ގޯލްޑެން ފުޓުސަލް ޗެލެންޖު: ބ.އަތޮޅުގެ ފުރަތަމަ މެޗު ބުރާސްފަތި ދުވަހުގެ ރޭ

އަޙްސަނު އަޙްމަދު | 17 ސެޕްޓެމްބަރ 2019





ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖު ގައި ބ. އަތޮޅުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 22:15 ގައެވެ.

ފުރަތަމަ މެޗު މިމަހު 19 ވަނަ ދުވަހުގެ ރޭ ވާދަކުރާނީ ތުޅާދޫ އާއި ހިތާދޫ އެވެ. 25 ވަނަ ދުވަހުގެރޭ ހިތާދޫއާ އޭދަފުށި ވާދަކުރާއިރު ފަހު މެޗުގައި 27 ވަނަ ދުވަހުގެރޭ އޭދަފުއްޓާ ތުޅާދޫ ވާދަކުރާނެ އެވެ.

މިއަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ކްލަބް މޯލްޑިވްސް ކަޕް ކުރިއަށް ގެންދިޔަ ހުޅުމާލެ ފުޓްސަލް ދެ ދަނޑުގައެވެ.
މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ބައިވެރިވި އިރު ބ. އަތޮޅުން ބައިވެރިވެފާ ވަނީ ތުޅާދޫ އާއި ހިތާދޫ އަދި އޭދަފުށިއެވެ.
2015 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ހިތާދޫ އެވެ. 2016 ވަނަ ތ. ތިމަރަފުށިން މި މުބާރާތް ކާމިޔާބުކުރިއިރު 2017 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ މާލެ މާފަންނު ޓީމެވެ. 2018 ވަނަ އަހަރުގެ ފައިނަލުގައި ލ. ގަން ބަލިކޮށް ޗެމްޕިއަންކަން ހޯދީ މާލެ ހެންވޭރެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އޭދަފުށި ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. 2018 ވަނަ އަހަރު އޭދަފުށި އަތޮޅު ޗެމްޕިއަންކަން ހޯދީ ހިތާދޫ އާއި ތުޅާދޫ އަދި ކުޑަރިކިލާ ވާދަކޮށް އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.
މި މުބާރާތުގައި އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށް ފަހު ދެން ކުޅޭނީ ޒޯން ބުރެވެ. ޒޯން ބުރުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމު މުބާރާތުގެ ފައިނަލް ބުރަށް ހޮވޭނެ އެވެ. ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުން 16 ޓީމެވެ. އެއަށްފަހު މުބާރާތް ކުރިއަށްދަނީ ގުރު ނަގައިގެން ޖެހޭ ޓީމަކާ ވާދަކުރާ ގޮތަށެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު މުބާރާތެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :