ތުޅާދޫ ސްކޫލުގެ ބެލެނިވެރިން އިހުތިޖާޖު ކުރަނީ

ޢާމިރު ޢަބްދުއްލަޠީފު | 11 ޖުލައި 2019

ބ. ތުޅާދޫ ސްކޫލުގައި ޖިންނި އުޅޭކަމަށް ބުނެ ބެލެނިވެރިންތަކެއް އެރަށު ސްކޫލް ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފިއެވެ.

އެސްކޫލުގެ ބެލެނިވެރިއަކު މައުލޫމާތު ދިން ގޮތުގައި ބެލެނިވެރިން މުޒާހަރާ ކުރަމުންދަނީ އެސްކޫކުގެ ގޯތިތެރޭގައި ހުންނަ ބޮޑު ނިކަގަހަކީ ރޫހާނީ ކަންތައްތަކަކާ ގުޅިފައިވާ ގަހެއް ކަމަށް ބުނެއެވެ.

ބެލެނިވެރިން ބޭނުންވަނީ އެގަސް ކަނޑާލުމަށް ކަމަށް މައުލޫމާތު ދިން ބެލެނިވެރިޔާ ވަނީ ބުނެފައެވެ.

ތުޅާދޫ ސްކޫލަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލުތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. ސްކޫލަށް މިއަހަރު 81 އަހަރު ފުރިފައިވާއިރު، ސްކޫލް މިހާރު ހިންގަމުންދާ ތަނަށް ބަދަލުކުރި ފަހުން ވަނީ 20 އަހަރު ވެފައެވެ. މިތަނަށް ސްކޫލު ބަދަލުކުރި ފަހުން، އާންމު ގޮތެއްގައި ގްރޭޑް އަށަކަށްދާ އަންހެން ކުދިންނަށް ރޫހާނީ ކަންކަން މެދުވެރިވާގޮތް ވާކަމަށް ބެލެނިވެރިޔާ ބުންޏެވެ.

މިދުވަސްކޮޅު ބެލެނިވެރިން ނުރުހުންވެ އެއްވުން ކުރިއަށްދަނީ މިއަހަރު ގްރޭޑް 9 އަށް ދިޔަ ގިނަ އަންހެން ކުދިންތަކަަކަށް އަނެއްކާވެސް މިފަދަ ކަންތައްތަކެއް މެދުވެރިވެގެން ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތައް ދިމާވެގެން ރުގްޔާ ކުރުމަށް އެކި މީހުން ވަނީ ގެނެސްފައި ކަމަށާއި އެއިން ކޮންމެ މީހަކުވެސް ބުނަނީ މައްސަލައަކީ ސްކޫލް ގޯތިތެރޭގައި ހެދިފައި ހުރި ބޮޑު ގަސްކަމަށް ވާހަކަދެއްކި ބެލެނިވެރިޔާ ބުންޏެވެ.

މިގަސް ކަނޑާލުމުގެ ހުއްދައަށް ނުވަތަ އެހީއަށް އެދި މީގެ ކުރިން އެކި ސަރުކާރުތަކުގައި އެވާހަކަ ވަނީ ހިއްސާ ކުރެވިފައި ކަމަށާއި ނަމަަވެސް އަދި މިކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިއަދު ހަވީރު ބެލެނިވެރިންގެ ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރި ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

ސްކޫލް ދޮށަށް އެއްވެ ތިބި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 150 ބެލެނިވެރިންނާއި ރަށުގެ އެހެނިހެން ބައެއް ޒުވާނުން ހިމެނޭ ކަމަށް ބެލެނިވެރިޔާ ބުންޏެވެ. އޭގެ ތެރެއިން އެއްބަޔަކު ސްކޫލްގައި ތަޅުއެޅުވުމަށް ގޮވާލަމުންދާ ކަމަށްވެސް ބުންޏެވެ.

ތުޅާދޫ ސްކޫލު މިހާރު ހިންގާ ތަނުގައި ހިންގަން ފެށި ފަހުން މިއީ ދޭތެރެދޭތެރެއިން ދިމާވާ ކަމެއް ކަމަށް އެރަށު މީހުން ބުނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :