާރާތް ކުރުމަށް ހަފޮޅު އަޅާފައި އޭގެމަތިން ބެރި އެއްގެ ގޮތުގައި ކަނޑޫ ނުވަތަ ރަނޑޫ ބެރިއެއް އަޅައެވެ. ގޭގެ ވަހަށް އަދި ކެހަފަތަށް ބޭނުން ކުރެވުނެވެ. މީގެ އިތުރުން ކަނޑޫ ނުވަތަ ރަނޑޫ ގެ ލަކުޑިން ، އުނދަލި ދަނޑި ، ވަޅީގެ މުށްގަނޑު ، ހަނދީގެ މުށްގަނޑު ، އޮޑާގެ ދަނޑި ، ޖޯލި ދަނޑި . ފޭރާ ، ބިލަތް އަރުވާ މުނޑި ، ދާނި ދަނޑި ،ފިޔަފާޅި ( ކުދިކުދި ހިޔާ / ޖިފުޑި ) ، އޮޑި ހަރުގެ، ލޮނުމަސްގެ އެޅުމަށް ބޭނުން ކުރެވުނެވެ. ދަރުގެ ގޮތުގައި ބޭނުން ކުރެވުނެވެ. މޮޅު ދެލީގެ ގޮތުގައިވެސް ބޭނުން ކުރެވުނެވެ . އަދި ރަށްރަށުގައި ފާލަށް އެޅުމަށް ވެސް ބޭނުން ކުރެވުނެވެ. އަފެރެން ރަށުގައި ފަންވިނުމަށް ބޭނުންކުރާ އިލި ، ރަނޑޫގަހުގެ މުލުން ތައްޔާރު ކުރެއެވެ . ނަމަވެސް ފަންގިވިނުމަށް ބޭނުން ކުރާ އިލި ތައްޔާރުކުރަނީ ރަނޑޫމުލުން ކަމެއް މަޢުލޫމާތު ދިން އެހެން އެއްވެސް ރަށެއްގެ މީހަކަށް އެގިފައެއް ނެތެވެ.

ކަނޑޫ އަދި ރަނޑޫ ވައް ، މިއީ ދިވެހިރާއްޖޭގައި ކެއުމަށް ބޭނުން ކުރެވުނު އަދި މިހާރުވެސް ކޮށްމެވެސް ވަރަކަށް ބޭނުން ކުރެވެމުންދާ ފަލަމަޑިގެ ބާވަތެކެވެ . މިބާވަތުގެ ކާނާ އިން ވިޓަ މިންސް އޭ ، ބީ ، ސީ ލިބެއެވެ .މިވައްތައް ކުރީގައި ދިވެހިން ކެއުމެއްގެ ގޮތުގައި ބޭނުންކުރިއެވެ . މައިގަނޑު އެއް ކެއުމެއް އެއްގޮތަށް ހުރިހާ ރަށެއްގައި ބޭނުން ކުރެވުނުވެ. އެއީ ގަރުދިޔައާ ކަނޑޫވަކާ އެކު މޮޑެގެންނެވެ . ނަމަވެސް އެކިރަށް ރަށުގެ މީހުން މިވައްތައް ކެއުމަށް ބޭނުން ކުރަނީ އެކިގޮތް ގޮތަށެވެ. އެއީ ( ކުޅިކޮށް ، ފޮނިކޮށް އަދި ލޮނުކޮށް ) މޮޑެގެންނެވެ. ކުޅި އަދި ފޮނި ބޯކިބާ އަޅައިގެންނާއި ރިހަކަށްކައިގެން އަދި ބޮނޑިބަތް ކައްކައިގެން ބޭނުން ކުރެވެނުވެ. ކުޅި ރޮށިގަނޑު ފިހެގެން ، އެކިގޮތް ގޮތަށް ހިލައިގެން ވެސް ކައިއުޅުނުއެވެ. ރަނޑޫ އަދި ކަނޑޫއިން ހަދާ ފޮނިކާތަކެތީގެ ތެރެއިން ދިވެހި ހަކުރު އަޅައިގެން ހަދާ މެޓާ ބައެއް ރަށްރަށުގައި ވަރަށް ޙާއްސަ މަޝްހޫރު މީރު ކެއުމެއް ކަމަށް އެރަށް ރަށުގެ މީހުންގެ ފަރާތުން އެގުނެވެ . މިބާވަތުގެ ވައްތައް ފެނު ކައްކައިގެން އަވީލާ ހިއްކައިގެން ފަހުންވެސް ބޭނުން ކުރެވެއެވެ . އަދި ވަރަށް ގިނަދުވަހު ހަލާކުނުވެ ހުރެއެވެ . އަފަރެން ރަށުމީހުން މިވައްތައް ކެއުމަށް ބޭނުން ކުރުމަށް ހޯދަނީ ކަނިފުށި/ މާމަޑުއްވަރި އަދި އޮޅަގިރިންނެވެ.

މިގަސްތަކުގެ މަލާއި ތޮށްޓާއި ގަހުގެ ޅަކުރި ، ފަތް އަދި މުލާއި ވައްވެސް ދިވެހި ބޭސްވެރިކަމުގައި ބޭނުން ކުރެވުނެވެ . އެތެރެ ހަށީގެ ބަލިތަކަށާއި ބޭރުން ފެންނަ ބަލިތަކަށް ވެސް ފަރުވާ ދެވުނެވެ . އަދި ލޭމަނާ ކުރުމަށް ވެސް ބޭނުން ކުރެވުނެވެ . ބޭސްކުރެވުނު ބަލި ތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި ބޮލުގައި ރިހުމަށް ، ކަސްބަލި ، ޖުޒާމު ބައްޔާއި މުލިހި ނެގުން ، ބަޑުގައި ރިހުން ، ފާނަބަސަންދު ، ހިމަބިހި ، ފަދަ ބަލިބައްޔަށް ފަރުވާ ދެވުނެވެ .ލޭގެ ޕްރެޝަރު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކަނޑޫފަތް ބޭނުން ކުރެވުނެވެ. ވަރަށް ވަރުގަދަ ވިހައެއް ނެގުމަށް ކަނޑޫފާތަކުގައި ދިރި އުޅޭ ބަރަވެލީގެ ފޫޅު ބޭނުން ކުރެވުނެވެ . މިޒަމާނުގައި ކުޅިތަކުގެ "މަޑު ބާރތަކީ" ސިއްހަތައް ފައިދާހުރި މަޝްހޫރު ކަމެކެވެ. – ނުނިމޭ -
ހިތި ފިލުވައިގެން ކާން މީރު އެއްޗެކޭ ކަނޑޫމީ
ހިތި ފިލިވުމަށް ވަރަށް އުދަގޫ އެއްޗެކޭ ރަނޑޫމީ
މައުލޫމާތު : އަޅުގަނޑުގެ މަންމަ . ބައްޕަ / ބޮޑުދައިތަ / ރަށުގެ ދުވަސްވީ ބޭފުޅުންގެ ފަރާތުން އަދި ށ އަތޮޅު ގޮއިދޫ / ހއ އަތޮޅު ކެލާ ، ފިއްލަދޫ ، ނ އަތޮޅު މީހުންގެ ފަރާތުން އަދި ދިވެހިރާއްޖޭގެ ތާރީޙްއާބެހޭ ގޮތުން ލިޔެފައިވާ ލިޔުން ތަކުން ( އިބުރާޙީމް ލުޠުފީ / އަޙުމަދު ޝަފީގު) އަދި ވިކިޕީޑިޔާއިން .


ކިޔުންތެރިންގެ ޚިޔާލު...


ނަން :


މުޙައްމަދު

"ކަނޑޫވައް ، ރަނޑޫ ވަކައްވުރެ ބޮޑު ވާނެއެވެ"
މި މަޢުލޫމާތު ރަނގަޅެއް ނޫން. ބޮޑެތިވާނީ ރަނޑޫ.

އަހުމަދު

މައުލޫމާތު ތަކެއް ލިބުނު ލިއުމެއް