"ނިއަމި" އެޕްލިކޭޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްުޔާސް

ފެރީތަކުގެ މައުލޫމާތު ލިބޭ އެޕެއް ތައާރަފުކޮށްފި

ހިތާދޫ އޮންލައިން | 15 އޭޕްރީލް 2019

ރާއްޖޭގައި ވަކި ޝެޑިއުލްއެއްގެ ދަށުން ދަތުރު ކުރާ އެންމެހާ ފެރީތަކާއި ސްޕީޑްބޯޓުތަކުގެ މައުލޫމާތު ލިބޭ އެޕެއް ޓްރާންސްޕޯޓު މިނިސްޓްރީން ތައާރަފުކޮށްފި އެވެ.

މިއަދު ޓްރާންސްޕޯޓު އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި "ނިއަމި" ނަމަކަށް ކިޔާ އެ އެޕްލިކޭޝަން ލޯންޗުކޮށްފައި ވަނީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

އެ އެޕްލިކޭޭޝަނާ ބެހޭ މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓުގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ، އެ އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދެމުންދާ ކަނޑުދަތުރުގެ ހިދުމަތްތައް ފެނިގެންދާނެ ކަމަށެވެ.

"ރާއްޖޭގެ އުތުރުން ދެކުނަށް ދައުލަތުން ދެމުންދާ ފެރީތަކުގެ ހިދުމަތުގެ ހުރިހާ މައުލޫމާތެއް މި އެޕްލިކޭޝަނުން ލިބިގެންދާނެ. މާނައަކީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ބޭނުންކުރަމުން އަންނަ ތިން ކުންފުނިން ދެމުން އަންނަ ފެރީތަކުގެ ފެރީ ޝެޑިއުލް މި އެޕްލިކޭޝަނުގައި ހިމެނިގެންދާނެ،"

މިވަގުތު އެޕްލިކޭޝަނުން ފެނިގެންދާނީ ސަރުކާރުގެ ތިން ކުންފުންޏަކުންދޭ ފެރީތަކުގެ މައުލޫމާތު ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަމިއްލަ ކުންފުނިތަކުގެ ފެރީތަކުގެ މައުލޫމާތުވެސް އެޕުން ފެނިގެންދާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

ނިއަމި އެޕްލިކޭޝަން އިން ބޭނުންވާ ތާރީހެއްގައި ބޭނުންވާ ތަނަކަށް ދަތުރު ކުރާ އެންމެހާ ފެރީތައް ފެނިގެންދާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ. އަދި ބޭނުންވާ ތާރީހެއްގައި ފެރީ ބޭނުންވާ ތަނަކަށް ދާން ޝެޑިއުލްކޮށްފައި ފެރީއެއް ނެތް ނަމަ އެކަން އެނގިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ފެރީ އޮތް ދުވަހެއް ވެއްޖެއްޔާ ފެރީގެ ތަފްސީލުތައް ފެނިގެންދާނެ. ކޮން ގަޑިއަކަށް ކަން އެ ފެރީ ދަތުރު ކުރާނީ، ކިހާ ވަގުތެއްތޯ ނަގާނީ އެ ފެރީއިން އެ ހިސާބަކަށް ދިޔުމަށްޓަކައި،" ނަޒީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ފެރީ އަކީ ދެތިން ރަށެއްގައި ޖައްސާފައި ދާ ފެރީއެއް ނަމަ އެ މައުލޫމާތާއި، ފެރީގެ ފަހު މަންޒިލަށް ދަތުރު ކުރެވޭނެ ވަގުތުވެސް އެޕުން އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފެރީގެ ހިދުމަތްދޭ ކުންފުނީގެ މައުލޫމާތާއި އެ ކުންފުންޏަށް ގުޅޭނެ ނަމްބަރުތައް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވި ގޮތުގައި މިވަގުތު ނިއަމި އެޕްލިކޭޝަން ލިބޭނީ ގޫގަލް ޕްލޭއިންނެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެޕަލް ސްޓޯރުންވެސް އެ އެޕްލިކޭޝް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ވިއުގަ އެޕްލިކެޝަނެއް މެދުވެރިކޮށް ފެންނަ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނިއަމި އެޕްލިކޭޝަން މިއަދު ލޯންޗުކޮށްފައިވާއިރު މިއަދަކީ ސަރުކާރުގެ ރަސްމީ 100 ދުވަސް ހަމަވާ ދުވަސްކަން ފާހަގަކޮށްލެވެ އެވެ.
(ޚަބަރު : ސަން އޮންލައިން)


ކިޔުންތެރިންގެ ޚިޔާލު...


ނަން :