ބުޅަލުގެ ދަސްވެނި ވުން

ހިތާދޫ އޮންލައިން | 12 ނޮވެންބަރ 2019

އެއްދުވަހަކު ޖުހާގެ ރައްޓެއްސަކު އޭނާގެ އޮޅު ބުޅާ ރީތިކޮށްގެން ހެދުން އަޅުވާތަން ފެނުމުން ޖުހާ ރަހުމަތްތެރިޔާ ކުރެން އަހާލިއެވެ. ރަހުމަތްތެރިޔާއެވެ. ތީ ކޮން ކަމެއް ހެއްޔެވެ؟ ތިޔަހާ ވަރަކަށް ކަލޭގެ ބުޅާ ތި ރީތި ކުރަނީ ކީއްވެގެން ހެއްޔެވެ.

ރަހުމަތްތެރިޔާ ވަރަށް ފަޚުރުވެރިކަމާއެކު ބުންޏެވެ. މިއަދަކީ ވަރަށް ޚާއްސަ ދުވަހެކެވެ. މިއަދަކީ އަހަރެންގެ ބުޅާ ދަސްވެނިވެގެން، އެކަން އާ ކަމަކަށް ވުމުން، ގިނިސް ވާރލްޑް ރިކޯރޑްސް ގެ ފަރާތުން އެމީހުންގެ ރެކޯޑު ފޮތުގައި އަހަރެންގެ ބުޅާގެ ވާހަކަ ލިޔެ ފޮޓޯނަގަން އަންނަ ދުވަހެވެ. މިއީ އަހަރެންގެ ބުޅަލަށް ނުވަތަ އަހަންނަށް އެކަނި ލިބޭ ފަޚުރެއް ނޫނެވެ. އަހަރުމެންގެ މުޅި ތައުލީމީ ނިޒާމަށް ވެސް، އަދި މުޅި ރާއްޖެއަށް ވެސް ލިބޭ ވަރަށް ވެސް ބޮޑު ފަޚުރެކެވެ. މީގެ ކުރިން ބުޅަލެއް ދަސްވެނިވެ ތަޚައްރުޖުވެފައި އޮތީ ކޮން ގައުމެއްގެ ކޮން ތައުލީމީ މުއްސަސާއަކުން، ކޮން ތައުލީމީ ނިޒާމެއްގެ ތެރެއިން ހެއްޔެވެ؟ މިކަމުގެ ސަބަބުން އަހަރުމެންގެ ތައުލީމީ މުއައްސަސާތަކަށް ރަނގަޅު ފުރުސަތުތަކެއް ލިބޭނެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ ބުޅަލަށް ލޯބިކުރާ މީހުން އެމީހުންގެ ބުޅާތަކަށް ސެޓިފިކެޓު ހޯދައިދިނުމުގެ ފުރުސަތު ލިބޭނެއެވެ. އެހެންވެ، ބުޅާ ކޯސްތަކުގެ ޕުރޮޑަކްޓުތައް ވިއްކައި އެއިން މާއްދީ ރަނގަޅު ފައިދާތަކެއް ހޯދޭނެ ނޫން ހެއްޔެވެ؟"

ޖުހާވެސް ރަހުމަތްތެރިޔާގެ ވާހަކައާ އެއްބަސްވިއެވެ. "ތިޔަ ބުނީ ހަމަ ރަނގަޅު ވާހަކައެކެވެ. ތިޔައީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ހަމަ ރަނގަޅު ފައިދާތަކެއް ކުރާނޭ ކަމެކެވެ. މަވެސް ތިކަން ކުރަންވީ އޭ އެބަ ހިތަށް އަރައެވެ. ދާއިރާ ފުޅާކޮށް ކުއްތާއާ އަދިވެސް އޮޅުކޮށްގެން ގެންގުޅޭ އެހެން ޖަނަވާރުތަކާއި ދޫނިތަކާއި ސޫފިތަކަށް ވެސް ދަސްވެނިވުމުގެ ފުރުސަތު ހުޅުވާލެވިދާނެ ނޫން ހެއްޔެވެ؟ ވަރަށް ވެސް ބޮޑު މާކެޓެއް އޮތްހެން ހީވެއެވެ. ނަމަވެސް ތި ދަސްވެނިވުން އޮންނަނީ ކިހިނެއްކަން އޮޅުންފިލުވަން އަހަރެން ބޭނުމެވެ. އެހެންވެ، ތިކަމުގެ ތަފްސީލު ކިޔައި ދެވިދާނެ ހެއްެޔެވެ؟"

ޖުހާގެ ރަހުމަތްތެރިޔުާ ބުންޏެވެ. "ތިޔައީ އެއްވެސް ކަމެއް ނޫނެވެ. އަޑު އަހާށެވެ! އަހަރެންގެ ރަހުމަތްތެރިޔަކުގެ ދަރިޔަކު ހަތަރު އަހަރުން ނިންމޭ ކޯހެއް ހަތަރު މަސްދުވަހުން ނިންމި ވާހަކަ އަހަރެން އަޑުއެހީމެވެ. ދެން އެ ރަހުމަތްތެރިޔާކުރެން އެއީ ކިހިނެއްވާ ކަމެއްތޯ އަހާލުމުން އޭނާ ކިޔައިދިނެވެ. އެކަން ހިނގާ ގޮތަކީ ހަތަރު އަހަރުގެ މަސައްކަތް ކުރުކޮށްލަނީއެވެ. އަދި އެކި ބައިތައް އެއްފަހަރާ ކިޔެވޭ ގޮތް ވެސް ހަދަނީއެވެ. އަދި ކިޔަވަން ޖެހޭ ކޯސް ބައެއް ފަހަރު ކިޔަވާ ދަރިވަރަށް ތައްޔާރުވެސް ކޮށްލެވެން ވެސް އޮވެއެވެ. މިފަދަ ގޮތަކަށް ކިޔަވަން ގަސްދުކުރާ ކުދިން، ކޮލެޖަށް ހާޒިރުވާކަަށް ނުޖެހެއެވެ. ގޭގައި ތިބެގެން އެކުދިންގެ މަސައްކަތް އެކުދިންނަށް ކުރެވެއެވެ. އަދި އަވަހަށް ނިންމާލެވޭ ކޯހެއްކަމުން، އެހެން މީހުންގެ އެހީ އެކުދިންނަށް ހޯދުމުގެ ފުރުސަތު ވެސް އޮވެއެވެ. އެހެންވެ، އެހެެން މީހުން ލައްވާ ކިޔަން ޖެހޭ އެއްޗެހި ކިޔުއްވައި، ލިޔަން ޖެހޭ ލިޔުންތައް ލިިޔުއްވޭނެއެވެ. ދެން މިގޮތުގެ މަތިން ކަންތައްކޮށް، ހުރިހާ މަސައްކަތެއް ނިންމާލުމުން، ބޮޑު ހަފުލާއެއް ބާއްވައި އެކުދިންނަށް ސަނަދު ދެވި، އެކުދިންގެ ކަރުގަައި، ރަން ހާރެއް ފަދައިން، އެ ސަނަދު އަޅުވާލެވެއެވެ. ފެންނަ ކޮންމެ މީހަކަށް އެކުދިން ވަނީ ދަސްވެނި ވެފައިކަން އެނގޭނެ ނޫން ހެއްޔެވެ؟ އަދި ތައުލީމު ދޭ ފަރާތާއި ތައުލީމު ލިބޭ ފަރާތާއި ދެފަރާތް ވެސް ތިބެނީ ހިތް ހަމަޖެހިފައެވެ. އެއްބަޔަކަށް މުހިއްމީ ފައިސާއެވެ. އެ ފައިސާ އެމީހުންނަށް ލިބެއެވެ. އަނެއް ބަޔަކު ބޭނުމީ ކަރުދާސް ކޮޅެކެވެ، ސެޓުފިކެޓެކެވެ. އެމީހުންނަށް އެކަރުދާސްކޮޅު ލިބެއެވެ."

"ދެން ތިކަމާ ބުޅަލުގެ ދަސްވެނިވުމާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟" ޖުހާ އެއްސެވެ.

ރަހުމަތްތެރިޔާ ޖުހާ ގާތު ބުންޏެވެ. "މިކަން އަހަންނަށް އެނގުމުން، އަހަރެން ހިތަށް އެރީ މިއީ ކިޔަވައި ދަސްވެނިވުމުވުގައި ވަރަށް ވެސް މޮޅުގޮތެއް ކަމުގައެވެ. އެހެނީ މި ފަދަ ކޯސްތައް ފުރިހަމަ ނުކުރެވޭނޭ ބަޔަކު ނޫޅޭނޭކަމެވެ. އިންސާނުން ކީއްކުރަން ހެއްޔެވެ؟ ޖަނަވާރުންނާ ދޫނި ސޫއްޕަތްވެސް މިކަން ކުރެވޭނެއެވެ. އެހެންވެ، އަޖުމަ ބަލާލުމުގެ ގޮތުން އަހަރެންގެ ބުޅާ އެ ފަދަ ކޯހެއްގައި ރަޖިސްޓުރީ ކުރީއެވެ. އަދި ބުޅާކުރަން ޖެހޭ ލިޔެކިޔުމުގެ މަސައްކަތް ކުރާނޭ ބަޔަކު ހޯދައި އެމީހުން ލައްވާ އެކަން ކުރުވީ އެވެ. އަދި ހަތަރު އަހަރުން ނިންމާލެވޭ ކޯސް ހަތަރު މަހުން ނިންމާލެވުނީއެވެ."

ޖުހާ ވަރަށް އުފާވެފައި ބުންޏެވެ. "ސާފު ވެއްޖެއެވެ. އަހަރެން ވެސް މިދަނީ އަހަރެންގެ ގާމާދޫނީގެ ދަސްވެނިވުމުގެ ކަންތައް ހަމަޖައްސާށެވެ. އަދި އެހެނިހެން ޖަނަވާެރުންނާއި ސޫފި ސޫފީގެ ދަސްވެނިވުމުގެ މަސައްކަތުގެ އޭޖަންޓަކަށް އަހަރެން ވާނަމެވެ.:

މިހެން ބުނެ ޖުހާ ގެއާ ދިމާއަށް ހަލުވިކަމާއެކު ހިނގައިގަތެވެ. އަދި ޖުހާގެ ރަހުމަތްތެރިޔާ އޭނާގެ އޮޅު ބުޅާ ރީތި ކުރުމުގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ފޮޓޯ ހަފުލާއަށް ތައްޔާރު ވުމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Ma

ކަާކު ނިންމި ކޯހެއްގެ ވާހަކަ ބާ