ރީތި ރީތި ނަލަނަލަ ހަނދެއް ކުރި އަލީގާ - ދެވަނަބައި

އިބްރާހިމް މުޙައްމަދު / ލިޔާގެ ބ. ތުޅާދޫ | 12 މާރޗު 2020





ފަތިސް ހަނދުވަރުގެ ރިހި އަލިން މުޅި މޫދާއި ފަޒާ ޖަރީވެފައިވެއެވެ. ނަވީން އާއި އޭނާގެ ބައިވެރިން ރަށުގެ ގޮނޑުދޮށުގައި ހިނގަމުން ދިޔައީ ވަކިމަޤުޞަދެއްގައެވެ. އެއީ ރަށަށް ވެލައެއް އަރާފައި އޮތްތޯ ބަލާލުމެވެ. ވެލައެއް ނުލިބުނިއްޔާ ބިސްކޮޅެއްވިޔަސް ލިބިދާނެކަމަށެވެ. އެމީހުން ހިނގަމުން ދިޔައިރު ދެކެވެމުންދަނީ މިރަށުގެ ނާމާން ކަމުގެ ވާހަކައެވެ.

” އަހަރެމެން މިހާގިނައިން މިރަށަށް އަންނައިރުވެސް އެކަހަލަ ކަމަކާ ދިމައެއްނުވޭ ދޯ ނަވީން ”

” ހޫނ އެވެސް ދެން ދައްކާވާހަކަ މީހުން ވެލާ ހިފިޔަ ނުދޭންވެގެން ތޯއްޗެ އެކަހަލަ ވާހަކަ އެދައްކަނީ ”

” އެކަމަކު އެއީވެސް އުޅޭ އެއްޗެއް އެހެންވީމަ އެފެންނަނީވެސް ”

” ތިކަން ޤަބޫލު ކުރަމޭ އެއެއްޗެތިވެސް އުޅޭނެ އެކަމަކު ގިނަފަހަރަށް ފެންނަނީކީ އެއެއްޗިއްސެއްނޫނޭ ޙުސައިނާ ….. ” ނަވީން އޭނާދެކޭގޮތް ހާމަ ކުރަމުން ދިޔައެވެ.

” ދެން ކޮންއެއްޗެއް ތަ ؟ ފެންނަވާހަކަ އެދައްކަނީ ”

” ބިރުން ހުރެފަ ހޭޅިގަ ހުރި ގަސްތަކަށް ބެލީމަ ސިފަ ކުރެވިދާނެ ކޮންމެ އެއްޗެއްވެސް …. ” ނަވީން ބުންޏެވެ.

ކުއްލިއަކަށް ވައިރޯޅި ބާރުވާން ފަށައިފިއެވެ. އުޑުމަތީގައި ވިލާތައް ބޯވެ ހަނދު ވެސް ވިލާތަކާއި ނިވާ ވާންގެށިއެވެ.

” މިރޭ މެންދަމުންފަސް ވަރަށް ސަޅިކޮށް އޮވެފަ މިވަނީ ކީއް ؟؟؟ ” ޢާދިލަށް ބުނެވުނެވެ.

” ނަވީން ތުނޑި މަތީގައި ވެލައެއް ކަންނޭގެ އެ އޮތީ ” ހުސައިން ބުންޏެވެ.

” ތަންކޮޅެއް މަޑުން ހިނގާ މިފަހަރު މިއތީ އަތު ޖެހިފަ ކަލޯ ޙުސައިނާ ކަލޯ ތަންކޮޅެއް ބާރަށް ގޮސް އެފަރާތުން ތުނޑި އަށް އަރާ ” ނަވީން ކަންކުރަންވީ ގޮތް ބުނެދެމުންދިޔައެވެ.

ޙުސައިންއަށް ތަންކޮޅަކަށް ދެވުނެވެ. އޭނާއަށް މަޖްބޫރު ވީ ފަހަތަށް ޖެހޭށެވެ.

” ނަވީން މަޑުކޮށްބަލަ އާދޭސްކޮށްފައި ބުނަން އަވަހަށް ހިގާ މިރަށުންދާން ” ޙުސައިނަށް މަތިނޭވާލެވޭވަރުން ވާހަކަވެސް ހަމައަކަށް ނުދެއްކެއެވެ.

” ކިހިނެއްވީތަ؟ ”

” ތުނޑިމަތީ އޮތީ އަންހެން ކުއްޖެއް ވެލައެއް ނޫން ޖިންނިއެއް …. ”

” ކީކޭ ؟؟؟؟؟ ” އާދިލު ބިރުން ރޫ ރޫ އަޅައިގަތެވެ.

” މަމިދަނީ ދޯންޏަށް …. މަށަކަށް ނުކެރޭނެ އެކޮޅަށް ދާކަށް ”

” އެކަމަކު މަށަށް ދެވޭނީ ވާނުވާ ބަލާފަ ކަލޭމެންދޭ ދޯންޏަށް ” ނަވީން ބުންޏެވެ.

” ހެޔޮނުވާނެ ނަވީން އެދިމާއަށް ނުދޭ އެއީ އާދައިގެ ޖިންނިއެއްނޫން ކަލޭ ތިއުޅެނީ މޮޔަވާން ހެޔޮނުވާނެ ނަވީން ކަލޭ ނުދޭ ” ޙުސައިން އާދޭސް ކޮށް ކޮށް ހުއްޓާ އޭނަ ދިޔައީ ތުނޑިއަށެވެ.
=ނުނިމޭ-


ކިޔުންތެރިންގެ ޚިޔާލު...


ނަން :