މައިޝާ ބާރަވަނަބައި

ލިޔުނީ: ޢަބްދުލް ޙަމީދު ޢަބްދުއްﷲ / ސޫރަޖު ބ. ހިތާދޫ | 25 މެއި 2013

" އަރީން އަވަހަށް ހިނގާ އަހަރެން ގެއަށް ލައިދޭން. ބިރުން ހަލާކުވާވަރު ވެއްޖެ. ދެން އަހަންނެއްް ނުދާނަށް ..އެތަނަކަށް .. އޭރުވެސް އަހަރެން ބުނިންދޯ މަންމަބުނި ވާހަކަ ..އެއީ ނާމާންތަނެކޭ ..މިހާރު ރައީނަށްވެސް ގަބޫލުކުރެވެއްޖެއެއްނު ދޯ " ދެމީހުން ޝައުސަންމެންގެއާއި ދިމާއަށް ހިނގަމުން ދިޔައިރު ހުއްޓުމެސްނެތި ޝައުޝަން ވާހަކަ ދައްކަމުންދިޔައެވެ. އޭނާ ވަނީ ވަރަށް ބާރަށް ރައީންގެ އަތުގައި ހިފަހައްޓާފައެވެ. ރައީންގެ ގައިގާ ފިތިގެން ހުރެގެން ހިނގަމުންދިއުމުން ކޮންމެވެސް ވަރަކަށް ރައީނަށް ހިނގަންވެސް އުދަގޫވިއެވެ. ނަމަވެސް ޝައުޝަން ދައްކަމުންދިޔަ ވާހަކަތަކަށް "ހޫނ" އަޅުވާލުން ފިޔަވާ އެހެން ބަހެން ރައީން ނުބުނެއެވެ.
"ރައީން ކީއްވެ ވާހަކަ ނުދައްކާ ތިހުންނަނީ .......... " ރައީން އެއްވެސް ވާހަކައެއް ނުދައްކާތީވެ ޝައުޝަން އެހިއެވެ.
" އަސްލު ..މިރޭ އަހަރެންވެސް ވަރަށް ބިރުގަނެއްޖެ .. ޝައުވެސް އެވަރަށް ވާހަކަ ނުދައްކާ ހިނގާ ދެންވެސް އަވަހަށް ގެއަށް ދެވޭތޯ ބަލަމާ .. . އެކަހަލަ އެއްޗެއް އަވަލައިފިއްޔާ އަހަރެމެންގެ ދުވަސްދާނެ " ރައީންވެސް ހުރީ ބިރުންނެވެ.
" އިރާދަކުރެއްވީއްޔާ ދެރަގޮތެއްނުވާނެ .... " ޝައުޝަން މިހެން ބުނި ނަމަވެސް ހަޤީޤަތުގައި އޭނާވެސް ހުރީ ދެންވެދާނެ ގޮތަކާއިމެދު ހިތް ނުތަނަވަސް ވެފައެވެ.

ދެންއައީ ދެމީހުންގެ މެދަށްވެސް ހަމަހިމޭންކަމުގެ ވަގުތު ކޮޅެކެވެ. ޝައުޝަންގެ ގެއާއި ހިސާބަށް ދެވެންދެންވެސް ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދައްކައެވެ. ދެމީހުންވެސް ތިބީ ބަސްހުއްޓެފައެވެ. ނޫނީ އަގައިން ބުނާނެ ހިތްވަރު ނެތިފައެވެ. ޝައުޝަންގެ ގެއާއި އަރާ ހަމަވުމުން ރައީން މަޑުކޮށްލިއެވެ.
" ޝައޫ ... ދެން އަވަހަށް ދޭ ގެއަށް .. އަހަރެންވެސް މިދަނީ " ޝައުޝަންގެ ގެއާއި ހިސާބަށް އާދެވުމުން ރައީން އެދުނެވެ. ނަމަވެސް ޝައުޝަންއަކަށް އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅުނެވެ. ރައީންގެ އަތުގައި ކުރިންވެސް ހިފަހައްޓައިގެން އެހުރިގޮތަށް ރައީންގެ ގައިގާ ޖެހިފިތިގެން ހުރީއެވެ.
" ޝައޫ... އެހާ ބިރުގެންފަ ތިހުރީ ... ދެންދޭބަލަ ...އަހަރެން ހުންނާނަމޭ ޝައު ގެއަށް ވަންނަންދެން މިތާ " ރައީން އަނެއްކާވެސް އެދުނީ ޝައުޝަން ގެއަށް ވަނުމަށެވެ .
" އަރީން .. އަހަ..އަހަރެން ބިރުގަނެ .. އާދޭ އަހަންނާއެކު ... ގެއަށް ވަންނަންދެން އާދޭ " ރައީންގެ އަތުގައި ހިފައިގެންް އެހުރިގޮތަށް ހުރެ ޝަައުޝަން ގެއަށް ވަނުމަށް ހިނގައިގަތީ އޭނައާއެކު ،އޭނާ ގެއަށް ވަންނަންދެން ފަހަތުން އައުމަށް ބުނުމަށްފަހުގައެވެ.

