އިންނަފުށި ރިސޯޓް ތަރައްގީކުރުން މަޑު ޖައްސާލަން އަންގައިފި

ހިތާދޫ އޮންލައިން | 24 ޖޫން 2019

ބ އަތޮޅު އިންނަފުށީގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މަޑު ޖައްސާލުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންވާނެހެން ހަދާފައިހުރި އެއްބަސްވުންތައް ބަލައި ދިރާސާ ކުރަމުންދާ ކަމަށާއި އެގޮތުން އެމްއެމްޕީއާރްސީ މެދުވެރިވެ އެއްބަސްވުން ހަދާފައިވާ 6 ރަށެއްގެ އެއްބަސްވުންތައް ބަލައި ނަތީޖާއަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންނަފުއްޓަކީ އެމްއެމްޕީއާރްސީ އާއި ގުޅުންހުރި ރަށެއް ނޫން ކަމަށާއި އެއީ ގާނޫނީ ހަމަތަކުގެ މަތިން 2017 ވަނަ އަހަރު ސީމާ ކޮންސްޓްރަކްޝަނަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. އަދި އެ ރިސޯޓުގެ އިކުއިޒިޝަން ފީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ މީރާއަށް ދައްކާފައިވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ތިމާވެއްޓަށް ގެއްލުން ނުވާނެފަދަ ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުން ކަމަށެވެ. އަދި އިންނަފުށި ހިމެނޭ ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ހިމެނޭ ސަރަޙައްދެއް ކަމަށްވެސް ވިދާޅުވި އެވެ.

"ބ. އަތޮޅުގައި ސަމާވީ ގޮތުން ބުނާނަމަ ގޮއިދު އަތޮޅު ހިމެނޭ މި އަތޮޅުގެ މި ސަރަހައްދަކީ ރާއްޖޭގައި މިވަގުތު އޮތް ނެޗުރަލް މައިކުރޯ، ޔުނީކް އަތޮޅެއްގެ ގޮތުގައި އޮތް ހަމައެކަނި އަތޮޅޭވެސް ދެންނެވި ދާނެ ގޮއިދު އަތޮޅަކީ. ވަރަށް ރީތި ޖަޒީރާވަންތަ އެއް އަތޮޅަކީ ރާއްޖޭގައި އޮތް ގޮއިދު އަތޮޅު. ދެން މިހެން މިހުންނަ ސޭންޑު ބޭންކުގޮތަށް މިހެން މިހުންނަ ކުދިކުދި ފިނޮޅު ގޮތަށް ހުންނަ ތަންތަން ހިއްކައިފިނަމަ ސީދާ އެރަށް އަދި ހިމާޔަތް ކުރެވިފައި މިވަގުތު ނެތް ކަމުގައި ވިޔަސް. އެ ސަރަހައްދު ކައިރީގައި ކޯބިންރެކާ، އަދި އެނޫންވެސް ހިމާޔަތްވެފައިވާ ތަންތަން އެބަހުރި. އަދި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ބ. އަތޮޅުގެ ބަޔޯސްފިޔާ ރިޒާވް ހިމެނޭ މި ސަރަހައްދު އެއްކޮށް އެއީ ރާއްޖޭގެ ނެޗުރަލް ރިޒާވެއްގެ ގޮތުގައި ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އިންނަފުށި ތަރައްގީކުރުން މަޑުޖައްސާލުމަށް އަންގާފައިވަނީ އެފަދަ ރީތި ތިމާވެއްޓެއް އޮތްތަނެއް ތަރައްގީކުރާއިރު ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންކަން ބެލުމަށް ކަމަށެވެ. އަދި މި ރަށް ތަރައްގީކުރުމަށް ދޫކޮށްފައިވާ ފަރާތަށް އެއްވެސް ގެއްލުމެއް ލިބޭނެ ގޮތަކަށް ސަރުކާރުން އަމަލުނުކުރާނެ ކަމުގެ ޔަގީންކަންވެސް އަލީ ވަހީދު ވަނީ ދެއްވާފަ އެވެ.

މިނިސްޓަރު އަލީ ވަހީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ހުރި ޖަޒީރާ ވަންތަ ރަށްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރިޔަސް ކުރަން ހުއްދަ ދޭނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ނުގެއްލޭނެ ގޮތަށް ދެމެހެއްޓެނެވި ގޮތަކަށް ޓޫރިޒަމް ފުޅާކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.
(ޚަބަރު މަސްދަރު: ވީނިއުސް)


ކިޔުންތެރިންގެ ޚިޔާލު...


ނަން :