ބ. ފުޓްބޯލް ޗެލެންޖް: ކެންދޫ ސެމީ ފައިނަލުން ޖާގަ ހޯދައިފި

ޢާމިރު ޢަބްދުއްލަޠީފު | 11 ޖުލައި 2019





ބ. ފުޓްބޯލް ޗެލެންޖުގައި އިއްޔެ ހަވީރު 2-0 އިން ދޮންފަނު ބަލިކޮށް ކެންދޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފއެވެ.

ގްރޫޕް އޭގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާ އެކު ކެންދޫ ސެމީން ޖާގަ ހޯދި އިރު މި ގްރޫޕުގައި ހިމެނޭ ދޮންފަނާއި ދަރަވަންދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ތިން ޓީމު ހިމެނޭ ގްރޫޕް އޭއިން ސެމީގެ ޖާގަ ލިބެނީ އެއް ވަނަ ހޯދާ ޓީމަށެވެ. ސެމީގެ އަނެއް ތިން ޖާގަ ލިބޭނީ ގްރޫޕް ބީ އަދި ގްރޫޕް ސީ އިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށެވެ.

މި ދޮންފަނު ބަލިކުރި އިރު ފުރަތަމަ މެޗުގައި ކެންދޫން ވަނީ ދަރަވަންދޫ ބަލިކޮށްފަ އެވެ. މި ގްރޫޕުގައި ކުޅޭ ފަހު މެޗުގައި ދަރަވަންދޫއާ ދޮންފަނު ވާދަކުރާނެ އެވެ. ދެޓީމަށް ވެސް ސެމީގެ ފުރުސަތު ގެއްލުމުން މެޗުގެ މުހިއްމުކަން ވަނީ ކުޑަވެފަ އެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ބީގެ އޭދަފުއްޓާއި ކުޑަރިކިލެވެ. މާދަމާގެ މެޗު އެއްވަރު ކޮށްލައިގެން ވެސް އޭދަފުއްޓަށް ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީގެ ދެ ވަނަ ޖާގަ ލިބޭނެ އެވެ. އަމިއްލަ ބާރުގެ ސެމީ ފައިނަލަށް ދެވެން ނެތް ކުޑަރިކިލަށް ކިރިޔާ ވެސް އޮތް ފުރުސަތަކީ ބޮޑު ތަފާތަކުން އޭދަފުށި ބަލިކޮށް މި ގްރޫޕުގެ ފަހު މެޗުގައި ވާދަކުރާ ގޮއިދޫ އާއި މާޅޮސް މެޗަށް އިންތިޒާރުކުރުމެވެ.

ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓާއި އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި އެ އަތޮޅުގެ 11 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގައި ބައިވެރިވި ރަށްތަކުގެ ދަތުރުފަތުރު ލަނޑާ ގިރާވަރު ރިސޯޓުން ހަމަޖައްސައިދޭއިރު ހުރިހާ މެޗެއް ވެސްޓް ވިންގްސް ފޭސްބުކް ޕޭޖުން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :