އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު. ފޮޓޯ- ހިތާދޫ އޮންލައިން

ޕްރައިމަރީން ބަލިވީމާ މޮޅުވި މީހުންގެ ފަހަތަށް ނޭރޭ މީހުން ވާދަކުރާނެ ކަމެއްނެތް- ޝިފާޒު

ހިތާދޫ އޮންލައިން | 26 ޖަނަވަރީ 2020

އެމްޑީޕީ ޕްރައިމަރީން ބަލިވީމާ މޮޅުވާ ކެނޑިޑޭޓުގެ ފަހަތަށް ނޭރޭނަމަ ޕްރައިމަރީއަށް ނުކުންނަވާނެ ކަމެއްނެތްކަމަށާއި އެއީ އެމްޑީޕީ ދަންނަ ކަމެއްނޫންކަމަށް އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެވެ.

ޝިފާޒު މިހެން ވިދާޅުވީ އެމްޑީޕީން އިންތިޒާމުކޮށްގެން އެއްޔެ ބ. ދަރަވަންދޫގައި ކުރިއަށް ގެންދިޔަ ބ. އަތޮޅު ވަރކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިއްޔެ ހެނދުނު 9:30 އިން މެންދުރު ފަހު 4:00 އަށް ދަރަވަންދޫ ކައުންސިލުގެ ރަސްގެއޮޑި މާލަމުގައި ކުރިއަށް ގެންދިޔަ ވަރކްޝޮޕްގައި ބ. އަތޮޅުގެ ހުރިހާ ރަށަކުން ކައުންސެލަރުންނާއި، ކެނޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުތަކުން ވަނީ ބައިވެރިވެފައެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން ބޭނުންވާ ނިޒާމެއް ނޫންކަމަށެވެ. ކައުންސިލުތަކަށް ބާރުތަކެއް ލިބިގެން ދާއިރު އެމްޑީޕީ ނޫން ބަޔަކަށް ކައުންސިލު ހަވާލު ކޮށްފިނަމަ އެރަށެއް ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދާނެކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.

މި ވޯކްޝޮޕުގައި 2020 ވަނަ އަހަރުގެ ބަޖެޓު ބޭނުންކުރާނެ ގޮތާއި ކުރިއަށް ފަސް އަހަރަށް އިންތިޚާބުކުރާ ކައުންސިލުތަކުން ފޯރުކޮށްދޭނެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މި ކޮންފަރެންސްގައި މަޝްރޫޢުތައް ހިންގާނެ ލަނޑުދަނޑިތަކަށާއި ސުންގަޑިތަކާމެދުވެސް ވަނީ މަޝްވަރާ ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :