ކެންދޫ އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުފަހި ކޮށްދިނުމަށް އެދެފި

ހިތާދޫ އޮންލައިން | 27 އޭޕްރީލް 2019





ކެންދޫ އަންހެނުން އާމްދަނީ ހޯދޭނެގޮތްތަކެއް ހަމަޖައްސައި ދިނުމަށް އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިއެވެ.

ކެންދޫގެ ކައުންސިލްގެ ރައީސް އަހުމަދު ސަލީމް ވިދާޅުވީ އެރަށުގެ އަންހެނުންނަކީ ފަންވިދެގެން ރަނގަޅު އާމްދަނީއެއް ހޯދާ ބައެއް ކަމަށާއި ނަމަވެސް އެރަށާ ކައިރީގައި ހުރި ރަށްތައް ރިސޯޓް ހަދަން ނެގީމަ ފަންވިނުމަށް ހުރަސްއެޅޭ ކަމަށެވެ.

“އެހެންވެ އަޅުގަނޑުމެން އެދުނީ އޭގެ ބަދަލުގައި އެހެން ވަސީލަތްތައް ބޭނުންކޮށްގެން އާމްދާނީ ހޯދޭނެ ގޮތްތައް އަންހެނުންނަށް ހޯދައިދިނުމަށް،” ސަލީމް ވިދާޅުވިއެވެ.

ކެންދޫ ކައުނސިލާއެކު ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންވެސް ބައިވެރިވެ ވަޑައިގަތެވެ.

އެ ބައްދަލު ކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ކެންދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސާ ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުން ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުވެފައި ނެތުން ކަމަށެވެ. އަދި ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ކައުންސިލުން ވަނީ ރައީސްއާ ވަނީ ހިއްސާ ކުރައްވާފައެވެ.

އޭގެ އިތުރުން ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، މަސްވެރިން ބާނާ މަސް ވިއްކޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުން މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ރައީސްއާ ވަނީ ހިއްސާކޮށްފައެވެ.

އަދި ޒުވާނުންނަށް ހާއްސަކޮށް، ރަށުގައި ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްގީ ކޮށްދިނުމަށްވެސް ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :