ޖުންޖުލާ - ތިންވަނަބައި

އިބްރާހިމް މުހައްމަދު ލިޔާގެ ބ. ތުޅާދޫ | 26 މާރޗު 2010

" ކަލޭ ހަމަ ކާމިޔާބީ ... ދާކޮންމެރަށަކުންވެސް ... އަންހެންކުދިން ކަލެއާ ހެދި މަރުދެނީ .... " ޙަސަންބެ ހީހީ ހަލާކުވަނީއެވެ.

އެކުދިން ކޮފީ ހަދައިގެން އައިސް ބޭރު ޖޯލިފަތީ ތިބި ނަވީން އަށާއި ޙަސަންބެއަށް ކޮފީ ދިނެވެ. އަދި އެކުދިންވެސް އެތާ ތިބެގެން މަޖާ ކުރަމުން ކޮފީ ބޮމުންދިޔައެވެ. ނަވިންވެސް އެކުދިންގެ މަޖަލުގައި ރަގަޅަށް ބައިވެރިވިއެވެ.

" އޭ ... ދެންއަހަރެން މިދަނީ ... ނިދަން ... " ޙަސަންބެ ، ތެދުވަމުން ބުނެލިއެވެ.

" އާނ ... ކުޑައިރުކޮޅަކުން މިދަނީ .... " ނަވީން ބުންޏެވެ. ޙަސަންބެ ދިޔުމުން އެކުދިންވެސް އަދި ދިމާވާނެ ދޯއޭ ކިޔާފައި ދިޔައީ އެވެ. މިހާރު އެޖޮލީގައި އެތިބީ ރައުނާއާއި ނަވީންއެވެ.

" ރައުނާ ... ނުނިދަނީތަ؟ "

" ވަރަށް ހަނދުވަރުރީތިދޯ ... މިކަހަލަ ރޭރޭ ވަރަށް ނިދާހިތް ނުވޭ .... ވަރަށް ނިދިވެސް ދުރުވާނެ ... އެހެންނޫނަސް މިރޭ އެއްގޮތަކަށް ވެސް ނިންޖެއްނާދޭ .... "

" އަހަންނަށްވެސް މިރޭ .... " ނަވީން ބުނަންފެށި ޖުމުލަ ގަސްދުގައި މެދުކަޑާލިއެވެ.

" މިރޭ ނަވީން ކައިރިއަށް ވެސް ނިންޖެއްނާދެދޯ .... "

" ހޫނ .... އަހަރެމެން މިގަޑީގާ މިތާތިއްބާ ... މީހަކަށް ފެނިއްޖެއްޔާ ... ވަރަށް ގޯސްވާނެދޯ "

" މިހާރު މިރަށުމީހުން ނިދާފާނެ .... އެހެންނޫނަސް އެކަހަލަ ދިމާކުރުންތައް ވަރަށް ނޯންނާނެ ... "

" އެހެންތަ؟ .. ރައު ... އަހަރެން ވާހަކައެއް އަހާލަންތަ؟ " ނަވީން ، ގާތްކަމާއިއެކު އަހާލިއެވެ.

" އަހާބަލަ ! ... "

" މީނައުޅެނީ އެއްވެސް ކުއްޖަކާ ....؟؟؟ " ނަވީނަށް ކުރިއަށް ގެންދެވޭ ގޮތެއްނުވިއެވެ.

" ނަވީން ... ބުނެބަލަ ! އަހަރެންމީނީ އަޑުއަހާށޭ .... "

" އަހަރެން ބުނަން އުޅުނީ ... ދުވަހަކުވެސް ތިހިތުން އެހެންމީހަކަށް ޖާގައެއް ދިނިން ހޭ ؟ "

" ނޭގިހުއްޓާ ތިކަހަލަ ކަމެއްވެސް ވެއްޖެ ކަންނޭގެ ... "

" އެއީ އަނެއްކާ ކޮންއިރަކު ؟ .... "

" ދާދި ފަހުން ... އެކަމަކު ... އޭނަކަށްވެސް އަދި އެގޭނެ އެހެނެއް ހިއެއް ނުވޭ ... އަހަންނަށް އޭނާ ވަރަށް ކަމުދޭ ... ވަރަށްރީތި ... ފެންނަފެނުމަށް ހިވަނީ އަޚްލާޤްވެސް ރަގަޅުވާނެހެން .... އަހަންނަށް އޭނާ ނުފެނިއްޖެއްޔާ ... ކަންބޮޑުވާގޮތްވެސް މިހާރުއެބަވޭ .... "

" ކޮންމެގޮތަކަށް ވިޔަސް ތިފިރިހެނަކު ވާނީ ވަރަށް ބޮޑުނަސީބު ވެރިއަކަށް .... އަހަންނަށްވެސް ތިހިތުން ޖާގައެއް ލިބޭނެނަމަ .... އެކަމަކު ... ދެންތިހިތުގައި އިތުރު ޖާގައެއް .... "

" އެމީހަކީ ނަވީން ކަމަށް ވެއްޖިއްޔާ .... "

" އެއީ އަހަންނަށް ދުނިޔޭގެ ރަސްކަންލިބުންފަދަ ކަމެއް .... އަހަރެންގެ ހިތުން އެންމެ ފުރަތަމަ ޖާގައެއްހޯދީ ... ރައު .... ދެންމިހިތުގާ އިތުރު މީހަކަށް ޖާގަދޭނެ އެއްވެސް ތަންކޮޅެއް ނެތް ... ގިރާ އިސްތަށްޓެއް ބާއްވާލާނެހާ ޖާގައެއްވެސް ނެތް ...."

" ނަވީން ... އަހަރެންހައްދަނީކީ ނޫންތަ؟ "

" ކީއްކުރަން ... ރައު ... ހައްދަންވީކީ ... އަހަރެންގެ ހިތުގާ އެހެންމީހަކު ހައްދާލާނެހާ ޖާގައެއް ވާނަމަތާ ... އެއަށް ވުރެން ބޮޑަށް އަހަރެން ރައުދެކެލޯބިވޭ ..."

ރައުނާ އަށްހީވީ މިރީތި ހަނދުވަރީ ޖައްވުގައި މިރޭ ގެ ރާނީއަކީ އޭނާކަމުގައެވެ. އޭނާގެ ހިތުގައި އެތައްމާތަކެއް ފޮޅެފަރިވިކަހަލައެވެ. މަޑުމަޑުން ރައުނާ ނަވީންއާ ކައިރިވެލިއެވެ. އަދި އޭނާގެ ނާޒުކު އަތް ނަވީން އާ ދިމާއަށް ދިއްކޮށްލިއެވެ. ނަވީން އެއަތުގައި ހިފީ އުފަލުންހުރެއެވެ. އޭނާގެ ފުރަތަމަ ލޯބި މިހާއަވަހަށް ކާމިޔާބު ވެދާނެކަމަކަށް އޭނާހީވެސް ނުކުރެއެވެ. އެއަތުގައި ހިފާލުމަށްފަހު ، އޭނާގެ އަތުތެރޭގައި ރައުނާ ބޮޑިކޮށްލިއެވެ. އެއްވެސް އިޚްތިޔާރަކާއި ނުލާ ، ރައުނާއަށް ނަވިންގެ ތަނަވަސް މޭގައި އެރީތި ހަނދެއްފަދަ މޫނު ފޮރުވާލިއެވެ. ބަޔާން ކުރަންނޭގޭ ފަދަ އުފާވެރި ކަމެކެވެ. އެދެލޯބިވެރިންވެސް ލޯބީގެ ބަގީޗާގައި މިހާރު އެތައް މާތަކެއް މިކުޑަކުޑަ ހިނދު ކޮޅުގައިވެސް ފޮޅުވާލައިފިއެވެ.

ރައުނާއާއި ނަވީން ލޯބީގައި މަސްތުވެފައިވަނީ ތިޔަހިކުރާ ފަދައަކުންނޫނެވެ. މިހާރު އިވެމުންދަނީ އެކަކު އަނެކެއްގެ ނޭވާގެ އަޑެވެ. ދެކުދިން މަޑުމަޑުން ހިނގާފާ ގޮސް އެވަނީ ކޮޓަރިތެރެއަށެވެ. ކޮޓަރީގައިހުރި އެދުގައި އެދެޒުވާނުން އެއްވެސް ޚިޔާލެއް ފިކުރެއްނެތި ، ލޯބިގެ މާތައް ފޮޅުވަމުންދިޔައެވެ. ލޯބިކުރުމުގެ ޙައްދުފަހަނަޅާ ދެވޭކަމުގެ އިޙްޝާޝް އެކަކަށްވެސް ކުރެވޭހެނެއް ހިއެއްނުވެއެވެ. ލޯބީގެ އޮއެވަރުގައި ބެހެމުން ބެހެމުންގޮސް ދެވޭނުދެވޭ ހިސާބެއްވެސް ނޭގޭވަރަށް އެދެލޯބިވެރިން ގެ ގައިގޯޅިވުން އިތުރުވެއްޖެއެވެ. ހޫނުހޫނު ކިޝްކުރުންތަކާއި އެކު ، އެކަކުއަނެކެއްގެ ނަފްސް އެކަކުއަނެކަކާއި ޙަޥާލުކުރެވުނުއިރެއްވެސް ނޭގޭ ކަހަލައެވެ.

ފަތިސްނަމާދު ބަންގީގެ އަޑަށް ރައުނާއަށް ހޭލެވުނުއިރު ، އޭނާއަށް އޮއެވުނީ ނަވިންގެ އަތުތެރޭގައިއެވެ. މަޑުމަޑުން އޭނާ ނަވީންއާއި ދުރަށް ޖެހިލިއެވެ. އަދި ނަވީންގެ ނިތްކުރީގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. ދެންތެދުވެގެން ކޮޓަރިން ނުކުމެގެން ގިފިއްޔާ ދިމާއަށްދިޔައެވެ.

=ނުނިމޭ=


ކިޔުންތެރިންގެ ޚިޔާލު...


ނަން :