ޕްލާސްޓިކު އެތެރެ ކުރުން ހުއްޓުވުމަށް ބ. އަތޮޅުން ރައީސް އަރިހުގައި އެދެފި!

ޢާމިރު ޢަބްދުއްލަޠީފު | 04 ޖުލައި 2019

ތިމާވެށި ރައްކާތެރިކުރުމަށް އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް މަނާ ކުރުމަށް ބ. އަތޮޅުގެ ކައުންސިލްތަކާއި މަޖިލިސް މެންބަރުން އަދި ރިސޯޓްތަކުން ގޮވާލައިފި އެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި، ކޮތަޅު އަދި ހޮޅި މަނާކުރަން ގޮވާލާ ބ. އަތޮޅުގެ ހުރިހާ ރަށު ކައުންސިލުތަކުންނާއި، ބ.އަތޮޅު މަޖިލީހުގައި ތަމްސީލްކުރާ ތިން މެންބަރުންނާއި އެއަތޮޅުގައި ހިންގާ ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކުން، ހުޅުވާލާފައިވާ ސިޓީއެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެތަނުގެ ގުދުރަތީ ރީތި ކަމަށާއި ހިތްގައިމު ކަމަށް ނަން މަޝްހޫރު އިންޑޮނޭޝިއާގެ ބާލީއަށް މިއަދު ދިމާވެފައިވާ ކުނީގެ މައްސަލަ ފަދައިން “ދުނިޔެ މަތީގެ ސުވަރުގެ” ވެސް ޕްލާސްޓިކް ކުނީގެ ސަބަބުން ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސްކޮށްފައިވާ، ސިޓީގައި ބުނެފައި ވެއެވެ.

އެބޭފުޅުންގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި “ހެނދުނު ހެނދުނާ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ އަތިރި މަތީގައި ހިނގާލަން ދިއުމުން ފެންނާނީ ހަމަ އެއް މަންޒަރެކެވެ. ވަޔާ އެކުވެ، ރުއްތަކާއި، ހިމުން ހުދު ދޮންވެއްޔާއި، ސާފު މޫދާއި އަދި ޕްލާސްޓިކް ކުންޏެވެ.”

އެ ބޭފުޅުން އިތުރަށް ފާހަގަކުރައްވާ ގޮތުގައި، މިސަރުކާރު އިންތިހާބުވީ، “ޕްލާސްޓިކް ކުންޏާމެދު ހައްލު ހޯދާނެ ކަމުގެ ވައުދާ އެކުގައެވެ. އަޅުގަނޑުމެން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާގެ މި ވައުދު ހާސިލްކޮށްދިނުމަށް އެހީތެރިވުމެވެ.”

އެ ސިޓީގައި އެބޭފުޅުން ގޮވާލަނީ، ރާއްޖޭގެ ހުދު ދޮންވެލީގެ ގޮނޑުދޮށާއި، ފަރުތަކުގެ ރީތި ބަގީޗާތައް ސަލާމަތްކުރުމަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ދިވެހިރާއްޖޭގައި މަނާ ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ބ. އަތޮޅު ތަމްސީލްކުރައްވާ މެންބަރުން، ހިސާން ހުސެއިން، އަލީ ހުސެއިން އަދި އަހުމަދު ސަލީމް އެ ސިޓީގައި ސޮއިކުރައްވާފައިވާއިރު ބ. އަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް މަނާކޮށް، ފޭސްއައުޓް ކުރުމަށް ސިޓީގައި ވަނީ ސޮއިކުރައްވާ، ގޮވާލައްވާފައެވެ.

އޭގެ އިތުރުން، ބ. އަތޮޅުގައި ހިންގާ ނަން މަޝްހޫރު ރިސޯޓްތައް ކަމުގައިވާ ސޮނެވާ ފުށި، އަމިއްލަ ފުށި، ފިނޮޅު، ކޮކޯ ޕާމް ދުނިކޮޅު، އަނަންތަރާ ކިހާވަށް، ފޯ ސީސަންސް ލަނޑާގިރާވަރު އަދި ދިގުފަރު އައިލެންޑް ރިސޯޓުން ވެސް ވަނީ އެސިޓީގައި ސޮއިކޮށްފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :