ރީތި ރީތި ނަލަނަލަ ހަނދެއް ކުރި އަލީގާ -ތިންވަނަބައި

އިބްރާހިމް މުހައްމަދު ލިޔާގެ ބ. ތުޅާދޫ | 06 އޭޕްރީޅް 2020

ނަވީން ތުނޑިއަށް އަރާ ރަގަޅަށް ބަލައިލިއެވެ. އޭނާ ވެސް ޖެހިލުންވާގޮތްވިއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ރީތިކޮށް އެދިމާއަށް ބަލާލިއެވެ. އަންހެންކުއްޖެކެވެ. އޭނާ އޮތީ ނިދާފައެވެ. އެރީތި ރީތި މޫނުގައި ކަރުނައިގެ ނިޝާންތައް ފެންނަން ހުއްޓެވެ. އޭނާ އެކުއްޖާގެ ކައިރީ މަޑުމަޑުން އިށިއިނެވެ. ދެން އެކުއްޖާގެ ތަނބިކަށްޓަށް ވަރަށް ފަރުވާ ތެރިކަމާއެކު ބަލާލިއެވެ. އެއީ ޖިންނިއެއްނޫނެވެ. އިންސާނެކެވެ.
" މިކުއްޖާއަށް މިތަނަށް މިއާދެވުނީ ކިހިނެއްބާވައެވެ. އަހަރެން މިކުއްޖާ އެކަނި ކޮށްފައި ގޮސްފިނަމަ ދެން މިކުއްޖާއަށް ދިމާވާނީ ކޮންކަމެއްބާވައެވެ. މިކުއްޖާ މިރަށުގައި ކިހާވަގުތެއް ހޭދަކޮށްފިބާވައެވެ. މިއީ ކާކުބާވައެވެ. ކޮންމެމީހެއްކަމުގައިވިޔަސް އަހަރެން މީނައަށް އެހީތެރިވާނަމެވެ. " ނަވީންގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ މަޑުމަޑުން އެއަންހެންކުއްޖާގެ ރީތި އިސްތަށިގަޑާއި ކުޅެލިއެވެ. ދެން މަޑުމަޑުން ވަރަށް އޯގާވެރިކަމާއިއެކު ގޮވާލިއެވެ.
މަޑުމަޑުން ވަރަށް ލަސްލަހުން އެކުއްޖާގެ ދެލޯ ހުޅުވެން ފެށިއެވެ. ކުއްލިއަކަށް ވަރަށް ބާރަށް ހަޅެއްލަވަން ފެށިއެވެ. ނަވީން ވަރަށް ކަންތައް ބޮޑުވިއެވެ. އޭނާ އެކުއްޖާގެ އަނގަމަތީ ބާރަށް ހިފެހެއްޓިއެވެ.
" ހަޅެއްނުލަވަބަލަ ! އަހަރެން ތީނައަށް ކަމެއްކުރާކަށް ނޫޅެން .... އަހަރެން ތީނައަށް އެހީތެރިވާނަން .... ތީނަ މިތަނަށް ގެނައީ ކާކު "
" ދުރަށްދޭ އަހަރެންގެ ގައިން ދޫކުރޭ .... " ނަވީންގެ އަތުގައި އެކުއްޖާ ދައިގަތެވެ. ނަވީނަކަށް ދަތުގެ އިޙްސާސް ވާހެނެއްވެސް ހިއެއް ނުވެއެވެ. ނަވީން އޭނާގެ ގައިން ދޫކޮށްލިއެވެ.
" ބިރުނުގަނޭ އަހަންނަކީ އެހާގޯސް މީހެއްނޫން ... ތީނައަށް މިތަނަށް އާދެވުނީ ކިހިނެއް ކޮންއިރަކު ؟ ކިޔާދީބަލަ " ނަވީން ވަރަށް ދެރަވެލާފައި އޯގާވެރި ކަމާއިއެކު ބުންޏެވެ. އެއަންހެން ކުއްޖާ ތަންކޮޅަކަށް ދުވެފައި ދިޔައެވެ. ނަމަވެސް ހޭނެތިގެން ވެއްޓުނީއެވެ. ނަވީން އެކުއްޖާ ނަގައި ކޮނޑުމައްޗަށް ލައިގެން ރަށުގެ އަނެއްކޮޅާއި ދިމާއަށް ހިނގައިގަތެވެ.
އޭރު އިރުމަތީފަރާތު އުދަރެސް އާދުވަހަކަށް ދޮންކުރަނީއެވެ. ނަވީން ނައިސްގެން ދޯނީގަ ތިބި ކުދިންތައްވެސް ތިބީ ކަންތައް ބޮޑުވެފައެވެ. އޭރު ޙުސައިން އާއި ޢާދިލު ވީ ނަވީން ހޯދަން ގޮހެވެ. އެމީހުން ތުނޑިއަށް އައި އިރު ތުނޑީގަ އެކަކުވެސް ނެތެވެ. ދެން މާބޮޑަށް ބިރުގަތެވެ.
" ޔަޤީން .... އެޖިންނި ނަވީން ގޮވައިގެން ކަނޑަށް ދިޔައީ ނޫނީ އޭނާ ކައި ހުސްކޮށްލީ " ޢާދިލު ރޯން ފަށައިފިއެވެ.
" ޢާދިލު ހަމަ ޖެހިބަލަ! އެޖިންނި އޭނާ ކައިހުސްކުރިނަމަ މިތަނުގައި ލޭވެސް ހުންނަންވާނެނު ..... "
" ދެން ކިހިނެއްތަ އެވީ ޙުސައިނާ "
" މި ފިޔަވަޅުތައް ބލައިގެން މަގޭ ފަހަތުން އާދޭ .... ބިރުނުގަނޭ ނަވީން އަކަށް އެއްކަމެއްވެސް ނުވާނެ .. "
ޢާދިލު ބިރުންހުރެ ޙުސައިންގެ ފަހަތުން ދާންފެށިއެވެ. އެމީހުން ވަލުތެރެއަށް ވަދެގެން ދިޔައީ ނަވީން ގެ ފިޔަވަޅުކަމަށް އެމީހުން ހީކުރާ ފިޔަވަޅުތަކަށް ބަލައިގެންނެވެ.
ނަވީން އެކުއްޖާ ކޮނޑުމައްޗަށްލައިގެން ދިޔައީ ދޯންޏާއި ދިމާއަށެވެ. ދޯނީގަ ތިބިކުދިން ނަވީން އެހިސާބަށް ދިޔުމުން އޭނާއާ ދިމާއަށް ހަޅެއްލަވަން ފެށިއެވެ. އޭރު ނަވީންގެ ކޮނޑުމަތީގަ އޮތް ކުއްޖާ އޮތީ ހޭވެރިކަން ވެފައެވެ. ނަމަވެސް ވަރުދެރަކަމުން އަނގައިން ބުނެވޭ ވަރެއްނޫނެވެ.
" މިދޯންޏަށް ތިޖިންނި ނާރުވައްޗެ .... "
" ކީއްވެގެން ތިއުޅެނީ ...... " ނަވީން ރުޅިއައިސް ރަތްވެއްޖެއެވެ.
ޙުސައިން އާ ޢާދިލަށްވެސް ދޯންޏާއި ދިމާއަށް އާދެވުނީ ހަމަ އެވަގުތުއެވެ. ޢާދިލަށް ނަވީނާއި ދިމާއަށް ބަލާލެވުނު އިރު ނަވީނުގެ ކޮނޑުމަތީގައި އެކުއްޖާ އޮއްވައި ފެނުނީމަ އަދި މާބޮޑަށް ބިރުގަތެވެ.
ނަވީން އެއައިގޮތަށް އައިސް މީހަކު ކިޔާއެއްޗެއް އަޑުއެހުމެއްނެތި އެކުއްޖާ ދޯންޏަށް ލިއެވެ. ދެންނަވީނު ވެސް އެރީ ދޯންޏަށެވެ. ނަވީން ދޯންޏަށް އަރާ އެކުއްޖާ އިންޖީނުގެ މަތީބޭއްވިއެވެ. އެކުއްޖާ ނަވީން އާ ދިމާއަށް ބަލާލާފައި ފެންފޮދަކަށް އެދުނެވެ. ނަވީން އޭނާއަށް ފެންފޮދެއް ދިނުމުން ބޯން ފެށިއެވެ.
" އެއްފަހަރާ އެހާ ގިނައިން ނުބޮއޭ ބަލަ! ތަންކޮޅެއް ލަސްލަހުން .... " ނަވީން މަޑުމަޑުން ބުންޏެވެ.
" ވަރަށް ބޮޑަށް ސުކުރިއްޔާ " އެކުއްޖާ ފެންފޮދު ބުއިމަށްފަހު ތަށި ނަވީންއާ ދިމާއަށް ދިއްކޮށްލިއެވެ. އޭރު ޙުސައިން އާ ޢާދިލުވެސް ދޯންޏަށް އަރައިފިއެވެ.
" ހޫނ ދެންބުނެބަ ! ކިހިނެއްތަ؟ މިރަށަށް އާދެވުނީ " ނަވީން އަހާލިއެވެ.
" އަހަރެމެން އިއްޔެ ދިޔައީ ދަތުރު .... ދަތުރު ގޮސް އުޅެނިކޮށް މެންދުރުފަހު ވަރަށް ވިއްސާރަ ވީމަ ރަށަށް ދާން ފުރީ ދެން އަހަރެމެން އައި ޑިންގީ ބަންޑުން ޖަހާލީ ދެންވީ ގޮތެއް ނޭނގެ .... " އޭނާއަށް ރޮވެންފެށިއެވެ.
" ޢަލީ ތަރުމޯޒުގައި ހޫނުފެން އެބަހުރިތަ؟ " ނަވީން އަހާލިއެވެ.
" ހޫނ "
" ވަރަށް އަވަހަށް މައިލޯއެއް ހަދާލަބަލަ ދޮންކެޔޮ ވަކެއްވެސް ގެންނައްޗެ "
" މިދޯނީގަ އެކަހަލަ އެއްޗެތިވެސް ހުރޭތަ؟ "
" ހޫނ ތީ ކޮންރަށެއްގެ ކުއްޖެއް އަދި ނަމެއްވެސް ނުބުނަމެއްނު މަށަށް ކިޔަނީ ނަވީން "
" އަހަރެންނަކީ ބ. އަތޮޅު ކެންދޫ ކުއްޖެއް .... އަހަންނަށް ކިޔަނީ ނަޖުދާ ... ރައްޓެހިން ކިޔަނީ ނަޖޫ "
" އެހެންދޯ ވަރަށް ސަޅި ނަންވެސް އިނގޭ ދެންބުނެބަލަ އެއްވެސް ވަރަކަށް ހިކިފަސް ތަނަކަށް އާދެވުނުކަން އެގޭތަ؟ "
" ނަޖޫ ހޭއެރިއިރު ޮތީ މިރަށު ގޮޑުދޮށުގައި އޭރު ދުވާލުގެ އަލިކަމެއް ނެތް އަނދިރި ކަމުން ތަނަކަށް ދާންވެސް ބިރުން ހުރީ ބަނޑުފައިވެފައި ހުރިވަރުން މީހުން އުޅޭ ރަށެއްތޯ ބެލިން ކުޑައިރު ކޮޅަކުން މީ ފަޅުރަށެއްކަން އެގުނު ދެންވަރަށް ބިރުގަތް .... މިރަށު ތުނޑީގަ ހުއްޓާ މޫސުން ރަގަޅުވެ ހަނދުވަރުގެ އަލިކަން ލިބުނު ދެން ނިދިއައިސްގެން އޮށޮއޮތީ .... ދެން ހޭލެވުނުއިރު ތީނަ އަހަންނާ ވާހަކަ ދައްކަނީ .... ދެން ވަރަށް ބިރުގަތް .... އަހަރެންގެ ޢިއްފަތްތެރިކަމާއި ޝަރަފު ދިޔައީއޭ ހިތަށްއެރި ... އެކަމަކު ތީނަ ވީ އެއަށްވުރެ މާރަގަޅުމީހަކަށް އެކަންމަށަށް އެގުނީ ތީނަ ގެ ކޮނޑުމަތީ އޮއްވާ ހޭވެރިކަން ވުމުން .... "
" އޯކޭ ދެންމި މައިލޯ ތަށްޓާއި ދޮންކެޔޮވަށް " ނަވީން ޢަލީ ގެނައި މައިލޯ ތައްޓާއި ދޮންކެޔޮވަށް ނަޖޫ އަށް ދިނެވެ.
" ނަވީން ގެ އަތުން ލޭއައިސްފަ އެހުރީ ކީއްވެ؟ " ޙުސައިން އަށް އަހާލެވުނެވެ.
" އޯވ އެއީ ... އެއީ ... " ނަވީން ދޮގެއް ހަދަން އުޅުނެވެ.
" އެއީ މަ ހަޅެއްލަވަން ފެށުމުން އަނގަމަތީގައި އަތްއެޅިމަ މަށަށް ދައިގަނެވުނީ ސޮރީ ނަވީން " އެންމެން ހޭންފެށިއެވެ.
=ނުނިމޭ=


ކިޔުންތެރިންގެ ޚިޔާލު...


ނަން :