ޖުންޖުލާ - ފުރަތަމަ ބައި

ޢިބްރާހިމް މުޙައްމަދު / ބ. ތުޅާދޫ | 17 ފެބުރުއަރީ 2020

ވައިބާރުކަމުން ހީވަނީ އެހެންކަމެއްހެންނެވެ. ޖެހޭ ފިނި ވައިރޯޅިތަކާއިއެކު ، ވެހެމުންދާ ވާރޭގެތެރޭގައި އޭނާ ހުންނަތާ މިހާރު ދެގަޑިއިރު ވެދާނެއެވެ. ކުރިމަތިން ރަށެއްގެ ނިޝާނެއްވެސް ފެންނާކަށްނެތެވެ. ދޯނީގެ ހުރިހާއެންމެންވެސް އެތިބީ ނިދާފައެވެ. އޭނާ ފޯނުހުޅުވާލާފައި ގަޑިބަލާލިއެވެ. މެންދަމުންއަލިވެ ، ތިނެއްޖެހީއެވެ. އިރުއަރަން އަދި ތިންގަޑިއިރު ، އެބައޮތެވެ.
އެހެންކަމުން އޭނާއަށް އަދި އޮތީ ހިތްވަރުކޮށްލުމެވެ.

ވިދާވިދުވަރުން ލޯތަރަތަރަ ޖަހައިގެންދާހެންހީވެއެވެ. ކުއްލިއަކަށް ކަނޑުގެ އެތަންމިތަނުން ރަށްރަށާއި ޢިމާރާތްތަކާއި ވެހިކަލްތައް ފެންނަން ފަށައިފިއެވެ. މަސްގާޑިޔާ ދަމާމީހުން މަސްގާޑިޔާ ދަމަނީއެވެ. ސައިކަލުތަކުގައި ދެޖިންސްގެ ޒުވާނުން ކޮޅުކޮޅަށް ދުއްވަނީއެވެ. އެއްފަރާތުން މެމޯރިއަލް ފެނުނިއްޔާ އަނެއްކޮޅުން ފެންނަނީ އޭޑީކޭއެވެ. އޭނާއަށް ދެވޭ ނުދެވޭ ތަނެއްނޭގޭ ޙާލުގައި ހުރެގެން ދޯނިދުއްވަމުން ދެއެވެ. ބައެއް ފަހަރު ފަހަރު އޭނާގެ ދަރިފުޅު އޭނާއަށް ގޮވާހެންވެސް ހީވެއެވެ. އޭނާގެ ހިތަށްއައިހާ ހެޔޮއެއްޗެއް ކިޔަމުންދިޔައެވެ. މިފަދަ ޙާލެއްގައި އޭނާ އުޅެނިކޮށް އިރުމަތިފަރާތް ދޮން ކޮށްލައިފިއެވެ.

ޖެހެމުންދިޔަ ބާރުވައިރޯޅި ނަލަނަލަ ރޯޅިއަކަށް ބަދަލުވާންފެށިއެވެ. ދޯނީގައި ސަތަރިއަޅައިގެން ނިދާފައިތިބި އެހެންމީހުންވެސް މިހާރު ހޭލައިފިއެވެ. ހުރިހާ އެންމެންވެސް އަވަސްވެގަތީ ތަރުމޯޒުގައި ހުރި ފެންފޮދު ހޫނުކޮށް ހުރިތޯ ބެލުމަށެވެ. އާނއެކެވެ. ނަސީބަކުން ހައެއްކަ ތަށި ކޮފީ ހަދާލެވޭވަރަށް ތަރުމޯޒުގައި ފެންހުއްޓެވެ. ނަވީންވެސް ކުއްޖަކު އަތަށް ހުންގާނު ދީފާ އައީ ކޮފީބޯށެވެ.
" ކަލޭމެންނަށް ރޭގައި ރަގަޅަށް ނިދުނުތަ؟ "
" ނިދޭނެދޯ ... ދޯނިތަޅުވާވަރުން ކިހިނެއްނިދާނީ ... އެއޮއް ޖެހުނު ވައެއް ދޯ .... ނަވީން ، ކިހިނެއްހެދީ .... "
" ކިހިނެއްހަދާނީ ... ކަފީގައި ބައްދައިގެން ހުރީ ... މަށަށް ފެނުނު ކަންތައްތައް ކަލޭމެންނަށް ފެނުނުނަމަ .... "
" އަނެއްކާ ކީއްވީ!؟ ... ބުނެބަލަ!!! "
" ކަނޑުމަތިއަޅާފައިހުރީ .... މުސްކުޅިން ބުނާ ގޮތުން އެއީ ކަނޑުމަތިއެޅުން ... ރަށްރަށާއި ޢިމާރާތްތަކާއި ވެހިކަލްތައް ފެންނާނީ ކަނޑުމަތި އެޅީމައެއްނު .... "
" އާނ! ދެންއަވަހަށް ފައިބަންއުޅޭ .... މިހާރު ގޭމީހުން ތިބޭނީ ކަންބޮޑުވެފައި ... އޮފީހަށް ދާންވެސް ޖެހޭނެނު ... "
" މަ މިއަދު ސަލާމް ބުނެލާނީ ... ރޭ ނުވެސް ނިދުނެއްނު ... ކަލޭމެން ނިދިމީހުން އޮފީސްތަކަށް ދޭ ... "
" އެންމެރެއަކު ހޭލާހުންނަން ޖެހުނީމާ ވީވަރު ... "
" ތިއީ ... ހަމަހީވާގޮތް ... މަގޭ ކަންނެއްޔަށް ދިޔައިރު ... ކިތައްރޭ ހޭލާހުންނާނީ .... " އޭނާ ދޯނިންފައިބަމުން ބުންޏެވެ.
ނަވީން އަވަހަށް ސައިކަލަށް އަރާ ދުއްވާލިއެވެ. އާދައިގެ ވަރަކަށް ދުއްވާފައިގޮސް ގޭކައިރީ ހުރި ޕާރކިންގ އޭރިޔާގައި ސައިކަލް ޕާރކް ކޮށްފައި އޭނާ ގެއާ ދިމާއަށް ހިގައިގަތެވެ.

" ފާތުން ... މަގޭ ލޯބި ފާތުން .. " ފާތުން އޭނާގެ ގަޔާލާ ބޮޑިކޮށްލިއެވެ. އެއަށް ލޯބިކޮށްލިއެވެ. ނަވީން އަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭގެއެވެ.
" ނަވީން ... އޮފީހަށް ދާ ގަޑި ކައިރިވީނު ... " އޭނާގެ އަންހެނުންނަށް ނަވީން ފެނުމާއި އެކު ބުންޏެވެ.
" ފާތުން ... މިއަދު އަހަރެން އޮފީހަކަށް ނުދާނަން ... މިއަދު ކުޑަކޮށްނިދާލާފައި ... ފާތުން ސްކޫލުން އައީމާ ތިދެމައިން ގޮވައިގެން ބުރެއްޖަހާލަން ދާނީ ... ދޯ! ދަރިފުޅާ ފާތުން ... "
" ސައިބޮއިގެން ނިދާނީ ..... އަހަރެން އެބައަންނަން ސައިހަދާފައި ... ފާތުން ... ބައްޕަ ފެންވެރީމާ ބައްޕަ އާއިއެކީ ސައިބޯނީދޯ ... ދެން އެއްކަލަ ސައިންސް ފިލާވަޅު ހަދާލަންވީނު ... "
" އޯކޭ ... މަންމީ ... ހަމަމިހާރު މިދަނީ ... "
" ހާދަ ބަސްއަހާ ކުއްޖެކޭ ... " ނަވީން ހިނިތުންވެލިއެވެ.
" ފާތުން ... ކިރިޔާ ރަށަށް މިއާދެވުނީ ... މޫސުން ގޯސްކަމުން މާލެ ކައިރީގައި އެބުރެވުނު އިރުވެސް ނޭގުނު .... "
" މަވެސް ވިއްސަކަކަށް ފަހަރު ގުޅިން .... ބުނަނީ ނިންވާލާފައޭ .... ނޫނީ ގުޅޭ ސަރަޙައްދުން ބޭރުގައޭ ... އޯކޭ ... ދެންއަވަހަށް ފެންވަރަން ދޭ ... " ނަވީނުގެ ތުވާލި ދިއްކޮށްލަމުން އޭނާގެ އަންހެނުން ފާތުން ބުނެލިއެވެ.

ނަވީން ފެންވަރައި ރީތިވެލައިގެންނުކުތްއިރު ، އޭނާގެ ދަރިފުޅު އިނީ ޓީވީބަލާށެވެ. ނަވީން އޮފީހަށް ގުޅާފައި ސަލާމް ޖައްސާލިއެވެ. އެއަށްފަހު އޭނާގެ ދަރިފުޅު ގޮވައިގެން ދިޔައީ ސައިބޯށެވެ. ސައިބޮއިގެން އޭނާ އޮށޮއޮތީ ނިދާށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާއަށް ނިދިއްޖެއެވެ.
"ފަސްތަރި" ދޯނި ކަންނެލި އައިނުން ދޫކޮށްލީހަމަދެންމެއެވެ. ތިންފޮށި ފުރާލުމަށްފަހު ، އެދޯނި މިހާރު ދަތުރު ކުރަމުން އެދަނީ މާލެއަތޮޅާއި ދިމާއަށެވެ. ހުންގާނުގައި ހުރީ ޢުމުރުން ބާވީސް އަހަރުގެ ނަވީންއެވެ.

" ކިހިނެއް ހަދާނީ ... މާދަމާ ހުކުރު ... މިރޭ މިތަނުން ރަށަކު މަޑުކޮށްފައި ހުކުރު ކޮށްގެން ފުރަންހަދަން ވީނު ... ފަހަރެއްގައި މާލެ އަތޮޅަށް ވަދެވޭންވާއިރަށް ރަގަޅުގޮތެއްވެސް ވެދާނެ ... މިބުނީ ދެންހުރި ދެފޮށިވެސް ފުރާލެވިދާނޭ ... " ނަވީން އެހެންމީހުން ދެކޭގޮތް ހޯދާލުމުގެ ގޮތުން ބުންޏެވެ.
" ރަގަޅުވާނެ ... ކެޔޮޅަށް ފެންނަ ގޮތެއް ... މިތަނުން ރަށަކުން ވެސް ހަމަރަގަޅުކަމެއް ދިމާވެދާނެ ... " ސަމާސާ ރާގެއްގައި މީހަކު ބުނެލިއެވެ.
" އެހެންވީރު ރަގަޅުވާނީ ކޮންރަށެއްތަ؟ ރަގަޅު ހޮޓަލެއް ހުންނަ ރަށެއް އެގެނީ ކާކަށް ؟ " ނަވީން އަހާލިއެވެ.
" މިއީ ރ އަތޮޅެއްނު ... ކޮންމެ ރަށެއްވެސް ކަމުދާނެ ... މަގޭ ރައްޓެހިން އުޅޭނެ މިއަތޮޅު ހުރިހާ ރަށެއްގައިވެސް ... ނަވީން ... ހާސްކަޑާލާ ... ރަސްގެތީމަށް ޖެއްސިޔަސް ހެޔޮ ... "
" އޯކޭ ... މަވެސް އަދި މިއަތޮޅަކަށް ނާންނަމޭ .... ރައްޓެހިން އުޅޭނެ މަވެސް ކޮންމެވެސް ވަރަކަށް ... އެއިންމީހެއްގެ ނަމްބަރެއްވެސް މިފޯނަކު ނެތް .... އޯކޭ ... " ނަވީން ބުންޏެވެ.
ދޯނި މިހާރު ރަސްގެތީމަށް ވަންނަން ކައިރިވެއްޖެއެވެ. ކުއްލިއަކަށް އިންޖީނުގެ މައްސަލައެއް ދިމާވެއްޖެއެވެ. ނަވީން ވަރަށް ހާސްވިއެވެ. އެހެންނަމަވެސް އެރަށަށް ވަދެވޭވަރުވާނެކަން ޔަގީންވުމުން އޭނާހިތްހަމަ ޖައްސާލިއެވެ.

ރަށު ބަނދަރުގައި ދޯނި އެޅުމަށް ފަހު ، ޙަސަންބެއާއިއެކު އޭނާވެސް ދިޔައީ ޙަސަންބެގެ ރަޙްމަތްތެރިޔާގެ ގެއަށެވެ. ދޯނީގެ އެކިކުދިން އެކިދިމާއަށް ހިގައްޖެއެވެ. ޙަސަންބެގެ ރަޙްމަތްތެރިޔާގެ ގެއަކީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. އެމީހުން އެގެއަށް ދިޔައިރު ، އަލިފުޅު އެގޭގައި އުޅެއެވެ. ޢަލިފުޅަށް ، ޙަސަންބެ ފެނުމާއިއެކު ، އިށިއިނުމަށް ބުންޏެވެ. އަދި އޭނާގެ ދަރިފުޅު ރައުނާއަށް ގޮވާލާފައި ސައި ހެދުމަށް ބުންޏެވެ.
" ފެންވަރާލަންދާންވީނު ... މަސްވެރިކަން ކިހިނެއްތަ؟ ޙަސަންބޭ ... " އަލިފުޅު އަހާލިއެވެ.
" ތިންފޮށި ފުރާލައިގެން މިއައީ ... އިންޖީނުގެ މައްސަލައެއް އުޅޭތީ މިރަށުގައި ދެދުވަހަކު މަޑުކޮށްލަން ޖެހޭނެ ކަންނޭގެ ... ޢައިސާފުޅު ކޮބާތަ ؟ "
" ޙަސަންބޭ ... ޢައިސާފުޅު ނިޔާވެއްޖެ ... މިމަންޖެއާއި މަށާއި ދެމީހުން މިއުޅެނީ ... މިމަންޖެވެސް މިހާރު އެހުރީ މިރަށުން ކިޔެވޭނެ ވަރަކަށް ކިޔަވާދީފާ ... މަވެސް މިހާރު މިއުޅެނީ ބަލިވެ ... ދެން މި މަންޖެއަށް ... " ޢަލިފުޅު ކަންހުރިގޮތް ކިޔާދިނެވެ.
" އާނ!! މިހާރު އެގިއްޖެ ޢަލިފުޅުބެގެ ދިރިއުޅުން ހުރިގޮތް ... ދެން ފެންވަރާލައިގެން ވާހަކަ ދައްކާނީ ... " ޙަސަންބެ ބުންޏެވެ.
" ނަވީން ... ދާންވީނު ފެންވަރަށް ... "
" އާނ! .. ކޮބާ؟ ގިފިލި ... "
" ރައުނާ ... ގިފިލި ދައްކާބަލަ!! "
ނަވީން ކުރިއަށް ހިގާގަތެވެ. ރައުނާ އައިސް ނަވީންގެ އަތަށް ތުވާލި ދިއްކޮށްލިއެވެ. އެވަގުތު ނަވީންއަށް ރައުނާއާއި ދިމާއަށް އެއްވެސް އިޚްތިޔާރަކާއި ނުލާ ބަލާލެވެނެވެ. އެފޮނިފޮނި އަޑާއި އެރީތި ސޫރަ އޭނާގެހިތުގެ އެންމެ ފުންމިނަށް ވެރިވެއްޖެ ކަހަލައެވެ.

ނަވީނަށް ފެންވަރަށް ހުރެގެންވެސް ވިސްނެނީ ރައުނާގެ ރީތިކަމާއި ސާދާ ކަމާއިމެދުއެވެ. ނަވީން އަވަސް އަވަސް ކޮށްލައިގެން ނުކުތްއިރުވެސް ޙަސަންބެ އިނީ ލަސްވެގެން ކަންބޮޑުވެފައެވެ. ނަވީން ގިފިލިން ނުކުތީ އެއްޗެތިވެސް ބަދަލުކޮށްލައިގެންނެވެ. އެހެންކަމުން އޭނާގެ ކައިރީ ޢަލިފުޅު ސައިބޯން އައުމަށް ުންޏެވެ. ޙަސަންބެއާއި އެކު ސައިބޯނެކަމަށް ބުނެ ، އޭނާ ޖޯލިފަތީ އިށިއިނެވެ.

" ދަރިފުޅާ ! ބައްޕަ އެބައަންނަން ބޮޑުދައިތަ ގެއަށް ގޮސްލާފައި ... މިސޮރު ކައިރީ މިތާ މަޑުކޮށްލާ ... އިގޭ "
އެވަގުތު ނަވީންގެ ވަރަށް ބާރަށް ތެޅެންފެށިއެވެ. ރައުނާ ހޫނ އަޅުވާލިއެވެ. އޭނާ ނަވީން ކައިރީ އެއްޖޯލިދޫކޮށްފައި އިށިއިނެވެ.
" ކިހިނެއްތަ؟ "
" ރަގަޅު ... " ނަވީން މަޑުމަޑުން ބުނެލިއެވެ.
ދެމީހުން ކުރެ އެކަކުވެސް އަގައިން ނުބުނެ އިރުކޮޅަކު މަޑުކޮށްލިއެވެ.
" ރައުނާ ... ސްކޫލުގައިތަ؟ "
" ނޫން ... އަހަރެން މިދިޔަ އަހަރު ޖީސީ ހަދާނިމުނީ ... ދެން މަންމަ ... " ރައުނާއަށް ރޮވޭގޮތްވިއެވެ.
" މަންމަ ނިޔާވުމުން ދެންއިތުރަށް ކިޔެވޭ ގޮތް ނުވީ ދޯ؟ "
" ކިހިނެއް މީނައެއް އެގުނީ ... !؟! "
" ފެންވަރަން ދިޔުމުގެ ކުރިން މިތާ ދެކެވުނު ވާހަކައަކުން "
" އެހެންދޯ ! މީނަ ނުކިޔަވަނީތަ؟ "
" ނޫން ... އަހަރެން މިފަހަރު 12 ނިމުނީ ... ދެންހިތަށް އެރީ ޖޮބެއް ލިބެންދެން ... ކަންނެއްޔަށް ދާނީއޭ ... ވަރަށް މަޖާ ... ދޯނި ދުއްވަނީވެސް މަށޭ ... "
" އެހެންތަ؟ ... ރިޒާރޓް ކިހިނެއް؟ "
" އޭ އާއި ބީ ލިބުނީ .... "
" މައްސަލައެއްނޫނެއްނު " މިހާރު ދެމީހުންގެ ގާތްކަން އުފެދެމުންދިޔަ ވަރަކަށް ނަވީންގެ ވާހަކަ ދެއްކުން މަޖާވާންވެސް ފެށިއެވެ.

