ބ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރުން ފާހަގ ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އަތޮޅު ހޮސްޕިޓަލުން ޑަޔަލިސިސްގެ ހިދުމަތް އަންނަ އަހަރު ލިބޭނެ

ހިތާދޫ އޮންލައިން | 31 ޖުލައި 2019





ސިއްހީ ދަައިރާގެ އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން ރާވާފައި ހުރި ކަންކަމުގެ ތެރެއަށް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ

ބ. އަތޮޅު އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރުން ފާހަގަކުރަން ރޭ ބ. އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ރަށްރަށުން އެކަށީގެންވާ ގޮތަށް ސިއްހީ ފަރުވާ ލިބެން ނެތުން ކަމަށާއި އެ ފަރުވާތަކަށް މާލެ އައި ކަމުގައި ވިއަސް ވަކި ބައްޔެއްގެ ހާއްސަ ޑޮކްޓަަރަކަށް ދެއްކުމަށް އެތައް ދުވަހަކު އިންތިޒާރުގައި ތިބެންޖެހޭ ކަމަށެވެ.

އެހެންވެ އެކަންކަމަށް ލުއިފަސޭހަ ކޮށްދޭން ތައާރަފްކޮށްފައިވާ އާސަންދަ ފަދަ ނިޒާމުތަކުގެ ހަގީގީ މަގުސަދު ހާސިލްނުވެ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީ ކޮރަޕްޝަންގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

އެ ޝަކުވާތައް އުފެދުނީ ރާއްޖެ ތަރައްގީކުރަން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ކަމަށާއި އެއީ މާލެ އަށް މީހުން ތޮއްޖެހޭ ގޮތަށް ރޭވި ތަރައްގީގެ މަޝްރޫއުތައް ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާއަކަށްވީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެކްސްރޭއެއް ނަގަން އަދި ޑޮކްޓަރަށް ދައްކަންޖެހުނަސް މާލެއަށް އައުމެވެ. އެއީ އެ ރައްޔިތުން ކުރަންޖެހޭ ވަރަށް ބޮޑު ހަރަދެެއް ކަމަށް ވިދާޅުވި އެވެ.

އެ ސިޔާސަތުގެ ދަށުން ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް މި އަހަރު ފަށާނެކަން ރައީސް ވަނީ އިއުލާނުކުރައްވައިފަ އެވެ. ދައުލަތުގެ ބަޖެޓުން 53 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އެ އިމާރާތް އަންނަ އަހަރު ނިމުމުން، ފިޒިއޮތެރަޕީ އާއި ޑަޔަލިސިސްގެ ހިދުމަތާއި ސްކޭންގެ ހިދުމަތްތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިއްހީ ހިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ގާތުން، އެމީހަކު ހުރި ރަށަކުން ނޫނީ އެ އަތޮޅަކުން އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އެކަން ކޮށްދެވޭނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށްގެންނެވެ. ބޭސްކުރަން މާލެއަށް ކުރާ ދަތުރުތައް ވެސް ހުއްޓުމަކަށް އަންނާނީ އޭރުން ކަމަށް ވިދާޅުވި އެވެ.

ޕްރައިމަރީ ހެލްތު ވޯކަރުންގެ މުހިއްމުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދުށް އެންމެ ނުރައްކާތެރި ދެ ރޯގާ ކަމަށްވާ ކޮލެރާ އާއި ޝިގެއްލާ ފަދަ ބަލިތަކުން ސަލާމަތްވުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރީ ޕްރައިމަރީ ހެލްތުކެއާގެ ދަށުން ތަމްރީނުކުރި ހެލްތު ވޯކަރުންނާއި ފޫޅުމައިންނާއި ޑޮކްޓަރުންނާއި ނަރުހުން ކަމަށެވެ. އެހެންވެ އެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމުގެ ފަހަތުގައި ވަނީ ރާއްޖޭގައި ކުރިން އޮތް ޕްރައިމަރީ ހެލްތު ކެއާ ވޯކަރުން، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ކުރި މަސައްކަތުން. ނަމަވެސް މިހާރު މީހުން ގެއްލިގެން އެ ދަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި. މިއަހަރުން ފެށިގެން ޕްރައިމަރީ ހެލްތުކެއާ ޕްރޮގްރާމަށް ހާއްސަ ސަމާލުކަމެއް ދޭނަން،" ރައީސް ވިދާޅުވި އެވެ.

ސިއްހީ މަރުކަޒެއްގެ ގޮތުގައި ހިދުމަތްދޭން ފަށައި 2001 ވަނަ އަހަރު ހޮސްޕިޓަލަކަށް ބަދަލުކުރިއަސް ބ. އަތޮޅު ހޮސްޕިޓަލުގައި ހަގީގީ ހޮސްޕިޓަލަކުން ލިބެންވާ ހުރިހާ ހިދުމަތްތަކެއް ލިބެން ނެތްކަމަށް ވިދާޅުވި އެވެ. ހޮސްޕިޓަލްގެ ރަންޔޫބީލް ފާހަގަކުރަމުން އަންނައިރު ވެސް ރައްޔިތުން އެންމެ ބޭނުންވާ ފެންވަރަށް ހިދުމަތް ނުލިބޭ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ބ. އަތޮޅަކީ ސިއްހަތަށް ވަރަށް ރަނގަޅަށް ސަމާލުކަން ދޭ ބަޔަކު އުޅޭ ތަނެއް ކަން ފާހަގަކުރެއްވި އެވެ.

ބ. އަތޮޅުގައި ޓޫރިޒަމް ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު އެ އަތޮޅުގެ ސިއްހީ ހިދުމަތް ފުޅާކުރުމަކީ ތަރައްގީއަށްޓަކައި ވެސް ވަރަށް މުހިއްމު ކަމެއް ކަމަށާއި މާލެ އާއި އއ. އަތޮޅު ފިޔަވައި އެންމެ ގިނަ ރިސޯޓު ހިންގަނީ ބ. އަތޮޅަށްވުމުން އެ އަތޮޅުގެ ޓޫރިޒަމަށް ފައިދާހުރި ކޮންމެ ކަމަކީ ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ ސިއްހީ ދާއިރާ ހަރުދަނާކުރަން ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނައިރު ފަރުދީގޮތުން އެ މަސައްކަތް ކުރުމަަށް އިލްތިމާސްކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އެތައް ތަނެއް ކުޑަވެ، ކޮންމެ މީހަކު އުފުލަންޖެހޭ ބުރަ މަދުވާނެ ކަމަށެވެ. ނަމަވެސް އާދަތައް ހުންނަގޮތުން ސިއްހީ ކަންކަމުގައި އަދިވެސް ބުރަވެވެނީ ފަހަތު ފަޔަށް ކަމަށް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި، ބ. އަތޮޅު ހޮސްޕިޓަލަށް 20 އަހަރަށްވުރެ ގިނަ މުއްދަތެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅުންނަށް އެވޯޑު ދެއްވާފައި ވެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :