ގޮއިދޫ ކުޑަރިކިލު މެޗުގެ ތެރެއިން ފޮޓޯ- ވެސްޓުވިންގ

ބ. ފުޓްބޯލް ޗެލެންޖް: ގޮއިދޫން ކުޑަރިކިލު ބަލިކޮށްފި

ޢާމިރު ޢަބްދުއްލަޠީފު | 08 ޖުލައި 2019





މިހާރު ބ. އޭދަފުށީގައި ކުރިއަށްދާ ބ. ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކުޑަރިކިލާއި ގޮއިދޫ ބައްދަލުކޮށް 5-1 އިން ގޮއިދޫ މޮޅުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގޮއިދޫން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ. މެޗުގެ ދެ ވަނަ މިނެޓުގައި މާޖިގެ ގޯލުން ގޮއިދޫން ލީޑު ނެގިއިރު ދެ ވަނަ ގޯލު 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް ނިޒާމް (ކިތުނާ) އެވެ. ގޮއިދޫގެ ތިން ވަނަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ މާޖި އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ކުޑަރިކިލު ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ހަނާން އެވެ. މެޗުގައި މާޖި ހެޓްރިކް ހެދީ 66 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. ގޮއިދޫ ޓީމުގެ ފަސް ވަނަ ގޯލު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ވިޝާމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޖި އެވެ.

މިއަދުގެ މޮޅާއެކު ގޮއިދޫ އަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފަ އެވެ. ސެމީގެ ޖާގަ ހޯދަން އެޓީމުން ފަހު މެޗުގައި މާޅޮސް ބަލިކުރަން މަޖުބޫރުވާނެ އެވެ. ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އޭދަފުށްޓެވެ. ދެ ވަނައިގައި އޮތް ގޮއިދޫ އާއި ތިން ވަނައިގައި އޮތް ކުޑަރިކިލަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް މާޅޮސް ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ސީގެ ތުޅާދޫ އާއި ކިހާދޫ އެވެ. ކިހާދޫ ފުރަތަމަ މެޗުގައި ފެހެންދޫއާ ވާދަކޮށް އެއްވަރުވިއިރު ތުޅާދޫ ވެސް ކުޅުނު ފުރަތަމަ މެޗުގައި ހިތާދޫއާ ވާދަކޮށް ވަނީ އެއްވަރުވެފަ އެވެ. ސެމީގެ ޖާގައެއް ހޯދަން މާދަމާގެ މެޗުން މޮޅުވުން ދެ ޓީމަށް ވެސް މަޖުބޫރެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :