ތުޅާދޫ ކިހާދޫ މެޗު ފޮޓޯ- ވެސްޓްވިންގ

ބ. ފުޓްބޯލް ޗެލެންޖް: 4-2 ކިހާދޫ މެޗު ކާމިޔާބު ކޮށްފި

ޢާމިރު ޢަބްދުއްލަޠީފު | 10 ޖުލައި 2019





ބ. ފުޓްބޯލް ޗެލެންޖުގައި އިއްޔެ ހަވީރު ކުޅުނު މެޗު 4-2 އިން ތުޅާދޫ ބަލިކޮށް ކިހާދޫ މޮޅުވެއްޖެވެ.

މިމޮޅާއެކު ކިހާދޫ ވަނީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ކިހާދޫގެ ފަހަތުގައި އޮތީ ދެ ޕޮއިންޓާއެކު ފެހެންދޫ އަދި ހިތާދޫ އެވެ. ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ތުޅާދޫ އޮތީ ފުލުގަ އެވެ.

މުބާރާތް ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު ސެމީގެ ފުރަތަމަ ތިން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ޓީމުތަކަށެވެ. ސެމީގެ ފަހު ޖާގަ ލިބޭނީ ގްރޫޕް ބީއާއި ގްރޫޕް ސީގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކަށެވެ.

ގްރޫޕް ސީގައި ކޮންމެ ގްރޫޕަކުން ދެ މެޗު ކުޅުނުއިރު އެއް ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިއުމުގެ އަމިއްލަ ބާރު އޮތީ ކިހާދޫ އަށެވެ. މި ގްރޫޕުގެ ފަހު މެޗުތަކުގައި ކިހާދޫ އާއި ހިތާދޫ ވާދަކުރާއިރު ފެހެންދޫ ނުކުންނާނީ ތުޅާދޫއާ ދެކޮޅަށެވެ. ކިހާދޫން ހިތާދޫ ބަލިކޮށްފި ނަމަ އެއް ވަނަ ޓީމުގެ ގޮތުގައި އެޓީމަށް ސެމީގެ ޖާގައެއް ލިބޭނެ އެވެ. ގްރޫޕް ސީގެ އެއް ވަނަ ޓީމު ސެމީގައި ވާދަކުރާނީ އޭދަފުއްޓާއި ގޮއިދޫ، ކުޑަރިކިލު އަދި މާޅޮސް ހިމެނޭ ގްރޫޕް ބީގެ އެއް ވަނަ ޓީމާއެވެ. މިވަގުތު އެ ގްރޫޕުގެ އެއް ވަނައިގައި އޮތީ އޭދަފުއްޓެވެ.

މި މެޗުގައި ކިހާދޫން ތިން ގޯލު ޖަހާފައި ވަކޮށް ތުޅާދޫން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައިފަ އެވެ. ތުޅާދޫން ކުރިއަށް ޖެހިގެން ކުޅެނިކޮށް ކިހާދޫން މެޗު ނިންމާލީ ހަތަރު ވަނަ ގޯލެއް ޖެހުމަށްފަހު އެވެ. މެޗުގައި ކިހާދޫގެ ފުރަތަމަ ގޯލު އަލީ ޖިނާހު ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ހުސައިން އިކުލީލް އެވެ. އެޓީމުގެ ތިން ވަނަ ގޯލު މުހައްމަދު އަޔާޒް ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. އަޔާޒް ވަނީ ފުރަތަމަ މެޗުގައި ފެހެންދޫ ކޮޅަށް ވެސް ހިލޭ ޖެހުމަކުން ގޯލު ޖަހައިފަ އެވެ. ކިހާދޫގެ ފަހު ގޯލު ޖަހައިދިނީ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހުސައިން އީމާން އެވެ. މެޗުގައި ތުޅާދޫގެ ފުރަތަމަ ގޯލު އީމާން ލިޔާޒް ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ޝަދާދް ޒަކީ އެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް އޭގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ކެންދޫ އާއި ދޮންފަނެވެ. ފުރަތަމަ މެޗުގައި ކެންދޫ ވަނީ ދަރަވަންދޫ ބަލިކޮށްފަ އެވެ. މާދަމާ ދޮންފަނު ބަލިކޮށްގެން ގްރޫޕް އޭ އިން ސެމީގެ ފައިނަލުގެ
ޖާގަ ކެންދޫ އަށް ކަށަވަރު ވާނެއެވެ.
(ޚަބަރު މަސްދަރު: އީޓީ)


ކިޔުންތެރިންގެ ޚިޔާލު...


ނަން :