ލައްޕާ ނުލެވުނު ޞަފުހާ

ވިނަރެސް | 15 އޮކްޓޯބަރ 2019

ފަތިހުގެ ހިތްގައިމު ވަގުތު ރަށުގެ އުތުރު ފަރާތު އަތިރިމަތިން ދެވެލި ބެދުނު ހިސާބުން ހިނގަމުން އަންނަނީ ޖައުފަރެވެ. މުސްކުޅި އުމުރަށް އެޅިފައި ހުރުމުގެ ސަބަބުން މިހާރު މަސައްކަތްކޮށް ނޫޅޭތީވެ، ފަތިހުގެ މިވަގުތުގައި ކޮންމެ ދުވަހެއް ވައްޓާލުމެއް ނެތި ހިނގާލަން ނުކުތުމަކީ، ޖައުފަރުގެ އާދައެކެވެ. ހިނގަމުން އަންނައިރު މާހައުލުގެ ޤުދުރަތީ ހިތްގައިމު މާހައުލާމެދު އޭ ނާ ވިސްނާހެން ހިޔެއްނުވެއެވެ. އެއަށްވުރެ ހިތުގެ ހާޖާނާއި ސިކުޑީގެ ބުރަ ބުޑުކަމުގައި ބަލާލި ކޮންމެ މީހަކަށް ވެސް މޭރުން ވާހާވެއެވެ.

ތެދެކެވެ. ޖައުފަރު ފަހަކަށް އައިސް ވަރަށް ވިސްނައެވެ. އެޚިޔާލުތައް ކުރެއެވެ. ސިކުނޑީގެ އެހައިޖާނުން ޖައުފަރަށް މިންޖުނެވެވެއެވެ. ކީއްވެގެން ތޯއެވެ؟ ދުވަހަކުވެސް ޚީޔާލަށް ގެނުވެފައިވެސް ނުވާވަރުގެ ގޯސްތަކެއް އޭނާއަށް ވަނީ ހެދިފައެވެ. ޒުވާންކަމުގެ ޖޯޝުގައި ހަދާފައޭ ބުނުމުން ގޯހެއް ނެތެވެ. އެކަންތައްތައް ހިތަށް ގެނެވުނަސް އަމިއްލަ ނަފްސު ކުއްވެރިކުރެވެއެވެ. އެކަމުން ދުވަހަކު އަރައިގަނެވޭކަމަކަށް ނުވެއެވެ.

ދުވަސްވަރަކީ ހަތްދިހައިގެ ކުރީކޮޅެވެ. އާދައިގެ މަތިން ޖައުފަރުވެސް ރަށުގެ އެހެން ކުދިންނެކޭވެސް އެއްގޮތަށް މާލެ ފޭބީ ރަށުން ކިޔެވޭނެ ވަރަކަށް ކިޔެވުމުން ކޮންމެވެސް މަސައްކަތެއް ކުރުމަށެވެ. ލާރި ހޯދާނެ މަގެއް ފަހިކުރުމަށެވެ. މަސްވެރިކަން ކިތަންމެ ވަރަކަށް ކުރާހިތްވި ނަމަވެސް ކަނޑަށް ބަލިކަމުން އެއްގޮތަކަށްވެސް އެކަން ކުރެވޭގޮތް ނުވުމުންނެވެ.

ޖައުފަރުގެ ނަސީބު އަތުގައި ހިފީ ހީކުރިވަރަށް ވުރެ އަވަހަށެވެ. އޭނާ ހުރި ގޭގެ ވެރިޔާގެ ވަރަށް ގާތް އެކުވެރިއަކު، ވަނީ އޭނާގެ ހޮޓަލްގައި މަސައްކަތް ކޮށްލާނެ މީހަކު ހޯދާ ވާހަކަ ބުނެފައެވެ. އެހެންކަމުން އޭނާގެ ގާތުގައި ބުނެގެން އެހޮޓަލްގެ ބަދިގެ ބައިން ޖައުފަރަށް ފުރުޞަތު ހޯދައި ދީފިއެވެ. ހަޔާތުގައި ދުވަހަކުވެސް ބަދިގޭގެ މަސައްކަތް ކޮށްފައި ނެތް ނަމަވެސް ލިބުނު ފުރުޞަތު އުފަލާއެކު އޭނާ ބަލައިގަތެވެ.

