ކިހާދޫ ކައުންސިލުން ނާއިބު ރައީސް ފައިސަލާއި ބައްދަލު ކޮށްފި

ހިތާދޫ އޮންލައިން | 09 އޮކްޓޯބަރ 2019

ބ. ކިހާދޫ ކައުންސިލާ ރައީސުލް ޖޫމްޙޫރިއްޔާގެ ނާއިބު އޮނަރަބަލް ފައިސަލް ނަސީމާއި ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކިހާދޫ ކައުންސިލްގެ މެމްބަރުންވަނީ ކިހާދޫގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ.

މިގޮތުން ބަނދަރު ހެދުމުގެ މަޝްރޫޢު ލަސްވަމުންދާތީ ކުރިމަތިވަމުންދާ ދަތިތަކާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވިފައި ނެތުމުން ރަށުގެ ފެންފަށަލަ ތަޣައްޔަރުވެފައިވާ މައްސަލައާއި، ސްކޫލަށް ކުރިމަވެފައިވާ ބައެއް ދަތިތަކާއި، ރަށުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ނުދެވޭތީ ކުރިމަތިވާ އުނދަގޫތައް ފާހަގަކުރައްވާ ކައުންސިލަރުންވަނީ މިކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުންވެސް، ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކާއި، ރަށުގެ ކުޑަކުދީންނަށް ޚާއްޞަކޮށްގެން ޕާކެއް ބިނާކުރުމަށް ކުރާ މަސައްކަތް ގޮސްފައިވާ މިންވަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ރަށުގެ ތަޢުލީމީ ޙާލަތާއި ބެހޭ ގޮތުން މަޢުލޫމާތު ސާފުކުރައްވައި، ކިހާދޫ ދަރިވަރުން އެކި އިމްތިޙާނު ތަކުގައި ހޯދަމުންދާ އަލިގަދަ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި، ރަށު ކައުންސިލާ ކަމާއިބެހޭ އިދާރާތައް ގުޅިގެން ކުށް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސާފުކުރެއްވިއެވެ. އަދި ކިހާދޫގެ ތަރައްޤީއަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތްތަކާ ގުޅިގެން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ނާއިބު ރައީސްގެ އިތުރުން އެކައުންސިލުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރާއި ބައްދަލުކޮށް ކިހާދޫގެ ތަޢްލީމީ ކަންކަމާއިމެދު މަޝްވަރާ ކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :