މައިޝާ އެގާރަ ވަނަބައި

ލިޔުނީ: ޢަބްދުލް ޙަމީދު ޢަބްދުއްﷲ / ސޫރަޖު ބ. ހިތާދޫ | 22 މެއި 2013

" ހަލޯ .ކީކޭ ލޯބީ " ޝައުޝަންގެ ކޯލެއްކަމުން އަތުގެ އިޝާރާތުން މަޑުކޮށްލުމަށް ބުނެފައި ، ރައީން އެއްފަރާތަކަށް ޖެހިލިއެވެ.
" އަހަރެން ބުނީ ...... މައިޝާ ގުޅާފަ ބުނީ އޭނާގެ ނަންބަރު އެއްވެސް މީހަކަށް ނުދޭށޯ ........ އެހެންވެ އަވަހަށް ރައީނަށް ވެސް މިގުޅީ .........ފަހަރުގަ ....ރައީން ދީވެސް ފާނެއްނުދޯ؟ " ޝައުޝަން ހުރީ ހިސާބަކަށް ކަންބޮޑުވެފައެވެ.
" އެހެންތަ .....ނަސީބެއްނު ..........ކުރިން އެނގުނުކަން ....."
" އޯކޭ.......... އެހެން ބުނަންވެގެން މިގުޅީ .........ދެން ބޭއްވީ " ޝައުޝަން ފޯނު ބޭއްވުމުން ރައީން ގެ އިންތިޔާރުގައި ހުރި ޝާއިން ކައިރިއަށް ދިޔައެވެ.
" ކޮބާ ނަންބަރު ............ އަވަހަށް ދީބަލަ ... ތާކަށް ދާންވަރަށް ލަސްވެގެން މިއުޅެނީ " ރައީން އައުމުން ޝާއިން އެދުނީ ނަންބަރު އަވަހަށް ދިނުމަށެވެ.
" އޭނ ނެތޭ އެނަންބަރެއް .......... " ރައީން ދޮގުހެދިއެވެ. ނަންބަރު ދޭން ބޭނުންނުވާތީއެވެ.
" ނެތްތަ ހޯދޭނެ ގޮތެއްް ......... ކަލޭގެ ޝައުޝަނަށް ގުޅާބަލަ " ޝާއިން ހީވަނީ ނަންބަރު ހޯދުމަށް ކެތްމަދުވެފައި ހުރިހެންނެވެ. ހަމަ ހަޤީޤަތުގައިވެސް ޝާއިންވަނީ މައިޝާގެ ނަންބަރު ހޯދުމަށް ފެންބޮވައިގެންފައެވެ.
" ތީ ލަސްވެގެން އުޅޭ މީހާ ........ " ރައީން ބުންޏެވެ.
" ނުދެންވެގެންދޯ .އެންމެ ރަގަނޅޭ .ކަލޭ ނުދިނަކަސް މަށަށް މައިޝާގެ ނަންބަރު ހޯދިދާނެ " ޝާއިން ރުންކުރު އަޑަކުން ބުންޏެވެ.
" ދެން ހޯދީމަ ވީއެއްނު ......... ކީއްކުރަން އަހަރެން ކައިރީގަ އަހަންވީ..." ރައީން ހިނގައިގަތެވެ. އެއްމިޔަކަނުން ހީލައިގެން ޝާއިން އެތާ ހުއްޓެވެ.
" ކޮންއެއްޗެއް މާވަރަކަށް ތިހޯދަނީ " އަފްލަޙް ކޮޓަރިއަށް ވަތް އިރު މައިޝާ އަލަމާރި ހާވަމުން ދިއުމުން އެހިއެވެ.
" މިއުޅެނީ ....... އަހަރެންގެ ނޫކުލައިގެ ހެދުން ނުފެނިގެން ......... މާލެ ދާންވާއިރަށް ހުރިހާ އެއްޗެއްވެސް ފޮއްޓަށް އަޅަންވާނެއެއްނުދޯ " ހިންދެމިލަމުން މައިޝާ ވާހަކަ ދެއްކިއެވެ.
" ބޭރުގަ ހިތްކަން އަޅާފައި އެހުރީ ދެން ކޮން ނޫ ހެދުމެއްތަ " އަފްލަޙް ގާތަށް ކުޑަކޮށް ހިނިއައެވެ.
" ހަދާންވެއްޖެ....... މިއަދު ދޮވެފަވާނީ .......... އެހެންނޭވާނީ ........... " ޗޮކެއް ކަޑާލަމުން ކޮޓަރިން ނުކުތުމަށް މައިޝާ ހިނގައިގަތެވެ.
" މާލެ ދާހިތުން އުޅުނަސް ތިދެން ބޮޑުވަރު ......... ތަންކޮޅެއް ހަމަޖެހިލަބަލަ " ފަހަތުން މައިޝާގެ ކޮނޑުގައި ހިފާ އޭނާގެ ކައިރިއަށް ގެންނަމުން އަފްލަޙް ވާހަކަ ދެއްކިއެވެ.
" ދެން އަބަދު ތިޔަހާ ރޮމޭންޓިކް ނުވިއަސް ރަގަނޅު ވާނޭ ...." އަފްލަހާ ދިމާއަށް މައިޝާ އެނބުރުނެވެ.
" ކޮޓަރީގައެއްނު ...ރަގަނޅުވާނެ ..."
" ގޯސްވާހަކައެއް ނޫނޭ ............ މަންމަ ބުނާނެ ކަންނެތްކަމުން އަބަދު ކޮޓަރީގައޭ އޮންނަނީ " މައިޝާ ބުންޏެވެ.
" ކޮންމެވެސް ބަހަނާއެއް ދައްކައިގެން މައިޝާ ބަލާނެ ދެވޭތޯ . ..." އަފްލަޙް އޭނަގެ އަތް މައިޝާގެ ކޮޑުން ނެގިއެވެ.
"ހިތްހަމަނުޖެހުނީތަ........ހެދުން ހިފައިގެން މިއަންނަނީއޭ .....އަހަރެން އަބަދުވެސްް އަފޫއަށް ފުރުޞަތު ދެމެއްނު " މައިޝާ އަފްލަހްގެ ބޮލުގައި އަތުން ފިރުމާލިއެވެ. އަފްލަޙް ހިނިތުންވެލިއެވެ.

ދުވަސްތައް މާޒީއާއި އެކުވެގެން ގޮސް އެންމެފަހުން އަފްލަޙްމެން ދެމަފިރިން ، މާލެއަށް އައިސްފިއެވެ. އަފްލަޙް ހިފާފައިވާ ރީތި ކޮޓަރިއަކާއި ސިޓިންރޫމް ހިމެނޭ އެޕާޓްމަންޓާމެދު މައިޝާ ވަރަށް ހިތްހަމަޖެހުނެވެ.
" ހާދަ ހިތްގައިމު ތަނެކޭ ދޯ ........ " ކޮޓަރީގައި ހުރި އެނދުގައި އިށީންނަމުން މައިޝާ ވާހަކަ ދެއްކިއެވެ.
" ކީއްކުރަން ހަޑިތަނެއް ހޯދަންވީ ....... ދެން ދެދުވަސް އޮތީ ... އަންނަ އާދީއްތަ ދުވަހު ރިޒޯޓަށް ދާންޖެހޭނެ.... އަހަރެން ރިޒޯޓަށް ދިޔައީމަ މައިޝާ ވަރަށް ފޫހިވާނެ ދޯ " މައިޝާގެ ކައިރީގައި އަފްލަޙްވެސް އިށީނެވެ.
" މީމާލެޔޭ ...... ކީއްވެ ފޫހިވާންވީ .......ފޫހިވީމަ ދާނެ ކިތަންމެ ތަނެއް މިމާލޭގައި ހުންނާނޭ ..." މައިޝާ ހީގަތެވެ.
" އެއީ ސަމާސާ .... އަހަރެންވެސް އަފޫ ނެތީމަ ފޫހިވާނެއްނު... އަސްލުވެސް ވަރަށް މިސްވާނެ ..... މާލެއިން ޖޮބެއް ހޯދަންވީނު " މައިޝާ ބޭނުންވަނީ އަފްލަޙް މައިޝާއާއެކު މާލޭގައި ހުންނާށެވެ.
" މާލެއިން ރަގަނޅު އިންކަމެއް ލިބޭނެ ޖޮބެއް ހޯދަން ވަރަށް އުނދަގޫވާނެ ....... " އަފްލަޙް ވެސް މާލޭގައި ހުންނަން ކިތަންމެ ބޭނުމަސް، އެކަން އެގޮތަށް ނުކުރެވޭނެ ސަބަބު އޮޅުން ފިލުވާދިނެވެ.
" އޯކޭ ....... ހަފްތާއަކު އެއްފަހަރު ތިރިޒޯޓުން އާދެވޭނެއްނުދޯ ...... "
" ހޫނ ... ދެން އެވަރަށް ނުވިސްނާ ... ހުރިހާކަމެއްވެސް ރަގަނޅުވާނެ " މައިޝާގެނަސް އަފްލަޙްގެ މޭގައި ލައްކޮށްލަމުން އަފްލަޙް ވާހަކަ ދެއްކިއެވެ.

" އަހަރެން ނުވިސްނަމޭ ......." ޝައުޝަން ވާހަކަ ދެއްކީ އޭނާގެ އުނގުގައި އޮށޯވެލައިގެން އޮތް ރައީން އާއެވެ.
" އާނ އެއްގޮތަކަށްވެސް ވިސްނާނެކަމެއްނެތް .... މަންމަ ގަބޫލުވާނޭ މިގުޅުމާ " ރައީން އިތުބާރާއެއްކޮށް ބުންޏެވެ.
" ތިހެން ވެއްޖިއްޔާ ކިތަންމެހާވެސް ރަގަނޅު " ޝައުޝަން ރައީންގެ އިސްތަށިގަނޑުގައި އަތް ހާކާލިއެވެ.
" މިރޭ ހާދަ ރީއްޗޭ ...." ރައީން މިހެން ބުނުމުން ޝައުޝަން މޫނުގައި އަތް އެޅިއެވެ.
" އަހަރެން ބުނީ އެހެރަ ފެންނަ ހަނދު ގެ ވާހަަކައޭ ...14 ވިލޭރޭގެ ހަނދު ދެން ކިހާ ރީތިވާނެ ... އެއްޗެކޭ ބުނާއިރަށް ޝައު ހުންނާނީ ލަދިގަތްްފައި " ޝައުޝަން މޫނުގައި އަތް އެޅުމުން ރައީން މަލާމާތް ކޮށްލިއެވެ.
" ދެން ރައީން ........ މަލާމާތް ކުރާނެ ކަމެއް ނެތޭ..." މޫނުން އަތް ނަގަމުން ޝައުޝަން ވާހަކަ ދެއްކިއެވެ.
" ރައީން ގަބޫލުކުރަންތަ ޖިންނިންގެ ވާހަކަ " ކުޑަހިދުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު ޝައުޝަން އެހިއެވެ.
" ކިހިނެއްވީ ކުއްލިއަކަށް މިރޭ ތިސުވާލެއްތިކުރީ .......... ބިރުގަތީގަ " ކޮންމެވެސް ވަރަކަށް ހައިރާންވެ ހުރެ ރައީން އެހިއެވެ.

" ދެން އަހައިލީ ........ މަންމަ މިއަދު ބުނި އެހާ ދަންވަންދެން ބޭރުގަ އުޅޭ ކަށް ނުވާނޭ ........ އަދި ބުނި 14 ވިލޭރޭ ތުނޑި މަތި ވަރަށް ނާމާންވާނެއޭވެސް .... މިތަނަށް އަންނަކަން އެނގޭނަމަ ނުވެސް ފޮނުވީސް " ޝައުޝަން ވާހަކަ ދައްކަމުން ދިޔައެވެ. ޝައުޝަން ދައްކަމުންދިޔަ ވާހަކައިގެ ސަބަބުން ރައީންގެ ހިތުގައި ނޭންގޭ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ނަމަވެސް އެކަމެއް ރައީން ނުދައްކައެވެ.
" އެއީ ބޯދާ ގަބޫލުކުރުންތައް .... އަޅާނުލާ " ރައީން މަސައްކަތްކުރީ ޝައުޝަންގެ ހިތުގައި ނުތަނަވެސްކަމެއް އޮވިދާނެތީ އެކަން ފިލުވާލާށެވެ.

" މަވެސް ގަބޫލެއް ނުކުރަމޭ ..." ޝައުޝަންއަށް ބުނެވުނީ މިހާ ހިސާބަށެވެ. އެމީހުންނާ މާދުރުނޫން ހިސާބެއްގައި ހުރި ބޯކަށިކެޔޮ ގަސްތަކުގެ ކައިރިން ރަތް އަގުރު އަލިކޮޅެއް ދެމީހުންނަށްވެސް ރީތިކޮށްފެނުނެވެ.
" ރައީން .... އެއީ ... އެތަނުން ...އަލިކޮޅެއް " ޝައުޝަންގެ އުގުން ރައީން ތެދުވުމުން ޝައުޝަންވެސް ތެދުވިއެވެ.
" ޝައޫ ... އަހަންނަށްވެސް ފެނުނޭ ...ހިނގާ އަވަހަށް ދަމާ " ރައީން ޝައުޝާންގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ.
ކުއްލިއަކަށް ޝައުޝަން ގެ ފައި ކަކުނި ހަރަކަށް ގަބައިގަތުމުން ރައީންގެ އަތުން އަތް ދޫވެއްޖެއެވެ. އެހެންކަމުން ރައީން ޝައުޝަންގެ އަތުގައި ހިފައިފާ މައްޗަށް ނެގިއެވެ. އަދި ދެމީހުންނަށް ދުވުނު އެންމެ ބާރަކަށް މީހުން ދިރިއުޅޭ ހިސާބަށް ދިއުމަށް ދުވުނެވެ. އެވަގުތު ހުނުމުގެ އަޑުހެން ހީވާ އަޑެއްވެސް އެދެމީހުންގެ ކަންފަތުގައި ޖެހުނެވެ. ނަމަވެސް ގެންފައިހުރި ބިރެއްގެ ސަބަބުން އެއަޑަކަށް އެކަކަށްވެސް ސަމާލުކަމެއް ނުދެވުނެވެ. މީހުން ދިރިއުޅޭ ހިސާބަށް ދެވުނުއިރު ދެމީހުންނަށްވެސް ވަނީ ވަރަށް ބޮޑަށް ވަރުބަލިވެ ގުނބު ހިލޭގޮތް ވެފައެވެ. މާނޭވާލެވިފައެވެ.

ނުނިމޭ-


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ަހަބޭސް......