ތިމާވެށި ހިމާޔަތް ކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރަންޖެހޭ

ހިތާދޫ އޮންލައިން | 21 ސެޕްޓެމްބަރ 2019





ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި، ފަރުދީ ގޮތުން ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބަލައި އެ މަސައްކަތުގައި ބައިވެރިވުމަކީ ކޮންމެ ފަރުދަކުވެސް ކުރަންޖެހޭކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ‘ބ. އަތޮޅު މަންތާ ފެސްޓިވަލް 2019’ ހުޅުވުމުގެ ގޮތުން މިއަދު އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކުރީގައި ރާއްޖޭގައި ކަނޑުފަޅުގެ ނަފާ ހޯދަމުން އައިގޮތަށް އައި ބަދަލުތައް ފާހަގަކުރައްވައި، މިހާރު ކަނޑަފަޅުގެ ނަފާހޯދަނީ ރާއްޖޭގެ ފަރުތަކުގެ ރީތިކަމާ މަސްމަހާމެހީގެ ރީތިކަން ހިމެނޭ މަންޒަރުތައް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިނަށް ދައްކައިގެންކަމުގައި ވިދާޅުވިއެވެ.

“އެހެންކަމުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ މުޅި ޤައުމުގެ އެންމެން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތިމާވެއްޓަށް އަންނަ ބަދަލެއްގެ ނުރައްކާ އެންމެ ބޮޑަށް ފޯރާނެ އެއް ޤައުމަކީ ރާއްޖެކަން ފާހަގަކުރައްވައި އެއީވެސް ތިމާވެއްޓަށް ރާއްޖޭގެ ރައްޔިތުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ސަބަބެއް” ނައިބް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ބ. އަތޮޅު ހަނިފަރުބޭ ޔުނެސްކޯ ބަޔޮސްފިޔަރ ރިޒާވުގައި ހިމެނިފައި ވުމުން، އަހަރެއްގެ މައްޗަށް އެތައްހާސް ފަތުރުވެރިން އެތަނަށް ޒިޔާރަތްކުރަމުންދާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ރީތިކަން މުޅިދުނިޔޭގައި އިޝްތިހާރުވުމަށް ފުރުޞަތު ފަހިވެގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ބ. އަތޮޅުގެ ގިނަ ރިޒޯޓްތަކާއި ސްކޫލުތަކުން ބައިވެރިވާ މަންތާ ފެސްޓިވަލަކީ މަޑީގެ ނަޞްލު ދެމެހެއްޓުމަށްޓަކާ ބައިނަލްއަޤުވާމީ ފެންވަރުގައި ދިރާސާތައް ކުރަމުންދާ އަދި މި ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިނގިރޭސިވިލާތުގެ މަންޓާ ޓްރަސްޓް ޖަމްޢިއްޔާއާ ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާވް އޮފީސް ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ. މިއީ މި ފެސްޓިވަލް ބ. އަތޮޅުގައި ބާއްވާ ދެވަނަ ފަހަރެވެ.
ޚަބަރު- އީޓީ


ކިޔުންތެރިންގެ ޚިޔާލު...


ނަން :