އެހެންކަމުން ރައީންވެސް ޝަައުޝަން ގެއަަށް ވަންނަންދެން ފަހަތުން ދިޔައެވެ. ޝައުޝަން ގެއަށްވަދެ ދޮރު ލައްޕާ ތައްޑުއެޅުމުން ދެން ރައީން ހިނގައިގަތީ އޭނާގެ ގެއަށް ދިއުމަށެވެ. މަގުމައްޗަށް ވާގޮތަށް ގިނަގަސްތައް ހެދިފައިވާތީ ބައެއްގޯޅިތަކަށް އަދިރިކަން ވެރިވެފައި ވީނަމަވެސް ރައީން ގަސްތުކުރީ އެގޯޅިތަކުން އަޅައިގެން ނަމަވެސް އެންމެ އަވަހަށް ގެއަށް ދެވޭ އޮތް ގޮތަކަށް ގެއަށް ދިއުމަށެވެ. ހިމޭންކަން ވެރިވެފައިވާ ރަށުތެރެއިން ކޮންމެ ކަހަލަ ޒާތުގެ އަޑެއް އިވެލިއަސް ރައީންގެ ހިތް ބާރުބާރަށް ތެޅިގަނެގެން ދެއެވެ. ރައީން މިގޮތަށް ކުރިއަށް ހިނގަމުން ދަނިކޮށް ކުރިންވެސް ، އެމީހުންނަށް ރަށުގެ ތުނޑިން އިވުނު ހުނުމުގެ އަޑު ރައީން އާއި ވަރަށް ކައިރިން އޭނާގެ ފުރަގަހުން އިވުނެވެ. އެހެންކަމުން ބިރުގެންފައި ހުރި ރައީންގެ ހިތުގައި ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެން ހިގައްޖެއެވެ. އޭނާއަށް ހިނގުން ބާރުކޮށްލެވުނެވެ. އަވަސްފިޔަވަޅުތަކެއް އަޅަމުން ދެވުނީ ހަމަ ކުޑަ ތަންކޮޅަކަށެވެ. "ރައީން" އޭ ފަހަތުން ގޮވާލުމާއެކު އެއްކަލަ ހުނުމުގެ އަޑު އެނެއްކާވެސް ފަޒާގެ ތެރޭގައި ގުގުމައިގެން ދިޔައެވެ. މިފަހަރު އެއީ އެތައްބައިވަރު މީހުން ގެ އަޑުހެން އޭނާއަށް އިޙްސާސް ކުރެވުނެވެ. ކުރިއަށްވުރެއްވެސް ރައީންގެ ހިނގުން ބާރުކޮށްލެވުނެވެ.

"ރައީން ހުއްޓިބަލަ ... މީ އަހަރެމެންނޭ .. ހާދަ ބާރަކަށް ތިދަނީ ... ބިރުންދޯ " މިފަހަރު އެމީހުންގެ އަޑު ޖެހުމުން ރައީން ފަސްއެބުރި ބަލާލިއެވެ. އެއި އޭނާގެ އެންމެގާތް ރަހުމަތްތެރިންނެވެ.
" ރައީން އެކަމަކުވާ ހާދަ ބިރެކޭ ދޯ ތިގަންނަނީ .. އަހަރެމެން ގޮވާގޮވާ އޮއްވާ އަޅައެއްވެސް ނުލާ ވީއްޔަ ތިދަނީ......... ތިހާ ބިރުގަންނަންޏާ އަހަރެމެންނަށް ފެންނަނީ ތުނޑި މައްޗަށްގޮސްގެން ތިކުޅޭ ލޯބޯގެ ކުޅިގަނޑު ހުއްޓާލަން " ރައީންގެ އެކުވެރިންގެ ތެރެއިން ޒަރީރު މިހެން ބުނުމާއެކު އެންމެން އެއްފަހަރާ އަނެއްކާވެސް ހިނިގަމޑެއް ޖަހައިލިއެވެ.
" ހޫނ.. މިރޭ ކަލޭމެންގެ ކަމެއްދޯ .. އެކަމަކު އެހެން ހަދާކަށް ނުވާނެއްނު ، ޝައު ހުރީ ހާދަ ބިރެއްގަންފައޭ ..ނޭންގެ ބިރުން އޭނައަށް ގޮތެއްވެސް ނުވާނެކަމެއް..ދެން އަދި ރޭގަނޑު އޭނަޔާ ބައްދަލުކުރަންވެސް އުނދަގޫވާނެ .. ކަލޭ މެން ހާދަ ގޯހޭ ... ހުރިހާ ގެއްލުމެއް މަށަކަށްނު ." ރައީން ހުރީ އޭނަގެ ރަހުމަތްރެން އެގޮތަށް ކަންތައްކުރުމުން ހިތްހަމަނުޖެހިފައެވެ.
" ސޮރީ އެނގޭ ...އަހަރެމެން ސަމާސާއަކަށް ކޮށްލިކަމެކޭ ...ހިޔެއް ނުކުރާނެއްނު .. އެހާ ބިރުގަންނަބައެއް ރޭގަނޑު މީހުންވެސް ދިރި ނޫޅޭ ހިސާބަށް " ތުނޑިއަށް" ބައްދަލުކުރަން ގޮސްދާނެއެކޭ " ހުރިހާ ރަހުމަތްތެރިން އެއްފަހަރާ ބުންޏެވެ.
" ދެން އޯކޭ ...މިހާރު މާ ލަސްވެއްޖެއެއްނު ... އަހަރެން މިދަނީ ގެއަށްދާން " ރައީން ހިނގައިގަތެވެ. ގެއަށް ދިއުމަށެވެ. ގެއަށް ދިޔަ މަގުމަތީގައި ފޯނުނަގާ ޝައުޝަންގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ހީވަނީ ރައީންގެ ކޯލުގެ އިންތިޒާރުގައި ޝައުޝަން ހުރިހެންނެވެ.
" ކިހިނެއްވީ ތިގުޅީ.." އަދިވެސް ޝައުޝަންގެ އަޑުގައި ބިރުގެންފައިވާ ކަމުގެ އަސަރުހުއްޓެވެ.
" ޝައު ނިދިތޯ ބަލާލަންވެގެން މިގުޅީ .. މާބޮޑަށް ބިރުގެންފަ ވީއްޔަ ހުރީ .."
" އަހަރެން އެކަނިދޯ ...ރައީންވެސް ހުރީ ބިރުންނެއްނު ... މިހާރު ގެއަށް ދިޔައީތަ " ޝައުޝަން އެހިއެވެ.
" ހޫނ..ގޭގެ މިހުރީ ... ޝައުއަށް އެނގޭތަ އެއީ .. އަހަރެންގެ ފްރެންޑުންތަކެއްް ކުރިކަމެކޭ..." އެކަން އެގިފައިވުމުން ރައީން ހުރީ ހިތްހަމަޖެހިފައެވެ.
" ކީކޭ .. ނުވާނެ ތިހެނެއް.. ތިއުޅެނީ އަހަރެން ހިތްހަމަޖައްސައިދޭންވެގެން .. " ޝައުޝަން ހުރީ ގަބޫލު ކުރަން ބޭނުންނުވެފައެވެ.

އޭނާ ހީކުރަނީ މާބޮޑަށް ބިރުގަތުމުން ރައީން އޭނާ ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ދައްކާ ވާހަކައެއް ކަމަށެވެ. ނަމަވެސް ކަންތައް ހިނގައި ދިޔަގޮތް ކިޔައިދިނުމުން އެންމެފަހުން ޝައުޝަން ވެސް ގަބޫލުކުރިއެވެ. ޝައުޝަންއަށް ހިތްހަމަޖެހިލައިގެން ނިދާލެވުނީ ރައީންގެ ފޯނުކޯލްގެފަހުންނެވެ.
ފަތިހު ފަހެއްްޖަހުމާއެކު އަފްލަޙްގެ ފޯނު އެލާމްވާންފެށިއެވެ. ރޭގަނޑު ނިދަން އޮށޯންނަމުން އަފްލަޙް އޮތީ ފޯނު އެލާމް ކޮށްގެންނެވެ. ފޯނު އެލާމް ވާންފެށުމާއެކު އަފްލަޙްއަށް ހޭލެވުނެވެ.
" ތެދުވެބަލަ ... އަހަރެން ދާންވެއްޖޭ " އަފްލަޙް ގޮވީ އޭނާގެ ކައިރީގައި ނިދާފައި އޮތް މައިޝާއަށެވެ.
" ހޫން ... ކީކޭ ... ދާންވީއްޔޭ " އާފުރެލަމުން މައިޝާ ވާހަކަ ދެއްކިއެވެ.
" އާނ .. ރިޒޯޓަށް ދާގަޑިޖެހެނީ ... އަވަސްކޮށްބަލަ ... ދަބަހަށް އެއްޗެހި އަޅާ ތައްޔާރު ކޮށްލަބަލަ .. އަހަރެން އަންނާނަން ފާޚާނާއަށް ވަދެލާފައި " އަފްލަޙް ފާޚާާނާއަށް ވަނެވެ.

މައިޝާ އަވަސްވެގަތީ އަފްލަޙް ފާޚާނާއިން ނިކުންނަންވާއިރަށް ދަބަހަށް އެއްޗެހި އަޅާ ތައްޔާރުކޮށްލާށެވެ. ދަބަހަށް އެއްޗެހި އަޅާ ނިންމާލުމަށްފަހު، ސައިތައްޔާރު ކުރުމަށް ކެއްކުމަށް ޚާއްސަކުރެވިފައިހުރި ބަޔަށް ދިޔައެވެ. ފެންފޮދެއް ހޫނު ކޮށްލަން އުދާލުމަށްފަހު ދެން މައިޝާ އުޅުނީ ބިސްގަނޑެއް އަޅާށެވެ. މައިޝާ ބިސްގަނޑު އެޅުމަށް އުޅެނިކޮށް ފަހަތުން މީހަކު އައިސް މައިޝާ އުރާލިއެވެ.
" ދެން އަފޫ ... މިހާރު ކިހާ ލަސްވެއްޖެ... ހައެއް ޖަހާއިރަށް އަފޫ ދާންވާނެއްނު ... އުނދަގޫ ނުކޮށް އަވަހަށްދޭބަލަ ތައްޔާރުވެގެން ސައިބޯން އަންނަން "
" އެނބައަންނަން ... " މައިޝާ ބެހެއްޓުމަށްފަހު އަފްލަޙް ދިޔައީ ކޮޓަރިއަށެވެ.

އަފްލަޙް ތައްޔާރުވެލައިގެން އައިއިރު ސައިހުރީ ރެޑީގައެވެ. އެހެންކަމުން އަފްލަޙް މޭޒު ކައިރީގައި ހުރި ގޮޑިއެއްގައި އިށީނުމަށްފަހު ސައިބޯންފަށައިފިއެވެ. ރަގަނޅަށް ސައިބޯލައިގެން އެންމެފަހުގެ ވަދާޢު މައިޝާއާއި ކުރުމަށްފަހު އަފްލަޙް ގެއިން ނުކުތުމަށް ހިނގައިގަތެވެ. އެވަގުތު މައިޝާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
"ލޯބީ ގުޅައްޗޭ ... މިތާ އެކަނި އަހަރެންވަރަށް މިސްވާނެ .. ހުސްވަގުތެއް ވާއިރަށް ގުޅައްޗޭ ..ޕްލީޒް " މައިޝާއަށްވަނީ ވަރަށް ފުންއަސަރެއް ކުރުވާފައެވެ.
" އަހަރެން ގުޅާނެއްނު.. ހުސްވަގުތެއް ވާއިރަށް ގުޅާނަމޭ .. އަހަރެންވެސް ކިހާ މިސްވާނެ ... ދެރަނުވޭ ލޯބީ ... އޯކޭ ..ހިނިތުންވެލާދެން ... ދިޔައީއްޔޭ " މައިޝާގެ ކޮލުގައި ހިފާލުމަށްފަހު އަފްލަޙް ކޮޓަރިން ނުމެގެން ދިޔައެވެ. އަފްލަޙް ދިޔުމާއެކު ބަނޑުފުއްވަތަށް އެނދުމައްޗަށް ވެއްޓިގަނެގެން އޮވެ މައިޝާ އެތައް އިރެއް ވަންދެން ރުޔެވެ.
- ނުނިމޭ-


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ޝާ

މިވާހަކައިގަ އެއްވެސް ވަރަކަށް ސިފަކުރުމެއް ނެތް... ދެން ލިޔަމުންދާ ބައިތަކުގައި ސިފަ ކުރުން ހުންނާނެ ކަމަށް އުންމީދުކުރަން... ޑައިލޮގެއް ކިޔޭ ކަހަލަ އިޙްސާސެއް ކުރެވެނީވެސް.. މިކަން ރަނގަޅު ކުރާނެ ކަމަށް އުންމީދު ކުރަން.. ލިޔުންތެރިޔާ އަށް ލިޔުމުގެ ރޮނގުން ކުރިއެރުން އެދެން....