" ރައުނާ .. ކޮންކަމެއް ... " މަގުމަތިން ދިޔަ ރައުނާގެ ރައްޓެހި ކުދިންތަކެއް ދިމާ ކޮށްލިއެވެ.
" ސާބަހޭ !! ކަލޭމެންނަށް .... " ރައުނާ ހީލާފައި ބުންޏެވެ.
އެކުދިން ފަހުންޖައްސާލާނަމޭ ކިޔާފައި ހެމުންހެމުން ދިޔައީއެވެ.
" އެގޭތަ؟ އެއީ އަހަރެންގެ ކުލާސްމޭޓުން .... ވަރަށް މަޖާވާނެ ... އެކުދިން "
" އެހެންދޯ! މިރަށުގައި ހުންނައިރު ފޫހިފިލާާވަރު ވާނެދޯ! އިންޖިން ހަދައިގެން ފުރެންވެސް އޮތީ "
" އެހެންދޯ! " ރައުނާގެ ހިތަށް އެއްވެސް އިޚްތިޔާރަކާއިނުލާ ބުނެދޭން ނޭގޭކަހަލަ އުފާ ތަކެއް ލިބެންފެށި ކަހަލައެވެ. މިރީތި ޒުވާނާ އާއިއެކު ކުޑަދުވަސްކޮޅެއް ހޭދަކުރެވޭނެތީ ތޯއްޗެކެވެ.
" އަހަނ ! ނަވީން އަދިވެސް ސައިނުބޮނީތަ؟ " ޙަސަންބެ ގިފިލިން ނުކުމެފައި ނަވީން ފެނުމުން ބުންޏެވެ.
" ޙަސަންބެ ... ގިފިންޔަށް ވަންގޮތަށް ނުކުންނަންވެސް ނޭގިފައިދޯ ތިހުރީ .... މަގޭ ބަނޑަށް މިހާރު ހޫނު ވެއްޖެ ... " ނަވީން މަޖާވެލާފައި ބުނެލިއެވެ. އެވަގުތު ރައުނާ ކައިރިއަށް ހިނިއައެވެ.
" މަންޖޭ .... އަވަހަށް ދޭ ސައިހަދަން ... "
" ޙަސަންބޭ ... ސައިހުރީ ހެދިފައި .... " ރައުނާ ހިގައިގަންނަމުން ބުންޏެވެ.
ޙަސަންބެއާއި ނަވީން ސައިބޯން ތިބެގެން ހެދިކާގެ މީރުވާހަކަ ދެއްކިއެވެ.
" މިގޭގައި އަބަދުވެސް ކާއެއްޗެތި ވަރަށް މީރުކޮށްހަދާނެ ... " ޙަސަންބެ ނަވީނަށް އޮޅުންފިލުވާ ދިނެވެ.
" މިއަދު ... އެހެންދުވަސްދުވަހަށް ވުރެ ، މީރުވާާނެހެންހީވަނީ " ނަވީން ބުނެލިއެވެ.
" ކަމަކާ ޖެހުނީދޯ "
" ޙަސަންބޭ ... މިއަދު ހޮޓަލުން ހެދިކާ ގަތީ ... މާދަމާ އަޅުގަޑު ހެދިކާ ހަދާނަން ... ޙަސަންބެމެން މިކޮޅުގައި ތިބިއްޔާ ... " ރައުނާ އޮޅުންފިލުވާދިނެވެ.
ނަވީން މެން ސައިބޮއެނިމިގެން ދުފާ ހަދައިގެން ދޯންޏާދިމާއަށް ދާން ހިނގައިގަތެވެ.
" މިރޭ ކާންއަންނާތި ... "
" މިރޭ ދެންނުއެއްކާނަން ... ނިދާގަޑީގައި ކޮފީއެއްބޯނީ ... "
" އެންމެ ރަގަޅު " ރައުނާ ގޭތެރެއަށް ވަންނަމުން ބުނެލިއެވެ.
=ނުނިމޭ=


ކިޔުންތެރިންގެ ޚިޔާލު...


ނަން :