ޖެހިގެން އައި ދުވަހަކީ ޖައުފަރު އަލަށް ހޮޓަލްގެ މަސައްކަތަށް ނުކުން ދުވަހެވެ. ބަދިގެ މަސައްކަތުގައި ޖައުފަރުގެ އިތުރުން ދެކުއްޖަކު ހަރަކާތްތެރި ވެއެވެ. ބަދިގެ ބައި އެހާ ތަނަވަހެއް ނޫނެވެ. އެހެނަސް ތިން މީހުންނަށް ކުޑައެއްވެސް ނޫނެވެ. ކައްކަން ހުރީ ދެތެޔޮ އުނދުނެވެ. ޖައުފަރަށް ހުރި މަސައްކަތް ބޮޑު ކައްކާއަކަށް ހުރި މީހާ ދެއްކިއެވެ. ފުރަތަމަ ދުވަހުވެސް ބޮޑު ފިޔާ އެއްޗެއް ދައްކާފައި ފިޔާތައް ސާފުކުރުމަށްފަހު ކޮށަންވީ ގޮތް ބުނެދެމުން އެނގޭ ތޯ އަހާލިއެވެ. ޖަވާބުގައި ޖައުފަރު ބޯޖަހާލުމުން މިތާ އެންމެންވެސް ވަރަށް ގުޅޭނޭ ބީރައްޓެހިވެގެން ނުހުންނާށޭ ކިޔާފައި ކޮންމެވެސް ކަމަކާ މަސްއޫލު ވެއްޖެއެވެ.

ޖައުފަރަކީވެސް މަޑުމައިތިރި މިޒާޖުގެ މީހެއް ނޫނެވެ. މީހެކޭ ކިއުމަށްވުރެ ރަނގަޅުވާނީ ފުރާވަރުގެ ކުއްޖެކޭ ކީއްޔާއެވެ. ޖައުފަރުގެ އުމުރުން އޭރު ސަތާރަ އަހަރެވެ. ފުރަތަމަ ހަފްތާގެ ތެރޭގައި ބަދިގެ ބައިގާ ޖައުފަރާއެކު އުޅޭ ހުރިހާ ކުދިންނާއި ރަހުމަތްތެރިކަން ގާއިމް ކޮށްފިއެވެ. އެއީ އޭނާގެ އާދައެވެ. ބީރައްޓެހިވެ ބަސްމަދުވެފައި ހުރުން އެއީ އޭނާގެ މިޒާޖެއް ނޫނެވެ. ތަނުގެ މާހައުލަށް ގަދަ ވެވޭނީ އެތާކު އުޅޭ އެންމެންނާއި ގުޅުން ގާއިމް ކޮށްގެންނެވެ. އެއީ ޖައުފަރު ގެ އުމުރުން ހައެއްކަ އަހަރުގައި އޭނާގެ ކާފަ ބުނި ވާހަކައެވެ. މިއަދުވެސް ޖައުފަރު ހަދާނުގައި ހަރުލާފައި ހުރި އެއް ވާހަކައެވެ.

ފުރަތަމަ ދުވަސްކޮޅު އުނދަގޫތަކާއި ކުރިމަތީ ނަމަވެސް ދެތިން ހަފްތާގެ ތެރޭގައި ކުރަންޖެހޭ ގިނަ މަސައްކަތައް ޖައުފަރު ދަސްކޮށްލިއެވެ. އާއްމު ގޮތެއްގައި ޖައުފަރުމެންނަށް ޖެހެނީ ހެދިކާ ހަދާށެވެ. އެކި ބާވަތްތަކުގެ ފޮނި އަދި ކުޅި ހެދިކާގެ ހެނދުނަށާއި ހަވީރަށް ލިބެން ހުރުމަކީ ލާޒިމްކަމެކެވެ. އެއީ ހޮޓަލްގެ ވެރިޔާ ވަރަށް އިސްކަމެއް ދެއްވާކަމެކެވެ. އެހެންކަމުން ޖައުފަރުމެންގެ މަސައްކަތު ގަޑި ހެނދުނު ފަހެއް ޖަހާއިރު ފަށަން ޖެހެއެވެ. މެންދުރު އެގާރައިން އެކަކަށް ބުރޭކެއް ދިނުމަށް ފަހު ދެން މަސައްކަތް އޮންނަނީ މެންދުރު ފަހު އެކަކުން ހަވީރު ފަހެއް ޖަހަންދެންނެވެ. އެއަށްފަހު އެމީހުންގެ މަސައްކަތް އެނިމުނީއެވެ.

ވިޔަފާރި ވެރިންނަކީ ވަރަށް ވެސް ވިސްނުން ތޫނު ބައެކެވެ. އެމީހުންގެ ހުރިހާވެސް ވިސްނުމެއް ހުންނަނީ އެމީހުންގެ ވިޔަފާރި ކުރިއެރުވޭނެ ގޮތަކަށެވެ. ދުވަހުގެ ހުރިހާ ވަގުތެއް ހެން ހުސްކުރަނީ އެބައިމީހުންގެ ވިޔަފާރި ތަނަވަސް ކުރުމަށެވެ. ޖައުފަރުމެންގެ ހޮޓަލުގެ ވެރިއާވެސް މިއިން އިސްތިސްނާއެއް ނުވާނެ ނޫން ހެއްޔެވެ. އޭނާގެ ރޭވުން ވެސް ވަރަށް މޮޅެވެ. މަހަކު އެއް ފަހަރު ކޮންމެވެސް ވަރަކަށް ފައިސާ ދެއްވާފައި ޖައުފަރާއި އޭނާގެ ދެރަހުމަތްތެއިން މާދުރުނޫން ހިސާބެއްގައި ހުންނަ ހޮޓަލަށް ސައިބޯން ފޮނުވައެވެ. މަގުސަދަކީ ހަމަ އެންމެ ކަމެކެވެ. އެހޮޓަލަކީ މާލޭގެ އެހިސާބަށް ބަލާއިރު ޖައުފަރުމެންގެ ހޮޓަލާއި ވާދަކުރުމަށް ހުރި ހަމައެކަނި ހޮޓަލެވެ. ޖައުފަރުމެންނާއި ހަވާލު ވެފައި ހުންނަ ކަމަކީ އެތަނުގެ ހެދިކާގެ ރަހަތަކާއި ކޮލިޓީ އަށް ބަލާ އިސްލާހު ކުރަންޖެހޭ ކަންކަން ދެނެގަތުމެވެ. އަދި އަހަމައެއާއެކު، އެ ހޮޓަލުގެ އަގު ވައްޓަލުމަށް އެކި ބާވަތް ބާވަތުގެ ވާހަކަ ހަދަހަދައިގެން ދެއްކުންވެސް އެއީ ޖައުފަރުމެން ނާއި ހަވާލުކުރެވިފައިވާ މަސައްކަތެކެވެ. ފުރާވަރުގެ ޖޯޝާއި ފޯރީގައި ޖައުފަރުމެން ދަނީ އެމަސައްކަތް "ސާހިބުމީހާގެ" އުފަލަށް ޓަކައި ވަރަށް ފުރިހަމައަށް ތަންފީޒުކޮށްދެމުންނެވެ.

ދުވަސްތައް މާޒިއާއި އެކުވަމުން ދެއެވެ. ކޮންމެ ފެށުމަކަށް ވެސް ނިމުމެއް ވެއޭ ބުނެވޭ ނޫން ހެއްޔެވެ. އަބަދު ކަމެއް ސިއްރުން ނުކުރެވޭނޭ ބުނެ އުޅޭ ނޫން ހެއްޔެވެ. ޖައުފަރުމެންގެ އެމަސައްކަތައްވެސް ނިމުމުގެ ސިއްކަ އައިސްފިއެވެ. އެއްދުވަހު ސައިބޮއި ނިންމާލައިގެން ހޮޓަލުން ނުކުމެގެން ދަނިކޮށް ފަހަތުން މީހަކު ގޮވާލައިފިއެވެ. މަޑުކޮށްލުމަށެވެ. އެމީހާގެ އެދުމުގެ މަތިން ތިން މީހުންވެސް މަޑު ޖެހިލިއެވެ. އެމީހުންނާ އިސާބަށް އައުމަށް ފަހު ކުދިންގެ މޫނަށް ވަކިވަކިން ބަލާލާފައި އެމީހަކު އެދުނީ ޖައުފަރު މަޑުކޮށްލުމަށެވެ. ނުދަންނަ އެމީހާ ޖައުފަރަށް އިޝަރާތް ކޮށް މަޑުކޮށްލުމަށް އެދުމުން އޭނާއަށް ހާސްކަން ވެރިވިއެވެ. އެމީހާއާއި ދިމާ ބަލާލުމަށް ފަހު ޖައުފަރާދިމާ އަށް އެނބުރިފާ އަހަރެމެން ދަނީ ކަމަށް ބުނެ އެނެއް ދެއެކުވެރިން ދިއުމަށް ހިނގައިގަތެވެ.

އެދެމީހުން ފުދޭވަރަށް ދުރަށް ދިއުމުން އެމީހާ ވާހަކަ ފެށިއެވެ. ޖައުފަރުމެންގެ މަގުސަދާއި ހަދަމުންދާ ގޮތް އެނގޭކަމަށް ބުންޏެވެ. އޭނާގެ ވާހަކައިން އެނގުނު ގޮތުގައި އެއީ ކޮންމެ މަހަކު އެއްފަހަރު ނޫނީ ދެފަހަރު ސައި ބުއިމަށް ދާ ހޮޓަލްގެ ވެރި މީހާއެވެ. ޖައުފަރު އިތުރަށް ހާސްވެ ކަންބޮޑުވީ އެހެން ވެގެންނެވެ. ދެންވާނެ ގޮތެއް ނޭންގޭތީއެވެ. އޭނަ އެކަނި ބަހައްޓާފައި އެކަމުގައި ބައިވެރިވި އެނެއް ދެއެކުވެރިން ފޮނުވާލީ ތީއެވެ. އޭގެ ޖަވާބުވެސް ދިނީ މި "ބީރައްޓެހި" މީހާއެވެ. ޖައުފަރަކީ އެތަނުން އެންމެ ހަގުކޮށް ފެންނަ ކުއްޖާކަމުން، ޖައުފަރު މަޑުކުރުވީއެވެ. ބޭނުމެއްގައެވެ.

އެމީހާގެ ބޭނުން ބުނުމުގެ ކުރިން ޖީބުން ނަގާ އެއްހާސް ރުފިޔާ ޖައުފަރުގެ އަތަށް ދިނެވެ. އަދި ބުންޏެވެ. ފައިސާ އަކީ ލިބިދާނެ އެއްޗެކެވެ. އަހަންނަށް ދެވިދާނެއެވެ. ޖައުފަރު ކުޑަކޮށް އަނގަ މެޅިފައި އެމީހާއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހުރެ ހިތައް އެރިއެވެ. އަހަރެމެން މިމީހާގެ ހޮޓަލަށް ސައިބޯންދަނީ ކޮންމެހެން ފައިސާގެ ބޭނުމުގައެއް ނޫނެވެ. ސާހިބު މީހާއަށް "ހެޔޮކަމެއް " ކޮށްދިނުމުގެ ނިޔަތުގައެވެ. ދެން މީނަ މިދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. އެކަންވެސް އެމިހާގެ ވާހަކައިން ޖައުފަރަށް ސާފުވިއެވެ. ޖައުފަރަށް އެނޫން ގޮތެއް ނެތި ހަތަރު އަނގޮޅިއެއް ގައި ތާށިވިއެވެ. އަރާނެ ގޮޅިއެއް ނެތި ބޮދުބުޑަށް ސައިވި ކަހަލައެވެ. އޭނާގެ އެދުމަށް އެންމެ ފަހުން އެއްބަސް ވިއެވެ. ލިބުނު ފައިސާގެ ހަތަރު ނުނަ ލިބިގަތުމަށެވެ. ޖައުފަރު ހިނގައިގަތެވެ. އެއް މިޔަކަކުން ހީލަމުން އެމީހާވެސް އެނބުރި އައިކޮޅަށް ހިނގައިގަތެވެ. މީދުނިޔޭގެ އާދައޭ މަޑުމަޑުން ކިޔަމުންނެވެ.

ޖެހިގެން އައިދުވަހެވެ. ޖައުފަރުމެން އުޅުނީ ހޮޓަލުގައި ހެދިކާ ހެދުމަށް އަވަދިނެތިއެވެ. އެކުވެރިން ކުރީދުވަހުގެ އެމީހާ ދެއްކީ ކޮންވާހަކައެއް ތޯ ސުވާލުކޮށް އޮޅުން ފިލުވިއެވެ. ދޮގެއް ހަދާލުމަށް ފަހު ޖައުފަރު އެވާހަކައިގެން ކުރިއަކަށް ނުދިޔައެވެ. ދާން ބޭނުންވެސް ނެތީއެވެ. ޖައުފަރުގެ މިޒާޖަށް ކުއްލިއަކަށް އައި ބަދަލާމެދު އެކުވެރިން ސުވާލު އަމާޒުކުރިއެވެ. ބަސް މަދުވެ ނެގިމަޑުވެފައި ހުންނަނީ ކީއްވެތޯ ތަކުރާރުކޮށް އެހިއެވެ. އެއިން ކޮންމެ ސުވާލަކަށް މާބޮޑު ކަމެއް ނުވާކަމަށް ބުނެ ޖައުފަރު ނިންމާލަނީއެވެ. ހެދިކާތައް ހަދާނިމުމުން ކުޑަ ވަގުތު ކޮޅަކު އަރާމުކޮށްލުމަށް މަޑުކޮށްލުމަށް ފަހު ތެލަށް އެޅުމުގެ މަސައްކަތް ފެށިއްޖެއެވެ. ޖައުފަރުގެ ވަގުތު އައިސް ޖެހުނީއެވެ. އެކަމަށް އޭނާ ހުރީ ނުހަނު ތައްޔާރުވެސް ވެގެންނެވެ.

ކުއްލިއަކަށް ޖައުފަރުގެ އަތުގައި ޖެހިފައި އުނދުނުގެ އެއްފަރާތެއްގައި އުނދުނަށް ތެޔޮ ފޮނުވައިދިނުމަށް ހުންނަ ތެޔޮފުޅީ ބަންޑުން ވެއްޖެއެވެ. އިސާހިތަކު މުޅި އެއިސާބުގަނޑުގައި ރޯވިއެވެ. އުދުނަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ބަދިގެ ތެރަށް ވަނީ ވަރަށް ގިނައިން ތެޔޮ އެޅިފައެވެ. އެތަންތަން ސާފު ނުކޮށް މަސައްކަތައިގެން ކުރިއަށް ދިޔައީ އަވަހަށް މަސައްކަތް ނިންމާލުމަށް ބޭނުންވެފައި ހުރުމުންނެވެ. ހުޅުގަނޑު ކޮންޓްރޯލް ވާގޮތެން ނެތެވެ. ތިންމީހުންވެސް އަލިފާނޯ ގޮވަމުން ބަދިގެ ބައިން ނުކުތެވެ. ފަތިސް ވަގުތު ކަމުން މާގިނަ ބަޔަކު ހޮޓަލުގައެއް ނެތެވެ. އެންމެ ވެގެން އަލިފާން ނިއްވާލެވޭތޯ މަސައްކަތް ކުރިއެވެ. ވަރަށް މަސައްކަތުން އަލިފާންގަނޑު ނިންވާލެވުނު އިރު ހޮޓަލުގެ ބަދިގެ ބައި އެއްކޮށް އަނދާ ތަކެއްޗާއެއްކޮށް ބޮޑު ގެއްލުމެއް ވެފައި ހުއްޓެވެ. ވެރިމީހާ ފެންކަޅިވެފައި ލިބިފައިވާ ގެއްލުންތައް ބަލަމުން ހޮޓާތެރޭގައި ކޮޅުކޮޅުމައްޗަށް ހަރަކާތްތެރިވަމުން ދެއެވެ. ޖައުފަރުމެން އުޅެމުން އައި ހޮޓާ މަރާމާތަށް ބަންދުކުރިއެވެ. އެކުއްޖަކު ދާތާކަށް ދިއުމަށް ބުނެފިއެވެ. ހުރިހާކުދިންގެ ވަޒީފާ ގެއްލުނީއެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. ޖައުފަރާ ބައްދަލުކުރީ ކުރީދުވަހު ދިމާވި މީހާއެވެ. ޖައުފަރުމެން ސައިބޯންދާ ހޮޓަލުގެ ވެރިޔާއާއެވެ. ޖައުފަރުގެ ކޮނޑުގައި އަތް ޖަހާލާފައި ކޮށްދިން ކަންތަކަށް ސާބަސް ދިނެވެ. އެއަށް ފަހު ޖީބުން ނަގައިފަ ދިއްކޮށްލީ ހަތަރުހާސް ރުފިޔާއެވެ. ޖައުފަރު އޭނގައި ހިފިއެވެ. ހިނިތުންވެ ހުރެއެވެ. އެދުވަހު ޖައުފަރު ބޭނުންވީ ފައިސާއެވެ. ވިސްނުން ހުރީ އެމަގަށެވެ. ކޮންމެ ގޮތަކުން ނަމަވެސް ފައިސާ ހޯދުމެވެ. އެހެންކަމުން ނުވެ ނުދާނެ ގޮތް ވީއެވެ. ހެއްލުންތެރިއެއްގެ މަކަރުވެރި ރޭވުމުގައި ޖެހުނީއެވެ. ވަގުތީ މަންފާއަށް ޓަކައެވެ. ދާއިމީ މަންފާއެއް ލިބުނީ އެހޮޓަލުގެ ވެރިޔާ އަށެވެ. ލިބުނު ފުރުޞަތުގެ ބޭނުން އޭނާ ނުހަނު ރަގަޅަށް ހިފިއެވެ. ހޮޓަލުގެ ވިޔަފާރި ކުރިއަށް ޖައްސާލިއެވެ.

ޖައުފަރު ސިހިގެން ދިޔައީ މީހަކު ކޮޑުގައި އަތް ޖައްސާލުމުންނެވެ. ފަސްއެނބުރުނު އިރު ހުރީ ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. ފައިސަލެވެ. އޭނައާއެކު ކުރިއަށް ހިނގައިގަތެވެ. ހިނގަމުން ދާއިރުވެސް ޖައުފަރުގެ ހިޔާލު ހުރީ އެހެން ދިމާއެއްގައެވެ. އެބޮޑު ހާދިޔާއަށް ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސް ވީއިރުވެސް އެހާދިސާ މިއަދު ވީކަމެއް ހެން ޖައުފަރަށް އުނދަގޫކުރަމުންދެއެވެ. އެކަމުން ޖައުފަރަށް މިންޖުވުމެއް ނެތް ފަދައެވެ. ޖައުފަރު ހިތާހިތުން ކިޔާލިއެވެ. ވާނީވެސް އެހެންތާއެވެ. ހުޅުވާލެވުނީ އެއްގޮތަކަށެވެސް ހުޅުވަން ނުޖެހޭ ސޮފްހާއެއް ވީއްޔާއެވެ. އެހެންކަމުން އެސޮފްހާ ލައްޕާލެވޭނެ ގޮތެއް ނެތެވެ.
- ނިމުނީ -


ކިޔުންތެރިންގެ ޚިޔާލު...


ނަން :