ބ. ހިތާދޫގައި ޓާޓަލް ފެސްޓިވަލެއް ބާއްވަނީ

ހިތާދޫ އޮންލައިން | 19 ޖޫން 2019

ޓާޓަލް ފެސްޓިވަލެއް އަންނަ ހޮނިހިރު ދުވަހު ބ. ހިތާދޫގައި ބާއްވަން ތައްޔާރު ވެއްޖެއެވެ.

މިއީ ވެލާލާ ކަހަނބު ސަލާމަތް ކުރުމަށް ހިންގާ ބައިނަލްއަގްވާމީ ޖަމިއްޔާ، އޮލިވް ރެޑްލީ ޕްރޮޖެކްޓުން ފަރާތުން "ވާވޮށި ޓާޓަލް ފެސްޓިވަލް” ނަމުގައި މިއަތޮޅުގަިއ ފުރަތަމަ ފަހަރަށް ބާއްވާ ފެސްޓިވަލެކެވެ.

އޮލިވް ރެޑްލީން ބުނި ގޮތުގައި މި ފެސްޓިވަލަކީ ވެލާ އަދި ކަނޑުތަކުގެ އެހެން ދިރުންތައް ހިމާޔަތްކުރުމާއި ބެހޭގޮތުން މީހުން ހޭލުންތެރިކުރުމާއި މައުލޫމާތު ދިނުމުގެ މަގުސަދުގައި ބާއްވާ ފެސްޓިވަލެކެވެ.

އެގޮތުން މި ފެސްޓިވަލުގައި ބ. އަތޮޅު ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުން މަޢުލޫމަތުދޭނެ އެވެ. އަދި ފެސްޓިވަލުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ ސްޓޯލްތައް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ސްކޫލު ދަރިވަރުންގެ މެދުގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން ތަކެތި ހެދުމާއި ފޮޓޯގްރަފީ މުބާރާތެއްވެސް ވަނީ ހުޅުވާލައިފަ އެވެ. މި މުބާރާތްތަކުން ކޮންމެ ކެޓަގަރީ ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއްވަނީ ހުށަހަޅާފަ އެވެ.

އޮލިވް ރެޑްލީ ޕްރޮޖެކްޓަކީ އިންޑިއާ ކަނޑުގައި މަސްވެރިން ދޫކޮށްލާ ދަލުން ވެލާ ކަހަނބު ސަލާމަތް ކުރުމަށް ހިންގާ ބައިނަލްއަގްވާމީ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާއިން ވަނީ މަސްވެރިން ދޫކޮށްލާ ދަލުގައި ޖެހިގެން، އަނިޔާ ލިބިފައިވާ ވެލާ ކަހަނބު ސަލާމަތްކޮށް، އެއަށް ފަރުވާކުރުމަށް ހާއްސަ ސެންޓަރެއް ކޮކޯ ޕާމް ދުނިކޮޅުގައި ހުޅުވައިފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :