ލޫކަސް ޖަލީލު

ލޫކަސް ހެރިޓޭޖު މިނިސްޓްރީގެ ޑިރެކްޓަރަކަށް އައްޔަންކޮށްފި

ހިތާދޫ އޮންލައިން | 28 ޖޫން 2019

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ބ. ކުޑަރިކިލު ޝައްމޫން ޖަލީލް (ލޫކަސް) ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަރުކަމަށް އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް ހަމަޖެއްސުމާ ގުޅިގެން ލޫކަސް ކުރި ޓްވީޓެއްގައި ބުނީ ތާރީޚާއި ތަރިކަ އަދި ޘަގާފަތާ ގުޅޭ މައުލޫމާތު އެއްކޮށް ލިޔުމުގެ މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި ސަރުކާރުގައި މަސައްކަތްކުރުމުގެ ދައުވަތުދެއްވައި ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖްގެ ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވުމަކީ ލިބުނު ހިތްވަރަކާއި އުފަލެއް ކަމަށެވެ.

“ތާރީޚާއި ތަރިކަ އަދި ޘަގާފަތާ ގުޅޭ މައުލޫމާތު އެއްކޮށް ލިޔުމުގެ މަސައްކަތް އަޅުގަނޑު ކުރާތާ އަހަރުތަކެއް ވެއްޖެ. ސަރުކާރުގައި މަސައްކަތްކުރުމުގެ ދައުވަތުދެއްވައި ހެރިޓޭޖް މިނިސްތްރީގެ ކަލްޗަރަލް ހެރިޓޭޖް ޑައިރެކްޓަރު ކަމަށް ރައީސް ސޯލިހު އަޅުގަނޑު އައްޔަންކުރެއްވުމަކީ ލިބުނު ހިތްވަރެއް، އުފަލެއް،”

ބ. ކުޑަރިކިލުގެ ކުރީގެ ކުޑަކަތީބު މުޙައްމަދު ޖަލީލްގެ ހަގު ފިރިހެންދަރި، ޝަމްޢޫނު ފުރަތަމަވެސް މަޝްޙޫރުވެގެން ދިޔައީ ލޫކަސް ޖަލީލްގެ ނަމުން، ސޯޝަލް މީޑިއާގައެވެ. އޭރު އޭނާގެ އަސްލު ނަން ދަންނަ މީހަކުވެސް މަދެވެ.

ލޫކަސް ފާހަގަކުރެވިގެންދިޔައީ، ސިޔާސީ ގޮތުން ޙައްޤު ބަސްބުނުމުގައި ފަސްނުޖެހޭ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން އޭގެ އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރަމުންދިޔަ ޒުވާނެއްގެ ގޮތުގައެވެ. ދެން ފާހަގަވީ ދިވެހި އަދަބިއްޔާތާއި، ދިވެހި ޤައުމިއްޔާތަށް ލޯބިކުރާ ޒުވާނެއްގެ ގޮތުގައެވެ. ފަހުގެ ތާރީޚުގައި ޒުވާނުންގެ ތެރެއިން ނުފެންނަ ފަދަ ކުޅަދާނަ ލިޔުންތެރިއެއްގެ ގޮތުގައެވެ. ސަންޕާފުޅުގެ ދުނިޔެއަކީ އޭގެ ލާމަސީލު މިސާލެކެވެ. ފަހަރުގައި މި ކަންކަމަކީ، ބައްޕަގެ ކުޑަކަތީބު ކަމުން ވާރުތަވި ސިޔާސީ ފިކުރިއްޔާތާއި، މުނިކާފަގެ ރާވެރިކަމުން ވާރުތަވި ދިވެހި ވަންތަކަމުން އުފެދުނު ސިޔާސީ ވިސްނުމާއި، ދިވެހިވަންތަ ރޫޙު ކަމުގައި ވުމީ އެކަށީގެންވާ ކަމެކެވެ.

ސޯޝަލް މީޑިއާގައި ރަސްކަން ކުރަމުންދިޔަ ލޫކަސް، މީޑިއާގެ ފަލަސުރުޚީތަކަށް އެރީ، 2016 ވަނަ އަހަރުގެ ޖުލައިމަހުގެ 29 ވަނަ ދުވަހުގެރޭ ކުއްލި ގޮތަކަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއި ގުޅިގެންނެވެ. ފުލުހުން އޭރު ބުނި ގޮތުގައި ލޫކަސް ހައްޔަރުކުރީ، އެހެން ބަޔަކާ ގުޅިގެން، ދިވެހި ފުލުހުންނާއި ސިފައިންނާ ދެމެދު ރުޅިވެރިކަން އުފައްދަން މަސައްކަތް ކޮށް ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރި މައްސަލައިގެ ތުހުމަތުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި އެންމެ ގަދައަށް އަޑު އުފުލި އެކްޓިވިސްޓުންގެ ތެރޭގައި ލޫކަސް ހިމެނޭއިރު، ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ލޫކަސް ވަނީ ދިރިއުޅުން ސްރީލަންކާ އަށް ބަދަލުކުރައްވާފައެވެ.

ލޫކަސް ލަންކާ އަށް ބަދަލުވީ ސަރުކާރަށް ފާޑުކިޔައި ކުރި ޓުވީޓްތަކާ ގުޅިގެން ޕޮލިހަށް ހާޒިރުކޮށް ސުވާލުކުރަން ފެށުމުންނެވެ. ނަމަވެސް ރިޔާސީ އިންތިހާބަށްފަހު ލޫކަސް އާއި ލަންކާ އަށް އަމިއްލަ އަރުވާލެވިގެން ތިބި އެހެން އެކްޓިވިސްޓުން ވެސް ވަނީ އަނބުރާ ރާއްޖެ އައިސްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :