ތުޅާދޫ އައިސްޕްލާންޓް– ފޮޓޯ/ޕީއެސްއެމް

ތުޅާދޫން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

ހިތާދޫ އޮންލައިން | 27 އޯގަސްޓު 2019





ބ. ތުޅާދޫގައި ޤާއިމުކުރި އައިސްޕްލާންޓުން މަސްވެރިންނަށް އައިސް ފޯރުކޮށްދޭން ފަށައިފިއެވެ.

ތުޅާދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ޤާއިމްކުރާ 7 އައިސް ޕްލާންޓްގެ ތެރެއިން 1 ޕްލާންޓެވެ. މި އައިސްޕްލާންޓަކީ މިނިސްޓްރީގެ ލޯނު ޕްރޮގުރާމްގެ ދަށުން މިފްކޯއިން ޤައިމްކުރި އައިސްޕްލާންޓެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ސަރުކާރުގެ ބަޖެޓުން 2.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ އައިސްޕްލާންޓެއްކަމަށެވެ. މި އައިސްޕްލާންޓް އޮފަރޭޓްކުރަން ފެށުމުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސްޕްލާންޓެއް ހުޅުވިގެންދިޔައީކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ތުޅާދޫގައި ގާމުކުރި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ އައިސް ޕްލާންޓެކެވެ. މި އައިސްޕްލާންޓުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު ވިދާޅުވީ މި އައިސް ޕްލާންޓުގެ ސަބަބުން ތުޅާދޫއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. ތުޅާދޫގެ ހުޅަނގު ކަނޑަކީ ގިނަ އަދަދެއްގެ މަސްދޯނި ފަހަރު ކަންނެލީގެ މަސްވެރިކަންކުރަން އަންނަ ސަރަހައްދަކަށް ވުމުގެ ސަބަބުން މި އައިސްޕްލާންޓުން އައިސް ފޯރުކޮށްދޭން ފެށުމުގެ ސަބަބުން ހަފްތާއަކު 25 އާއި 30 ދެމެދުގެ މަސްދޯނި އެރަށަށް އަންނާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މި އީ ބ. އަތޮޅުގައި ހުޅުވި ދެވަނަ އައިސް ޕްލާންޓެވެ. ތުޅާދޫގެ އިތުރުން ބ. ހިތާދޫންވެސް މަސްވެރިންނަށް އައިސް ލިބެން ހުރެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :