ރީތި ރީތި ނަލަނަލަ ހަނދެއް ކުރި އަލީގާ - ފުރަތަމަ ބައި

ޢިބްރާހިމް މުޙައްމަދު / ބ. ތުޅާދޫ | | 20 ފެބުރުއަރީ 2020





ވިދާލާ ވިދުވަރުން ލޯތައް ތަރަ ތަރަ ޖަހައިގެން ދެއެވެ. ގުގުރާލާ ކޮންމެ ފަހަރަކު އޭނާގެ ދެއަތުން ކަންފަތުގައި ފިސާރަ ބާރަށް އަތްއަޅައެވެ. އެއާއެކު ދުވަހަކުވެސް ނުހުޅުވާނަމޭ ހިތާ އެރީތި ދެލޯ މަރާލައެވެ. ވެހޭ ވާރެއާ ޖެހޭ ވައިގެ ފިނި ގަދަ ރޯޅީގެ ފިނިކަން އޭނާގެ ހުރިހާ ނާރުތަކަށް އަސަރު ކުރުވަމުން ދަނީއެވެ. އޭނާގެ މޭގެ ތެރޭގައިވާ ގަޑު ލޭކޮޅެއްފަދަ ހިތަށް ބިރުވެރިކަމާއި ނާމާން ކަމާއި އެކަނިވެރިކަމުގެ ޝިކާއީ ސްޢޫރުތައް ވެރިވަމުންގޮސް އެރީތި އެސްފިޔަތަކާއެކު ފިނިފެންމަލެއްފަދަ ކޯތާފަތްވެސް ތެމެމުން ދިޔައީ ކަރުނައިންނެވެ.

މުޅިމީހާ ތުރު ތުރު އަޅަމުން ދިޔައެވެ. އަދި އޭނާގެ ޢުމުރުން ވީ އެންމެ 19 އަހަރެވެ. ފަންފަން ރީތި އިސްތަށިގަޑުގައިވާ އިސްތަށިތައް އެއްވެސް ތަރުތީބެއްނެތި ވަނީ ހޭވިފައެވެ. ލައިގެންހުރި ހެދުން ވަނީ ވާރެއިން ތެމި ފޯވެފައެވެ. ހެދުމުގެ ތެތްކަން އޭނާގެ ލަޠީފީ ހަށިގަޑު އިތުރަށް ވަރުބަލިކޮށްފައިވާ ކަހަލައެވެ.

އެއްވެސް މީހަކުނެތް ފަޅުރަށެއްގައި އެކަނިމާއެކަނި ހުންނަން ޖެހުމުން މިފަދަ ނިކަމެތި އަންހެންކުއްޖަކު ހިތް ހުއްޓި މަރުނުވެ އެހުރީ ހަމަ ކިރިޔަކިރިޔާއެވެ. އޭނާ އަދިވެސް ގިސްލަ ގިސްލާފައި ރޮނީއެވެ. އޭނާ އެހުރީ މިއަދު މެންދުރު ކޭ ނޫޑްލްސް ކޮޅެއްގެ ބާރުގައެވެ. މިހާރުވެސް ބަނޑުފައިވެގެން ހުރެވޭކަށް ނެތެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. މިދަންވަރު އެއްވެސް މީހެއްގެ ހިލަމެއް ނުވާ ފަޅުރަށެއްގައި މިނިކަމެތި އަންހެންކުއްޖާ ބަނޑުފުރާނަ މުއްތި ކުރާނީ ކިހިނަކުންހެއްޔެވެ.

މިހާރު ވާރޭ ވެސް ތުނިކޮށްލައިފިއެވެ. ޖެހެމުންދިޔަ ބާރުވައި މަޑު މަޑު ފިނިފިނި ރޯޅިއަކަށް ބަދަލު ވެއްޖެވެ. ހަނދުވެސް ދިމާ މެދު އުޑުން ދައްކާލައިފިއެވެ. އޭނާ ރަށުގެ ހުޅަގު ފަރާތު ތުޑީގައިވާ ހޭޅިފަށުގައިހުރި މަގޫ ގަހެއްގެ ހިޔަލުގައި އިށި އިނދެލައިގެން އިނެވެ. އަދިވެސް އޭނާ އަށް ގިސްލާފައި ރޮވެނީއެވެ. ހިތުގައިޖެހިގެން ކުޑަކުއްޖަކުވެސް އެވަރަކަށް ނުރޯނެއެވެ.

މަޑުމަޑުން ނިދެމުން ނިދެމުން ގޮސް އޭނާއަށް ނިދިއްޖެއެވެ. އެރީތި ހަށިގަޑު އެއްވެސް އިޚްތިޔާރަކާއި ނުލައި އެރީތި ތުޑިމަތި ވެއްޖެއެވެ. ނިދާފައި އޮތް އިރު އެރީތި މަޢްޞޫމް މޫނުމަތިން ހިތާމައިހެ ކުލަތައް ފާޅުވޭވޭ ހުއްޓެވެ. އިރުކޮޅަކުން އެރީތި މޫނު މައްޗަށް ސިފަ ކުރަން ދަތި ގޮތްތަކެއް ވާންފެށިއެވެ. އޭނާގެ ދެއަތުގެ ޙަރަކާތަށް ބަލަން ހުރި މީހަކު ލަދުވެތި ވާން ޖެހޭ ފަދަ ޙަރަކާތްތަކެއް އެރީތި ގިއުޅު އަތުކުރިން ފެންނަމުން ދިޔައެވެ. ހީވަނީ އޭނާ ހުވަފެނީ ޢާލަމެއްގައި ޖަޒުބާތުގެ ވާރޭގައި ބެހިގެންދާހެންނެވެ.

= ނުނިމޭ=


ކިޔުންތެރިންގެ ޚިޔާލު...


ނަން :