އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑު އޭދަފުށީގައި

ހިތާދޫ އޮންލައިން | 17 މާރޗު 2019





ބ. އޭދަފުއްށީގައި އެޅި އެންމެ ޒަމާނީ ފެންވަރުގެ ޓާފް ދަނޑު އިއްޔެ ހުޅުވައިފިއެވެ.

އިއްޔެ މެންދުރުފަހު އޮތް ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު އެވެ. މި ރަސްމިއްޔާތުގައި އެފްއޭއެމް ގެ އިސް ބޭފުޅުންގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބ. އޭދަފުްޓަށް އުފަން ވިޔަފާރި ވެރިޔާ ކްރައުން ކޮމްޕެނީގެ ހިއްސާދާރު އަޙްމަދު ނަޒީރުގެ ޚަރަދުގައި އަޅުއްވައި ދެއްވި މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މި ދަނޑަކީ މިވަގުތު ދިވެހިރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ދަނޑު ކަމަށާއި އަދި ބައިނަލް އަގްވާމީ ފެންވަރަށް އޮތް އެންމެ ވަރުގަދަ މިސާލު ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ފުޓްބޯޅަ ކުޅުންތެރިން އުފެއްދި ރަށެއްގައި އެއްވެސް ސަރުކާރަކަށް މިކަހަލަ ކަމެއް ނުކުރެވި އޮއްވައި އޭދަފުއްޓަށް އުފަން ދަރިއަކު މިފަދަ ކަމެއް ކުރެއްވި ކަމަށްޓަކައި އޭނާ ވަނީ ނަޒީރުއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

“އެހެންވީމާ ދިވެހި ސަރުކާރުންވެސް އަދި އެހެން ފަރާތްތަކުންވެސް ރާއްޖޭގައި ދަނޑުތައް ތަރައްގީކުރާއިރު މިއީ މިސާލެއްގެ ގޮތުގައި ބެލުމަސް ރަނގަޅު ކަމަކަށް ވާނެ ކަމަށް އަޅުގަނޑު ދެކެން. މި ދަނޑަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލާ ވެސް ގުޅިގެންދާނެ ދަނޑެއް،”

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނަޒީރު ވިދާޅުވީ މިއީ ވަރަށް ގިނަ ދުވަސް ވަންދެން އެރަށުގެ ޒުވާނުން ކުރަމުން އައި އުއްމީދެއް ކަމަށާއި މި ދަނޑާ އެކު އޭދަފުށީގެ ފުޓްބޯޅަ މިހާރަށްވުރެ ކުރިއަށްދާނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

“އަޅުގަނޑު ދެން މިހާރު ދެކޭ ހިތްވަނީ އޭދަފުއްޓަށް ދިވެހި ފުޓްބޯޅަ ލީގުގެ ތަށި ގެންނާނެ ދުވަސް،”

ނަޒީރު ވިދާޅުވީ މި ދަނޑުގެ ސަބަބުން އޭދަފުށީގެ ރައްޔިތުންނަށް މާލީގޮތުން ވެސް ފައިދާ ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އެ ބޭނުމުގައި ވަރަށް އަވަހަށް ދަނޑުގައި އެކަށީގެންވާ ލައިޓިން ސިސްޓަމެއްވެސް ހަރުކޮށްދޭނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

“ލައިޓް ސިސްޓަމް ހަރުކުރީމަ ނަތީޖާއަކަށްވާނީ ރީޖަނަލް މެޗުތައް ވެސް މިތާ ކުޅެވޭނެ. އެހެން ކަމަށްވަންޏާ ބޭރުގެ މީހުން އައިސް މިތަންތަނުގެ ގެސްޓްހައުސް ތަކުގެ އޮކިއުޕެންސީ ރަނގަޅުވެ، ރަށުގެ ތިޔާގި ކަމަށް އިތުރު ކުރިއެރެމެއް ލިބޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،” ނަޒީރު ވިދާޅުވި އެވެ.

ދަނޑު ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުނު ހާއްސަ މެޗުގައި ބައްދަލުކުރީ ކްލަބް އޭދަފުއްޓާ ފުރަތަމަ ޑިވިސަންގެ ލެޖެންޑުންގެ ޓީމެކެވެ. މި މެޗު 6-2 އިން ކާމިޔާބުކުރީ ލެޖެންޑުންގެ މައްޗަށް އެކުލާވާލި ޓީމުންނެވެ.

ގައުމީ ފުޓްބޯޅަ ޓީމާއި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް ބަލާލިޔަސް އޭދަފުށްޓަށް ނިސްބަތްވާ ކުޅުންތެރިއަކު ހިމެނެ އެވެ. ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ޒުވާނުންތަކެއް އުޅޭ މި ރަށުގެ ކޮންމެ ޒުވާނެއް އަދި ދުވަސްވީ މީހެއް ވެސް ދެކޭ އެއް ހުވަފެނެއް އެންމެ ކުރިން ވެސް އޮތެވެ. އެއީ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ލިބުމެވެ. ހުނަރު ތަރައްގީކުރާނެ ވަސީލަތެއް އޮތުމެވެ. މިއަދު މި ހުޅުވި ދަނޑާ އެކު މި ކަންތައްތައް ހަގީގަތަކަށްވާނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :